މިއަހަރު ޑިސެމްބަރު މަހު ކޯޕަންހޭގަންގައި ބޭއްވުމަށް ހަމަޖެހިފައިވާ އ.ދ.ގެ މޫސުމާބެހޭ ބައްދަލުވުމަށް ތައްޔާރުވުމުގެ ގޮތުން، މިދިޔަ އޮކްޓޯބަރ 30ން 31އަށް ބާސެލޯނާގައި ބޭއްވި ވަޒީރުންގެ ނުރަސްމީ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތުމަށާއި، މި ނޮވެމްބަރ މަހުގެ 1ން 5އަށް ބާސެލޯނާގައި ބޭއްވި ޔޫ.އެން.އެފް.ސީ.ސީ.ސީ.ގެ މަޝްވަރާތަކުގައި ބައިވެރިވެވަޑައިގަތުމަށް، ނައިބު ރައީސް ޑޮކްޓަރ މުޙަންމަދު ވަޙީދު، ބާސެލޯނާއަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މިއަދު ހެނދުނު މާލެ ވަޑައިގެންފިއެވެ.

އެމަނިކުފާނު މާލެ ވަޑައިގެން، މާލޭ ބައިނަލްއަޤްވާމީ ވައިގެ ބަނދަރުގެ ވީ.ވީ.އައި.ޕީ. ލައުންޖްގައި ނޫސްވެރިންނާ ބައްދަލުކުރައްވައި، މި ދަތުރުފުޅުގައި އެމަނިކުފާނު ބައިވެރިވެވަޑައިގެންނެވި ބައްދަލުވުންތަކުގައި މައިގަނޑު ގޮތެއްގައި މަޝްވަރާ ކުރެވުނު ކަންތައްތަކާބެހޭ މަޢުލޫމާތު ދެއްވިއެވެ. މިގޮތުން މަޢްލޫމާތު ދެއްވަމުން، ކޯޕަންހޭގަން ސަމިޓަށް ތައްޔާރުވުމުގެގޮތުން އެކި ފަހަރުމަތިން ބާއްވަމުންގެންދާ ބައްދަލުވުންތަކުގައި ރާއްޖެއިން އުންމީދު ކުރާ ފެންވަރަށް އެއްބަސްވުންތަކާ ހަމައަށް އާދެވިފައި ނުވާކަމަށާއި، އެހެންކަމުން، ކޯޕަންހޭގަންގައި ބާއްވާ ސަމިޓުގައި މޫސުމާ ބެހޭގޮތުން ދުނިޔޭގެ ފެންވަރުގެ އާ މުޢާޙަދާއެއްގައި ސޮއިކުރެވިދާނެ ކަމުގެ އުންމީދު ކުޑަކަމުގައި ވިދާޅުވިއެވެ. އަދި ތަރައްޤީވަމުން އަންނަ ގިނަ ޤައުމުތަކަކުން، ދުނިޔޭގެ ޖައްވަށް ދޫކުރަމުންދާ ވިހަ ގޭސްތައް މަދުކުރުމަށްޓަކައި އެކިއެކި ލަނޑުދަނޑިތައް ކަނޑައަޅާފައި ވީނަމަވެސް، ބޮޑެތި ޤައުމުތަކުން މިފަދަ ލަނޑުދަނޑިތަކެއް ކަނޑައަޅާފައި ނުވާކަމުގައި ނައިބު ރައީސް ވިދާޅުވިއެވެ.

ނައިބު ރައީސް ބާސެލޯނާއަށް ކުރެއްވި ދަތުރުފުޅުގައި، ޑެންމާކް ސަރުކާރުން އިންތިޒާމުކޮށްގެން "ގްރީންލޭންޑް ޑައިލޮގް"ގެ ނަމުގައި ބޭއްވި ނުރަސްމީ ބައްދަލުވުންތަކުގައި ބައިވެރިވެޑައިގެންނެވިއެވެ. މީގެ އިތުރުން، މިކަމާބެހޭ ގޮތުން ބޭއްވެވި ރަސްމީ މަޝްވަރާތަކުގައިވެސް އެމަނިކުފާނު ބައިވެރިވެ ވަޑައިގެންނެވިއެވެ. އަދި އެމަނިކުފާނުވަނީ މިދަތުރުފުޅުގައި "ގްރޫޕް އޮފް 77" އާއި ޗައިނާގެ އިސްވެރިންނާވެސް ބައްދަލުކުރައްވާފައެވެ.

ނައިބު ރައީސްގެ މިދަތުރުފުޅަކީ ޔޫ.އެންގެ އެއްބާރުލުމާއެކު ޑެންމާކް ސަރުކާރުން ދެއްވި ދަޢުވަތަކަށް ސްޕެއިނަށް ކުރެއްވި ދަތުރުފުޅެކެވެ.