އިނގިރޭސިވިލާތުގެ ރާނީގެ "ޕްލެޓިނަމް ޖުބިލީ"ގެ މުނާޞަބާ ފާހަގަކުރުމަށް މިއަދު މީރުމާ ކޮންފަރެންސް ހޯލްގައި ބޭއްވި ޚާއްޞަ ޙަފްލާ ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމު ޝަރަފުވެރިކޮށްދެއްވައިފިއެވެ.

މި ޙަފްލާ ޝަރަފުވެރިކޮށްދެއްވައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ދެއްކެވި ވާހަކަފުޅުގައި، މި ޚާއްޞަ މުނާޞަބާގައި އިނގިރޭސި ވިލާތުގެ ރާނީއަށް ތަހުނިޔާ ވިދާޅުވެ އަދި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްގެ ފަރާތްޕުޅުން ވެސް ރާނީގެ އުފަންދުވަހުގެ ހެޔޮއެދުންތައް ފޮނުއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ ވާހަކަފުޅުގައި އެ މަނިކުފާނު ވަނީ މީގެ 50 އަހަރު ކުރިން 13 މާރިޗު 1972 ގައި އިނގިރޭސި ވިލާތުގެ ރާނީ އެލިޒަބަތު 2 ރާއްޖެއަށް ކުރެއްވި ދަތުރުފުޅުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ. އެގޮތުން ރާއްޖެއާ އިނގިރޭސިވިލާތާއި ދެޤައުމުގެ ދެމެދު އޮތް ޚާއްޞަ ގުޅުމުގެ މައްޗަށް ބައްލަވާލައްވަމުން، މި އަހަރަކީ ރާއްޖެއާއި އިނގިރޭސިވިލާތާ ދެޤައުމުގެ ދެމެދުގައި އޮތް އެގުޅުން އިތުރަށް ބަދަހިވެގެންދާނެ އަހަރެއް ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

އިނގިރޭސި ވިލާތުން ރާއްޖެއަށް ގިނަ ދާއިރާތަކުން އެއްބާރުލުންދޭކަން ފާހަގަކުރައްވާ ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވިދާޅުވީ ރާއްޖޭގެ ހިންގުން ހަރުދަނާ ކުރުމާއި، ޝަރުޢީ ދާއިރާ އިޞްލާޙު ކުރުމާއި، ތިމާވެށި ރައްކާތެރި ކުރުމާއި، ދެމެހެއްޓެނިވި ތަރައްޤީއާއި، ދިފާޢީ ދާއިރާ އަދި ވަކިން ޚާއްޞަކޮށް ތަޖުރިބާ ބަދަލުކުރުމާއި، ތަމްރީނު ޕްރޮގްރާމްތައް އިތުރުކޮށް ސަލާމަތީ އިދާރާތަކުގެ މެދުގައި ގުޅުން ބަދަހިވަމުން އަންނަކަމުގައެވެ.

އެމަނިކުފާނުގެ ވާހަކަފުޅުގައި، ރާއްޖޭގައި އިންސާނީ ވަޞީލަތް ތަރައްޤީކުރުންފަދަ ތަރައްޤީގެ ރޮނގުން ރާއްޖެއަށް މުހިންމު ދާއިރާތަކުން އެހީތެރިކަން ފޯރުކޮށްދިނުމުގައި އިނގިރޭސިވިލާތުން ވަރަށް ބޮޑު އަހަންމިއްޔަތުކަމެއް ދެއްވާކަން ފާހަގަކުރެއްވިއެވެ. އެގޮތުން ޗެވްނިންގ ސްކޮލަރޝިޕާއި، ކޮމަންވެލްތު ސްކޮލަރޝިޕް ސްކީމް ފަދަ ޕްރޮގްރާމްތަކަކީ، ރާއްޖޭގެ އިޤްތިޞާދުގެ ގާތްގަނޑަކަށް ހުރިހާ ދާއިރާއެއްގައިވެސް، އެ ދާއިރާތަކުގައި އެންމެ ކުރީ ސަފުގައި ޙަރަކާތްތެރިވާ ހުނަރުވެރި، ޤާބިލު މަސައްކަތްތެރި ބަޔަކު ބިނާކުރުމަށް ވަރަށް ބޮޑު އެހީތެރިކަމެއް ފޯރުކޮށްދިން ޕްރޮގްރާމްތަކެއްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ ވާހަކަފުޅުގައި ކަނޑުގެ ދިރުންތައް ހިމާޔަތްކުރުންފަދަ ދާއިރާތަކުގައި ރާއްޖެއާއި އިނގިރޭސިވިލާތަކީ ގިނަ އެއްގޮތް ކަންތައްތަކެއް ޙިއްޞާކުރާ ދެ ޤައުމުކަން ފާހަގަކުރެއްވިއެވެ. އަދި، އިނގިރޭސިވިލާތަކީ ރާއްޖޭގެ މަސްވެރިކަމުގެ އުފެއްދުންތައް އެންމެ ގިނައިން އެކްސްޕޯޓް ކުރާ އެއް ޤައުމުކަންވެސް އެމަނިކުފާނު ފާހަގަ ކުރެއްވި އެވެ. ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ ވާހަކަފުޅު ނިންމަވާލައްވަމުން ވަނީ، ރާއްޖެއިން އެކްސްޕޯޓްކުރާ މަހުގެ ބާވަތްތައް އިނގިރޭސި ވިލާތަށް މާކެޓްކުރުމަށާއި އެފަދަ ބާވަތްތަކުން ނަގާ ބޮޑު ޓެރިފް މަޢާފު ކުރުންފަދަ ކަންކަންކަމަށް ފަހި ގޮތްތަކެއް ހަމަޖެހިގެންދިއުމަށް އެދިވަޑައިގަންނަވާފައެވެ.