ށ. ފުނަދޫ ސްކޫލުގެ 50 އަހަރުގެ ދިގު ތާރީޚުގައި ބިނާކޮށްދީފައިވާ އިންސާނީ ވަޞީލަތްތަކަކީ އެ ސްކޫލުން މުޖުތަމަޢަށް ދޫކުރި ވަރަށް އަގުހުރި ހަދިޔާއެއްކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ ފުނަދޫ ސްކޫލަށް 50 އަހަރު ފުރޭ ރަންޔޫބީލް މުނާޞަބާ ފާހަގަކުރުމަށް މިރޭ އެ ސްކޫލުގައި ބޭއްވި ޚާއްޞަ ޖަލްސާ ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުންނެވެ.
މި މޭރުވުމުން ވާހަކަފުޅު ކުރިޔަށްގެންދަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ ފުނަދޫ އަދި އެ ސަރަޙައްދުގެ އެކި ދާއިރާތަކުގައި އިސް މަޤާމުތައް މިހާރު ފުރުއްވަން ތިއްބެވީ ފުނަދޫ ސްކޫލުން ދަރިވަރުވެފައިވާ ބޭފުޅުންކަން ފާހަގަކުރައްވާފައެވެ.
ފުނަދޫ ސްކޫލުގެ މުހިންމު ބައެއް ކާމިޔާބީތަކަށް އަލިއަޅުވާލައްވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ އެ ސްކޫލަކީ ރާއްޖޭގައި އިސްލާމް އަދި ދިވެހި މާއްދާއިން ފާސްވާ ޕަސެންޓޭޖް އެންމެ މަތީ ސްކޫލްތަކުގެ ތެރޭގައި ހިމެނޭ ސްކޫލެއް ކަމުގައެވެ. އަދި ނިމިދިޔަ ދިރާސީ އަހަރު، އޯލެވެލް އިމްތިހާނުގައި އެ ސްކޫލުން ހޯދާފައިވާ ކާމިޔާބީ އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
މި ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ސަރުކާރުން ތަޢުލީމީ ސިޔާސަތު ކުރިޔަށްގެންދަވާ ގޮތުގެ މައްޗަށްވެސް އަލިއަޅުވާލައްވާފައެވެ. އެގޮތުން މިހާރު ސަރުކާރުގެ ވިސްނުމަކީ އެއްވެސް ކުއްޖަކު ބާކީ ނުކޮށް، ހުރިހާ ކުދިންނަށް ކިޔަވައިދީގެން ހުނަރުވެރި ފަންނުވެރި އަދި ބިނާކުރަނިވި ޖީލެއް އުފަންކުރުންކަމާ އަދި މުޖުތަމަޢުގެ ބަދަހިކަން ދަމަހައްޓައި، ލާމެހިގެން އުޅެން ލޯބިކުރާ ޒުވާނުންތަކެއް އުފެއްދުންކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ، ހިލޭ ޑިގްރީއާ އަދި ރާއްޖޭން ބޭރުން ކިޔެވުމަށް ސަރުކާރުން ފުރުޞަތުތައް އިތުރުކޮށްދެއްވާފައިވާ މައިގަނޑު އަމާޒަކީ ވެސް ޒަމާނީ ޢިލްމުގެ އަލީގައި މީހުން ބިނާ ކުރުންކަމުގައެވެ.
" ތިޔަ ކުދިން ކިޔަވާއިރުވެސް، ހަމައެކަނި ފޮތުގައި ލިޔެފައި އޮންނަ އެއްޗަކަށް ވިސްނުމުގެ އިތުރުން، ވަށައިގެން ހިނގާ ކޮންމެ ކަމަކާ މެދު ވެސް ވިސްނަންޖެހޭނެ. މުޅި މުޖްތަމަޢާ މެދު ވިސްނުން ހިންގަންޖެހޭނެ. މި ރަށާއި މި އަތޮޅުގެ ޙާލަތާއި، އެ ޙާލަތު އެއަށް ވުރެ ރަނގަޅު ކުރެވޭނެ ގޮތްތަކާ މެދު ވެސް ވިސްނަންޖެހޭނެ" މިޖަލްސާގައި ފުނަދޫ ސްކޫލުގެ ދަރިވަރުންނަށް އިރުޝާދު ދެއްވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ސަރުކާރުން މުޅި ރާއްޖޭގެ ސްކޫލްތަކުގެ ޢުމްރާނީ ތަރައްޤީއަށް ކުރައްވާ މަސައްކަތްތަކާއި ތަޢުލީމީ ދާއިރާއަށް ސަރުކާރުން ގެންނަވަމުން އަންނަ ހެޔޮބަދަލުތަކުގެ މައްޗަށްވެސް އަލިއަޅުވާލެއްވިއެވެ. އެގޮތުން ސްކޫލްތަކުގެ ޢުމްރާނީ ތަރައްޤީއަށް ރާވާފައިވާ 203 މަޝްރޫޢެއްގެ މަސައްކަތް އެކި މަރުޙަލާތަކުގައި ކުރިޔަށްދާކަމާއި އަދި މިދިޔަ މަހުން ފެށިގެން ޓީޗަރުންގެ މުސާރައަށް ސަރުކާރުން ގެންނެވި ހެޔޮ ބަދަލުތައް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން، ފުނަދޫ ސްކޫލުގައި 15 ކްލާސްރޫމް ހެދުމުގެ މަޝްރޫޢެއް ކުރިޔަށްދާކަން ފާހަގަކުރައްވައި މިހާރު ސްކޫލަށް އެންމެ ބޮޑަށް ބޭނުންޖެހިފައިވާ، ސްޓާފް ރޫމެއް ހިމެނޭގޮތަށް އޮފީސް އިމާރާތެއް ހެދުމުގެ މަސައްކަތްވެސް އަންނަ އަހަރުގެ ބަޖެޓުގައި ހިމަނައިގެން ކުރިޔަށްގެންދަވާނެކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
މިޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ ފުނަދޫ ތަރައްޤީއަށް މުހިންމު ބައެއް މަޝްރޫޢުތަކަށް ވެސް އަލިއަޅުވާލައްވާފައެވެ. އެގޮތުން އެރަށުގެ ރައްޔިތުން އެދިފައިވާގޮތަށް، ބިން ހިއްކާ ރަށްރަށުގެ ލިސްޓުގައި ފުނަދޫ ހިމަނައި، އަންނަ އަހަރުގެ ބަޖެޓުގައި ހިމަނައިގެން އެމަސައްކަތް ފަށްޓަވަން ނިންމަވާފައިވާކަމަށާއި ރަށްގިރުމުގެ މައްސަލައަށް އަވަސް ޙައްލެއް ހޯދުމުގެ މަސައްކަތްވެސް ލަސްތަކެއްނުވެ ސަރުކާރުން ކުރިޔަށްގެންދަވާނެކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
މި ޖަލްސާގައި، ރައީސުލްޖުމްހޫރިއްޔާ ވަނީ ފުނަދޫ ސްކޫލު އުފައްދަވައި އެ ސްކޫލަށް ގިނަދުވަހު ޚިދުމަތް ކުރައްވާފައިވާ ބޭފުޅުންނަށް ރަންޔޫބީލް ޝަރަފުގެ ފިލާ ހަވާލުކޮށްދެއްވާފައެވެ. ފުނަދޫ ސްކޫލުގެ ރަންޔޫބީލް ޝަރަފުގެެ ފިލާ ލިބިވަޑައިގެންނެވީ އެ ސްކޫލުގެ ބާނީ ފުނަދޫ އަލިވާގޭ އަލް މަރްޙޫމް ޢަބުދުﷲ ޢަބުދުލް ކަރީމަށާއި މަކްތަބުގެ މުދައްރިސް ޢަބުދުލް ހާދީ ޔޫސުފަށެވެ. މީގެ އިތުރުން ސްކޫލަށް 15 އަހަރާއި 19 އަހަރާ ދެމެދު ޚިދުމަތްކުރެއްވި ބޭފުޅުންނާއި 20 އަހަރަށްވުރެ ދިގު މުއްދަތެއްގައި ޚިދުމަތްކުރެއްވި ބޭފުޅުންނަށް ވެސް ހަނދާނީ ފިލާ ހަވާލުކޮށްދެއްވާފައި ވަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙެވެ.
ފުނަދޫ ސްކޫލް އުފެދިފައި ވަނީ މަކްތަބުލް މުނީރުގެ ނަމުގައި 1972 ވަނަ އަހަރުގެ މާރޗް މަހުގެ 16 ވަނަ ދުވަހުގައެވެ.