ސަރުކާރަށް ފާޑުކިޔުން މުހިންމު ކަމަށާއި، އެހެން ނަމަވެސް ސަރުކާރަށް ހުރަސްއަޅައި، ސަރުކާރު ނުހިންގޭ ވަރަށް ދަތިކުރަން އުޅުމަކީ، ބުއްދިވެރިކަމެއް ނޫން ކަމުގައި ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ، ދެކުނު ޕްރޮވިންސްގައި އިޢާދަކުރަނިވި ހަކަތަ ބޭނުންކޮށްގެން ކަރަންޓް އުފެއްދުމާއި އަދި އެޕްރޮވިންސްގައި ގޭހުގެ ޚިދްމަތް ދިނުމާ ގުޅޭ ދެ އެއްބަސްވުމެއްގައި ސޮއިކުރެއްވުމުގެ ރަސްމިއްޔާތުގައި ރޭ ވާހަކަފުޅު ދައްކަވަމުންނެވެ. މި ދެ އެއްބަސްވުމަކީ އިންޑިއާގެ [ސުޒްލޯން“ ކުންފުނި އަދި މޯލްޑިވްސް ގޭހާ ސަދަން ޔުޓިލިޓީޒާ ދެމެދު ވެވުނު ދެ އެއްބަސްވުމެވެ.

މިކަމަށްޓަކައި އައްޑުއަތޮޅު ހިތަދޫ މުޙިއްބުއްދީން ސްކޫލްގައި ރޭ ބޭއްވެވި ރަސްމިއްޔާތުގައި، ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ސަރުކާރު އަމާޒުން ކައްސައެއްނުލާނެ ކަމަށާއި، ސަރުކާރުން ރާއްވަވާފައިވާ މަސައްކަތްތައް ކުރިއަށްދާނެ ކަމުގައި ވިދާޅުވިއެވެ. ސަރުކާރުން އައްޑުއަތޮޅާ ދޭތެރޭ ގެންގުޅުއްވާ ތަޞައްވުރުގެ މައްޗަށް ބައްލަވާލައްވަމުން، އެ ތަޞައްވުރު ޙާޞިލު ކުރެއްވުމަށްޓަކައި އެންމެ މުހިންމު ކަމަކީ ލާމަރްކަޒީ އުޞޫލުން އަތޮޅު ހިންގުން ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. ސަރުކާރުން މަސައްކަތް ކުރައްވަމުން ގެންދެވީ، ރާއްޖެ، ޕްރޮވިންސްތަކަށް ބައްސަވާލައްވައިގެން، ރައްޔިތުންނަށް ދޫކޮށްލައްވައިގެން ޕްރޮވިންސްތައް ހިންގަވަމުން ގެންދެވުމަށް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. މިރޮނގުން ވާހަކަފުޅު ދައްކަވަމުން، ދެކުނު ޕްރޮވިންސްގެ ޚިދްމަތްތައް އެންމެ އެދެވޭވަރަށް އަދި ނުލިބުނު ކަމުގައިވިޔަސް، [B ރިޕޯޓެއް“ ލިބޭވަރަށް ޕްރޮވިންސް އޮފީހުން މިހާރު ޚިދްމަތް ދެއްވަމުން ގެންދަވާކަން ރައީސުލްޖުމްހޫރިއްޔާ ހާމަކުރެއްވިއެވެ. އަދި ދެކުނު ޕްރޮވިންސްގެ ޔުޓިލިޓީޒް ކުންފުންޏަށް 40 މިލިއަން ޑޮލަރުގެ ލޯނެއް ލިބޭގޮތަށް ހަމަޖެހިފައިވާ ކަމަށާއި، މި ލޯނުން ދެކުނު ޕްރޮވިންސްގައި ހިމެނޭ އައްޑުއަތޮޅާއި ފުވައްމުލަކުގައި އިޢާދަކުރަނިވި ހަކަތަ ބޭނުންކޮށްގެން ކަރަންޓް ފޯރުވައިދިނުމަށް ވިސްނަވަމުން ގެންދަވާކަންވެސް ރައީސުލްޖުމްހޫރިއްޔާ ހާމަކުރެއްވިއެވެ. ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ސަރުކާރުން މަސައްކަތް ކުރައްވަމުން މިގެންދަވަނީ، ރައްޔިތުންނަށް ބޭނުންވާ އަސާސީ ޚިދްމަތްތައް ފޯރުއްވައިދެއްވޭނެ އުޞޫލެއް ކަނޑައެޅުއްވުމަށް ކަމަށާއި، ޔުޓިލިޓީޒް ކުންފުނިތައް އުފައްދަވައިގެން ވިޔަފާރީގެ އުޞޫލުން ދެކޮޅުޖެހޭގޮތަށް އަސާސީ ޚިދްމަތްތައް ރައްޔިތުންނަށް ދެއްވާނެ ކަމުގައި ވިދާޅުވިއެވެ.

އަދި މި ޕްރޮވިންސްގެ ރައްޔިތުންނަށް ބޭނުންވާނެ އަސާސީ ޚިދްމަތްތައް ދެވޭނެ ވިއުގައެއް، ކުރިއަށް އޮތް ތާނގައި ޤާއިމު ކުރެވޭނެ ކަމަށާއި، ފެނާއި ނަރުދަމާއާއި ގޭހުގެ ޚިދްމަތާއި، އަދި އެނޫން އެހެން ޚިދްމަތްތައްވެސް އަގުހެޔޮކޮށް ދެއްވޭނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، އައްޑުއަތޮޅުގައި ހެއްދެވުމަށް ހަމަޖެހިފައިވާ އިންޓަރނޭޝަނަލް ފްލައިންގ ސްކޫލްގެ ކަންތައް ކުރިއަށް ގޮސްފައިވާ ހިސާބާއި، ފޭދޫގައި ޤާއިމުކުރާ ނަރުދަމާ ނިޒާމުގެ މަސައްކަތްތައް ގޮސްފައިވާ ހިސާބުގެ މައްޗަށްވެސް ބައްލަވާލެއްވިއެވެ. އަދި އައްޑުއަތޮޅާއި ފުވައްމުލަކުގައި ގެދޮރު އިމާރާތް ކުރުމުގެ އެއްބަސްވުމުގައި، މިއަންނަ ހަފްތާގައި ސޮއިކުރެވޭނެ ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ، ރޭ ދެއްކެވި ވާހަކަފުޅުގައި، ރާއްޖެއަށް ބޭނުންވާ ބޭރުގެ އެހީ ހޯއްދެވުމުގައި ޚާރިޖީ ވުޒާރާގެ އެހީތެރިކަން ބޭނުންފުޅުވާ ކަމަށާއި، ތަރައްޤީގެ މަސައްކަތްތައް ކާމިޔާބު ކުރެއްވޭނީ، ޚާރިޖިއްޔާގެ މަސައްކަތްތައް ފުޅާކުރެވިގެން ކަމުގައި ވިދާޅުވިއެވެ. އަދި ސަރުކާރުން ހިންގަވާ މަސައްކަތްތައް ހިންގެވުމުގައި، އެ ވުޒާރާގެ ބައިވެރިވުން ވަރަށް މުހިންމު ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.