ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު، އެޑްވައިޒަރ އޮން ކްލައިމެޓް ޗޭންޖްގެ މަގާމަށް އިނގިރޭސިވިލާތުގެ ރައްޔިތެއްކަމަށްވާ މިސްޓަރ މާކް ލައިނަސް މިއަދު އިސްކުރައްވައިފިއެވެ. އޭނާއަށް މަޤާމުގެ ލިޔުން ދެއްވުން އޮތީ މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގައެވެ.

މިސްޓަރ ލައިނަސްއަކީ މޫސުމަށް އަންނަ ބަދަލުތަކާ ބެހޭގޮތުން ފޮތްތަކާއި ނޫސްތަކަށް ލިޔުއްވާ އަދި މޫސުމަށް އަންނަ ބަދަލުތަކާ ބެހޭގޮތުން މަސައްކަތްކުރައްވާ ބޭފުޅެކެވެ. މިސްޓަރ ލައިނަސް ލިޔުއްވާފައިވާ ފޮތް، "ސިކްސް ޑިގްރީޒް: އަވަރ ފިއުޗަރ އޮން އަ ހޮޓަރ ޕްލެނެޓް"، މިފޮތަކީ ޖައްވުގެ ހޫނުމިން އިތުރު އެއް ޑިގްރީއަށް މަތިވެއްޖެނަމަ ދުނިޔެއަށް ދިމާވެދާނެ ކަންތައްތަކާ ބެހޭގޮތުން ލިޔުއްވާފައިވާ ފޮތެކެވެ. އަދި، މިފޮތާބެހޭގޮތުން ނޭޝަނަލް ޖޯގްރަފިކް ޗެނަލްއިން 2008ވަނަ އަހަރުވަނީ ޑޮކިއުމެންޓްރީ ފިލްމެއްވެސް ހަދާފައެވެ.

މަޤާމުގެ ލިޔުން މިސްޓައި ލައިނަސްއަށް އެރުވުމުގެ ކުރިން އެނާއާ ބައްދަލުކުރައްވައި މޫސުމަށް އަންނަ ބަދަލުތަކާ ބެހޭގޮތުންނާއި، ދުނިޔޭގައިވާ ފުރަތަމަ ކާބަން ނިއުޓްރަލް ޤައުމަކަށް ރާއްޖެ ހެދުމަށް ކުރަމުން ގެންދާ މަސައްކަތްތަކާ ބެހޭގޮތުން ރައީސުލްޖުމްހޫރިއްޔާ، މިސްޓަރ ލައިނަސްއާ މަޝްވަރާކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، މޫސުމަށް އަންނަ އާދަޔާ ޚިލާފް ބަދަލުތަކާ ބެހޭގޮތުން މިސްޓަރ ލައިނަސް ރާއްޖެއަށް ކޮށްދެއްވަމުން ގެންދަވާ މަސައްކަތްތަކަށް ޝުކުރުއަދާކުރެއްވިއެވެ. އަދި، ރާއްޖެ ކާބަން ނިއުޓްރަލް ޤައުމަކަށް ހެއްދެވުމަށް ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތްތަކުގައި މިސްޓަރ ލައިނަސްގެ އެހީތެރިކަން ލިބިވަޑައިގަންނަވާނެކަމަށް ޔަޤީންކުރައްވާ ކަމުގައި ވިދާޅުވިއެވެ.