ހުޅުމާލޭގައި ކިޔަވާކުދިންގެ އާބާދީ އިތުރުވަމުންދާ ނިސްބަތަށް ބަލައި އިތުރު ސްކޫލުތައް ތަރައްޤީކުރުމުގެ މަސައްކަތް މިހާރު ކުރެވެމުންދާކަމުގައި ރައީސުލްޖުމުހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ، އަޖިއަލް ބައިލިންގުއަލް ސްކޫލުގެ ބިންގާ އެޅުމުގެ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވައި ދެއްކެވި ވާހަކަފުޅުގައެވެ.

ރައީސުލްޖުމުހޫރިއްޔާގެ ނައިބު ވިދާޅުވީ، ހުޅުމާލޭގައި އިތުރު 5 ސްކޫލެއް އެޅުމުގެ މަސައްކަތް މިހާރުވެސް އެކި މަރުހަލާތަކުގައި ކުރިޔަށްދާ ކަމަށެވެ. އޭގެ ތެރޭގައި ދެޕްރީސްކޫލުވެސް ހިމެނޭކަން އެމަނިކުފާނު ފާހަގަ ކުރެއްވިއެވެ.

ކުވައިތުގެ އަލްޖެރީ ހޯލްޑިންގ ގުރޫޕުން ހުޅުމާލޭގައި އަޅާ، އަޖިއަލް ބައިލިންގުއަލް ސްކޫލަކީ، އެންމެ ފަހުގެ ޒަމާނީ ވަޞީލަތްތަކާއި އެކު ކިޔަވައިދެވޭނެ ވަޞީލަތްތައް ޤާއިމްކޮށްގެން، އިނގިރޭސި މީޑިއަމް އާއި ޢަރަބި މީޑިއަމްއަށް ކިޔަވައިދޭނެ ސްކޫލެކެވެ. އަދި މިސްކޫލަކީ ޕްރީސްކޫލް އިން ފެށިގެން ގްރޭޑް 12 އާއި ހަމައަށް ކިޔަވައިދޭ ގޮތަށް ހަމަޖައްސާފައިވާ އިންޓަރނޭޝަނަލް ސްކޫލެކެވެ.

އަލްޖެރީ ހޯލްޑިންގ ގުރޫޕުން މި ސްކޫލު ތަރައްޤީ ކުރާނީ ދެފިޔަވައްސަކަށް ބަހާލައިގެންނެވެ. މިގޮތުން ފުރަތަމަ ފިޔަވަހީގެ ދަށުން ސްކޫލު ހުޅުވާއިރު، ފުރަތަމަ ކިޔައިވައިދޭން ފެށުމަށް ހަމަޖައްސާފައި ވަނީ ޕްރީ ސްކޫލާއި އަދި ޕްރައިމަރީ ގްރޭޑްތަކަށެވެ.

މިރަސްމިއްޔާތުގައި ރައީސުލްޖުމުހޫރިއްޔާގެ ނައިބު ދެއްކެވި ވާހަކަފުޅުގައި ވިދާޅުވީ، ތަޢުލީމީ ދާއިރާގެ ކުރިއެރުމަށާއި، އަދި ދަރިވަރުންނަށް އުނގެނުމުގެ ތަޖުރިބާތައް އިތުރުކޮށްދީ، ވަށައިޖެހޭ ފެންވަރު ރަނގަޅު ތަޢުލީމެއް ފޯރުކޮށް ދިިނުމަށްޓަކައި، ސަރުކާރުން އަލްޖެރީ ހޯލްޑިންގ ގުރޫޕާއިއެކު މިއަދު ކުރިޔަށް މިއެޅީ ވަރަށް މުހިންމު ފިޔަވަޅެއް ކަމަށެވެ.

އަދި ރައީސުލްޖުމުހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްގެ އިސްނެންގެވުމާއި އިރުޝާދުގެ ދަށުން، މިސަރުކާރުން ތަޢުލީމީ ދާއިރާއިން، ރާއްޖެ އާއި ރާއްޖެއިން ބޭރުގެ ފަރާތްތަކާއި އެކު ގުޅުން ބަދަހިކުރުމުގެ މަސައްކަތް ކުރިޔަށް ގެންދަވާނެ ކަމުގެ ޔަޤީންކަން ދެއްވެވިއެވެ.

މީގެ އިތުރުން ރައީސުލްޖުމުހޫރިއްޔާގެ ނައިބު ވިދާޅުވީ، ކިޔަވައިދެވޭ މާޙައުލާއި ގޮތްތައް ބަދަލުކޮށް، މަތީފަންތީގެ ތަޢުލީމީ ޚިދުމަތްތަކަށް ބޭނުންވެފައިވާ މިންވަރު ދުވަހުން ދުވަހަށް އިތުރުވަމުންދާ ދިޔުމާއި އެއްވަރަށް ތަޢުލީމީ ދާއިރާ ތަރައްޤީކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގައި އަލްޖެރީހޯލްޑިންގސް ގުރޫޕާއިއެކު ސަރުކާރުން ކުރާ މިމަސައްކަތަކީ ވަރަށް މުހިއްމު މަސައްކަތެއްކަމަށެެވެ.

މީގެ އިތުރުން ރައީސުލްޖުމުހޫރިއްޔާގެ ނައިބުގެ ވާހަކަފުޅުގައި، އަޅުގަނޑުމެންގެ ދަރިންނަށް ތަޢުލީމު ދިނުމުގައި، ނުރަނގަޅުކަންކަމުގެ ތެރެއަށް ކުދިން ހުށައެޅިގެން ދިޔަ ނުދިމާއި، ދިރިއުޅުމުގެ ޙައްޤުތައް ކަށަވަރުކޮށްދިނުމާއި ހުރިހާ ބާވަތެއްގެ އަނިޔާއިން ކުދިން ސަލާމަތްކުރުމުގެ މުހިންމު ކަމުގެ މައްޗަށް އަލިއަޅުއްވާލައްވައި ވާހަކަފުޅު ދެއްކެވިއެވެ. އަދި ގެ އާއި ސްކޫލާއި އެހެނިހެން ތަންތަނަކީވެސް، ކުދީންނަށް އެކަށީގެންވާ ރައްކާތެރި މާހައުލަކަށް ހަދައި ދިނުމަކީ، ސަރުކާރާއި ސިޔާސަތުތައް ކަނޑައަޅާފަރާތްތަކާއި، ބެލެނިވެރިންނާއި އަދި ބަލަދުވެރިންގެ އިތުރުން މުޖުތަމަޢުގެ ޒިންމާއެއް ކަމުގައިވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ކުރިން ކިޔެވުމުގެ ކަންކަން އޮތް ގޮތް ފާހަގަކުރައްވައި، ވާހަކަފުޅު ކުރިޔަށް ގެންދަވަމުން ރައީސުލްޖުމުހޫރިއްޔާގެނައިބު ވިދާޅުވީ، މިސަރުކާރުގެ އެންމެ އިސް ވާޖިބަކީ، އިސްލާމީ އަޤީދާއަށް ބޯލަނބައިި، އިޙްތިރާމާއި ނަޒާޙަތްތެރިކަން އަދި އެއްބައިވަންތަކަމާއި، އެކަކު އަނެކަކަށް އަޅާލާ، އެހީތެރިވެ އުޅޭ މާހައުލެއް ދަރިވަރުންނަށް ޤާއިމްކޮށް ދިނުންކަމަށެވެ.

އަދި ހުރިހާ ބާވަތެއްގެ ނުރައްކަލަކުން އަޅުގަނޑުމެންގެ ދަރިން ރައްކާތެރިކުރެވެން އޮތް އެންމެ ރަނގަޅު މަގަކީ، އެންމެ ފުރިހަމަގޮތުގައި ކުދީންނަށް ތަޢުލީމާއި ތަރުބިއްޔަތު ދިނުންކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ.