ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ކިރިބާސްގެ ރައީސް އެނެޓް ޓޮންގާ މިއަދު ބައްދަލުކުރައްވައިފިއެވެ.

މިސްޓަރ ޓޮންގް ރާއްޖެ ވަޑައިގެން މިއުޅުއްވަނީ، މާދަމާ ބަނޑޮސް އައިލެންޑް ރިޒޯޓުގައި ފެށޭ މޫސުމަށް އަންނަ ބަދަލުތަކާ ބެހޭގޮތުން މިކަމުގެ ނުރައްކާތަކަށް އެންމެ ނާޒުކު ޤައުމުތަކުގެ އިސްބޭފުޅުންގެ ސަމިޓުގައި ބައިވެރިވަޑައިގެންނެވުމަށެވެ. ދެދުވަހަށް ދެމިގެންދާ މިސަމިޓުގައި ކިރިބާސްގެ ރައީސްގެ އިތުރުން، ބައެއް ޤައުމުތަކުގެ ޚާރިޖީ ވަޒީރުންނާއި، ތިމާވެށްޓާބެހޭ ވަޒީރުން ބައިވެރިވެވަޑައިގަންނަވައެވެ.

މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވުނު ބައްދަލުކުރެއްވުމުގައި ވާހަކަފުޅު ދައްކަވަމުން، ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ރާއްޖެއާއި ކިރިބާސަކީ މޫސުމަށް އަންނަ ބަދަލުތަކުގެ ނުރައްކާތަކަށް އެންމެ ނާޒުކު ޤައުމުތަކުގައި ހިމެނޭ ދެޤައުމުކަން ފާހަގަކުރެއްވިއެވެ. އަދި، މިކަމުގައި އެއްބަސްވުމަކަށް އައުމަކީ މިފަދަ ޤައުމުތަކުގެ ދެމިހުރުމާ ގުޅުން ހުރިކަމެއް ކަމުގައި ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ އިތުރަށް ދެއްކެވި ވާހަކަފުޅުގައި، މިކަމުގައި ތަރައްޤީވެފައިވާ ޤައުމުތަކުގެ އެއްބާރުލުން ވަރަށް މުހިންމު ކަމަށާއި އެމެރިކާފަދަ ޤައުމުތަކުން މިކަމަށް އެއްބާރުލާނެކަމުގެ ފުރިހަމަ ޔަޤީންކަން ހޯދުމުގެ މުހިންމުކަމުގެ މައްޗަށް ބައްލަވާލެއްވިއެވެ.

ރައީސް ޓޮންގް ދެއްކެވި ވާހަކަފުޅުގައި، ކޯޕަންހޭގަން ސަމިޓުގައި އެއްބަސްވުމަކަށް އައުމަކީ ކޮންމެހެން ބޭނުންކަމެއް ކަމަށާއި، މިސަމިޓް ފެއިލްވެގެން ދިޔުމަށް ފުރުސަތު ދެވިގެން ނުވާނެކަމުގައި ވިދާޅުވިއެވެ. އަދި، އެއްބަސްވުމަކަށް އާދެވޭނީ ޙާޞިލު ކުރެވޭނެ ކަންކަމަށް ބާރުއަޅައިގެން ކަމުގައިވެސް ވިދާޅުވިއެވެ.

ރާއްޖޭގައި މިބޭއްވޭ ބައްދަލުވުމަކީ ވަރަށް މުހިންމު ބައްދަލުވުމެއް ކަމަށާއި، މިބައްދަލުވުމުގައި ބައިވެރިވާ ޤައުމުތަކުން އެއްބަސްވުމަކަށް އައުމަކީ ކޮންމެހެން މުހިންމު ކަމެއް ކަމުގައި ރައީސް ޓޮންގް ހާމަކުރެއްވިއެވެ.