މިނިސްޓަރ އޮފް ފޮރިން އެފެއާޒް ޑޮކްޓަރ އަޙްމަދު ޝަހީދުގެ އިތުބާރުނެތްކަމުގެ ވޯޓެއް ނެގުމަށް 27 އޮކްޓޯބަރ 2009ގައި ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ މައްސަލައާ ބެހޭގޮތުން، ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު، ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުﷲ ޝާހިދަށް މިއަދު ސިޓީފުޅެއް ފޮނުއްވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ސިޓީފުޅުގައި، ވަޒީރުންގެ މަޖިލީހަށް ރައީސުލްޖުމްހޫރިއްޔާ ޢައްޔަންކުރައްވާ މެންބަރުން އެ މަޖިލީހަށް ޢައްޔަންކުރައްވާފައިވަނީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 129 ވަނަ މާއްދާގެ (ނ) ގެ ދަށުން ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯއްދެވުމަށްފަހުކަމަށްވާތީ، ވަޒީރުންގެ މަޖިލީހުގެ މެންބަރެއްގެ އިތުބާރު ނެތްކަމުގެ ވޯޓެއް ނެގުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅިއްޖެނަމަ އެކަން ރަސްމީކޮށް އެމަނިކުފާނަށް އަންގަވައިދެއްވުމަކީ އެދިވަޑައިގަންނަވާކަމެއް ކަމުގައި ވިދާޅުވެފައިވެއެވެ.
އަދި ޤާނޫނުއަސާސީގެ 101 ވަނަ މާއްދާގެ (ށ) ގެ ދަށުން، ވަޒީރުގެ މަޖިލީހުގެ މެންބަރެއްގެ އިތުބާރު ނެތްކަމުގެ ވޯޓެއް ނެގުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅޭ ހުށަހެޅުމަކާމެދު ރައްޔިތުންގެ މަޖިލީހުގައި ބަހުސް ފެށުމުގެ ސާދަ ދުވަސްކުރިން ވަޒީރުންގެ މަޖިލީހުގެ އެ މެންބަރަކަށް އެކަން އަންގަވަންވާނެކަމަށް ބުނެފައިވީނަމަވެސް، ރައީސުލްޖުމްހޫރިއްޔާއަށް މަޢުލޫމާތު ލިބިވަޑައިގެންފައިވާ ގޮތުން، ޑޮކްޓަރ އަޙްމަދު ޝަހީދުގެ އިތުބާރު ނެތްކަމުގެ ވޯޓެއް ނެގުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވާފައިވާކަން އެބޭފުޅާއަށް ރައްޔިތުންގެ މަޖިލީހުން އަންގަވާފައިވަނީ 27 އޮކްޓޯބަރ 2009 ދުވަހު ކަމަށް ވިދާޅުވެފައިވެއެވެ. އަދި އެމައްސަލައާމެދު ރައްޔިތުންގެ މަޖިލީހުގައި ބަޙުޘް ފެށުމަށް 10 ނޮވެމްބަރ 2009 އަށް އެމައްސަލަ އެޖެންޑާ ކުރައްވާފައިވާ ކަމުގެ މަޢުލޫމާތުވެސްވަނީ ލިބިވަޑައިގެންފައިވާ ކަމަށާއި، އެހެންކަމުން، ބަޙުޘް ފެށުމުގެ ކުރިން ވަޒީރަށް ލިބިވަޑައިގަންނަވަންޖެހޭ ފުރިހަމަ 14 ދުވަހުގެ މުއްދަތު ހަމަނުވާކަން ފާހަގަކުރެއްވޭ ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ސިޓީފުޅުގައި ވިދާޅުވެފައިވެއެވެ.