ރަޝިއާގެ ސަފީރު މިސްޓަރ ވެލްޑިމިރް ޕީ. މިޚޭލޯފްއާ ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު މިއަދު ބައްދަލުކުރައްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ހެނދުނު ބޭއްވެވި މިބައްދަލުކުރެއްވުމުގައި ރާއްޖެއާއި ރަޝިއާއާ ދެޤައުމުގެ ދެމެދުގައިވާ ގުޅުމާ ބެހޭގޮތުންނާއި، މޫސުމަށް އަންނަ ބަދަލުތަކާ ބެހޭގޮތުންނާއި އަދި މިނޫންވެސް އެކިއެކި ދާއިރާތަކާ ބެހޭގޮތުން މަޝްވަރާ ކުރެވުނެވެ.

މިބައްދަލުކުރެއްވުމުގައި، މޫސުމަށް އަންނަ ބަދަލުތަކަށް ހައްލެއް ހޯދުމަށް ރާއްޖެއާއެކު މަސައްކަތް ކުރެއްވުމަށް ރަޝިޔާ ތައްޔާރަށް އޮތް ކަމުގައި ސަފީރު ހާމަކުރެއްވިއެވެ. އަދި، މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ލިބޭ ގެއްލުންތަކާ ބެހޭގޮތުން ހޭލުންތެރިކަން އުފެއްދުމަށް ބައިނަލްއަޤްވާމީ މައިދާނުގައި ރައީސުލްޖުމްހޫރިއްޔާ ކުރައްވަމުން ގެންދަވާ މަސައްކަތްތަކަށް ރަޝިއާ ސަފީރު ތަޢުރީފު ކުރެއްވިއެވެ.

ރަޝިއާ ސަފީރު ދެއްކެވި ވާހަކަފުޅުގައި، އިޢާދަކުރަނިވި ހަކަތައިގެ ޓެކްނޮލޮޖީ ރަޝިއާގެ ކުންފުނިތަކުގައި އެބަހުރިކަމާއި، މިޓެކްނޮލޮޖީ ރާއްޖެއާއެކު ހިއްސާކުރުމަށް ރަޝިއާގެ ބައެއް ކުންފުނިތަކުން ޝައުޤުވެރިކަން އެބަހުރި ކަމުގައި ސަފީރު ވިދާޅުވިއެވެ.

މިބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، މޫސުމަށް އަންނަ ބަދަލުތަކަކީ ހަމައެކަނި ރާއްޖެއަށް ކުރިތިވެފައިވާ މައްސަލައެއް ނޫން ކަމަށާއި، މިމައްސަލައަށް ހައްލެއް ހޯދުމަށް މުޅިދުނިޔެ މަސައްކަތްކުރަން ޖެހިފައިވާ ކަމުގައި ވިދާޅުވިއެވެ. އަދި، މިކަމުގައި ރަޝިއާގެ އެއްބާރުލެއްވުން ވަރަށް މުހިންމު ކަމުގައިވެސް ހާމަކުރެއްވިއެވެ.

ރަޝިއާގައި ދިވެހި ކިޔަވާ ކުދިން ވަރަށް ގިނައިން އެބަތިބިކަން ހާމަކުރައްވަމުން، ތަޢުލީމީ ދާއިރާގައި ރަޝިއާގެ އެހީތެރިކަން އިތުރުކުރެއްވިދާނެ ގޮތްތަކާ ބެހޭގޮތުން ސަފީރާއެކު ރައީސުލްޖުމްހޫރިއްޔާ މަޝްވަރާ ކުރެއްވިއެވެ.