ނިކަމެތިންނަށް ޚާއްޞަ އެހީތެރިކަމެއް ފޯރުއްވައިދެއްވޭނެ މަޝްރޫޢުތަކެއް ހިންގެވުމަކީ ބޭނުންތެރި ކަމެއް ކަމަށް ސަރުކާރުން އަބަދުވެސް ދެކެވަޑައިގަންނަވާ ކަމުގައި ރައިސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ، ދިވެހިރާއްޖޭގެ އަޑު މެދުވެރިކުރައްވައި ކޮންމެ ހުކުރު ދުވަހަކު ހެނދުނު އެމަނިކުފާނު ދެއްވާ ހަފްތާ ރޭޑިއޯ ޚިޠާބުގައި މިއަދު ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިގޮތުގައި، ރާއްޖޭގެ ރައްޔިތުންގެ ތެރެއިން އެއްލައްކަ ހަހާސް މީހުންނަކީ ވަރަށް ނިކަމެތި މީހުންނެވެ. އެ ރައްޔިތުންނަށް ރިވެތި ގޮތުގައި ހަމަޖެހިގެން އުޅެވޭނެ ގޮތެއް ހޯދައިނުދެވޭހާ ހިނދަކު މި އެދޭ ތަރައްޤީ ރާއްޖެއަކަށް ނުގެނެވޭނެއެވެ. އަދި ކަރަންޓް ބިލް ދެއްކުމަށް ދަތިވާ ފަރާތްތަކަށް އެހީތެރިވެދެއްވުމާއި، ކާޑުގެ ކަންތަކުގައިވެސް އެހީތެރިވެދެއްވުމާއި، އެކަނިވެރި މައިންނަށާއި ނުކުޅެދޭ މީހުންނަށް އެހީތެރިވެދެއްވުމަކީ ވަރަށް މުހިންމު ކަމެއް ކަމަށް ސަރުކާރުން ދެކެވަޑައިގަންނަވާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ރޭޑިއޯ ޚިޠާބުގައި، މިދިޔަ އަހަރެއްހާ ދުވަހުގެ ތެރޭގައި، ސަރުކާރަށް އެތައް ކަމެއް ޙާޞިލު ކުރެވިއްޖެ ކަމަށާއި، ކާމިޔާބު ނުކުރެވިވެސް ކިތަންމެ ކަމެއް އެބަހުރި ކަމުގައި ވިދާޅުވިއެވެ. އެހެން ނަމަވެސް، އުންމީދަކީ ރާއްޖޭގެ ރައްޔިތުންގެ ޢާންމު ޙާލަތު ރަނގަޅު ކުރެއްވުމާއި، ކޮންމެ ރައްޔިތަކީވެސް ފުދުންތެރިކަމާ އެކީގައި ހާސްކަމެއްނެތި ދިރިއުޅޭ ރައްޔިތަކަށް ހެއްދެވުން ކަމުގައި ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ރޭޑިއޯ ޚިޠާބުގައި، ސަރުކާރުން މިއަދު ހިންގަވަމުން ގެންދަވާ ތަރައްޤީގެ އެކިމަޝްރޫޢުތަކުގެ މައްޗަށާއި، އެކަންކަން މިހާރު ގޮސްފައިވާ ހިސާބުގެ މައްޗަށްވެސް ބައްލަވާލެއްވިއެވެ. މިގޮތުން، ކަރަންޓްގެ ޚަރަދު ކުޑަކުރެއްވުމަށްޓަކައި ވައިން ހިންގާ ޖަނަރޭޓަރުން ކަރަންޓް އުފައްދައިގެން މާލެއަތޮޅުގެ ބޮޑު ސަރަޙައްދަކަށް ކަރަންޓް ދިނުމަށް ވަރަށް އެކަށީގެންވާ ކުންފުންޏަކާ އެކީގައި ސޮއިކުރެވިފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި މާލޭގެ މަދަރުސާތަކުގެ ތެރެއިން އެއް މަދަރުސާ ވަރަށް ފެންވަރު ރަނގަޅު މަދަރުސާއަކަށް ހެއްދެވުމުގެ މަސައްކަތް، އެކަށީގެންވާ ރަނގަޅު ފަރާތަކާ ޙަވާލުކުރެވިފައިވާ ކަމުގައިވެސް ވިދާޅުވިއެވެ.

އައްޑުއަތޮޅުގައިވެސް ކަރަންޓްގެ މަޝްރޫޢެއް ފެށުމުގެ އެއްބަސްވުމެއްގައި މިއަދު ސޮއިކުރެވޭނެކަންވެސް ރައީސުލްޖުމްހޫރިއްޔާ ހާމަކުރެއްވިއެވެ. މީގެއިތުރުން، ހަނިމާދޫ އެއަރޕޯޓް، ބައިނަލްއަޤްވާމީ އެއަރޕޯޓަކަށް ބަދަލުކުރުމުގެ އެއްބަސްވުމުގައި އިންޑިއާގެ ވަރަށް މަޝްހޫރު ކުންފުންޏަކާ އެކީގައި ސޮއިކުރައްވާފައިވާކަންވެސް ރައީސުލްޖުމްހޫރިއްޔާ ހާމަކުރެއްވިއެވެ. އަދި ޓާޓާ ކުންފުންޏާ އެކީގައި ދިގު މުއްދަތުގައި ފައިސާ ދައްކައި ޚަލާޞްކުރާ އުޞޫލުން ގެދޮރު ލިބޭނެ މަޝްރޫޢެއް ހިންގުމުގެ ޕްރޮގްރާމެއްގައިވެސް ސޮއިކުރެވޭނެ ކަމަށާއި، އެމަޝްރޫޢުގެ ދަށުން ރާއްޖޭގެ ދެތިން ސަރަޙައްދެއްގައި ގެއަޅަން ފެށޭނެ ކަމުގައި ވިދާޅުވިއެވެ. އަދި މިކުރިއަށް މިއޮތް ދެތިން ހަފްތާއެއްގެ ތެރޭގައި އެގްރީމެންޓްގައި ސޮއިކުރެއްވޭނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.