އުފެދޭ ކުނި މަދުކުރުމުގެ މަސައްކަތް ޤައުމީ ފެންވަރުގައި ކުރުމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް އެންމެހާ ދިވެހި ރައްޔިތުންނަށް ގޮވާލައްވައިފި އެވެ. އެމަނިކުފާނު މިކަމަށް ގޮވާލައްވާފައި ވަނީ 'ޕްރޮމިސް ސަސްޓެއިނަބިލިޓީ އެވޯޑް 2022' ގެ ނަމުގައި މިރޭ ބޭއްވެވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ނެވެ. 'ޕްރޮމިސް' މަޝްރޫޢަކީ ލަކްޝަދީބު ކަނޑަށް ކުނިއެޅުން ހުއްޓުވުމަށް ޔޫރަޕިއަން ޔޫނިއަންގެ ސްވިޗް އޭޝިޔާ ޕްރޮގްރާމް މެދުވެރިކޮށް ރާއްޖެއާއި، ސްރީލަންކާ އަދި އިންޑިއާގެ ގޮނޑުދޮށްތަކާއި ކަނޑުގެ އައްސޭރިފަށުން ކުނި މަދުކުރުމަށް އަމާޒުކޮށްގެން ހިންގާ މަޝްރޫޢެ ކެވެ.

މި އަހަރުގެ ދުނިޔޭގެ ކަނޑުތަކުގެ ދުވަހުގެ ތަޙުނިޔާއާއި ހެޔޮއެދުންތައް ފޮނުއްވަމުން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ، ކަނޑުފަޅަކީ ރައްޖޭގެ އެންމެ ބޮޑު ޤުދުރަތީ ވަޞީލަތްކަން ފާހަގަކުރައްވައި، ކަނޑުފަޅުގެ ސަބަބުން ކާނާއާއި، ފެނާއި، ފަތުރުވެރިކަން މެދުވެރިކޮށް ދިވެހީންނަށް އާމްދަނީ ލިބޭކަމުގައި ވިދާޅުވެފަ އެވެ. އަދި، އެމަނިކުފާނު ވަނީ މޫސުމީ ބަދަލުތަކާއި، ދިރިއުޅުމަށްޓަކައި އަދި ކުރިޔަށް އޮތް ޖީލުތަކަށްޓަކައި ކަނޑުފަޅުގެ ވަޞީލަތްތައް ރައްކާތެރިކޮށް ދިނުމަކީ ކޮންމެ ފަރުދެއްގެ ބޮލުގައި އެޅިފައިވާ ޒިންމާއެއްކަމުގައި ހާމަކުރައްވާފަ އެވެ.

މިމޭރުމުން ވާހަކަފުޅުދައްކަވަމުން، ރައިސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ ކަނޑުތަކަށް ދިމާވެފައިވާ އެންމެ ބޮޑު ނުރައްކަލަކީ ކަނޑުތައް ތަޤައްޔަރުވުމުގެ މައްސަލަކަމުގައި ވިދާޅުވެ، ގޮނޑުދޮށްތަކާއި ކަނޑުތަކުގެ އައްސޭރިފަށަށް ޖަމާވާ ކުނި ފަދަ ތަކެތި ކަނޑުތަކަށް ފެތުރުމުގެ ސަބަބުން ކަނޑުފަޅުގެ ދިރުންތަކަށް ކުނީގެ އަސަރުފޯރައި، އިންސާނުން ކެއުމަށް ބޭނުންކުރާ މަހުގެ ބާވަތްތަކުގައި މައިކްރޯ ޕްލާސްޓިކްގެ އަސަރު ހިމެނިގެން އަންނަ ގޮތުގެ މައްޗަށް އަލިއަޅުއްވާލައްވާފަ އެވެ. އަދި، އެމަނިކުފާނު ވަނީ މައިކްރޯ ޕްލާސްޓިކްގެ ސަބަބުން ކަނޑުގެ ދިރުންތަކާއި، އިންސާނުންގެ ދިރިއުޅުމަށް ކުރާ ނޭދެވޭ އަސަރު ފާހަގަކުރައްވާފަ އެވެ.

މީގެ އިތުރުން ވެސް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ މި ސަރުކާރުން ކުނީގެ މައްސަލަ ޙައްލުކުރުމަށް ކުރަމުންދާ މަސައްކަތަށް ތަޢުރީފުކުރައްވައި، މާލޭ ސަރަޙައްދުގައި ކުނި ވަކިކުރުމަށް ފަށާފައިވާ މަސައްކަތުގެ ނަތީޖާ މިހާރުވެސް ފެންނަން ފަށާފައިވާ ކަމުގައި ވިދާޅުވެފަ އެވެ. އަދި، އެމަނިކުފާނު ވިދާޅުވި ގޮތުގައި ކުނި ވަކިކުރުމުގެ މަސައްކަތް ފެށުމަކީ ތިމާވެށީގެ މަގުގައި އެޅޭ މުހިންމު ފިޔަވަޅެއް ކަމަށާއި، އެކަމުގެ ސަބަބުން ތުއްތު ކުދިންގެ ހިތްތަކުގައި ކުނި އުފެއްދުމުގައި ވިސްނުންތެރި ވުމަށް ބާރުއެޅޭ ކަމަށާއި، ރަނގަޅު ގޮތުގައި ކުނި މެނޭޖްކޮށް، ކުނިން ޙަކަތަ ނުވަތަ ޢާމްދަނީ އުފެއްދުމުގެ ފުރުޞަތު ކުރިޔަށް އޮތްތާގައި ފަހިވެގެންދާނެއެވެ. .

ޤައުމީ ފެންވަރެއްގައި ކުނި މަދުކުރުމަށް މަސައްކަތްކުރުމުގެ މުހިންމުކަން ފާހަގަކުރައްވައި، ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވިދާޅުވީ 2023 ގެ ނިޔަލަށް އެއްފަހަރު ބޭނުންކޮށްފައި އުކާލާޒާތުގެ ޕްލާސްޓިކް ބޭނުންކުރުން ހުއްޓާލުމަށް ރާއްޖެއިން އަމާޒު ހިފާފައިވާކަމަށެވެ. މީގެ އިތުރުން ވެސް ރާއްޖެއާއި، ސްރީލަންކާ އަދި، އިންޑިއާގެ ފަތުރުވެރިކަމުގެ ދާއިރާގެ އެންމެކުދި، ކުދި، އަދި، މެދު ފަންތީގެ ވިޔަފާރިތަކުން ކުނި މެނޭޖްކުރުމުގެ ޢީޖާދީ ނިޒާމުތައް ބޭނުންކުރަމުން ދާތީ، މިކަމުގެ ފަހަތުގައި އޮތް ޕްރޮމިސް މަޝްރޫޢުގެ ދައުރު ފާހަގަކުރައްވައި، އެބޭފުޅުންގެ އިރުޝާދުގެ ދަށުން ކަނޑުފަޅު ރައްކާތެރިވާނޭ ފަދައިން މި ވިޔަފާރިތަކުން ކުނި މެނޭޖްކުރުމުގެ ނިޒާމުތައް ބޭނުންކުރަމުންދާތީ އެކަމަށްޓަކައި ތަޢުރީފު ކުރެއްވި އެވެ.