ހުރިހާ ކުޅިވަރަކަަށް ހަމަހަމަ ފުރުޞަތު ދިނުމަށް ސަރުކާރުން ކުރާ މަސައްކަތުގައި ރަނގަޅު ހިސާބަކަށް އާދެވިފައިވާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ. އެ މަނިކުފާނު މިހެން ވިދާޅުވީ އއ. އުކުޅަހުގައި މިއަދު ފެށޭ ވެސްޓަރން އޭޝިއަން ޖޫނިއަރ ޗެސް ޗެންޕިއަންޝިޕުގައި ބައިވެރިވުމަށް މާލެއިން ފުރާ ދިވެހި ރާޒުވާ ކުޅުންތެރިންނާއި ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައެވެ.
މިއަދުގެ ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، އެކި އުމުރުފުރައިގެ މީހުނަށް ކުޅެވޭ އެކިއެކި ކުޅިވަރުގެ ފުރުޞަތުތައް ފަހިކޮށްދީ އެ ކުޅިވަރުތައް ތަރައްޤީ ކުރުމަށްޓަކައި ހުރިހާ ކުޅިވަރަކަަށް ހަމަހަމަ ފުރުޞަތު ދިނުމަށް ސަރުކާރުން ކުރަމުންގެންދާ މަސައްކަތުގެ ތެރެއިން ގެންގުޅޭ އެއް ސިޔާސަތަކީ ރާއްޖޭގައި ބައިނަލްއަޤްވާމީ ކުޅިވަރު މުބާރާތްތައް ބޭއްވުން ކަމުގައި ވިދާޅުވިއެވެ. އެގޮތުން ރާއްޖޭގައި ބޭރުގެ ކުޅިވަރު މުބާރާތްތައް ބޭއްވުމަކީ ދިވެހި ކުޅުންތެރިންނަށް އޭގެ ފައިދާ ކުރާނެ އަދި ދިވެހިރާއްޖޭގައި އެ ކުޅިވަރެއް ތަރައްޤީ ކުރުމަށް ލިބޭނެ ކުރިއެރުމެއްގެ ގޮތުގައި އެ މަނިކުފާނުގެ ވާހަކަފުޅުގައި ސިފަކުރެއްވިއެވެ.
ވެސްޓަރން އޭޝިއަން ޖޫނިއަރ ޗެސް ޗެންޕިއަންޝިޕުގައި ނުވަ ޤައުމަކުން 8 އަހަރާ 18 އަހަރާ ދެމެދު 160 ރާޒުވާ ކުޅުންތެރިން ބައިވެރިވާނެއެވެ. މި މުބާރާތުގައި ބައިވެރިވުމަށް މާލެއިން 30 ކުއްޖަކު އުކުޅަހަށް ފުރުމަށް ހަމަޖެހިފައިވާއިރު އުކުޅަހުން ވެސް ރާޒުވާކުޅޭ 30 ދިވެހި ކުޅުންތެރިން ބައިވެރިވުމަށް ވަނީ ހަމަޖެހިފައެވެ. މިއަދުގެ ބައްދަލުކުރެއްވުމުގައި މޯލްޑިވްސް ޗެސް އެސޯސިއޭޝަންގެ ފަރާތުން ވަނީ މި މުބާރާތުގައި ބޭނުންކުރާ ދިވެހި ޓީމުގެ ޖަރޒީއެއް ރައީސުލްޖުމްހޫރިއްޔާއަށް ވެދުމަށް އަރުވާފައެވެ.