بِسْمِ ٱللّٰهِ ٱلرَّحْمٰنِ ٱلرَّحِيمِ
ހުރިހާ ބޭފުޅުންނަށް ވަރަށް ބޮޑަށް މަރުޙަބާ ދަންނަވަން. ދުވަސްކޮޅަކަށްފަހު، ދުވަސްކޮޅެއް ނޫން، ވަރަށްގިނަ ދުވަސްކޮށްފައި، އަޅުގަނޑަށް ތިޔަބޭފުޅުންނާ މިގޮތަށް މި ބައްދަލުކޮށްލެވެނީ. އަޅުގަނޑަށް އެނގޭ، ގިނަ ސުވާލުތަކެއް ތިޔަބޭފުޅުންގެ މިއަދު ހުންނާނެކަން.
ސުވާލުތަކަށް ދިޔުމުގެ ކުރިން ފުރަތަމަ ކަމަކަށް، މިއަދަކީ ވާރލްޑް އޯޝަން ޑޭ ކަމަށްވާތީ، ކަނޑުތަކާއި ފަރުތައް ޙިމާޔަތްކުރާ، ދެމެހެއްޓެނިވި ގޮތެއްގައި މިކަންތައް ބަލަހައްޓާ ފަރާތްތަކަށް އަޅުގަނޑު މަރުޙަބާ ދަންނަވަން.
މީގެއިތުރުން، ދެތިން ކަމެއް ޙިއްޞާކޮށްލާފައި އަޅުގަނޑު ތިޔަބޭފުޅުންނަށް ސުވާލުތަކަށް ފުރުޞަތު އަރުވާނަން.
މީގެ އެއް ހަފްތާ ކުރިން އަޅުގަނޑުމެން މިއައީ "ވިއަވަތި ރާއްޖެ" މި ނަމުގައި ކައުންސިލްތަކުގައި، މެދު ރާއްޖެތެރޭގެ އަތޮޅުތަކުގެ އަދި ރަށު ކައުންސިލްތަކުގެ ރައީސުންނާ އެކީގައި އަދި ޑަބްލިޔޫ.ޑީ.ސީ.ގެ ރައީސުންނާ އެކީގައި ބައްދަލުވުމެއް ބާއްވާފައި. އެއީ ލާމަރުކަޒީ ޤާނޫނަށް އެއް އަހަރު ފުރުމާ އެކީގައި، އެދޭތެރޭގައި ހުރި އިޝޫތަކާ ބެހޭގޮތުން މަޝްވަރާކޮށް، ޙައްލުތަކެއް ގެންނަންޖެހޭ ކަމެއް އޮވެއްޖިއްޔާ އެކަން ދެނެގަތުމަށް.
އަޅުގަނޑު ދަންނަވާނީ ކޮންފަރެންސް ދިޔައީ ވަރަށް ރަނގަޅަށޭ. އޭގައި އަގުހުރި، ބޭނުންތެރި މަޝްވަރާތަކެއް ކުރެވިގެންދިޔަ. އަޅުގަނޑަށް ލިބުނު އެންމެބޮޑު އެއް އުފަލަކީ، އަޅުގަނޑަށް ގަބޫލުކުރެވުނު، ވަކި ރަށެއް ތަފާތުނުކޮށް، ވަކި އަތޮޅެއް ތަފާތުނުކޮށް، ތަރައްޤީގެ މަޝްރޫޢުތަކާއި، ރައްޔިތުންނަށް ބޭނުންވާ ޚިދުމަތްތައް ދިނުމުގައި އަޅުގަނޑުމެންނަށް މަސައްކަތްތަކެއް ކުރެވިފައި ހުރި ކަމަށް. ކައުންސިލަރުންގެ ފަރާތުން އެ ހިތްހަމަޖެހުން އަޅުގަނޑުމެންނާ ޙިއްޞާކުރަމުން ގެންދިޔައީ. ކުރިއަށް އޮތް ތަނުގައިވެސް އެކަން އެގޮތަށް ކުރިއަށް ގެންދާނެ ކަމާއި، އަދި އެބޭފުޅުން އެ ހުށަހެޅުއްވި ކަންތައްތަކުގެ އަލީގައި ގެންނަންޖެހޭ ބަދަލުތައް އަޅުގަނޑުމެން ގެންނާނެ ވާހަކަ މި ފުރުޞަތުގައި ދަންނަވާލަން.
ޓީޗަރުންގެ މުސާރަ ބޮޑުކުރުމަށް، ރިޔާސީ ބަޔާނުގައި އަޅުގަނޑު ވާނީ އިޢުލާނުކޮށްފައި. އޭގެ ދަށުން މޭ މަސް ނިމި، މުސާރަ ދެވިގެން އެދިޔައީ، ޓީޗަރުންގެ މުސާރައަށް ގެނެވުނު ބަދަލާ އެކުގައި. ރަނގަޅު ހެޔޮ ބަދަލެއް ގެނެވުނު ކަމަށް އަޅުގަނޑަށް ގަބޫލުކުރެވޭ. އެހެން ނަމަވެސް، އަދިވެސް މުސާރަ ދިނުމުގައި ބައެއްކަހަލަ އިޝޫތައް ހުރިކަން، ބައެއް ފަރާތްތަކުން އެބަ ހާމަކުރޭ. އަޅުގަނޑުމެން އެކަން ދެނެގަނެ، ގެންނަންޖެހޭ ބަދަލެއް އޮތްތޯ ބަލައި، އެއަށް އެޓެންޑްވާނެ ވާހަކަވެސް ދަންނަވަން.
އަދި ހަމަ އެއާއެކީގައި، ދައުލަތުގެ އެހެން ދާއިރާތަކުގެ މުވައްޒަފުންގެ މުސާރައަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމުގެ މަސައްކަތް، ޕޭ ހާމަނައިޒޭޝަންގެ މަސައްކަތްތައް މިހާރު ކުރިއަށްދާ ވާހަކަ އަޅުގަނޑު ދަންނަވަން. އެއާއެކީގައި އެ މަސައްކަތް ނިމުމުން، އޭގެ ޢަމަލީ ހިސާބަށް އަޅުގަނޑުމެން ދާނަން، އޭގެ ރަނގަޅު ގޮތުގައި.
މީގެއިތުރުން، މިވަގުތު އެންމެ ބޮޑަށް ނޫސްތަކުގައި ދެކެވެމުންދާ އެއް ވާހަކައަކީ، ރާއްޖޭގެ އިޤްތިޞާދާ ބެހޭގޮތުން އަންނަ ހެޑްލައިންތައް.
ފުރަތަމަ ކަމަކަށް އަޅުގަނޑުމެން ގަބޫލުކުރަންޖެހޭ ކަމަކީ، ދުނިޔޭގެ އިޤްތިޞާދަށް މިއަދު ކުރިމަތިވެފައިވާ ދަތި އުނދަގޫގެ އަސަރު ރާއްޖެއަށް ކުރާނެކަން. އެއީ އޮޅުމެއްނެތި އަޅުގަނޑުމެންނަށް އެނގެން އޮތް ކަމެއް. އެހެން ނަމަވެސް، ފަތުރަމުންދާ މަޢުލޫމާތުތަކުގައި، ވާހަކަތަކުގެ ތެރޭގައި، ޙަޤީޤަތާ މާދުރުން އޮޅުންއަރާގޮތަށް ބައެއް ވާހަކަތައް ދެކެވެމުންދާކަން އަޅުގަނޑު ފާހަގަކުރަން. އޭގެ ސަބަބުން ރައްޔިތުން ކަންބޮޑުވުމެއްގެ ތެރެއަށް ގޮސް، ހާސްކަމުގެ ތެރެއަށް އެބަދޭ. މީގެ ބައެއް ވާހަކަތަކަކީ، ބައެއް ބޭފުޅުން ވާހަކަތައް ދައްކަވަމުން ގެންދަވަނީ، ސިޔާސީ ބޭނުމެއްގައިކަން އަޅުގަނޑު ފާހަގަކޮށްލަން. މިއީ ސިޔާސީ ބޭނުމެއްގައި ދައްކަންޖެހޭވަރުގެ ވާހަކައެއް ނޫން. އެއަށްވުރެ ސީރިއަސްކޮށް، އެންމެން އެކީގައި މަސައްކަތްކޮށް، އަޅުގަނޑުމެންގެ ކުރިމަތީގައި މިއޮތް ކަންތަކުން އަރައިގަތުމަށް މަސައްކަތް ކުރަންޖެހޭނެ.
ވޭތުވެދިޔަ ދެ އަހަރު، 2020، 2021 ގައި އަޅުގަނޑުމެން ހުރަސްކުރީ، އިޤްތިޞާދީ ގޮތުން ހަމަ ދަތި އުނދަގޫ ދުވަސްވަރެއް. ކޯވިޑާ ގުޅިގެން މުޅި ދުނިޔެ ހުއްޓުމަކަށް އައި. ދަތުރުފަތުރު ހުއްޓުނު. އޭގެ އަސަރު ރާއްޖެއަށް ވަރަށް ބޮޑަށް ކުރި. މުޅި އިޤްތިޞާދު ހުއްޓުމަކަށް އައި. 2020، 2021 ގައި ރާއްޖޭގެ އިޤްތިޞާދު، ގާތްގަނޑަކަށް މުޅި ޖީ.ޑީ.ޕީ. އިން 70 ބިލިއަން ރުފިޔާވަރު ގެއްލިގެންދިޔަ. މީގެތެރޭގައި، ދައުލަތުގެ ރެވެނިއު، ސަރުކާރުގެ ބަޖެޓަށް ވަންނަންޖެހޭ ފައިސާގެ ތެރެއިން ގާތްގަނޑަކަށް 35 ބިލިއަން ރުފިޔާ ނުވަދެދިޔައީ. އިޤްތިޞާދު މުޅިން ހުއްޓުމާ ގުޅިގެން.
އަޅުގަނޑުމެންނަށް އެ ދަތި ހާލުގައި އިޤްތިޞާދު ހިންގައި، ރައްޔިތުންނަށް ޚިދުމަތްތައްދީ، ޞިއްޙީ ނިޒާމު އެގޮތުގައި ދެމެހެއްޓުމަށްޓަކައި ފައިސާ ބޭނުންވި. ދައުލަތުގެ ރިޒަރވްގައި އެވަރަކަށް ފައިސާއެއް ނެތް. ލޯނު ނަގަން މަޖުބޫރުވި. އަޅުގަނޑުމެން އެކަން ކުރިން. އެއީ އޭރު އިޤްތިޞާދީ އިންސްޓިޓިއުޝަންތަކުން، މާލީ އިދާރާތަކުން ލަފާދެމުންވެސް ދިޔަގޮތް. އިޤްތިޞާދު ހުއްޓުނަނުދީ، ޚިދުމަތްތައްދީ، ކުރިއަށް ގެންދިޔުމަށްޓަކައި އެވަގުތު ނަގަންޖެހޭ ލޯނު ނަގައިގެން ކުރިއަށް ގެންދިޔައީ. އިރާދަކުރެއްވީތީ، ވަރަށް ރަނގަޅަށް އެކަން އަޅުގަނޑުމެންނަށް ކުރެވިގެންދިޔައީ. ނެގި ލޯނުން އިޤްތިޞާދު ތެރެއަށް އަޅުގަނޑުމެންނަށް ފައިސާ ދޫކުރެވުނު. ކުދި ވިޔަފާރިތައް ހިންގުނު. މުސާރަދެވުނު. ޞިއްޙީ ދާއިރާ، ޚާއްޞަކޮށް، ކޯވިޑުގެ ވަބާއިން ސަލާމަތް ކުރުމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތައް އެޅުނު.
ރާއްޖޭގެ އިޤްތިޞާދު މި ދެންނެވި ގޮތުން އެ ދުވަސްވަރު، ޖީ.ޑީ.ޕީ.ގެ ނިސްބަތުން ވަރަށްބޮޑުތަން ދަށަށްދިޔަ. 2020 ވަނަ އަހަރު ނިމުނުއިރުގައި، ޑެބްޓުން ޖީ.ޑީ.ޕީ. 150 ޕަސެންޓަށް ވެއްޓުނު، ލިބުނު އާމްދަނީއާ އަޅައިބަލާއިރު. އެހެން ނަމަވެސް، އެކަމުން އަރައިގަނެ، އިޤްތިޞާދު ހަމަޔަކަށް އެޅުމުގައި ކުރިއަށްދާ މަންޒަރު އަޅުގަނޑުމެންނަށް އެބަ ފެނޭ. މިހާރުގެ ޖީ.ޑީ.ޕީ.ގެ ނިސްބަތުން ހުރީ 113 ޕަސެންޓްގައި. 150 އިން 113 ޕަސެންޓަށް މިހާރު ކުރިއެރުން ލިބިއްޖެ. އަޅުގަނޑުމެންގެ އަމާޒަކީ، ވީހާވެސް އަވަހަކަށް 100 ޕަސެންޓަށްވުރެ ދަށަށް މި ގެނައުން.
އެއާއެކުގައި، ދެން އަޅުގަނޑުމެންނަށް ކުރިމަތިލާން މިޖެހުނީ، ރަޝިޔާ، ޔޫކްރެއިންގެ ހަނގުރާމަ. ވަރަށްބޮޑު އިންޤިލާބެއް، ވަރަށްބޮޑު ބަދަލުތަކެއް އިޤްތިޞާދަށް އަތުވެއްޖެ ދުނިޔެއަށް. ޚާއްޞަކޮށް، ތެލުގެ އަގަށް ބޮޑެތި ބަދަލުތަކެއް އަތުވެއްޖެ. އިތުރު ކޮމޯޑިޓީގެ އަގު މައްޗަށް ހިނގައްޖެ. ހަމައެކަނި ތެލަށް ބެލިކަމުގައިވިޔަސް، އޭރު 2021 ވަނަ އަހަރު 69 ޑޮލަރަށް ހުރި ބެރަލް މިހާރު 120 ޑޮލަރާ ގާތަށް އުފުލިއްޖެ. ގޮދަނުގެ އަގު 100 ޕަސެންޓް އުފުލިއްޖެ. 69 ޑޮލަރުން 120 އަށް އިތުރުވި ވާހަކަ އަޅުގަނޑު މި ދެންނެވީ. އޭގެއިތުރުން، ގޮދަނުގެ އަގު 100 ޕަސެންޓް އުފުލިއްޖެ. ސިމެންތި، -/60 ރުފިޔާ، -/80 ރުފިޔާއަށް ލިބޭ ސިމެންތި ބަސްތާއެއް، -/125 ރުފިޔާއަށް އުފުލިއްޖެ. އަޅުގަނޑުމެން މި އަންނަނީ މި ޙާލަތު ވަރަށްގާތުން މޮނިޓަރކޮށް، އަޅަންޖެހޭ ފިޔަވަޅުތައް އަޅަމުން.
ފުރަތަމަ ކަމަކަށް، ދައުލަތުގެ ރިކަރެންޓް ޚަރަދު، ލިބޭ އެއްޗަކުން ހަމަޖެއްސުން އެއީ އަޅުގަނޑުމެން ކުރާނެ ކަމެއް. މިއަދުވެސް އެގޮތަށް އަމާޒުހިފައި، އެގޮތަށް ކުރިއަށް މިދަނީ.
ޚަރަދު ކުޑަކުރުމުގެ ގޮތުން އެޅިފައިވާ ފިޔަވަޅުތަކުން ބަޖެޓް ކުރެވިފައި އޮތް، މޭ މަހުގެ ނިޔަލަށް 15.1 ބިލިއަން ރުފިޔާ ޚަރަދުވާނެ ކަމަށް. އެހެން ނަމަވެސް، މޭ މަސް ނިމުނުއިރުގައި އަޅުގަނޑުމެން ޚަރަދުކުރީ 14.1 ބިލިއަން ރުފިޔާ. ޚަރަދުތައް ކުޑަކުރެވިއްޖެ. އަދި ބައެއް މަޝްރޫޢުތައް، އާ ބައެއް މަޝްރޫޢުތައް ފެށުންވެސް މިހާރުވާނީ ހުއްޓާލާފައި. އޭގެ ތަފްޞީލުތައް އަޅުގަނޑުމެން ހާމަކުރަމުން ގެންދާނަން. އިތުރު އާ ބޮޑު މަޝްރޫޢެއް، އަލުން ސޮއިކޮށްގެން، އަލުން ލޯނު ނަގައިގެން މިވަގުތަކު ކުރިއަކަށް ގެންދިޔުމުގެ ވިސްނުމެއް އަޅުގަނޑުމެންގެ ނެތް. މިހާރު ހަމަޖެހިފައި ހުރި ލޯނުތަކާ އެކީގައި މަޝްރޫޢުތައް ކުރިއަށްދާނީ.
ފާސްކުރި 2022 ވަނަ އަހަރުގެ ބަޖެޓުގައި ޑެޕްޓް ފައިނޭންސިންގ ގެޕަކީ ގާތްގަނޑަކަށް 9.8 ބިލިއަން ރުފިޔާ، އިތުރަށް ހޯދަންޖެހޭ. އޭގެތެރެއިން 7.9 ބިލިއަން ރުފިޔާ އަޅުގަނޑުމެންނަށް ސެކުއަރ ކުރެވިފައި އެބަހުރި. އިތުރަށް މި ބޭނުންވަނީ 2 ބިލިއަން ރުފިޔާ ހޯދަން. އެ މަސައްކަތް އަޅުގަނޑުމެން ކުރިއަށް އެބަ ގެންދަން. ސުވާލަކީ، އެ ނުލިބިއްޖިއްޔާ ދެން ކިހިނެއްތޯ ހަދާނީ؟ އަޅުގަނޑުމެން ކުރަންޖެހޭނެ ކަމަކީ، ބައެއް މަޝްރޫޢުތައް ހުއްޓާލުން. ޚަރަދުތައް ކުޑަކުރުން. ކޮށްފައި، ލިބޭ އެއްޗަކުން ދެކޮޅުޖެއްސުން. އެކަން އަޅުގަނޑުމެން ކުރާނަން.
ތެލުގެ އަގަށް އައި ބަދަލު މިއީ އެންމެބޮޑު ބަދަލު. އެނގިވަޑައިގަންނަވާނެ، ރައްޔިތުންނަށް ކަރަންޓް ދިނުމާއި، މަސްވެރިންނަށް ހެޔޮ އަގެއްގައި ޑީސަލް ވިއްކުމަށްޓަކައި ސަރުކާރުން ސަބްސިޑީ ދެމުން އައީ. ސަބްސިޑައިޒް ކުރަމުން އައީ. އެގޮތުން، ދައުލަތުގެ ބަޖެޓުގައި މި އަހަރު ޖަހާފައި އޮންނާނީ 341.5 މިލިއަން ރުފިޔާ. އެއީ އޭރު ތެލުގެ އަގު، ދުނިޔޭގެ މާކެޓުގައި ހުރިވަރަށް ބަލާފައި. އެހެން ނަމަވެސް، މިއައި ބަދަލާއެކު، އިތުރަށް 1.6 ބިލިއަން ރުފިޔާ ތެލުގެ ސަބްސިޑީއަށް ދޭންޖެހޭ، މި އަގުގައި މިގޮތަށް ގެންދާ ކަމަށްވަންޏާ. ސަރުކާރުން އެ ބެއަރ ކުރަމުން މިހާތަނަށް މި އަންނަނީ. ތެލުގެ އަގު ބޮޑުނުކުރާ ކަމަށްވަންޏާ، ސަރުކާރުން އެ ޚަރަދު ކުރަންޖެހޭނެ. އެހެން ނަމަވެސް، މިފަދަ ކޮންމެ ދަނޑިވަޅެއްގައި، ރައްޔިތުންނަށް ވީހާވެސް ލުއި ގޮތްތައް ހޯދުމަށްޓަކައި ސަރުކާރުން އަންނަނީ އަޅަންޖެހޭ ފިޔަވަޅުތައް އަޅަމުން. އެހެން ނަމަވެސް، ކުރިއަށް އޮތް ތަނުގައި، ތެލުގެ އަގަށް ބަދަލުތަކެއް އައުމަކީ އެކަށީގެންވާ ކަމެއް.
ދައުލަތުގެ އިޤްތިޞާދު ހުރީ ރަނގަޅު މިޞްރާބުގައި. ކުރިއަށް އެބަދޭ. އަދި މިއައި ބަދަލާ އެކީގައި ޚަރަދުތައް ބޮޑުވެގެންދިޔަ ނަމަވެސް، އެގޮތުން ފުރަތަމަފަހަރަށް 2023 ވަނަ އަހަރު ނިމޭއިރުގައި، ނޮމިނަލް ޖީ.ޑީ.ޕީ. 100 ބިލިއަން ރުފިޔާ ޚަރަދު ކްރޮސް ކުރާނެ. މިއީ ވަރަށްބޮޑު ކުރިއެރުމެއް. އަޅުގަނޑުމެންގެ އަންދާޒާއަކީ، މި އަހަރުގެ ޖީ.ޑީ.ޕީ. ގްރޯތް 13 ޕަސެންޓުގައި ހިފެހެއްޓޭނެ ކަމަށް. މިހާތަނަށް އައިއިރުގައި، އަޅުގަނޑުމެންނަށް އެގޮތަށް ދެމެހެއްޓިފައި އެބަހުރި. ފުރަތަމަ 5 މަސްދުވަހުގެ ތެރޭގައި، އަޅުގަނޑުމެންނަށް ލިބޭނެކަމަށް އޭރު އަންދާޒާކުރީ 8.5 ބިލިއަން ރުފިޔާ. އެހެން ނަމަވެސް، މި 5 މަސް ނިމުނުއިރުގައި، 11.1 ބިލިއަން ރުފިޔާ ދައުލަތުގެ އާމްދަނީއަށް ވަދެފައި އެބަހުރި. އެހެންވީމާ، އިޤްތިޞާދު ކުރިއަރާ މިންވަރު ރަނގަޅު. އެކަމަކުވެސް ވިސްނަންޖެހޭ ކަންތައްތަކެއް އެބަހުރި.
ދެން އެންމެ ބޮޑަށް ދެކެވެމުން އަންނަ ވާހަކައަކީ، ދައުލަތުގެ ދަރަނި ބޮޑުވަމުންދާ ވާހަކަ. 98 ނޫނީވިއްޔާ 99 ބިލިއަން ރުފިޔާ އެކިއުމިލޭޓެޑް ޑެފިސިޓް ޑެބްޓް އެރި ވާހަކަ. މިއީ އެއްދުވަހަކުން ވެފައި އޮތް ކަމެއް ނޫން. މީގެ ކުޑަ ތަފްޞީލަކަށްދާ ކަމަށްވަންޏާ، 2012 އިން ފެށިގެން 2022އާ ހިސާބަށް ދަރަނި ހުރިގޮތަށް ބަލާއިރު، މި ތަފްޞީލު އަޅުގަނޑު ތިޔަބޭފުޅުންނާ ޙިއްޞާވެސް ކޮށްލާނަން މިއަށްފަހުގައި. 2012 ވަނަ އަހަރު ނިމުނުއިރު ހުރީ 17 ބިލިއަނުގައި ދަރަނި. ދެން އައީ ޑޮކްޓަރ ވަޙީދުގެ އެއް އަހަރު ނިމުނުއިރުގައި 23 ބިލިއަނަށް ދަރަނި އަރާފައި. 2013 އިން 2018އާ ދޭތެރޭގައި 62 ބިލިއަނަށް ދަރަނި އަރާފައި. ހަމައެކަނި މިއަށް ބަލާއިރުގައި، 2013 އިން 2018 އަށް އިތުރުވެފައި މިއޮތީ 169 ޕަސެންޓް. ދަރަނި ބޮޑުވެފައި. މިއީ އަޅުގަނޑުގެ ކުރިން އެ ހޭދަކުރި 5 އަހަރުގެ ދަރަނީގެ ވާހަކަ މި ދެންނެވީ.
39 ބިލިއަން ރުފިޔާ، މުޅި ޖުމްލަ ޑައިރެކްޓް ބޮރޮއިންގއާއި، ސޮވެރިންގ ގެރެންޓީގެ ގޮތުގައި މިދިޔަ ސަރުކާރުން ނަގާފައި އެބައޮތް. 39 ބިލިއަން ރުފިޔާ. މި ސަރުކާރުން އަދި މިހާތަނަށް ނެގީ 37 ބިލިއަން ރުފިޔާ. 37.4 ބިލިއަން ރުފިޔާ. އޭގެ ޕަސެންޓޭޖަކީ، 60 ޕަސެންޓްގެ ބޮޑުވުމެއް މި އަންނަނީ. ކުރީގައި 169. އަޅުގަނޑުމެންގެ މިދިޔަ ދުވަސްކޮޅުގެ ތެރޭގައި 60 ޕަސެންޓްގެ ޢަދަދެއް މިއުޅެނީ.
ފާއިތުވި އަހަރުތަކުގެ ތެރޭގައި، ރާއްޖޭގެ ދަރަނި، އަހަރުން އަހަރަށް ބޮޑުވަމުންދިޔަ ނިސްބަތަށް ބަލާއިރުގައި، 2013 އިން 2018 އަށް އަހަރުން އަހަރަށް ދަރަނި ބޮޑުވެފައި ހުރީ 16.72 ޕަސެންޓްގައި. އެއް އަހަރުން އަނެއް އަހަރަށް. 2018 އިން 2022 އަށް މިދޭތެރޭގައި ބޮޑުވެފައި ހުރީ 12.19 ޕަސެންޓްގައި. އެހެންވީމާ، ލިބޭ އާމްދަނީ، ނިސްބަތުން ދަރަނި ބޮޑުވާވަރު އަޅުގަނޑުމެންނަށް މިހިރީ ދަށްކުރެވިފައި. 16 ޕަސެންޓުން 12 ޕަސެންޓަށް.
ކުރިންވެސް ދެންނެވި ފަދައިން، ޖީ.ޑީ.ޕީ.ގެ ނިސްބަތުން 2020 ވަނަ އަހަރު ނިމުނުއިރުގައި، 150 ޕަސެންޓަށް ދަރަނި އަރާފައި ހުރި. މިއަދު 113 ޕަސެންޓަށް ދަށްކުރެވިފައި އޮތްވާހަކަ އަޅުގަނޑު ކުރިންވެސް ދަންނަވައިފިން.
ދެން މިއަދު އުޅޭ އަނެއް ސުވާލަކީ، ދަރަނި ދެއްކުމުގައި ދަތިތަކެއް އެބައުޅޭ. ދަރަނި ނުދެއްކި، ރިޒަރވް ހުސްވެ، ބަނގުރޫޓުވުމަކާ ހިސާބަށް ރާއްޖެ ހިނގައިދާނެ ކަމުގެ ވާހަކަ އެބަ ދެކެވޭ. އަޅުގަނޑު މިއަދު ތިޔަބޭފުޅުންނަށް ޔަޤީންކޮށް މި އަރުވަނީ އިރާދަކުރެއްވިއްޔާ، އެހެން ނުވާނެ ކަމަށް.
އިއްޔެ އަޅުގަނޑުމެން މިވަނީ 2017 ވަނަ އަހަރު، އޭރު ނަގާފައި އޮތް ސަނީސައިޑް ބޮންޑް އެކީގައި ދައްކައި ނިމިފައި. އެއީ 250 މިލިއަން ޑޮލަރުގެ ބޮންޑެއް، 2017 ވަނަ އަހަރު ނަގާފައި އޮތް. އޭގެ އެއްބައި މިދިޔަ އަހަރު ދެއްކުމަށްފަހުގައި، ބާކީއޮތް 58 މިލިއަން ޑޮލަރު އިއްޔެ އަޅުގަނޑުމެން ދައްކައި ނިންމައިފިން.
ދެން އެންމެބޮޑު ޢަދަދެއް އަޅުގަނޑުމެންނަށް ދައްކަން މިޖެހެނީ، 2026 ވަނަ އަހަރު. 600 މިލިއަން ޑޮލަރު އެބައުޅޭ. އެއީ، ކުރިން ނަގާފައި އޮތް، އޭ.ޑީ.އެފް.ޓީ. އިން ނަގާފައި އޮތް 100 މިލިއަން ޑޮލަރަކާއި، 500 މިލިއަން ޑޮލަރުގެ ސުކޫކު.
ސޮވެރިންގ ޑިވެލޮޕްމަންޓް ފަންޑަށް އަޅުގަނޑުމެން ފައިސާ ޖަމާކުރަމުން މިގެންދަނީ. އަދި ކުރިއަށްވުރެވެސް ރަނގަޅަށް އެބަ ޖަމާކުރެވޭ މިހާރު. މިހާރު މިއަދާ ހިސާބަށް އައިއިރު، 4 ބިލިއަން ރުފިޔާ، ސޮވެރިންގ ޑިވެލޮޕްމަންޓް ފަންޑުގައި ހުންނާނެ. އަޅުގަނޑުމެންގެ އަމާޒަކީ، 2026 ވަނަ އަހަރު އަންނައިރުގައި، 600 މިލިއަން ޑޮލަރު ދައްކާފައި، ސޮވެރިންގ ޑިވެލޮޕްމަންޓް ފަންޑަށް ފައިސާ ޖަމާކުރުން. އިރާދަކުރެއްވިއްޔާ އެކަން އަޅުގަނޑުމެން ކުރާނަން.
އެހެންވީމާ، ދަރަނި ދެއްކުމުގައި މިވަގުތަކު ބޮޑު ގޮންޖެހުމެއް އޮތް ކަމަކަށް އަޅުގަނޑުމެންނަކަށް ނުފެނޭ. އޮފިޝަލް ރިޒަރވް، އަޅުގަނޑު ކުރިންވެސް މި ދެންނެވި ފަދައިން، ހުސްވާނެ ކަމުގެ ވާހަކަ ދެއްކިއިރުގައި، 2009 ވަނަ އަހަރުން މިހާތަނަށް އައިއިރުގައި، 2009 ވަނަ އަހަރު ފެށުނުއިރު، 753 މިލިއަން ޑޮލަރު އޮފިޝަލް ރިޒަރވްގައި ހުރި. މިއަދު 807 މިލިއަން ޑޮލަރު އެބަހުރި. އެހެންވީމާ، ރިޒަރވްވެސް އެއްވަރެއްގައި އަޅުގަނޑުމެންނަށް އެބަ އެއަށް މެއިންޓެއިން ކުރެވޭ.
ދެން ޔޫޒަބަލް ރިޒަރވަކީ މިހާރަކު ޢާންމުކުރާ އެއްޗެއް ނޫން. އެމް.އެމް.އޭ.ގެ ނިންމުމެއް އެއީ. އެބޭފުޅުން ބޭނުންކަމަށްވަންޏާ، އެ ކުރެވޭނެ. މިހާތަނަށް ޔޫޒަބަލް ރިޒަރވް ޢާންމުކޮށްފައި ހުރި ހިސާބަކީ 2013 އިން 2018އާ ހިސާބަށް އެބަހުރި. 2018 ނިމުނުއިރުގައި ހުރީ 281.4 މިލިއަން ޑޮލަރު، ޔޫޒަބަލް ރިޒަރވްގައި.
ބައެއްފަހަރު އެ ޢަދަދު އެއަށްވުރެ ދަށްވެފައި ހުރީ. އެގޮތުން، 2017 ވަނަ އަހަރު 50 މިލިއަން ޑޮލަރަށްވުރެ ދަށަށް ޔޫޒަބަލް ރިޒަރވް ގޮސްފައި ހުރިތަން ފެނޭ. މިއީވެސް ހާމަކޮށްފައި ހުރި އެއްޗެތި. އެއީ ޖީ.އެމް.އާރަށް ސަރުކާރުން އޭރު ދެއްކި 250 މިލިއަން ޑޮލަރު ދައްކަންވެގެން ރިޒަރވުން ފައިސާ ނެގުމާ ގުޅިގެން.
އެހެން ނަމަވެސް، މިއަދު އަޅުގަނޑު ޔަޤީންކޮށް ތިޔަބޭފުޅުންނަށް މި އަރުވަނީ، ކާޑުގެ ބާވަތްތަކާއި، ތެލާއި، ބޭސް، ދަތިނުވެ ރާއްޖެއަށް މަހުން މަހަށް ގަނެވޭވަރަށް ފައިސާ ހުންނާނެ ކަމަށް. އެއީ ޖޫން މަސް ކަމަށްވިޔަސް، ޖުލައި މަސް ކަމަށްވިޔަސް، އޮގަސްޓު، ސެޕްޓެންބަރު، އޮކްޓޫބަރު، ނޮވެންބަރު، ޑިސެންބަރު ކަމަށްވިޔަސް، އެ ފައިސާ ހުންނާނެ. އަދި މިހާތަނަށް ޔޫޒަބަލް ރިޒަރވް ހަމަ އެންމެ ގިނައިން ހުރި އެއް އަހަރަށް މި އަހަރު ވާނެ، ނިމޭއިރު.
ދައުލަތަށް ބޭނުންވާ މި ދެންނެވި އަސާސީ ތަކެތި ގަތުމަށްޓަކައި އެސް.ޓީ.އޯ. އިން އަޅުގަނޑުމެން މި ގެންނަނީ. އެސް.ޓީ.އޯ. އަށް ދަތިނުވެ، އެ އިމްޕޯޓް ކުރުމަށްޓަކައި އެސް.ޓީ.އޯ.އަށް ބޭނުންވާ ފައިނޭންޝަލް ފެސިލިޓީ، އޭގެއިތުރުން އަޅުގަނޑުމެން މިވަނީ ހޯދާފައި. އައި.ޓީ.އެފް.ސީ.އިން 175 މިލިއަން ޑޮލަރުގެ ފެސިލިޓީއެއް އަޅުގަނޑުމެން ވާނީ މިހާރު ހޯދާފައި. އެހެންވީމާ، ދަތިނުވެ ތެލާއި، ކާޑާއި، ބޭހުގެ ބާވަތްތައް އެސް.ޓީ.އޯ. އިން އިތުރުކުރަމުންދާނެ ކަމުގެ ޔަޤީންކަން އަރުވަން.
މީގެއިތުރުން އަދި އަޅުގަނޑު ހިތުން މިއާ ބެހޭގޮތުން ތިޔަބޭފުޅުން ސުވާލު ކުރައްވާނެ. އޭރުން އަޅުގަނޑު ޖަވާބުވެސް ވީވަރަކުން ދެވޭތޯ ބަލާނަން.
ރިޔާސީ ބަޔާނުގައި އަޅުގަނޑު އިޢުލާނު ކުރިން، މާލެ ސަރަޙައްދުން 5000 ގޯތި ދޫކުރާނެ ވާހަކަ. އެއީ ހުޅުމާލެއާއި، ގުޅީފަޅާއި، ގިރާވަރުން. މި މަސް ނިމުމުގެ ކުރިން، މި ޖޫން މަސް ނިމުމުގެ ކުރިން، ފުރަތަމަ 3000 ގޯތި ދޫކުރުމަށް އަޅުގަނޑުމެން އިޢުލާނު ކުރާނަން. އޭގެ އެންމެފަހުގެ މަސައްކަތްތައް މިހާރު ނިމި، އިޢުލާނުކުރާ ހިސާބުގައި އޮތީ. ލަސްތަކެއްނުވެ އިޢުލާނު ކުރެވި، މާލޭގެ ރަށްވެހިންނަށް ބޯހިޔާވަހިކަމާއި، ގެދޮރުވެރިކަމާއި، ބިންވެރިކަން ހޯދައިދިނުމުގެ ގޮތުން ހިނގާ މަޝްރޫޢު ޢަމަލީގޮތުން ފެށިގެންދާނެ.
މިއީ ފެށުމުގެ ގޮތުން އަޅުގަނޑު ތިޔަބޭފުޅުންނަށް ދަންނަވާލަން ބޭނުންވާ ވާހަކައަކީ. އެއާއެކީގައި އަޅުގަނޑު ހަމަ ދަންނަވާނަން. ދުނިޔޭގެ ބާޒާރަށް މި އަންނަ، އިޤްތިޞާދަށް މި އަންނަ ބަދަލުތަކާ އެކީގައި އަޅުގަނޑުމެންނަށް ޗެލެންޖްސްތަކެއް އެބަހުރި. އަޅުގަނޑުމެން ޖެހޭނީ އެއަށް ފޭސްކުރަން. ކޮށްގެން އަޅަންޖެހޭ ފިޔަވަޅުތައް އަޅަންޖެހޭނީ. ޚަރަދު ކުޑަކުރަންޖެހޭ ދަނޑިވަޅުގައި ޚަރަދުކުޑަކުރަންޖެހޭނީ. މަސައްކަތްތައް ހުއްޓާލަންޖެހޭ ގަޑީގައި، އެ މަސައްކަތް ހުއްޓާލަންޖެހޭނީ. އެއާ އެކީގައި އަޅުގަނޑުމެން ކުރިއަށްދާނީ. އިރާދަކުރެއްވިއްޔާ، ރާއްޖޭގެ އިޤްތިޞާދު ދާނީ ކުރިއަށް. ރައްޔިތުންނަށް ބޭނުންވާ ޚިދުމަތްތައް، ދައްޗެއްނުވެ އަޅުގަނޑުމެން ފޯރުކޮށްދެމުން ގެންދާނަން.
ހުރިހާ ބޭފުޅުންނަށް އަދިވެސް އެއްފަހަރު ވަރަށް ބޮޑަށް މަރުޙަބާ ދަންނަވަމުން، އަޅުގަނޑު ފްލޯރ ހުޅުވާލާނަން.
ޢަބްދުﷲ ޖަމީލް އަޙްމަދު - ހުރިހާ ނިއުސް:
ޝުކުރިއްޔާ އަޅުގަނޑަށް މި ފުރުޞަތު ދެއްވީތީ. އަޅުގަނޑު ފުރަތަމަ ސުވާލެއްގެ ގޮތުގައި އަހާލަން ބޭނުންވޭ، ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ އާ ޓަރމިނަލްގެ މަސައްކަތް މެދުކެނޑިފައިވާ ކަމަށް އަޅުގަނޑުމެންނަށް އެކިފަހަރުމަތިން އަޑުއިވިފައިވޭ. ދެން ދާދިފަހުން މަނިކުފާނު ވަނީ އެ ޓަރމިނަލް ބައްލަވައިލެއްވުމަށް އެ ސަރަޙައްދަށް ވަޑައިގަންނަވާފައި. ދެން އަޅުގަނޑަށް ފެންނަ މަންޒަރުތަކުން އެތަނުގައި އެއްވެސް މަސައްކަތެއް ކުރިއަށްދާތަނެއް ނުފެނޭ. ދެން އަޅުގަނޑަށް ދާދިފަހުން އަޑުއިވުނު، މަނިކުފާނުގެ ޚާއްޞަ ސިޓީފުޅެއް ހިއްޕަވައިގެން ފޮރިން މިނިސްޓަރ ޢަބްދުﷲ ޝާހިދު ވަޑައިގެންނެވި ވާހަކަ. އަދި އޭގެކުރިން ފިނޭންސް މިނިސްޓަރާއި، އެމް.ސީ.އެލް.ގެ އެމް.ޑީ.އާ ދެބޭފުޅުންވެސް ސަޢޫދީ ޢަރަބިއްޔާއަށް ވަޑައިގެން، އެކަމާ ބެހޭގޮތުން މަޝްވަރާ ކުރެއްވި ވާހަކަ އަޑުއިވިފައިވޭ.
އަޅުގަނޑުގެ ސުވާލަކީ، އާ ޓަރމިނަލްގެ މަސައްކަތް ހުއްޓިފައިތޯ އޮތީ؟ ނޫނީވިއްޔާ އެ މަސައްކަތަށް ބޭނުންވާ ފައިސާ ހޯދުމުގެ މަސައްކަތް ކުރިއަށް ގޮސްފައި އޮތް ހިސާބެއް ވިދާޅުވެދެއްވަފާނަންތޯ؟
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް:
އާދެ، އެއަރޕޯޓުގެ މަޝްރޫޢަކީ އަޅުގަނޑުމެން ވެރިކަމާ ޙަވާލުވިއިރު ފެށިފައި އޮތް މަޝްރޫޢެއް. އޭގެތެރެއިން އިތުރު ރަންވޭއެއް އެޅުމާއި، ޓަރމިނަލް ބޮޑުކުރުމާއި، ސީޕްލޭން ޓަރމިނަލް ބޮޑުކުރުން ހިމެނޭ. އޭގެތެރެއިން އަޅުގަނޑުމެންނާ ހިސާބަށް އައިއިރުގައި، ކުރިއަށް ގޮސް ނިމުމަކާ ހިސާބަށް ގޮސްފައި އޮތީ ރަންވޭގެ މަސައްކަތް. ޓަރމިނަލްގެ އޮތް ޑްރާފްޓެއް، ކުރެހުމަކާއި އެއްޗެތި. އެހެންނަމަވެސް، އެއީކީއެއް އެންމެ ރަނގަޅު، ރާއްޖެއަށް ފެތޭގޮތަށް، ރާއްޖެ ސިފަވާގޮތަށް އޮތް ކުރެހުމަކަށް ނުވާތީ، އެ ކުރެހުން އަޅުގަނޑުމެން ފުރަތަމަ ބަދަލުކުރީ. މިހާރު ތިޔަބޭފުޅުންނަށް ފެނިވަޑައިގަންނަވާނެ، އެ ކުރެހުމަށް ގެނައި ބަދަލުތައް. މިހާރު ޢާންމުވެފައި ވާނީ.
އެގްރީމަންޓެއް އޮތް ސޮއިކުރެވިފައި، 357 މިލިއަން ޑޮލަރުގެ އޭރު. އެކަމަކު އެ ޢަދަދަކީ ޓަރމިނަލް އަޅަން ބޭނުންވާ ޢަދަދަށްވުރެ މަދު ޢަދަދަކަށްވާތީ، އަލުން ވާހަކަ ދައްކައިގެން، ސަޢޫދީ ފަންޑުން އިތުރު 104 މިލިއަން ޑޮލަރުގެ ފެސިލިޓީއެއްގައި އަޅުގަނޑުމެން ސޮއިކުރީ. ސަޢޫދީ ބިން ލާދިން ގްރޫޕާ އޮތީ، ޓަރިމިނަލް އެޅުމުގެ ޕްރޮޖެކްޓް ޙަވާލުކުރެވިފައި. ޓަރމިނަލްގެ މަސައްކަތް ކުރިއަށް ގޮސް، އެހެން ނަމަވެސް، އެސް.ޕީ.ޖީ. އާއި، ދެން ދީފައި އޮތް ސަބް ކޮންޓްރެކްޓް ކޮށްފައި އޮތް ޗައިނާ ކުންފުންޏާ ދޭތެރޭގައި އޭރު ޚިޔާލުތަފާތުވުންތަކެއް މަސައްކަތުގައި ޖެހި، ހުއްޓުމަކަށް އައި. އެހެންނަމަވެސް، މިހާރު ވަނީ އެ މައްސަލަތައް ޙައްލުކުރެވި، ޢަމަލީ މަސައްކަތް ފެށުމުގައި. މާދަމާ ނޫނީ އަނެއްދުވަހުވެސް ފެށިދާނެ. ފައިސާ ލިބުމުގެ ކަންތައް ދައްޗެއްނެތި ކުރިއަށްދާނެ. އަދި މަސައްކަތްވެސް ޢަމަލީގޮތުން ފެށި، ބާރަށް ކުރިއަށްދާނެ.
އަންނަ އަހަރުގެ ފަހުކޮޅު ނިމޭނެ ކަމަށް މި ބެލެނީ ޓަރމިނަލް. ރަންވޭ މިހާރު އެއޮތީ ބޭނުންކުރެވޭ ހިސާބުގައި. ސީޕްލޭން ޓަރމިނަލް އިރާދަކުރެއްވިއްޔާ ޖުލައި މަހު ހުޅުވޭނެ. އެހެންވީމާ، ބަދަލުތަކެއް އެއަރޕޯޓަށް އަންނާނެ. ޚިދުމަތްތައް ވަރަށް ބޮޑަށް ފަސޭހަވެގެންދާނެ. އިތުރު ޓުއަރިސްޓުންނަށް ރާއްޖެއަށް އައުމަށް ޖާގަ ލިބިގެންދާނެ.
އަޅުގަނޑު ގަބޫލުކުރާގޮތުގައި، އެއަރޕޯޓް އެޅުމަށް، އޭގެ ކުރީގެ ސަރުކާރުން ކޮށްފައި އޮތް، ޖީ.އެމް.އާރާއެކީ ކޮށްފައި އޮތް އެގްރީމަންޓަކީ، ތަރައްޤީގެ މަޝްރޫޢަކީ ވަރަށް ބޭނުންތެރި މަޝްރޫޢެއް. އެކަން ހުއްޓާލި ހުއްޓާލުމުގެ ސަބަބުން ރާއްޖޭގެ އިޤްތިޞާދަށް ނޭދެވޭ ބޮޑު އަސަރުތަކެއް ކޮށްފި. 2015 ވަނަ އަހަރު އެހެން ނޫންނަމަ އެތާ އޮންނާނީ، އަހަރަކު 7 މިލިއަން ޓޫރިސްޓުންނަށް އާދެވޭވަރުގެ އެއަރޕޯޓެއް ތަރައްޤީ ކުރެވި، އަންނަން ފަށާފައި. މިއަދު ރާއްޖެއަށް އެހެންނަމަ، 3 މިލިއަން ޓޫރިސްޓުން އަހަރަކު އަންނާނެ. މާނައަކީ ދައުލަތަށް ލިބޭ އާމްދަނީ 35 ބިލިއަނާ ގާތަށް އިތުރުވެގެންދިޔައީސް. މިއީ ރާއްޖޭގެ އިޤްތިޞާދަށް ލިބުނު ވަރަށްބޮޑު ގެއްލުމެއް. މިއަދު އަޅުގަނޑުމެން މިކަން ފާހަގަކުރަންޖެހޭ. އެހެން ނަމަވެސް، ދެން އޮތީ މިހާރު ފަށާފައި އޮތް މަޝްރޫޢު ނިންމައި، އަވަހަށް އެކަމައިގެން ކުރިއަށްދިޔުން ކަމަށްވާތީ، އަޅުގަނޑުމެން މަސައްކަތް ފަށައިގެން މިގެންދަނީ. އިރާދަކުރެއްވިއްޔާ، މިހާރު އޮތް އާ ޕްލޭނާ އެކީގައި، އަޅުގަނޑުމެން ކުރިއަށް ގެންދާނަން.
ޢަބްދުﷲ މުޢާޒް - ޕީ.އެސް.އެމް:
ޝުކުރިއްޔާ ރައީސް. ރައީސް ވަރަށް ބޮޑަށް ތަފްޞީލުކޮށްދެއްވައިފި، ހަމަ އިޤްތިޞާދީ ގޮތުން އޮތް ގޮންޖެހުންތަކުގެ ވާހަކަ. އަދި ދުނިޔެއަށް އިޤްތިޞާދީ ގޮތުން އަންނަމުންދާ އެކިއެކި ބަދަލުތަކުގެ ވާހަކަވެސް. އަދި އެކަމުން އަރައިގަތުމަށް ނުވަތަ ރައީސް ގެންގުޅުއްވާ ބައެއް ވިސްނުންފުޅުތައްވެސް ޙިއްޞާ ކުރައްވައިފި. ދެން ހަމަ އަޅުގަނޑުމެންގެ ތެރޭގައިވެސް އެންމެ ބޮޑަށް މި ދެކެވެނީ ހަމަ އިޤްތިޞާދީ ގޮތުން އޮތް ގޮންޖެހުންތަކުގެ ވާހަކަ. އަދި އިންފްލޭޝަނަށް އަންނަމުންދާ ބަދަލުތައް ނުވަތަ ތަކެތީގެ އަގުބޮޑުވުމުގެ ވާހަކަ ވަރަށް ބޮޑަށް ދެކެވެމުންދޭ.
އަޅުގަނޑުގެ ސުވާލަކީ، ރާއްޖޭގެ މި ދަރަނި ގާތްގަނޑަކަށް 100 ބިލިއަނާ ގާތްކޮށްފައިވާ ކަމުގެ ވާހަކަތަކެއް، ނުވަތަ އެ ތަފާސްހިސާބުތަކުން ދައްކަމުންދާއިރުގައި، ކިހިނެއްތޯއޭ ރައީސް އެ ދަރަނިތައް މެނޭޖް ކުރައްވާނީ. އަދި އިންފްލޭޝަނާއި ތަކެތީގެ އަގުބޮޑުވެގެންދާދިޔުން، އެކަމުން އަރައިގަތުމަށް ގެންގުޅުއްވާ ސިޔާސަތަކީ ކޮބައިތޯއޭ؟ އެކަމުން ކިހިނެއްތޯއޭ ނުކުންނާނީ؟
ދެން އަޅުގަނޑުގެ ދެވަނަ ސުވާލަކީ، ރައީސްގެ ވަރަށްބޮޑު ތަޞައްވުރެއް، ދަތުރުފަތުރުގެ ނިޒާމަކުން ރާއްޖެ ގުޅުވައިލުން. ޤައުމީ ފެރީ ނިޒާމް ނެޓްވަރކެއް މިވަނީ ޤާއިމުކޮށްފައި. އަދި ހދ. އަތޮޅުގައި މިހާރު އެންމެ ފުރަތަމަ މިވަނީ އެކަން ފަށްޓަވާފައި. އަޅުގަނޑުގެ ސުވާލަކީ، ހަމަގައިމުވެސް މި ދަތުރުފަތުރުގެ ނިޒާމުގެ ތެރެއިން މިހާތަނަށް ވަރަށްގިނަ ބަޔަކު ބޭނުންކުރާ ކަމަށް އެބަހުރި ތަފާސްހިސާބުތަކުންވެސް ދައްކާފައި. އެހެންކަމުން ކޮބައިތޯއޭ، މި ދަތުރުފަތުރުގެ ނިޒާމު، ނުވަތަ މި ފެރީ ނިޒާމު އިތުރަށް ފުޅާކުރުމަށްޓަކައި ރައީސް ގެންގުޅުއްވާ ތަޞައްވުރަކީ. އަދި މި ޚިދުމަތުގެ ސަބަބުން އަދި މި ނިޒާމުގެ ސަބަބުން އިޤްތިޞާދީ ގޮތުންނާއި، އިޖުތިމާޢީ ގޮތުން ކޮންކަހަލަ ފައިދާތަކެއް، ކުރިއެރުންތަކެއް ލިބިގެންދާނެ ކަމަށް ގަބޫލުފުޅު ކުރައްވަންތޯ؟
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް:
އާދެ، މިހާރު ޓެސްޓް ރަން، ހދ. އަތޮޅުގައި ކުރިއަށް ގޮސް އެ ނިމުނީ. ކުރިއަށް އޮތް ހަފްތާގެ ތެރޭގައި އަޅުގަނޑުމެންގެ އަމާޒަކީ، ޓިކެޓް ވިއްކައިގެން، އެ މަސައްކަތް ފެށުން. ދެން އަޅުގަނޑުމެންނަށް ލިބިފައި ހުރި، ވޭތުވެދިޔަ އެއްމަސް ދުވަހުގެ ތެރޭގައި ދަތުރުތައް ކުރެވިފައި ހުރިގޮތަށް ބަލާއިރުގައި، ވަރަށްބޮޑު ޑިމާންޑެއް އެބައޮތް. އޭގެ ސަބަބުން އެއްރަށުން އަނެއް ރަށަށް މީހުން ދަތުރުކޮށް، ޚާއްޞަކޮށް، ޞިއްޙީ ޚިދުމަތް ހޯދުމަށްޓަކައި ކުޅުދުއްފުށްޓަށް ކުރާ ދަތުރުތައް އިތުރުވެގެން ގޮސްފައި އެބަހުރި. އޭގެ ސަބަބުން ބޭސްފަރުވާއަށް ރައްޔިތުން ކުރަންޖެހޭ ޚަރަދުތަކަށް ލުޔެއް ލިބިގެންދާނެ. އެއީ ޔަޤީންކަމެއް. އެ ޚިދުމަތްތައް ކައިރިން ލިބެން ފެށީމަ. އަޅުގަނޑުމެން ހޮސްޕިޓަލްތައް، އެކި ހިސާބުގައި މި ތަރައްޤީކުރާ އެއް ސަބަބަކީވެސް އެއީ. ކައިރި ރަށްރަށުގައި ދިރިއުޅޭ މީހުންނަށް ޞިއްޙީ ޚިދުމަތް ފޯރުކޮށްދިނުން. މި ދަތުރުފަތުރުގެ ނިޒާމާ އެކީގައި އަޅުގަނޑު ހިތުން މިކަން ހަމަޖެހިގެންދާނެ. ލުއިތަކެއް ލިބިގެންދާނެ. ފަސޭހަތަކެއް ލިބިގެންދާނެ.
އަޅުގަނޑުމެންގެ ޕްލޭނަކަށް އޮތީ ހއ. ހދ. ށ. ގައި މި އަހަރު ޖުލައި މަހާ ހިސާބަށް، އަޅުގަނޑުމެން މިކިޔާ ބޮޑުތިލަދުންމަތީގައި އެކީގައި މަސައްކަތް ފުރަތަމަ ފެށުން. ޖުލައިގެ ނިޔަލަށް އިރާދަކުރެއްވިއްޔާ، މި ޒޯން އެކީގައި ޢަމަލީގޮތުން ގުޅައިލެވި، ދަތުރުތައް ފެށޭނެ. ދެވަނަ ޒޯނެއްގެ މަސައްކަތްވެސް އަޅުގަނޑުމެންގެ މި އަހަރު އެބައޮތް. ނިންމާފައި، އެކަމަކު އިޤްތިޞާދަށް މި އަންނަ ބަދަލާ އެކީގައި އަޅުގަނޑުމެން އަދި ކުރިއަށް މިއޮތް ދެ މަސް، ތިންމަސް ބެލުމަށްފަހުގައި ނޫނީވިއްޔާ އެއަށް ޢަމަލީ މަސައްކަތް އަޅުގަނޑުމެން ކުރިއަކަށް ނުގެންދާނަން. އެއީ މިވަގުތު ކުރަންޖެހޭ ކަމަކަށްވާތީ، އަޅުގަނޑު ބަލައިލާފައި އެކަން ކުރިއަށް ގެންދާނީ. ދެވަނައަށް އޮތީ ނ. ރ. ބ. ޅ. ދެން ގއ. ގދ. ޒޯން 6 ގައި ޏ. ސ. އަޅުގަނޑުމެންގެ އަމާޒަކީ، 2023 ނިމުމުގެ ކުރިން މިކަން ކުރުން. އެހެން ނަމަވެސް، ލިބޭ އާމްދަނީއާއި އިޤްތިޞާދަށް މި އަންނަ ބަދަލަށް އަޅުގަނޑުމެން ބަލަންޖެހޭނެ. އެއާއެކީގައި މަޑުކޮށްލަންޖެހޭ ކަންތައްތައް މަޑުކުރަންޖެހޭނެ. އެގޮތުން، ތަންކޮޅެއް ލަސްވާނެ މިކަން ކުރިއަށްދާލެއް ދެން އޮތް ބައި.
އިންފްލޭޝަން، ތިޔަ ވިދާޅުވާހެން ތަކެތީގެ އަގު މައްޗަށްދާނެ އިނގޭތޯ. ހިފަހައްޓާ ކަމަށްވަންޏާ ދައުލަތުން ޖެހޭނެ، ސަރުކާރުން ޖެހޭނެ ސަބްސިޑައިޒް ކުރަން. އެއީކީއެއް އެކީގައި އަޅުގަނޑުމެންނަށް މުޅިން ކުރެވޭނެ ކަމެއް ކަމަކަށް އަޅުގަނޑު ނުދެކެން. އެއީ ދުނިޔޭގެ ބާޒާރުގައި މި އަންނަ ބަދަލުގެ އަސަރު ރާއްޖެއަށް ކުރާނެ އިނގޭތޯ. އެހެންވީމާ، ޚަރަދުތައް ކުޑަކޮށް، ވިސްނުންތެރިކަމާއެކީ އަޅުގަނޑުމެން އެންމެން އެކީގައި މިވަގުތު ކުރިއަށްދާންވާނީ.
އެހެންވީމާ، އަދި މިހާހިސާބަށް އައިއިރުގައި، މިދިޔަ މަސް ނިމުނުއިރުގައި، އެއް ޕަސެންޓަށްވުރެ މައްޗަކަށް އިންފްލޭޝަނެއް ނުދޭ. އެމް.އެމް.އޭ. އިން އެބައޮތް އަންދާޒާއެއްކޮށްފައި. ގާތްގަނޑަކަށް ދޭއް ދޭއް ޕޮއިންޓް ފަހަކަށް އިންފްލޭޝަން އަރާފާނެ ކަމަށް. އެކަމަކު އެވެސް ބަދަލުވެދާނެ އިނގޭތޯ. އެއްދުވަހުން އަނެއް ދުވަހަށް މި އަންނަ ބަދަލުތަކާއެކުގައި. ރަނގަޅު ބަދަލެއްވެސް އަތުވެދާނެ. މިސާލަކަށް، ޔޫކްރެއިން، ރަޝިޔާ ހަނގުރާމައަށް އަންނަ ބަދަލަކުން، އެތަނުން ތެޔޮ އެކްސްޕޯޓް ކުރެވޭ ކަމަށްވަންޏާ، ގޮދަނާއި އެއްޗެތި ބޭރުކުރެވޭ ކަމަށްވަންޏާ، ހަމަ ޔަޤީނުންވެސް އަންނާނީ ރަނގަޅު ބަދަލެއް. އެހެން ނަމަވެސް، އަދިއެއް އެ މަންޒަރެއް ނުފެނޭ. އެހެންވީމާ، ހުންނާނެތާ ޚަރަދުތަކެއް.
ދަރަނި، އަޅުގަނޑު މި ދެންނެވި ފަދައިން، އަޅުގަނޑުމެންނަށް އެންމެބޮޑު ގޮންޖެހުމެއް އަންނާނީ 2026އާ ހިސާބަށް. އެހާ ހިސާބަށް އަންނަންދެން ދަތިނުވެ އަޅުގަނޑުމެންނަށް ދެއްކޭނެ. އިއްޔެ މި ދެއްކި ޢަދަދުވަރުގެ ޢަދަދެއް، ދެން ކުރިއަށް މިއޮތް ތިން އަހަރު ތެރެއަކު ދައްކާކަށް ނުޖެހޭނެ.
ދެން އެނގިވަޑައިގަންނަވާނެ، މި 2020 ގައި އަޅުގަނޑުމެން ވިއްކި ސުކޫކުން، އޭރު ކުރިން ނަގާފައި އޮތް، 2017 ވަނަ އަހަރު ނަގާފައި އޮތް ޔޫރޯ ބޮންޑުގެ އެއްބައި ދެއްކިން. އަޅުގަނޑު ހިތުން އެއީ ކުރެވުނު ހަމަ ވަރަށް ރަނގަޅު ކަމެއް. މި ގަޑީގައި މާކެޓަށް ގޮސް ފައިސާ ހޯދަން އުޅުނުނަމަ، ދަތިތަކެއް ކުރިމަތިވީސް. އޭރު އެބައި ދެއްކިފައި އޮތީމަ އަޅުގަނޑުމެންނަށް މީގެ ފަސޭހަ މިއަދު މި އޭގެ އަނެއްބައި ދައްކާފައި ކުރިއަށް މިދެވެނީ. އެހެންވީމާ، އިކޮނޮމިސްޓުންގެ ލަފަޔާއެކީގައި، ގެންނަންޖެހޭ ބަދަލުތައް ގެނެސް، އަޅުގަނޑުމެން ކަންތައް ކުރަމުން މިގެންދަނީ. އެހެންވީމާ، ރަނގަޅު މިޞްރާބަށް އެދަނީ. އެހެންވީމާ، ދަތިނުވެ އިރާދަކުރެއްވިއްޔާ ދަރަނިވެސް ދެއްކެމުންދާނެ.
މުޙައްމަދު ނަސީމް - ޢަދަދު ނިއުސް:
ޝުކުރިއްޔާ ރައީސް. ހޯދެންޖެހެނީ ދެ ބިލިއަން ރުފިޔާއޭ. އެ މަސައްކަތް ކުރިއަށް އެބަދޭ ދޮގެއްތޯ. މިހާރު ކޮންކޮން ފަރާތަކުންތޯ، ދެން އެ ދެ ބިލިއަން ރުފިޔާ ނުލިބިއްޖެ ޙާލަތެއްގައި ޚަރަދުތައް ކުޑަކުރަން އަޅާނެ ފިޔަވަޅުތަކުގެ ތަފްޞީލެއް ދެއްވިދާނެތޯ؟ މިސާލަކަށް، ރިކަރެންޓް ޚަރަދުގެ ގޮތުން ކޮންކޮން ކަންތައްތަކެއްތޯ ކުޑަކުރާނީ؟ ދެން މަޝްރޫޢުތައް ހުއްޓާލާނަމަ، ހުއްޓާލާނީ ކިހާ ހިސާބަކުންތޯ؟ މިހާރު ދުނިޔޭގެ ވަރަށްގިނަ މާލީ އިދާރާތަކުންވެސް އަބަދުވެސް މި މަޝްރޫޢުތައް މަޑުޖައްސާލަން ލަފާދެމުންދާއިރުގައި، އެ ފިޔަވަޅު އަޅުއްވާނީ، މިހާރު ހިނގަމުންދާ މަޝްރޫޢުތަކުގެ ތެރެއިން އެއްވެސް ކަމެއް ހުއްޓާލެއްވުމުގެ ވިސްނުމެއް އެބައޮތްތޯ؟
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް:
ހިނގަމުންދާ ގާތްގަނޑަކަށް ހުރިހާ މަޝްރޫޢެއް އިނގޭތޯ. އެއީ ފައިސާ ހަމަޖެހިފައި ހުރި މަޝްރޫޢު. އެހެންވީމާ، އެ މަޝްރޫޢުތައް ހިންގުމަށް ދަތިތަކެއް ނޯންނާނެ. އެއަށް އިތުރަށް ހޯދަންޖެހޭނެ ފައިސާއެއް ނޯންނާނެ. އެއީ ބްރިޖް ކަމަށްވިޔަސް، ގުޅީފަޅު ހިއްކުން ކަމަށްވިޔަސް، އަދި ފެނާއި ނަރުދަމާގެ ނިޒާމުތައް ކަމަށްވިޔަސް، އެއަށް އެހުރީ ފައިސާ ހަމަޖެހިފައި. އެހެންވީމާ، ދަތިނުވެ އެ ޕްރޮޖެކްޓްތައް ހިންގޭނެ. އަޅުގަނޑު ގަބޫލުކުރާ ގޮތުގައި، އަޅުގަނޑަށް ވިސްނޭގޮތުގައި، މިކަހަލަ ދަނޑިވަޅެއްގައި، އިޤްތިޞާދީ ހަރަކާތްތަކެއް އިތުރުވުންވެސް އެއީ ރަނގަޅު ކަމެއް. އެއް އަތުން އަނެއް އަތަށް ފައިސާއަރާ، އެ މޫވްމަންޓް އިޤްތިޞާދުގެ ތެރޭގައި ހިނގާ ކަމަށްވަންޏާ، އެއިން ލިބޭނެ ފައިދާތަކެއްވެސް ހުންނާނެ. އެހެންވީމާ، މިހާރު ހިނގަމުންދާ އެއްވެސް ޕްރޮޖެކްޓެއް ހުއްޓާލުމުގެ ވިސްނުމެއް އަޅުގަނޑުމެން އަދިއެއް ނުގެންގުޅެން. އެހެން ނަމަވެސް، އިޤްތިޞާދަށް އަންނަ ބަދަލާ އެކީގައި، ކުރަންޖެހޭ ކަމެއް އަޅުގަނޑުމެން ކުރާނަން. އެކަމަކު މިދެންނެވިހެން އަލަށް އިތުރު ޕްރޮޖެކްޓެއް ފަށާކަށް، އަޅުގަނޑުމެން އިތުރަށް ލޯނު ނަގައިގެން ފަށާކަށް ނެތް، މިހާރު އެއްބަސްވެވިފައި، އެމް.އޯ.ޔޫ.ގެ އެއްޗެއްގައި ސޮއިކޮށްފައި ހުރި އެއްޗެއް ނޫނިއްޔަކާ.
ދެން އަޅުގަނޑުމެންގެ ވަޢުދުތަކާ އެއްގޮތަށް ތަރައްޤީގެ ގިނަ މަޝްރޫޢުތައް މިހާރު މިހުރީ ފެށިފައި. މި އަންނަ އަހަރު އަލަށް ފަށަންޖެހޭ މާގިނަ މަޝްރޫޢުތަކެއް ނުވެސް ހުންނާނެ. ފެނާއި ނަރުދަމާ ކަމަށްވިޔަސް، ބަނދަރުތައް ކަމަށްވިޔަސް، ގާތްގަނޑަކަށް ހުރި ހުރިހާ މަޝްރޫޢެއް، 90 ޕަސެންޓްވަރުގެ މަސައްކަތް އެހުރީ ފެށިފައި. އެހެންވީމާ، ދައުލަތަށް ކުރާ، ބަޖެޓަށް ކުރާ ބާރު، ބުރަ މި އަންނަ އަހަރު ވަރަށްބޮޑުތަނުން ކުޑަވެގެންދާނެ އެގޮތުން. އަޅުގަނޑުމެން އަލަށް ފަށަންޖެހޭ މާގިނަ މަޝްރޫޢެއް ދެނެއް ނުހުންނާނެ.
ދެ ބިލިއަން ރުފިޔާ. އަޅުގަނޑު އޭގެ ތަފްޞީލުތައް ތިޔަބޭފުޅުންނަށް ހާމަކުރާނަން. ނުލިބިއްޖިއްޔާ އަޅުގަނޑު މި ދެންނެވިހެން، ކުރަންޖެހޭނެ ކަމަކީ ހުއްޓާލަންޖެހޭނީ. އެކަމަކު ރިކަރެންޓް ޚަރަދުތައް، މި ދެންނެވިހެން މުސާރައާ އެއްޗެހި އަޅުގަނޑުމެންނަށް މި ލިބޭ އާމްދަނީން ފުއްދޭނެ. އެހެންވީމާ، ދައުލަތުގެ އެއްވެސް މުވައްޒަފަކަށް މުސާރަނުދީ، އެކަހަލަ ކަމެއް، ކަރަންޓް ބިލް ނުދައްކައި، އެހެން ތިބޭކަށްޖެހޭ ތަނެއް އަޅުގަނޑަކަށެއް ނުފެނޭ. އެހެން ނަމަވެސް، ބައެއް ޙާލަތްތަކުގައި މީގެކުރިން އެބަހުރި. މިސާލަކަށް، ސަރުކާރުގެ، ދައުލަތުގެ މުސާރަ ނުދެއްކިގެން، އަމިއްލަ ވިޔަފާރިވެރިން އަތުން ފައިސާ ނަގައިގެން މުސާރަދީފައިވެސް. އެއީ ތަންކޮޅެއް ކުރިން. އެހެން ނަމަވެސް، އިރާދަކުރެއްވިއްޔާ އަދި އަޅުގަނޑުގެ މި ދައުރަކު އެހިސާބަކަށް ނުދޭ.
ޙުސައިން މަޚްތޫމް - ރާއްޖެ ޓީ.ވީ:
ޝުކުރިއްޔާ ރައީސް. އަޅުގަނޑުގެވެސް އެބައޮތް ދެ ސުވާލެއް. ފުރަތަމަ ސުވާލަކީ، އިޤްތިޞާދު ރަނގަޅު ކުރައްވާނެ ކަމުގެ ވާހަކަ މަނިކުފާނު އެކިފަހަރު މަތިން އެބަވޭ ވިދާޅުވެފައި. ދެން ރާއްޖެއަށް ބޭރު ފައިސާ ހޯދުން އެއީ މުހިންމު ކަމެއްގެ ގޮތުގައި ދެކިވަޑައިގަންނަވާ. އެއީ އިޤްތިޞާދު ރަނގަޅު ކުރުމަށްޓަކައި. އެހެން ނަމަވެސް، އަޅުގަނޑުމެންނަށް ފެނިގެން މިދަނީ އަދިވެސް ކަޅު ބާޒާރުގައި ޑޮލަރު ވިއްކަމުންދާ މަންޒަރު. މިކަމަށް އަދި ޙައްލެއް ނުގެނެވޭ. މަނައެއްވެސް ނުކުރެވޭ. ބިދޭސީން މިކަމުގައި ގިނައިން މިއުޅެނީ. ދެން އެމް.އެމް.އޭ.އިން އެބައޮތް ގަވާއިދެއްވެސް ހަދާފައި. ޑްރާފްޓް މަރުޙަލާގައި އޮތީ. ކަޅު ބާޒާރުގައި ޑޮލަރު ވިއްކާ މައްސަލައަށް ޙައްލު ގެނައުމަށްޓަކައި. އެހެން ނަމަވެސް، ޢަމަލީ ސިފައެއް އެއަކަށް ނާދޭ. މި ސަރުކާރުން އެކަން ޙައްލު ކުރައްވާނަންތޯ، ނުވަތަ ޙައްލު ކުރައްވާނަމަ، ކިހާ މުއްދަތެއްގެ ތެރޭގައި އެކަން ކުރައްވާނަންތޯ؟ އެއީ ފުރަތަމަ ސުވާލު.
ދެވަނަ ސުވާލަކީ، ރާއްޖޭގައި 80 އިންސައްތަ ބިދޭސީންނަކީ، ގަވާއިދާ ޚިލާފަށް ނުވަތަ ޞައްޙަ ލިޔެކިޔުމެއްނެތި، މަސައްކަތް ކުރަމުންދާ ބިދޭސީންގެ ގޮތުގައި ރެކޯޑު ކުރެވިފައި އެބަހުރި، ރާއްޖޭގައި ދިރިއުޅެމުން އަންނަ ބިދޭސީންގެ ތެރެއިން. މި މައްސަލަ ޙައްލު ކުރުމަށްޓަކައި ސަރުކާރުން ކުރީކޮޅުގައި މަސައްކަތްތަކެއް ކުރެއްވި. ބައެއް ބިދޭސީ މަސައްކަތްތެރިން ބޭނުންވެގެން އަނބުރާ ޤައުމަށް ފޮނުވުމުގެ މަސައްކަތްތަކެއްވެސް ކުރެވުނު. އެހެން ނަމަވެސް، މިހާރު އެ މަސައްކަތް އޮތީ ހުއްޓިފައި ނުވަތަ މަޑުޖެހިފައި ކަމަށް ގަބޫލުކުރެވެނީ. މި މަސައްކަތް އަލުން ފެށޭނެތޯ، އަދި ބިދޭސީންގެ މައްސަލައަށް މި ސަރުކާރުން ޙައްލެއް ގެންނަވާނަންތޯ. އެކަމުގެ ޔަޤީންކަން ދެއްވަފާނަންތޯ؟
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް:
އާދެ، ބިދޭސީންގެ މައްސަލަ. ޚާއްޞަކޮށް، ޤަވާޢިދާ ޚިލާފަށް މިއުޅޭ ބިދޭސީންގެ މައްސަލައަކީ، ވަރަށްބޮޑުވެފައި އޮތް މައްސަލައެއް، އަޅުގަނޑުމެން ވެރިކަމާ ހަވާލުވިއިރުގައި. ޚާއްޞަ ސަމާލުކަމެއްދީގެން، އަޅުގަނޑުމެން އެ މަސައްކަތަށް ޙައްލެއް ހޯދުން ކުރިއަށް ގެންދިޔައީ. ކޯވިޑާ އެކީގައިވެސް އެކަން ކުރިއަށްދިޔައީ. ހުއްދަނެތި ރާއްޖޭގައި އުޅޭ މީހުންގެ ތެރެއިން ވޮލަންޓިއަރ ކޮށްގެން، ގާތްގަނޑަކަށް ސާދަހާސް މީހުން، އަޅުގަނޑު ހަނދާންވާގޮތުން ފުރުވައިލެވުނު. އަދި މަގުމަތިން ގަވާއިދާ ޚިލާފަށް އެހެން އުޅެގެން 8000 ހޭ، އަޅުގަނޑު މި ހަނދާންވަނީ. މުޅިއެކު 24000 މީހުން އެ ބުރުގައި އަޅުގަނޑުމެންނަށް ފޮނުވައިލެވުނު.
އޭގެއިތުރުން، ރެގިއުލަރ ރެސިޝަން ޕްރޮގްރާމެއް އަޅުގަނޑުމެންނަށް ހިންގުނު. އޭގެތެރެއިން ގާތްގަނޑަކަށް 13000 މީހުންނަށް އަލުން އަނބުރާ ހުއްދަދީ، މަސައްކަތުގެ ތެރެއަށް ނެރެވިއްޖެ. މިއަދު އަނެއްކާވެސް އަލުން އިތުރަށް ރާއްޖޭގައި ޤަވާޢިދާ ޚިލާފަށް އުޅޭ މީހުން ފޮނުވާލުމުގެ މަސައްކަތްތައް ކުރިއަށް އެބަދޭ. ކުރިއަށް އޮތް އެއްމަސް ދުވަހުގެ ތެރޭގައި، އަލުން އިރާދަކުރެއްވިއްޔާ މި މަސައްކަތް ފެށޭވަރަށް އަޅުގަނޑުމެންނަށް ގެންދެވޭނެ. މިހާރު މި ބޭނުންވަނީ އެމީހުން ފުރުވާލުމުގެ ކުރިން ބައިތިއްބާނެ ތަނެއް ހަމަޖެއްސުމުގެ މަސައްކަތް. އެކަން އިރާދަކުރެއްވިއްޔާ، ކުރިއަށް އޮތް އެއްމަސް ދުވަހުގެ ތެރޭގައި ނިމިގެންދާނެ. އެމީހުން ނިސްބަތްވާ ޤައުމުތަކުގެ އެމްބަސީތަކާ އެކީގައި އަލުން މަޝްވަރާ ކުރެވޭނެ. ޕާސްޕޯޓް ނެތް މީހުން އެބައުޅޭ. ޕާސްޕޯޓް އެބަ ހަދަންޖެހޭ. އެހެންވީމާ، ޕާސްޕޯޓާ އެއްޗެހި ހެދި، އެމީހުން ފުރުވާލުމުގެ ކަންތައް ކުރިއަށްދާނެ. އިރާދަކުރެއްވިއްޔާ، ބަދަލެއް ފެންނާނެ އޭރުން. އެއްމަސް ފަހުން އަޅުގަނޑުމެން އެ މަސައްކަތް ފަށައިގަންނާނީ.
އަޅުގަނޑު މި ދެންނެވިހެން، ރާއްޖޭގެ އިޤްތިޞާދުގައި މައިގަނޑު މިއޮތީ، ދެންނެވިދާނެ ޓޫރިޒަމާއި މަސްވެރިކަމާ. ޓޫރިޒަމަށް އަޅުގަނޑުމެން މިދިޔަ ހަތަރު އަހަރުގެ ތެރޭގައި އިތުރު 33 ރިޒޯޓް ޕްރައިވެޓް ސެކްޓަރއިން ނެރެފި. ގާތްގަނޑަކަށް މުޅި ޖުމްލަ 13000 އެނދު އިތުރުކުރެވިއްޖެ. އެއާއެކީގައި، ޓީ.ޖީ.އެސް.ޓީ. ދައުލަތަށް ވަންނަވަރު އިތުރުވެގެން ހިނގައްޖެ.
މިގޮތުން، މަސްވެރިކަން އިތުރަށް ތަރައްޤީ ކުރުމަށްޓަކައި މަސް އެކްސްޕޯޓް ކުރުމާއި، ގަންނަ މަސް މިހާރަށްވުރެ ފަސޭހައިން ގަނެވޭނެ ގޮތްތައް ހެދުމުގެ މަސައްކަތް ކުރިއަށް އެބަގެންދޭ. އިރާދަކުރެއްވިއްޔާ އޮގަސްޓު، ސެޕްޓެންބަރުހާ ތަނުގައި އަލަށް މަސްވެރިކަން ރަނގަޅުވެގެން އަންނައިރުގައި، މަސް އިތުރަށް ގަނެވޭނެގޮތް، ދެ ބޯޓު މިފްކޯއަށް ހޯދުމުގެ މަސައްކަތް، މިހާރު ޢަމަލީގޮތުން އެ މަސައްކަތް ކުރިއަށް އެބަދޭ. ސެޕްޓެންބަރުހާ ތަނުގައި ކޫއްޑޫގައި، ގއ. ގދ. އަށް މަސްވެރިކަން އަންނައިރުގައި، އެ ބާނާ މަސް ގަނެވި، ބޭރުކުރެވޭ ގޮތަށް އިންތިޒާމުތައް ހަމަޖެހިގެންދާނެ. އަދި އޭގެއިތުރަށް، ދުރު ރާސްތާގައި ކޫއްޑޫގެ ކެޕޭސިޓީ އިތުރުކޮށް، 800 ޓަނު ސްޓޯރޭޖާއި، ފްރިޖްކޮށް ބެލެހެއްޓޭނެގޮތް ހެދުމުގެ މަސައްކަތްވެސް އެބަދޭ.
އަޅުގަނޑު ކުރިންވެސް ދެންނެވި ފަދައިން، ރިޒޯޓުތަކުގެ 33 ރިޒޯޓް ވަނީ އަލަށް ހުޅުވިފައި. އެއީ ގާތްގަނޑަކަށް 8635 އެނދު. ގެސްޓްހައުސް އެބައުޅޭ 343 ގެސްޓްހައުސް. 5404 އެނދު އިތުރުވެފައި މިދިޔަ 4 އަހަރުގެ ތެރޭގައި. މުޅި ޖުމްލަ އަދި ދެ ހޮޓަލަކާއި، ހޯމްސްޓޭއާއި، ޔޮޓްމެރީނާ، ސަފާރީތަކާ އެކީގައި 14615 އެނދު ރާއްޖެއަށް އެތެރެކުރެވިއްޖެ. ފެސިލިޓީގެ ޢަދަދުތައް 403 އަށް އެއޮތީ އިތުރުކުރެވިފައި، ގެސްޓްހައުސްތަކާ އެކީގައި.
އެހެންވީމާ، އިޤްތިޞާދަށް ކުރިއެރުން ހޯދުމަށްޓަކައި ޓޫރިޒަމް ސެކްޓަރއާއި، މަސްވެރިކަމަށް އިތުރު މަސައްކަތްތަކެއް އަޅުގަނޑުމެން ކުރަމުން މިގެންދަނީ.
އަޙްމަދު ނާއިފް - ދައުރު:
ރައީސް ތަކުރާރުކޮށް އެބަ ވިދާޅުވޭ، ބްރިޖް ކަހަލަ މަޝްރޫޢުތަކަށް ފައިސާހުރީ ހަމަޖެހިފައި ކަމަށް. ދެން ހަމަ އެގްޒިމް ބޭންކުން ލޯނު ނަގައިގެން ހިންގަންޖެހޭ މަޝްރޫޢުތައް، އޭގެތެރެއިން ވަރަށްގިނަ މަޝްރޫޢުތަކަކީ. ގާތްގަނޑަކަށް އޭގެ ސަބަބުން ދަރަނި ފަށަލަވަމުން ފަށަލަވަމުން މި އަންނަނީ. ދެން ދުނިޔެ ހަމަ ރެސިޝަނަކަށްދާ ކަމަށް ދުނިޔޭގެ ހުރިހާ މާލީ އިދާރާތަކުން، އެލާމް ކުރަމުން އަންނަނީ. އަންނައިރުގައި، މިސާލަކަށް، ބްރިޖް، 500 މިލިއަން ޑޮލަރސް ޚަރަދުކޮށްގެން ހިންގާ މިފަދަ މަޝްރޫޢެއް. އެ މަޝްރޫޢު ހިންގާއިރުގައި، ދަރަނި ފަށަލަވަމުން އަންނައިރުގައި، ދެން އެ ދަރަންޏަކީ ފަހުން ދައްކަންޖެހޭ އެއްޗެއް. އެހެންވީމާ، ކީއްވެތޯ އެ މަޝްރޫޢުތައް ހުއްޓާނުލާ ގެންދަނީ. އަދި ޚާއްޞަ ގޮތެއްގައި، އައްޑޫގެ ބިން ހިއްކުމުގެ މަޝްރޫޢަކީ. ކޮބައިތޯ ރައީސްގެ ޖަސްޓިފިކޭޝަނަކީ މިއަށް. މި ބުރަ ރާއްޖެއަށް ނެގިދާނެތޯ. އަދި މިއަދު ވާރލްޑް ބޭންކުން ނެރުނު ރިޕޯޓުގައިވެސް ފާހަގަކޮށްފައި އެބައޮތް. މި އިންފްލޭޝަންގެ ބުރަ އެތައް ޒަމާންތަކަކަށް ދިގުދެމިގެންދިޔުމުގެ ފުރުޞަތު އެބައޮތް ކަމަށް. އެއީ އަޅުގަނޑުގެ ފުރަތަމަ ސުވާލު.
ދެވަނަ ސުވާލަކީ ރައީސް ވިދާޅުވީ އެސް.ޑީ.އެފް.ގެ ވާހަކަ. އަޅުގަނޑަށް މަޢުލޫމާތު ލިބިފައި އޮތްގޮތުގައި އަދި ފިނޭންސްގެ ބައެއް ތަފާސް ހިސާބުތަކުންވެސް އެބަ އިންޑިކޭޓް ކުރޭ، އެސް.ޑީ.އެފް.ގައި ހުރި ޑޮލަރު، ރުފިޔާއަށް ވަނީ މާރުކޮށްފައި ކަމަށް ކޯވިޑުގެ ތެރޭގައި. އެހެން ވެއްޖެނަމަ، ޑޮލަރުން މި ދައްކަންޖެހެނީ ބޭރު ފައިސާއިން ލޯނު. ދައްކަންޖެހޭއިރު، އޭގައި ރުފިޔާ ހުރެއްޖެނަމަ، ކޮބައިތޯ ރައީސްގެ، 2024 ވަނަ އަހަރު އަންނަންވާއިރަށް އެއަށް އަނބުރާ ޑޮލަރު ޖަމާކުރަން ކުރާ މަސައްކަތުގެ އަދި އެސް.ޑީ.އެފް.އަކީ ޔޫސްފުލް އެއްޗަކަށްވާނެތޯ އެހިސާބަށް އަންނަނަމަ.
ދެން އަޅުގަނޑުގެ ތިންވަނަ ސުވާލެއްވެސް އެބައޮތް. ރައީސް ދެވަނަ ދައުރަކަށް ކުރިމަތިލެއްވުމުގެ ވިސްނުން މިހާރު ކިހިނެއްތޯ ހުންނެވީ؟
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް:
ތިންވަނަ ސުވާލު ތިޔަ ކުރެއްވީ. ދެ ސުވާލު އިނގޭތޯ.
ބްރިޖަކީ އަޅުގަނޑުމެންގެ ކޮންސެޝަނަލް ލޯނެއް އިނގޭތޯ. ކުރިން މިހާތަނަށް ނަގާފައި ހުރި ލޯނުތަކާ ތަފާތުކޮށް، ވަރަށްދުރު، ދިގު މުއްދަތުގައި، ވަރަށްކުޑަ އިންޓްރެސްޓެއްގައި ދައްކާގޮތަށް ނަގާފައި ހުރި ލޯނުތަކެއް. ފުރަތަމަ ގްރޭސް ޕީރިއަޑްގެ ގޮތުގައި، 5 އަހަރު އެބަ ލިބޭ. އެއީ އަނބުރާ ދައްކަން ފަށަންވެސް މިޖެހެނީ 5 އަހަރު ފަހުން. އެހެންވީމާ، މިވަގުތަކު އޭގެ އެއްވެސް ބުރައެއް އުފުލާކަށްނުޖެހޭ.
އަޅުގަނޑުމެންނަށް ގަބޫލުކުރެވޭ ގޮތުގައި، ލަފާ ލިބޭ ގޮތުގައި، އެއީ މިވަގުތު ކުރަންޖެހޭ ކަމެއް. ބްރިޖްގެ މަޝްރޫޢު ކުރިއަށް ގެންދިޔުން. އޭގެ ސަބަބުން ލިބޭ ވަރަށްގިނަ ފައިދާތައް އެބަހުރި. ބްރިޖާ އެކީގައި މި އަންނަނީ، ހަމައެކަނި ބްރިޖެއް ނޫން އިނގޭތޯ. ގުޅީފަޅު ޕޯޓް އެބަ ޑިވެލޮޕް ކުރެވޭ. އެތަނަށް މާލޭގެ ޕޯޓް އެބަ ބަދަލުކުރެވޭ. އޭގެ ސަބަބުން ރާއްޖެއަށް އެތެރެކުރާ މުދަލުގެ އަގު އެބަ ދަށްކުރެވޭ. ހޭންޑްލިންގ ޗާޖް އެބަ ދަށްކުރެވޭ. އޭގެ މާނައަކީ، ތަކެތީގެ އަގަށް އަންނާނެ ހެޔޮ ބަދަލެއް. މާލެއަށް ލުއި ލިބިގެން އެބަދޭ. މާލޭ ޕޯޓާ ހިސާބުގައި އެހުރި ހުރިހާ ތަނެއް ގުޅީފަޅަށް އެބަ ބަދަލުކުރެވޭ. މާލޭގައި ކޮންމެ ދުވަހަކު އެމް.ޕީ.އެލް ސަރަޙައްދަށް، ކަސްޓަމްސް ސަރަޙައްދަށް އެބަ ވަދޭ، 1000 ޕިކަޕް ދަތުރު. އެވްރެޖްކޮށް، އެހިސާބުގަނޑުގެ ދަތުރުފަތުރުގެ ތެރޭގައި އެބައުޅޭ. މި ހުރިހާ ކަމެއް ހުއްޓުމަށް އައިމާ، މާލޭގެ ޓްރެފިކަށާއި، ހުރިހާ އެއްޗަކަށް ބޮޑެތި ބަދަލުތަކެއް އެބަ އާދޭ. މާލޭގައި ހުރި ބޮޑެތި ގުދަންތައް އެބަ ބަދަލުކުރެވޭ. އޭރަށް ކުޑަ އަގެއްގައި މުދާ ރައްކާކުރުމުގެ ފުރުޞަތު ވިޔަފާރިވެރިންނަށް ލިބިގެން އެބަދޭ.
ބްރިޖް، ބޮޑު އަގެއް ކަމަށް ތިޔަބޭފުޅުން ވިދާޅުވާއިރުގައި، ބައެއް ބޭފުޅުން އެބަ ވިދާޅުވޭ، ބޮޑު އަގެއްގައި އަޅާ އެއްޗެކޭ. ކޮމްޕެއަރ ކޮށްލަމާ ހިނގާ، މި އަޅާފައި އޮތް ދެ ބްރިޖަށް. މިސާލަކަށް، ހުޅުމާލެ ބްރިޖަކީ 1.39 ކިލޯ މީޓަރު ބްރިޖެއް. ދެން އޮންނަނީ މަގާ އެކީގައި. 194 މިލިއަން ޑޮލަރު ހޭދަކުރި ކަމަށް، މި މަޢުލޫމާތުތަކުން ފެންނަން މިހުރީ. ސްކެއަރ މީޓަރެއް އެބަޖެހޭ ބްރިޖްގައި 6325 ޑޮލަރު. ސްކެއަރ މީޓަރަކަށް، ހުޅުމާލެ ބްރިޖް. އަޅުގަނޑުމެން މިއަޅަނީ މުޅި ޖުމްލަ 7.5 ކިލޯ މީޓަރުގެ ދިގު މަގާއި ބްރިޖާ އެކީގައި. މުޅި ބްރިޖްގައި އެބައުޅޭ 3.75 ކިލޯ މީޓަރު. ތެދުފުޅެއް، 500 މިލިއަން ޑޮލަރު މުޅިއެކު އެބަދޭ. ސްކެއަރ މީޓަރަކަށް މި ޖެހެނީ 3800 ޑޮލަރު. އެ ބްރިޖުގެ އަގަކީ ސްކެއަރ މީޓަރަކަށް 6325 ޑޮލަރު. މި ބްރިޖް މިއަޅަނީ 3832 ޑޮލަރު ސްކެއަރ މީޓަރަކަށް. އެހެންވީމާ، އަގުގެ ގޮތުން ބަލާއިރުގައި، ވަރަށްބޮޑު ތަފާތުތަކެއް އެބަހުރި. މި އަގުގައި އެ ބްރިޖް އެޅިނަމަ، 116 މިލިއަން ޑޮލަރުން އެޅޭނެ. އަޅުގަނޑުމެންނަށް އެ ބްރިޖް އަޅަން ލިބުނުނަމަ، 116 މިލިއަން ޑޮލަރުން ހުޅުމާލެ ބްރިޖް އެޅޭނެ. އެހެން ނަމަވެސް، އެއަށް ޚަރަދު މިކުރީ 194 މިލިއަން ޑޮލަރު. ބޮޑު އަގުގައި ކޮށްފައި އޮތް އިންވެސްޓްމަންޓެއް އެއީ. ބްރިޖް އަޅަންޖެހޭތާ. އެއީ ޔަޤީން ކަމެއް. އޭގެ ސަބަބުން ލިބޭ ފައިދާތަކެއް އެބަހުރި. އެހެން ނަމަވެސް، އެ ބްރިޖަށް ކޮށްފައި އޮތް ޚަރަދު، ނިސްބަތުން އަޅުގަނޑު މި ދެންނެވީ ބޮޑު ވާހަކަ.
ޙުސައިން މަޚްތޫމް - ރާއްޖެ ޓީ.ވީ:
މަނިކުފާނު އަޅުގަނޑުގެ އެއް ސުވާލަށް ޖަވާބު ނުދެއްވާ. އެއީ ކަޅު ބާޒާރުގައި ޑޮލަރު ވިއްކާ ވާހަކަ. އެއަށް ޙައްލެއް ގެނައުމަށްޓަކައި އެމް.އެމް.އޭ. އިން ޤަވާޢިދު އެކުލަވައިލައި، ޑްރާފްޓް މަރުޙަލާގައި ވަނީ. މި ސަރުކާރަށް ކަޅު ބާޒާރުގައި ޑޮލަރު ވިއްކާ މައްސަލަ ޙައްލުކުރެވޭނެތޯ؟
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް:
މުޅިއަކުން ޙައްލެއް ނުވާނެ.
އަޅުގަނޑު ހިތުން ކަޅު ބާޒާރުގައި ކޮންމެވެސްވަރަކަށް ހުންނާނެ އިނގޭތޯ. މުޅިއަކުން ޙައްލުވެގެން ނާންނާނެ. އެކަމަކު އަޅުގަނޑު ހިތުން އެ ހިފެހެއްޓިފައި އެބަހުރޭ މިހާރު. ކޯވިޑް ތެރޭގައި އޭރު ތަޖުރިބާކާރުން ވިދާޅުވަމުން ގެންދިޔައީ، -/24، -/25 ރުފިޔާއަށް އަރައިގެންދާނެއޭ ޑޮލަރު. އެހެން ނަމަވެސް، ކުރެވުނު މަސައްކަތްތަކުގެ ތެރެއިން -/20 ރުފިޔާއަށްވުރެ މައްޗަށް ނުގޮސް އަޅުގަނޑުމެންނަށް ހިފެހެއްޓުނު. މިހާރު އަޅުގަނޑަށް އެނގިފައި އޮތް ގޮތުގައި ވެއްޖިއްޔާ 16/90، -/17 ރުފިޔާގައި މިއުޅެނީ. އެހެންވީމާ، ރޭޓް ހިފެހެއްޓިފައި ހުރިކަން އަޅުގަނޑަށް އެނގެނީ. އޭގެ ސަބަބުން އިންފްލޭޝަނަށް އެ ކުރަންވާ އަސަރުވެސް ރަނގަޅަށް ބޮޑުވެގެން ނުގޮސް ހިފެހެއްޓިފައި އެބަހުރި.
ބްރިޖްގެ އަޅުގަނޑު މި ދެންނެވީ، ގާތްގަނޑަކަށް އެ 65 ޕަސެންޓް އަގުބޮޑުކޮށް އެ ބްރިޖް އެޅިފައި މިއޮތީ.
އަޙްމަދު ނާއިފް - ދައުރު:
އަޅުގަނޑުގެ ސުވާލަކީ، އެއީ ލޯނަކުން ގެންނަ މަޝްރޫޢެކޭ. ކީއްވެތޯއޭ އެ ކުރިއަށް ގެންދެވީ. ހަމަ އެ ދަރަނި ބަދަލުވަމުންނެއް ނޫންތޯއޭ ދާނީ.
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް:
އަޅުގަނޑު މި ދެންނެވީ އެއީ ކޮންސެޝަނަލް ލޯނެކޭ. އެ ދައްކަން ފަށަންޖެހެނީ މީގެ 5 އަހަރު ފަހުންނޭ. އެހެންވީމާ، އޭގެ ބުރަ ވަރަށްކުޑައޭ. އެހެންވީމާ، މިވަގުތަކީ އެ ބްރިޖް ހުއްޓާލަންވީ ވަގުތު ކަމަކަށް އަޅުގަނޑުމެން ގަބޫލެއްނުކުރަން. އޭގެ ސަބަބުން ލިބޭ ފައިދާތަކުގެ ވާހަކަ އަޅުގަނޑު މި ދެންނެވީ. އެކަން ވީހާވެސް އަވަހަކަށް ނިންމަންވީ. ބްރިޖް އަޅައި ނިންމަންވީ.
އެސް.ޑީ.އެފް. ގައި 4.1 ބިލިއަން ރުފިޔާ. އޭގެ ޑޮލަރުވެސް އެބަހުރި އިނގޭތޯ. މުޅިން ހުރީ ރުފިޔާއެއް ނޫން. އެކަމަކު އިއްޔެވެސް އަޅުގަނޑުމެން މި ދެއްކީ 58 މިލިއަން ޑޮލަރު. ޑޮލަރުން ދައްކާއިރުގައި، ވާވަރަށް އޭގައި ޑޮލަރު ހުންނާނެ އިނގޭތޯ. އެއިން ބައެއް ހުރީ އިންވެސްޓް ކޮށްފައި. އެކަމަކު އިންވެސްޓް ކޮށްފައި ހުންނާނީ ބޭނުންވީމާ ނެގޭގޮތަށް. ބޭރުގައި އެބަހުރި އިންވެސްޓް ކޮށްފައި. އެހެންވީމާ، ލޯނެއް ދައްކަންޖެހޭ ގަޑީގައި ދަތިކަމެއްނެތި އެ ހުންނާނެ.
ދެން އަޅުގަނޑު މި ދެންނެވިހެން ރާއްޖެއަށް ވަންނަ ރެވެނިއު. މި ދެންނެވީ ދުވަހުން ދުވަހަށް ޑޮލަރު އިތުރުވަމުން، އަދި ފޯކާސްޓް މި އަހަރުވެސް ފެންނަނީވެސް އެގޮތަށް. ޓޫރިސްޓުން އަންނަވަރު އިތުރުވާނެ. އެހެންވެއްޖެ ކަމަށްވަންޏާ، ޑޮލަރު ބޭނުންވާ ގަޑީގައި ހުންނާނެ ކަމަށް އަޅުގަނޑު މި ބަލަނީ.
އަޙްމަދު ނާއިފް - ދައުރު:
ދެން ރައީސް ދެވަނަ ދައުރަކަށް ކުރިމަތިލެއްވުމާ ބެހޭގޮތުން.
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް:
އަޅުގަނޑު ނޯޓްކޮށްފައި ބާއްވާނަން ތިޔަ ސުވާލު އިނގޭތޯ.
އަޙްމަދު އަޒާން - ދިޔަރެސް ނިއުސް:
ޝުކުރިއްޔާ ރައީސް. އަޅުގަނޑު ދެ ސުވާލެއް. އެއް ސުވާލަކީ، އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ އިންޑިއާގެ ވެރިކަމާ ހަވާލުވިފަހުން އިންޑިއާގެ މުސްލިމުންނަށް އަނިޔާކުރުމާއި ގޯނާކުރުން ވަރަށް ބޮޑަށް އިތުރުވެފައިވާ ކަމަށް ބައިނަލްއަޤްވާމީ ޖަމުޢިއްޔާ ޖަމާޢަތްތަކުން ފާހަގަ އެބަކުރޭ. ދެން މޯދީއަކީ ހިންދޫ ހަރުކަށި ޖަމާޢަތެއް ކަމަށްވާ، އާރު.އެސް.އެސް.ގެ މެންބަރެއް. ދެން ކަން މިހެން އޮތްއިރު، ރައީސް ޞާލިޙް މިވަނީ 2019 ވަނަ އަހަރު މޯދީއަށް ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ލަޤަބް އަރުވާފައި. އަޅުގަނޑުގެ ސުވާލަކީ، މުސްލިމުންގެ ލެއިން އަތް ތަތްތެޅިފައިވާ މިފަދަ ބޭފުޅަކަށް ދެއްވި މި ލަޤަބް އަތުލަން މަނިކުފާނު އެއްގޮތަކަށްވެސް ވިސްނަވަންތޯ؟
ދެވަނަ ސުވާލަކީ، ރައީސް ޔާމީންގެ ވެރިކަމުގައި އެއްވެއުޅުމުގެ މިނިވަންކަން ހަނިކުރުމަށް، ޤާނޫނަށް އިޞްލާޙެއް ގެނެވުނު. އޭރު މަނިކުފާނަކީ އިދިކޮޅު ޕީ.ޖީ. ލީޑަރު. މަނިކުފާނު ވިދާޅުވި، އެ ޤާނޫނަށް ޢަމަލުކުރަންވެސް ނުޖެހޭނެ ކަމަށް. ދެން އެފަހުން ރައީސްގެ ވަޢުދެއް، ރިޔާސީ ވަޢުދެއް، އެ ޤާނޫނު އުވާލުމަކީ. ދެން މަޖިލީހުގެ މެޖޯރިޓީވެސް މިހާރު މަނިކުފާނުގެ އަތްޕުޅުގައި އޮތްކަން މަނިކުފާނު އިޢުލާނު ކުރައްވާފައި އެބަވޭ. ވެރިކަމުގެ ދައުރު ނިމެން 14 މަސް މިއޮތީ. އެހެންވީއިރު އަދިވެސް އެ ޤާނޫނު އުވައެއްނުލާ. އެހެންވީމާ، އެކަން ކުރައްވާނީ ކޮންއިރަކުންތޯ؟ ޝުކުރިއްޔާ.
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް:
އެއްވެއުޅުމުގެ މިނިވަންކަމަށް ހުރަސްއެޅޭފަދަ އެއްވެސް ކަމެއް އަޅުގަނޑުމެން ނުކުރާނަން. އެއަށް ހުރަހެއް އޮވެއްޖިއްޔާ، އެކަން ނައްތާލާނަން. އެ ޔަޤީންކަން ބާއްވާ އިނގޭތޯ.
އަޙްމަދު އަޒާން - ދިޔަރެސް ނިއުސް:
އެ މާއްދާ އުވާލަން އެއީ ރައީސްގެ ވަޢުދެއް ނޫންތޯ.
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް:
މަޖިލީހުގައި ނޫންތޯ އޮތީ. އަޅުގަނޑަށް އެނގިފައި އޮތް ގޮތުގައި، މެންބަރަކު ހުށަހަޅުއްވާފައި ވެއްޖެ. އަޅުގަނޑު ޖެހޭނީ ސާފުކުރަން. އަޅުގަނޑަށް އެނގިފައި އޮތް ގޮތުގައި، އެ އުވާލަން މެންބަރަކު ހުށަހަޅުއްވާފައި އޮތީ. ނެތް ކަމަށްވަންޏާ، ދެން އޮތް ބަޔަށް ދާންޖެހޭނީ އަޅުގަނޑު. އެހެން ނޫންތޯ. އެކަން ކުރިއަށް ގެންދަންޖެހޭނީ.
ދެން އިސްލާމްދީނަށް ފުރައްސާރަ ކުރުމާއި، ރަސޫލާއަށް ނިސްބަތްވާ ގޮތަށް ހަޑި ހުތުރު ހަޖޫޖަހައި ހެދުމަކީ، އަޅުގަނޑުމެން ގަބޫލުކުރާނެ ކަމެއް ނޫން. އެއީ ވަކި މީހެއް ކަމަށްވިޔަސް، ވަކި ޖަމާޢަތެއް ކަމަށްވިޔަސް، ވަކި ޕާޓީއެއް ކަމަށްވިޔަސް، ވަކި ޤައުމެއް ކަމަށްވިޔަސް، އަޅުގަނޑުމެން އެކަން ކުށްވެރިކުރާނަން އިނގޭތޯ. އެހެންވީމާ، އެއީކީއެއް ވަކި މީހަކާ ގުޅިފައި އޮތް ކަމެއް ނޫން. އެހެން ހިނގާ ހުރިހާ ކަމެއް އަޅުގަނޑު ކުށްވެރި ކުރާނަން.
އަޙްމަދު އަޒާން - ދިޔަރެސް ނިއުސް:
އަޅުގަނޑުގެ ސުވާލަކީ، އެ ލަޤަބް އަތުލަން މަނިކުފާނު ވިސްނަވަންތޯއޭ؟
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް:
ހިނގައިދިޔަ ކަންތަކަކީ، ވަކި ޕާޓީއެއްގައި ހުރި ވަކި މީހަކު ކޮށްގެން އުޅޭ ކަމެއް ކަމަށް އަޅުގަނޑަށް މިހާތަނަށް ޚަބަރު ލިބިފައި ވަނީ.
އަޙްމަދު އަޒާން - ދިޔަރެސް ނިއުސް:
ނޫން ރައީސް. 2014 ވަނަ އަހަރުން ފެށިގެން ހިނގަމުން އަންނަ ސީރިއަސް ކަންތައްތަކެއްގެ ވާހަކަ މި ދައްކަނީ އިންޑިއާގައި. މިއީ އަޅުގަނޑު ދައްކާ ވާހަކައެއް ނޫން. މިއީ ބައިނަލްއަޤްވާމީ ޖަމާޢަތްތަކުން ދައްކާ ވާހަކަ. އެހެންވީމާ، އެ ބޭފުޅާއަށް އެ ދެއްވި ލަޤަބް އަތުލައްވާނަންތޯ ނުވަތަ ނޫންތޯ.
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް:
އަޅުގަނޑު މި ދެންނެވީ މިހާރު ތިޔަ އިޝޫ މިއަދު ކުރިމަތިވެގެން ތިޔަ އުޅެނީ. އިހަށްދުވަހު ތިޔަ ހިނގި ކަމަކާ ގުޅިގެން ނޫންތޯ، ތިޔަ ސުވާލު ތިޔަ ކުރެއްވީ. އެކަމަކު އެއީ މި ހުރިހާ ދުވަހަކު ނުކުރައްވާ. މިތަނަށް ވަޑައިގަންނަވާ އިނގޭތޯ. އެހެންވީމާ، އެކަމާ ގުޅިގެން އަޅުގަނޑުމެން އެކަން ކުށްވެރިކޮށްފިން. އެއީ އަޅުގަނޑުމެން އަބަދުވެސް ކުށްވެރި ކުރާނެ ކަމެއް. އެއަކަށް އަޅުގަނޑުމެން ފަހަކަށްނުޖެހޭނަން. ކުރަންޖެހޭ ކަންތައްތައް ކުރާނެ.
ފާޠިމަތު ޝަނާ މުޙައްމަދު - މިހާރު ނޫސް:
އަޅުގަނޑުގެވެސް ދެތިން ސުވާލެއް އެބައޮތް. ދެން އަޅުގަނޑު ހަމަ ވަރަށް ކުރުކޮށް ކޮށްލެވޭތޯ މަސައްކަތްކޮށްލާނަން. އަންނަ އަހަރު ރިޔާސީ އިންތިޚާބަށް ބްރިޖްގެ ވިލިމާލެ - މާލޭގެ ބައި ނިންމުމަށް އިތުރު 26 މިލިއަން ޑޮލަރު ހޭދަވާނެ ކަމަށް އެފް. ކޮންސިން އިން އެބަ ބުނޭ. މިހާރު އިޤްތިޞާދީ ގޮތުން މިހާ ދަތި ދަނޑިވަޅެއްގައި، މަނިކުފާނުގެ ސިޔާސީ ފައިދާއަކަށް މިފަދަ ނިންމުމެއް ނިންމުމަކީ ރައްޔިތުންނަށް އެންމެ ފައިދާހުރި ގޮތްތޯ؟
ދެން އަޅުގަނޑުގެ ދެވަނަ ސުވާލަކީ، އަޅުގަނޑަށް މި ފެންނަނީ އިތުރަށް ސަރުކާރުގެ ރިކަރެންޓް ޚަރަދުތައް މެނޭޖް ކުރުމަށްވެސް ބޭރުން ޑޮލަރުން ލޯނު ނަގަމުން އަންނަ ތަން. ދެން މި އަހަރަށް ސަރުކާރުން ކަނޑައަޅާފައި އޮތް 2.6 ބިލިއަން ރުފިޔާގައި މި އޮންނަނީ އޯވަރޑްރޯ ކުރުން. އިތުރަށް މި އަހަރު މިހާރު މިއޮތް ޙާލަތުގެ ގޮތުން އިތުރަށް ފައިސާ ޗާޕްކޮށްފާނެފަދަ ޙާލަތެއް ކުރިމަތިވެދާނެތޯ؟ ދެން އެގޮތުން ވިނަރެސް ފްލެޓްތަކުން ބައެއް ހަމަ ރިއަލް ސްޓޭޓް ދާއިރާގައި އުޅޭ ބައެއް ފަރާތްތަކުންވެސް އެބަ ވިދާޅުވޭ، އަގުބޮޑުކަމަށް، މިހާރު މި ވިއްކަން ހުޅުވާލާފައިވާ އަގު. ކީއްވެގެންތޯ މިހާ އަގުބޮޑުކޮށް މި ވިއްކަނީ ވިނަރެސް ފްލެޓްތައް.
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް:
އާދެ، ބްރިޖް އަވަހަށް ނިންމުން. ބްރިޖް އެޅުމަކީ އެއީ އެއްވެސް ހާލެއްގައި ސިޔާސީ ކަމަކާ ގުޅިފައި އޮތް ކަމެއް ނޫން. އެއީ މާލެ ސަރަޙައްދަށް، މާލެއަށް، ގްރޭޓަރ މާލޭ ސަރަޙައްދު ތަރައްޤީ ކުރުމަށްޓަކައި މާކުރިއްސުރެ ފަށައިގެން ރޭވިފައި ހުރި ކަމެއް. އެއީ ތިލަފުށިން ފެށިގެން ގުޅަމުން ގުޅަމުން ގޮސް ހުޅުމާލެއާ ހިސާބަށް ގުޅުން. އެއީކީއެއް އަޅުގަނޑު އަމިއްލައަށް ފަށައިގެން އުޅޭ ކަމެއް ނޫން. އެކަމަކު އޭގެކުރިންވެސް އެ ޕްލޭން އޮތޭ. އެހެންވީމާ، އެއީ ކުރަންޖެހޭ ކަމެއް އިނގޭތޯ. ޔަޤީންކަމެއް އިނގޭތޯ. އެ ބްރިޖް ބޮޑުކޮށް، އަދި އަޅުގަނޑު ހިތުން މީގެ މާފަހުން، ތަންކޮޅެއް ފަހުން އަދި ހުޅުމާލެއިން ފެށިގެން އެކޮޅަށްވެސް ދާނެ ބްރިޖް. އެއީ މި ތަރައްޤީވަމުންދާއިރުގައި، ކޮންމެވެސް ސަރުކާރަކުން އެކަންވެސް ކުރާނެ އިނގޭތޯ.
ދެން އޮތީ މި އަންނަ އަހަރު ނިންމަން އިތުރަށް 26 މިލިއަން ޑޮލަރެއް އަޅުގަނޑުމެން ދޭ. އަޅުގަނޑުމެން ވާހަކަ ދެއްކިން އިނގޭތޯ އަވަސްކުރަން ވެގެން. އެއީ ވީހާވެސް އަވަހަކަށް އެކަން ކުރެވިއްޖިއްޔާ، ލިބޭ ފައިދާތައް ބޮޑުވީމަ. އެކަމަކު އަޅުގަނޑުމެން އެކަމެއް ކޮންމެހެން 26 މިލިއަން ޑޮލަރު ދީގެން، އެހެން އެކަން ކުރާގޮތަކަށް ނޫން މިދިނީއަކީ އިނގޭތޯ. އެހެންވީމާ، އެކަމަކު އަބަދުވެސް ނެގޯޝިއޭޓް ކުރަމުން ގެންދާނަން، ވީހާވެސް އަވަހަކަށް އެ ބްރިޖް ނިންމޭތޯ. އެކަމަކު އިތުރަށް 26 މިލިއަން ޑޮލަރު ދީގެން، މި އަންނަ އަހަރު ޖޫންއަށް އެކަން ނިންމުމަކީ ކޮންމެހެން ބޭނުން ކަމެއް ކަމަކަށް މިވަގުތަކު އަޅުގަނޑަކަށްވެސް ނުފެނޭ. އެހެންވީމާ، އެއާ ދޭތެރޭގައި އަޅުގަނޑުމެން ވިސްނައި ކުރިއަށް ދާނަން އިނގޭތޯ. މިހާރު އޮތީ އަހަރު ނިމޭއިރަށް ގުޅީފަޅާ ހިސާބަށްދާގޮތަށް.
ރިކަރެންޓް ޚަރަދު ދޮގެއްތޯ. ރިކަރެންޓް ޚަރަދަކަށް އަޅުގަނޑު ހިތުން އަޅުގަނޑުމެން އިހަށްދުވަހު ރިވައިޒް ބަޖެޓެއް، ޑީޓެއިލްތަކެއް ގެނެސްދިން. ރިކަރެންޓް ޚަރަދު ކުރުމަށްޓަކައި އިތުރަށް ލޯނު ނަގަން ނުޖެހޭގޮތަށް އަޅުގަނޑުމެން އެ ބަދަލުކުރަމުން މިގެންދަނީ އިނގޭތޯ. އެއީ ލިބޭ އާމްދަނީން ރިކަރެންޓް ޚަރަދުތައް މެނޭޖް ކުރަން. އެހެނެއް ނޫން 2020، 2021 ގައި ނަގަންޖެހުނު، ކޯވިޑާ ގުޅިގެން އާމްދަނީ ދަށްވާތީ. އަޅުގަނޑަކަށް ނުފެނޭ އަދި ފައިސާ ޗާޕްކުރަންޖެހޭ ހިސާބަށް ދާނެ ކަމަކަށް.
ފާޠިމަތު ޝަނާ މުޙައްމަދު - މިހާރު ނޫސް:
ވިނަރެސް ފްލެޓް ކަންތައް.
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް:
އާދެ، ތި އަޅުގަނޑު ބަލައިލަން ޖެހޭނީ އިނގޭތޯ. އަޅުގަނޑު ހިތުން ހިޔާ ފްލެޓްތަކަށްވުރެ ތަންކޮޅެއް ފެސިލިޓީޒްއާ އެއްޗެހި ރަނގަޅުވާނެ، ބޮޑުވާނެ. އެހެންވީމާ، އަގުތަކަށް އައިސްފައި ހުރި ބަދަލުތަކަކަށް ވެދާނެ. އެކަމަކު ރައްޔިތުން އަތްފޯރާފަށުގައި، ދެވެން އޮތް އެންމެ ކުޑަ އަގެއްގައި، ދިގު މުއްދަތަކަށް އެ ދެވޭގޮތަށް އަޅުގަނޑުމެން މަސައްކަތް ކުރާނީ އިނގޭތޯ. މިހާރު ކިހާވަރަކަށްތޯ. މަހަކު އެގާރަހާސް ރުފިޔާ ނޫންތޯ ދައްކަންޖެހެނީ.
ފާޠިމަތު ޝަނާ މުޙައްމަދު - މިހާރު ނޫސް:
ނޫން. އެއަށްވުރެ ބޮޑަށް އަރާ.
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް:
އެހެންތޯ. އަޅުގަނޑު ބަލާނަން އިނގޭތޯ.
އަޙްމަދު ރިފާޢު - އަވަސް އޮންލައިން:
ޝުކުރިއްޔާ އިނގޭތޯ ރައީސް މި ފުރުޞަތު ދެއްވީތީ.
އަޅުގަނޑުވެސް ނޯޓްކޮށްލާފައި އޮތް ސުވާލަކަށްވެފައި އޮތީމަ، މި ސުވާލު މި ކޮށްލަނީ. ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި މަނިކުފާނު ވާދަކުރައްވާނަންތޯ؟ ވާދަކުރައްވާނަމަ، އެމް.ޑީ.ޕީ.ގެ ޕްރައިމަރީއަކަށް ގޮސްގެން އެކަން ކުރައްވަންތޯ މަނިކުފާނުގެ ވިސްނުންފުޅު ހުރީ.
ދެން ދެވަނަ ސުވާލަކީ، މަސްތުވާތަކެތީގެ މައްސަލަ ޙައްލުކުރުމަށް މަނިކުފާނު ރިޔާސަތު ބަލަހައްޓަވާ ގޮތަށް މަސައްކަތްތަކެއް މިދޭތެރެއިން ފެށްޓެވި. ރައީސްވެސް އެ ވާހަކަ ވިދާޅުވެފައި އޮތީ. ދެން އެހެން ނަމަވެސް، މަސްތުވާތަކެތީގެ މައްސަލައަށް ޙައްލު އަންނަތަނެއް އަޅުގަނޑުމެންނަކަށް ނުފެނޭ. މި އަހަރުގެ ރިޔާސީ ބަޔާނުގައި، ރައީސް ވިދާޅުވެފައި އެބައޮތް. 330 އޮޕަރޭޝަނަކުން 1.3 ޓަނުގެ މަސްތުވާތަކެތި އަތުލައިގަތް ކަމަށް. ދެން އަތުލައިގަންނަ ވާހަކަ ހަމަ އިދާރާތަކުން އެބަ ފާހަގަކުރޭ. އެހެން ނަމަވެސް، އަތުލައިގެންފައި ދެން އެ ހޯދަންޖެހޭ ނަތީޖާ، އެއީ ޑްރަގް ބޮޑުން ހައްޔަރުކޮށް، އަދަބުދޭ ތަނެއް އަޅުގަނޑުމެންނަކަށް އެކަށީގެންވާ ގޮތަކަށް ނުފެނޭ. ކީއްވެގެންތޯ ރައީސް، އެކަހަލަ މައްސަލަތައް، ޚާއްޞަކޮށް، ޑްރަގް ބޮޑުން ބޭރުވެގެންދަނީ. ޝަރުޢީ ނިޒާމުގެ ތެރެއިން ބޭރުވެގެން މިދަނީ ކީއްވެގެންތޯ. ބައެއްފަހަރު ދައުލަތުގެ އިދާރާތަކުން ގޯސް ހަދާފައި ހުރިކަން އެބަ ފާހަގަކުރެވޭ އަޅުގަނޑުމެންނަށް. ދާދިފަހުން ޕީ.ޖީ.އިން ނެރުނު ބަޔާނުންވެސް އެކަން އެބަ ފާހަގަކުރެވޭ. އެހެންވީމާ، ޑްރަގް ޑީލަރުންގެ ބާރުގަދަވީތޯ، ދައުލަތުގެ އިދާރާތަކުގެ މައްޗަށް. ކޮބައިތޯ މި ޖެހިގެން އުޅޭ މައްސަލައަކީ. މި މައްސަލަ ޙައްލު ކުރެވޭނެ ގޮތަކީ ކޮބައިތޯ؟ ޝުކުރިއްޔާ ރައީސް.
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް:
އާދެ، ރިޔާސީ އިންތިޚާބާ ބެހޭގޮތުން ސުވާލު ކުރެއްވީ ދޮގެއްތޯ. ފުރަތަމަ ކަމަކަށް، ޕާޓީގެ އެތެރޭގައި ކަންތައްތައް ކުރިއަށް ގެންދަންވާނީ ޕާޓީގެ ގަވާއިދާ އެއްގޮތަށް. ޕްރައިމަރީއެއް ބާއްވަން، ގަވާއިދުގައި އޮތް ކަމަށްވަންޏާ، އެކަން ކުރަންވާނީ އެގޮތަށް. ޑިމޮކްރެޓިކް އެންމެ ރަނގަޅު ގޮތަކީވެސް، ޕްރައިމަރީއެއް ބާއްވައިގެން ކުރިއަށް ގެންދިޔުން.
ދެން އަންނަ 2023 ގައި އަޅުގަނޑު ކުރިމަތިލާނެތޯ، ނޫންތޯ. ތިޔަ ކުރެއްވި ސުވާލުގައި، އެންމެ މުހިންމީ އަޅުގަނޑު ގަބޫލުކުރާ ގޮތުގައި، އެމް.ޑީ.ޕީ. އަށް ވެރިކަން ލިބުން. އެއީ މުޅި ރާއްޖެއަށްވެސް އޮތް އެންމެ ފައިދާހުރި ގޮތް. އަދި އޭގެއިތުރުން، މިހާރު ފެށިފައި ހުރި މަޝްރޫޢުތައް ކޮންޓިނިއުވާން އެބަޖެހޭ. އެނގޭ އެއްކަމަކީ، އެއްވެސް ޕާޓީއަކަށް އެކަނި ރިޔާސީ އިންތިޚާބެއް ކާމިޔާބު ނުކުރެވޭނެކަން. ގިނަ ޕާޓީތަކެއް އެކުވެގެން ނޫންގޮތަކަށް އެކަން ނުކުރެވޭނެކަން. އަޅުގަނޑަށް ޔަޤީންކަން އެބައޮތް، ކޯލިޝަނަކާ އެކީގައި އެމް.ޑީ.ޕީ. އިސްވެއޮވެ، ބަޔަކާ އެކީގައި ނުކުމެ، 2023 އަޅުގަނޑަށް ކާމިޔާބު ކުރެވޭނެކަން. އެއީ އެމް.ޑީ.ޕީ. އަށް އެކަންޏެއް ނުވާނެ.
އެހެންވީމާ، ޕާޓީގެ ކޮންގްރެސްއިން ނިންމާނީ ކެންޑިޑޭޓަކު. އަޅުގަނޑު ދޭނެ ޔަޤީންކަމަކީ، އަޅުގަނޑަށް ކާމިޔާބު ކުރެވޭނެ ކަމުގެ ޔަޤީންކަން އޮތް ވާހަކަ، ރިޔާސީ އިންތިޚާބު 2023 ގައި. އެމް.ޑީ.ޕީ. އަށް ވެރިކަން ބޭނުންކަމަށްވަންޏާ، އަޅުގަނޑަކީ ޗޮއިސްއެއް އިނގޭތޯ.
ޑްރަގް މައްސަލަ. ޓާސްކްފޯސްއެއް އުފައްދައިގެން އަޅުގަނޑުމެން ކުރިއަށް އެބަ ގެންދަން. އެއީ ވަރަށް ބޮޑެތި މައްސަލަތައް އެބަހުރި. އޭގެތެރޭގައި ރާއްޖެއަށް އެތެރެވާ ހިސާބު، ޑީލްކުރުން. އަދި އެ ބޭނުންކުރުން. އެ ހުރިހާ ކަމެއް އޭގައި ހިމެނޭ.
ދެން ހަމަ އެއާއެކީގައި، އަޅުގަނޑުމެންގެ މި ތަޙުޤީޤީ މަރުޙަލާއިން ފެށިގެން ގޮސް ޕްރޮސެކިއުޝަނާއި، ކޯޓާ ހިސާބުގައިވެސް އެބަހުރި މައްސަލަ. މިއަށް ޙައްލު ގެނެވޭނީ، މި އެންމެން އެކީގައި މަސައްކަތްކޮށްގެން. ތަޙުޤީޤު މަރުޙަލާގައިވެސް އެބަހުރި. އަޅުގަނޑު މި ދެންނެވި ޕްރޮސެކިއުޝަންގައިވެސް މައްސަލަތައް އެބަހުރި. އެހެން ނަމަވެސް، ގިނަ މަސައްކަތްތަކެއް، ބުރަ މަސައްކަތްތަކެއް މިހާތަނަށްވެސް ކުރެވިއްޖެ. އަޅުގަނޑު ހިތުން އޭގެ ނަތީޖާވެސް ފެންނަމުން ދަނީ. އެކަމަކު ތިޔަ ވިދާޅުވާހެން، ހުށަހެޅޭ ބައެއް މައްސަލަތަކުގައި، އެދެވޭ ނަތީޖާއެއް ނުނުކުމޭ. މިސާލަކަށް، މިދޭތެރެއިން 42 ކިލޯ ޑްރަގުގެ މައްސަލައެއް ފެންމަތިވެ، އެންމެބޮޑަށް ނޫސްތަކުގައި އަރައިގެންދިޔައީ. ޕްރޮސެކިއުޝަން، ޕީ.ޖީ. އޮފީހުން އޭގެ ބްލޭމް މި ނަގަނީ ތަޙުޤީޤު މަރުޙަލާގައި އެކަން ހިނގާފައި އޮތްގޮތާ ބެހޭގޮތުން. އަޅުގަނޑު ބެލިން، ޕޮލިހުގައި އޭގެ ވިއުވެސް. ޕޮލިހުން ދެކޭގޮތުގައި، ތަޙުޤީޤުކޮށްފައި އޮތީ ރަނގަޅަށް. އެ ކޯޓާ ހިސާބަށް ގެންދިޔުމުގެ ކުރިއަކުން ނެތް މައްސަލައެއް. އެހެންވީމާ، މި ދެބައިމީހުންގެ ދޭތެރޭގައި އެބައުޅޭ މައްސަލަތަކެއް. ޙައްލުކުރަންޖެހޭ ކަންތައްތަކެއް. އެހެންވީމާ، މިއީ އެންމެން އެއް ތަނެއްގައި ތިބެގެން، މިއަށް ބަދަލުތަކެއް ގެންނަންޖެހޭކަން އަޅުގަނޑު ގަބޫލުކުރަން. މިހާރުވެސް ބައެއް ބަދަލު ގެނެވިއްޖެ. އެކަމަކު މި ދެންނެވި މައްސަލަތައް އެބަހުރި އަދިވެސް. އަޅުގަނޑުމެން އެއައިގެން ކުރިއަށްދާނީ.
މުޙައްމަދު ޔަމީން - ސަން މީޑިއާ ގްރޫޕް:
އާދެ، ޝުކުރިއްޔާ އިނގޭތޯ. އަޅުގަނޑުގެ ފުރަތަމަ ސުވާލަކީ، ދާދިފަހުން އަޅުގަނޑުމެންނަށް ފެނިގެން މިދިޔައީ، ރައީސް އުފައްދަވާފައި އޮތް ރިޔާސީ ކޮމިޝަން، އެސެޓް ރިކަވަރީ ކޮމިޝަން އުވާލެއްވި ތަން. ދެން އުވާލިއިރުގައި، އަޅުގަނޑުމެންނަށް ލިބިފައި ހުރި ހިސާބުތަކަށް ބަލާއިރު، ޖުމްލަ 10 މިލިއަނަށްވުރެ ގިނަ ރުފިޔާ އެބަހުރި ޚަރަދުވެފައި. އަޅުގަނޑުމެންނަކަށް ނުފެނޭ، އޭގެ މާބޮޑު ނަތީޖާއެއް. ދެން މިހާރުވެސް އެބަހުރި، ރައީސްގެ ބައިވަރު ރިޔާސީ ކޮމިޝަންތައް އުފައްދަވާފައި، މަސައްކަތް ހިނގަމުން އަންނަ. ދެން ކޮބައިތޯ އެ ކޮމިޝަންތަކުގެ މަސައްކަތް މިހާރު ގޮސްފައި އޮތް ހިސާބަކީ. އެ ކޮމިޝަންތަކުން އެދެވޭ މަސައްކަތްތަކެއް ހިނގާ ކަމަށް ގަބޫލުކުރައްވަންތޯ؟
އަޅުގަނޑުގެ ދެވަނަ ސުވާލަކީ، އިޝާރާތް ކުރައްވައިފި، ސަބްސިޑީގެ ވާހަކަ ދައްކަވަމުން، ތެލުގެ އަގަށް ކުރިއަށް އޮތް ތަނުގައި ފަހަރެއްގައި ބަދަލެއް އައިސްދާނެއޭ. ސަރުކާރުން ތެލާއި ދެން އެހެނިހެން އަސާސީ ބާވަތްތަކަށް ސަބްސިޑީގެ ނަމުގައި ގެންގުޅުއްވާ ސިޔާސަތު މުރާޖަޢާ ކުރައްވައި، އެއަށް ބަދަލުތަކެއް ގެންނަވަނީތޯ؟
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް:
އާދެ، އެސެޓް ރިކަވަރީ ކޮމިޝަނުން އެބަހުރި މަސައްކަތްތަކެއް ކޮށްފައި އިނގޭތޯ. ތިން ހަތަރު ބަޔަކަށް ބަހާލައިގެން އޭރު މަސައްކަތް ކުރަމުން ގެންދިޔައީ. ފުރަތަމަ ކަމަކަށް، އެ ރަށްތައް ދޫކޮށްފައި ހުރީ ޤާނޫނާ އެއްގޮތަށްތޯ. ހަމައަގު ލިބިފައި ހުރިތޯ. މިކަމުގައި އިސްވެ ތިބީ ކޮންބައެއްތޯ. މީގެ ފައިދާ ލިބުނީ ކޮންބަޔަކަށްތޯ. ބުރަ މަސައްކަތްތަކެއް ކޮށްފައި ހުރީ. އެ ކޮމިޝަނުން އެކުރި މަސައްކަތުގެ އަލީގައި، އަޅުގަނޑުމެން ނިންމީ. ކޮމިޝަން އުފެއްދިއިރުވެސް އަޅުގަނޑު ބުނެފައި އޮންނާނެ، އެކަން އެކުރީ މިހާރުހުރި ކޮމިޝަންތަކަށް ރައްޔިތުންގެ އިތުބާރާއި، އަޅުގަނޑުމެންގެ އިތުބާރު، އެކަން ކުރެވިދާނެ ކަމުގެ ޔަޤީންކަން ނެތީމައޭ. އެއީ ކޮމިޝަންތައް އުފެއްދި ސަބަބަކީ. އަޅުގަނޑުމެން ހީކުރި ބާރުމިނުގައި އެކަމެއް ނުކުރެވުނު. އެކަން އަޅުގަނޑު ގަބޫލުކުރަން އިނގޭތޯ. ދެން އޭގައި ކޯވިޑާ ހެދި، އެ ދިމާވި ދެ އަހަރުގެ ދަތިކަމުގެ ވާހަކަ އާދޭ. އެކަމަކު އެއީކީއެއް އަޅުގަނޑު ހިތުން ތިޔައިން އެއްވެސް ބޭފުޅަކު ގަބޫލުކުރައްވާނެ ކަމެއް ނޫން. އެއާއެކީގައިވެސް އެކަން ވާންޖެހޭނެ.
ދެން އޭގެއިތުރުން، މި ދެ ކޮމިޝަންގައިވެސް ދިމާވި އެއް މައްސަލައެއް، މަސައްކަތް ކުރުމުގައި. މަސައްކަތުގެ ވަކި ހިސާބަކުން ހާމަވާންނުޖެހޭ މަޢުލޫމާތުތަކެއް ހާމަވެގެންދިޔުން. އެއާ ގުޅިގެން މަޢުލޫމާތު ދޭން ބޭނުންވި ކިތަންމެ ބައެއް، މަޢުލޫމާތު ދިނުން ހުއްޓާލި. ޚާއްޞަކޮށް، އަޅުގަނޑުމެންގެ މަރު ކޮމިޝަންގެ މަސައްކަތްތައް ކުރިއިރު، ހެކިން ވިޓްނަސް ޕްރޮޓެކްޝަނަށް ވަރަށްބޮޑު ގޮންޖެހުންތަކެއް އައި. އަޅުގަނޑަށް ޖެހުނީ އެހިސާބުން ވިޓްނަސް ރައްކާތެރި ކުރުމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތައް އަޅަން. އެ ބޭރުގެ މާހިރަކު ގެނެސް އެކަންކޮށް، މިހާރު ފުލުހުންގެ ތެރޭގައި އޭގައި ބައެއް އުފައްދައިގެން އެކަން ކުރަމުން މިގެންދަނީ.
އަޅުގަނޑު މި ދެންނެވިހެން ފުރަތަމަ ކަމަކަށް، އެ ދޫކުރި ރަށްތަކުގެ ހަމައަގު ހޯދުމަށްޓަކައި، ހަމައަގަކީ ކޮބައިތޯ ބަލަން އޯޑިޓް އޮފީހުން އަޅުގަނޑުމެން އެސެސްމަންޓެއް ހެއްދިން. ހަދާފައި މިހާރު އެ އެސެސްމަންޓް ވާނީ އޭ.ސީ.ސީ.އާ ޙަވާލުކޮށްފައި. އޭ.ސީ.ސީ. އިން ދެން ކުރަމުން ގެންދާނެ ކަމަކީ، އެއާ އެއްގޮތަށް ފައިސާ ދައްކާފައި ނެތް ކަމަށްވަންޏާ، އެ ހޯދުމުގެ މަސައްކަތް ކުރިއަށް ގެންދާނީ.
ދެން އަނެއް ކަމަކީ، އެއިން ފައިދާ ލިބުނު ފަރާތްތައް ހޯދުން. އޭގެ ބޮޑު ލިސްޓެއް، ޝައްކުކުރެވޭ މީހުންނާއެކީ، އަޅުގަނޑު ހިތުން ހާމަވެގެންދިޔަ އެވެސް. އެވެސް ވާންވީގޮތެއްގައެއް ނޫން ހާމަވެގެންދިޔައީކީ. އެކަމާ ގުޅިގެން ތަޙުޤީޤަށް އިތުރު ހުރަސްތަކެއް އެޅިގެންދިޔައީ. ދެން ބަލަމުން ގެންދާނީ އެކަން. އެކަން ކުރިއަށް އެބަގެންދޭ. އަޅުގަނޑު ގަބޫލުކުރަން، އެކަން އެ ސްޕީޑަކު ނުދިޔަ. އެއީ މައްސަލައެއް އެކަމަކު. އެ ކޮމިޝަނުންވެސް މަސައްކަތްތަކެއް، ރަނގަޅު މަސައްކަތްތަކެއް ކޮށްފައި ހުރިކަން އަޅުގަނޑު ގަބޫލުކުރަން.
ދެން އެބޭފުޅުން ހުށަހަޅުއްވާފައި އޮތީ، އިޞްލާޙު ކުރަންޖެހޭ ކަންތައްތަކުގެ ވާހަކަ، 8 މުއައްސަސާއަކަށް. އެޓަރނީ ޖެނެރަލްގެ އޮފީހާއި، އިކޮނޮމިކް ޑިވެލޮޕްމަންޓާއި، އެހެންގޮސް ޕޮލިސް ސަރވިސްއިން ކުރަންޖެހޭ ކަންތައްތަކެއްގެ ވާހަކަ. އެ މަސައްކަތްތައް އެބަދޭ. އެއެއްނޫން އެކަމަކު ރައްޔިތުން ބޭނުން މިވަނީކީ ދޮގެއްތޯ. އެއާއެކީގައި، މި ރަށްތައް ނުއަގުގައި ލިބުނު ފަރާތްތަކުން ހަމައަގު ހޯދުމާއި، މީގެ ފައިދާ ލިބުނު ފަރާތްތައް ތަޙުޤީޤުގެ ކުރިމައްޗަށް ގެނައުމާ، މި މަސައްކަތް ކުރުން. އެ ދަތި އުނދަގޫ މަސައްކަތް، އޭ.ސީ.ސީ.އިން އަޅުގަނޑު މި އުންމީދު ކުރަނީ، ކުރިއަށްވުރެ ބާރު ސްޕީޑްގައި ކުރިއަށް ގެންދާނެ ކަމަށް. އަޅުގަނޑު ޔަޤީންކަން މިދެނީ، އޭ.ސީ.ސީ. އަށްވެސް، އެ މުއައްސަސާތަކަށްވެސް ސަރުކާރުން ދޭންޖެހޭ ހުރިހާ އެއްބާރުލުމަކާއި އެހީތެރިކަމެއް ފޯރުކޮށްދޭނަމޭ. ހުޅުވިފައި ހުންނާނީ ހުރިހާ އެއްޗެއް. އަޅުގަނޑުމެން ސިއްރުކުރަން އެއްވެސް ކަމެއް އެއަކު ނޯންނާނެ. ބޭނުންވާ ހުރިހާ މަޢުލޫމާތެއް އަޅުގަނޑުމެން ދޭނަން.
ދެން މިހާތަނަށްވެސް 8 މައްސަލައެއް ޝަރީޢަތުގެ މަރުޙަލާގައި ކުރިއަށް އެބަދޭ. އެކަމަކު އެއީކީއެއް އެންމެ އެކަށީގެންވާ ޢަދަދެއް ނޫން. ރައްޔިތުން އެއެއް ގަބޫލެއްނުކުރޭ، އަދި ފުރިހަމައަށް އެކަން ކުރެވުނު ކަމަކަށެއް. ދެން ސަބްސިޑީ ދިނުމުގައި، އާދެ، އެއަށް ބަދަލުތަކެއް ގެނައުމުގައި ދިރާސާތަކެއް އެބަ ކުރަން އަޅުގަނޑުމެން. މިހާރު މިދޭ އުޞޫލު، ފުޑް ސަބްސިޑީވިޔަސް، ފިއުލް ސަބްސިޑީވިޔަސް، ޑައިރެކްޓް ސަބްސިޑީއެއް މީގައި ދެވޭނީ ކިހިނެއްތޯ، ފަސޭހައިން ދެވޭނީ ކޮންގޮތެއްތޯ ބަލާފައި، އެކަންވެސް އަޅުގަނޑުމެން ކުރަންޖެހޭނެ. އެހެން ނޫނީވިއްޔާ ތެލުގެ އަގު ބޮޑުކުރަންޖެހޭނީ. ކޮންމެވެސްވަރަކަށް ބޮޑުވާނެ އިނގޭތޯ. ބޮޑުނުވާނެ ކަމަށް ނުބައްލަވައްޗޭ. އެއީ ދައުލަތަކުންނެއް އެ ހުރިހާ އެއްޗެއް ނުނެގޭނެ. ނަގައިފިއްޔާ އެހެން ކަންތައްތަކަށް ދަތިވާނެ. އެހެންވީމާ، ދުނިޔެއަށް މި ކުރިމަތިވި އިޤްތިޞާދީ ދަތި، އަޅުގަނޑުމެން އެންމެން އެކީގައި މި ބުރަ އުފުލަންޖެހޭނެ. އޭރުން ސަލާމަތްވާނީ.
ޝަފްރާޒް އަޙްމަދު ޙުސައިން - ވޮއިސް:
އަޅުގަނޑު ސުވާލަށް ދިޔުމުގެ ކުރިން ކޮށްލަން ބޭނުންވަނީ، މި އެސް.ޑީ.އެފް. ފަންޑު އިންވެސްޓް ކޮށްފައި އޮތް ވާހަކަ ވިދާޅުވީމަ. މިހާރު އެ އިންވެސްޓް ކުރުމާ ބެހޭގޮތުން އެއްވެސް ޤާނޫނެއް ނެތްއިރު، ކޮން ޤައުމަކަށް، ކިހިނެއްތޯ މި އިންވެސްޓް ކޮށްފައި ވަނީ. ދެން އަޅުގަނޑުގެ އަޞްލު ސުވާލަށްދާއިރު، މި ފާއިތުވި ހުރިހާ ސަރުކާރުތަކުން މި ޚިޔާލުފާޅުކުރުމާއި، މި އެއްވެއުޅުމާ، މި ހުރަސްތައް އަންނަނީ ކުރިމަތިކުރުވަމުން. ދެން މަނިކުފާނު ވެރިކަމަށް އައުމުގެ ކުރިން ހަމަ ވަރަށް ބޮޑަށް ވަކާލާތު ކުރި ކަމެއް، މި މިނިވަންކަން ދޭނެ ވާހަކަ. ވެރިކަމަށް ހަތަރުވަނަ އަހަރު މިހާރު ގުނަމުންދާއިރު، އަދިވެސް މި ފެންނަނީ، ޚިޔާލުފާޅުކުރުމާއި، މި އެއްވެއުޅުމުގެ ކަންތައްތަކަށް ހުރަސްއަޅަމުން އަންނަތަން. އެއީ ކީއްވެތޯ، މަނިކުފާނަށްވެސް އުނދަގޫފުޅު ކަމަކަށްވަނީތޯ، ޚިޔާލުފާޅުކުރަން އެއްވުމާ، މިކަންކަމަށް.
ދެވަނަ ސުވާލެއްގެ ގޮތުން ކުރަން ބޭނުންވަނީ މަނިކުފާނުވެސް އިދިކޮޅުގައި ޙަރަކާތްތެރިވެ ލީޑް ކުރެއްވިއިރު، ރާއްޖޭގެ ޓޫރިޒަމް ބޮއިކޮޓް ކުރަން ވަނީ ބޮޑެތި ކެމްޕެއިން ހިންގަވާފައި. މިހާރު މިވަނީ އިންޑިއާ އައުޓާ ގުޅިގެން ޤަރާރެއް ނެރުއްވަން، އިންޑިއާ އައުޓް ހުއްޓުވަން މަސައްކަތް ކުރައްވާފައި. ކޮބައިތޯ މި ދެކަމުގެ ހުރި ފަރަޤަކީ. ޤަރާރަކުން އިންޑިއާ އައުޓް ހުއްޓުވަންޖެހޭވަރަށް، ކަން ކުރައްވަން ޖެހުނީ ކީއްވެތޯ؟ ހަމަ ރާއްޖެ ބޮއިކޮޓް ކުރުމުން، ރާއްޖޭގެ ރައްޔިތުންނަށް ސީދާ އިފެކްޓްވާ ކަމަކަށްވާއިރު، ކީއްވެތޯ އިންޑިއާ އައުޓާ ޖެހުމުން، މިފަދަ ޤަރާރެއް ނެރުއްވާފައި ވަނީ؟ ވަރަށް ބޮޑަށް ޝުކުރިއްޔާ.
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް:
އާދެ، މި އެސް.ޑީ.އެފް.ގެ ހުރި ފައިސާ އިންވެސްޓް ކުރަމުން އެ ގެންދަނީ އެމް.އެމް.އޭ.އިން. އެމީހުން އެކަން އެކުރަނީ. ޤާނޫނުގެ ތެރެއިން އެކަން ކުރަމުން އެ ގެންދަނީ. އެއަކަށް ހުރަހެއް އޮތް ކަމަކަށް އަޅުގަނޑެއް ގަބޫލެއްނުކުރަން.
ދެން އޮތީ ޚިޔާލުފާޅުކުރުން. ފުރަތަމަ ކަމަކަށް، ޚިޔާލުފާޅުކުރުން، ނޫސްވެރިކަމުގެ މިނިވަންކަން. ތިއިން އެއްވެސް ބޭފުޅަކު ވިދާޅުވެބައްލަވަ! އެއްވެސް އެއްޗެއް ލިޔުމަށް ހުރަސްއެޅިންތޯ؟ ބޭނުން ބަހަކުން، ބޭނުން ޢިބާރާތަކުން، ބޭނުންގޮތަކަށް ތިޔަބޭފުޅުން ލިޔުއްވަމުން ތިޔަ ގެންދަވަނީ. ހުރަހެއް އެބައޮތްތޯ؟ އެއީ އަޅުގަނޑާ ބެހޭގޮތުން ކަމަށްވިޔަސް، ސަރުކާރާ ބެހޭގޮތުން ކަމަށްވިޔަސް، ސަރުކާރުގެ މުއައްސަސާއަކާ ބެހޭގޮތުންވެސް ބޭނުން އެއްޗެއް ތިޔަބޭފުޅުންނަށް ވިދާޅުވަމުން ގެންދެވޭނެ. އަޅުގަނޑު ހިތުން ތިޔަބޭފުޅުން އެ ސުވާލަށް ފުރަތަމަ އަމިއްލަފުޅަށް ޖަވާބު ހޯއްދަވާ. އޭގެ ހުރަހެއް އޮތްތޯ، އެއްވެއުޅުމުގެ. ކުރީގައި ހަދާފައި އޮތް ޤާނޫނަކަށް ގެނެވުނު ބަދަލަކުން އެބައޮތް މާލޭގައި އެއްވެއުޅުމަށް ހުރަސްތަކެއް އެޅިފައި. އެއަށް ބަދަލު ގެނައުމުގެ މަސައްކަތް، އަޅުގަނޑު މި ދެންނެވީ. ދެންމެ އަޒާންކަންނޭނގެ އެ ސުވާލު ފުރަތަމަ ކުރެއްވީ.
އަޅުގަނޑު ދެންނެވީ، އެ މަޖިލީހުގައި އޮތް ވާހަކަ. އަޅުގަނޑު ބަލާނަން އެ އޮތްތޯ، ނެތްތޯ މިހާރު. އަޅުގަނޑަކަށް އެއަށް ވެގެންދިޔަގޮތެއް ނޭނގެ. އެ މާއްދާ އުވާލަން މަޖިލީހަށް ހުށަހެޅިކަން އަޅުގަނޑަށް އެނގޭ. ފަހުން އެއަށް ވެގެންދިޔަގޮތެއް އަޅުގަނޑަކަށް ނޭނގެ. އެހެންވީމާ، އެއްވެއުޅުމާއި، ޚިޔާލުފާޅުކުރުމާއި، ނޫސްވެރިކަމުގެ މިނިވަންކަމަކީ، މި ސަރުކާރުން އަޅުގަނޑުމެން ހުރަސްއަޅާނެ ކަމެއްނޫން. އެ ޔަޤީންކަން އަޅުގަނޑު ދެން. ހަމަ ފުރިހަމަ މިނިވަންކަން، ދެވެން އޮތް އެންމެ ފުޅާމިނެއްގައި އަޅުގަނޑުމެން ދޭނަން. އަޅުގަނޑު ހިތުން ހަމަ ތިޔައިން އެއްވެސް ބޭފުޅަކަށް އެއްވެސް އެއްޗެއް ލިޔުމަކަށް، މިވަގުތަކު ނޯންނާނެ ހުރަހެއް.
އާދެ، އިންޑިއާ އައުޓް ދޮގެއްތޯ.
އާދެ، ޤައުމީ ސަލާމަތާބެހޭ މަޖިލީހަށް، ނޭޝަނަލް ސެކިއުރިޓީ ކައުންސިލަށް ހުށަހެޅުނީ، އެއާ ބެހޭގޮތުން އެމް.އެން.ޑީ.އެފް.އާއި ޕޮލިހުން މައްސަލަތަކެއް، ނޭޝަނަލް ސެކިއުރިޓީއާ ބެހޭ މައްސަލަތަކެއް މީގައި އެބައުޅޭ ކަމަށް. ޤާނޫނުއަސާސީން އަޅުގަނޑުގެ މައްޗަށް 115 ވަނަ މާއްދާއިން މަތިކޮށްފައި އެބަހުރި ކަންތައްތަކެއް ކުރަން. މަސްއޫލިއްޔަތުތަކެއް އެބަވޭ. އެއީ ޙައްޤުތަކާއި މިނިވަންކަން ރައްކާތެރިކުރުމާއި، ބައިނަލްއަޤްވާމީ މުޖުތަމަޢުގައި ދިވެހިރާއްޖޭގެ ސިޔާދަތުތަކަށް އިޙްތިރާމް ކުރުން އިތުރުކުރުމާއި، ޚާރިޖީ ސިޔާސަތު ކަނޑައެޅުމާ، މި ހުރިހާ ކަމެއް ކުރުމަށް މަސައްކަތް ކުރަން އެބައޮވޭ، 115 ވަނަ މާއްދާގެ ދަށުން އަޅުގަނޑަށް ބާރު ލިބިފައި. އެކަން ކުރުމުގައި އަޅުގަނޑަށް ލިޔުމަކުންވެސް ކުރެވިދާނެ. ޤަރާރެއްވެސް ނެރެވިދާނެ. އެއިން އެއްވެސް ކަމަކަށް ޤާނޫނުއަސާސީ ހުރަހެއްނާޅާނެ. އިންޑިއާއާ އިދިކޮޅަށް މި ހިންގާ ކަންތައްތަކުގައި، ނޭޝަނަލް ސެކިއުރިޓީ ކައުންސިލަށް ހުށަހެޅިފައި ހުރި ކަންތައްތަކުގެ ތެރޭގައި އެބަހުރި އިނގޭތޯ، ސީދާ އިންޑިއާ ރައްޔިތުންނަށް، މިތާ މަސައްކަތްކުރާ ޑޮކްޓަރުންނާއި، ނަރުހުންނާއި، ޓީޗަރުންނަށް ފުރައްސާރަކޮށް، ބިރުދައްކައި، މަގުމަތީގައި އުޅެންދަތިވާ ކަންތައްތައް ކޮށްފައި. ބައެއް ޓެކްސީތަކަށް އެރުވުން ހުއްޓާލާފައި އެބަހުރި. އިންޑިއާ ހައިކޮމިޝަންގެ ބޭރުގައި ލިޔެފައި އެބަހުރި. ވިއެނާ ކޮންވެންޝަންތަކުން، އަޅުގަނޑުމެން ބައިވެރިވެފައި ހުރި ކޮންވެންޝަންތަކުގައި، އެހެން ތިބޭ ފަރާތްތަކަށް ޙިމާޔަތާއި ރައްކާތެރިކަން، އެ ހޯސްޓް ކަންޓްރީއަކުން ދޭންޖެހޭނެ. އަޅުގަނޑުމެން އެކަން ޔަޤީންކުރަންޖެހޭނެ.
އެހެންވީމާ، އެ ޙަރަކާތަކީ ވަރަށް ބޮޑަށް ރޭވިގެން، އޭގެތެރޭގައި އެތައް ކަމެއް ހުރި ކަންތައްތަކެއްކަން ނޭޝަނަލް ސެކިއުރިޓީއާ ބެހޭ މަޖިލީހަށް މި ދެ މުއައްސަސާއިން ހުށަހެޅި. އެކައުންސިލްގެ ނިންމުމަކަށްވީ، މި ކަންތައްތައް ހުއްޓުވުމަށްޓަކައި އަޅުގަނޑު ކުރަންޖެހޭ ކަމެއް ކުރުމަށް. އެގޮތުން އަޅުގަނޑު އެ ޤަރާރު ނެރުނީ. އޭގައި ޤާނޫނުއަސާސީއަކާއި ޤާނޫނަކާ ޚިލާފުވާނެ އެއްވެސް އެއްޗެއް ނޯންނާނެ. އަނެއްކާ އެއަކު އެއްވެސް ޙައްޤެއް، ހުރަސްއެޅޭ ކަމެއް ނޯންނާނެ. އަޅުގަނޑު އެ ޤަރާރުގައި ބުނެފައި އޮންނާނީ، މި ދެންނެވި ކަންތައްތައް ހުއްޓުވުމަށްޓަކައި ކުރަންޖެހޭ ކަންތައްތައް މުއައްސަސާތަކުން ކުރަން. އެހެންވީމާ، އޭގެ ދަށުން ފުލުހުން ކުރިޔަސް، އަދި އެމް.އެން.ޑީ.އެފް. އިން ކުރިޔަސް، ކަން ކުރާނީ އެބޭފުޅުންގެ ޤާނޫނާ އެއްގޮތަށް. ކުރަންޖެހޭ ކަންތައްތައް ކުރާނީ.
ޓޫރިޒަމް ބޮއިކޮޓް ކުރުމަށް އަޅުގަނޑުގެ ލީޑަރޝީޕަކު ނޯންނާނެ ގޮވާލާފައެއް. އަޅުގަނޑު އިސްވެ ހުރެ ނުހުންނާނެ ކޮށްފައެއް. އަދި އަޅުގަނޑު ދެކޭގޮތުގައި، އެމް.ޑީ.ޕީ.އަކުންވެސް ނޯންނާނެ އެކަހަލަ ކަމެއް ކޮށްފައެއް. އަޅުގަނޑު ގަބޫލެއްނުކުރަން އިނގޭތޯ، އެކަން އެމް.ޑީ.ޕީ. އިން ކުރާނެ ކަމަކަށެއް. ރާއްޖޭގެ އިޤްތިޞާދަށް ގެއްލުންވާފަދަ އެއްވެސް ކަމެއް އެމް.ޑީ.ޕީ.އަކުން ނުކުރާނެ.
އަޒްމީ ޢަލީ - ދުވަސް:
އާދެ، އަޅުގަނޑުގެ ދެ ސުވާލެއް އެބައޮތް. ފުރަތަމަ ސުވާލަކީ، ރައީސް ޔާމީން އިހަށްދުވަހު ވިދާޅުވެފައި އެބައޮތް، ޗައިނާއިން ތިލަމާލެ ބްރިޖް ހިލޭ ކޮށްދެއްވާނެ ކަމަށް ވިދާޅުވެފައި އޮތް ކަމަށް. ދެން ހިލޭ ވާން އޮތް ކަމެއްގައި، ކީއްވެތޯ އިންޑިއާގެ ލޯނަކާ އެކުގައި ކުރިއަށްދާން މިވަގުތު ކުރިއަށް ގެންދަވަނީ. އެއީ އެއް ސުވާލު.
ދެން އަނެއް ސުވާލަކީ، ވޭތުވެދިޔަ ދެ އަހަރުވެސް ރިޔާސީ ބަޔާނުގައި ރައީސް ވިދާޅުވެފައިވޭ، ލ.ގަމުގެ ކެންސަރ ހޮސްޕިޓަލްގެ ވާހަކަ. އަދި ޓަރޝަރީ ހޮސްޕިޓަލްތަކުގެ ވާހަކަ. އެކަމުގެ އަޕްޑޭޓަކީ ކޮބައިތޯ؟
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް:
ފުރަތަމަ ކަމަކަށް، ބްރިޖް ހިލޭ އެޅުން. އަޅުގަނޑު ހިތަށްއަރާ، ކީއްވެގެންބާވައޭ ފުރަތަމަ އެޅި ބްރިޖް ހިލޭ ނޭޅީ. މާކުޑައެއް ނޫންތޯ. އަނެއްކާ އަޅުގަނޑު ކައިރީ އަޅުގަނޑުގެ ރައްޓެއްސަކު ބުނި، މިއީ، ބައި ވަން ގެޓް ވަން ފްރީ ގޮތަށް އޮންނަ ކަމެއްހެއްޔޭ. ބައި ވަން ގެޓް ވަން ފްރީ. އެކަތި ގަތީމާ އަނެކަތި ހިލޭ ލިބެނީހެއްޔޭ. އެކަހަލަ ގޮތަކަށް ކުރާ ކަމެއްހެއްޔޭ، މި ބްރިޖް އެޅުމަކީ. އެހެންވީމާ، އެއް ބްރިޖް، އަގުދީފައި އެޅީމާ، އަނެއް ބްރިޖް ހިލޭ ލިބެނީހެއްޔޭ.
އަޅުގަނޑު ގަބޫލުކުރަން އިނގޭތޯ. ގަބޫލުކުރާ އެއްކަމެއް އޮވޭ. ރާއްޖެއާ ގުޅުން އޮތް އެއްވެސް ޤައުމަކުން، އެއްވެސް މީހަކަށް، ވެރިކަމުގައި ހުންނަ މީހަކަށް ނުކޮށްދޭނެ ކަމެއް. ކޮށްދެންޏާ އެއީ ގޯހެއް. ޤައުމުތަކުން އެހީވާންވާނީ ދިވެހި ރައްޔިތުންނަށް. މުޅި ޤައުމަށް އެހީވާންޖެހޭނީ. އަޅުގަނޑު މިތާ ހުއްޓޭ ކިޔާފައި، އަޅުގަނޑަށް ކޮށްދޭ ކަމެއްގެ ގޮތުގައި ކޮށްގެނެއް ނުވާނެ. އެއީ ކޮންމެ ޤައުމެއް ކަމަށްވިޔަސް. އެހެންވީމާ، ތިޔަ ވިދާޅުވާ ޤައުމުންވެސް އަޅުގަނޑު ނުބުނާނަން، ތިޔަގޮތަށް އެކަން ކުރާނެއެކޭ. ކޮށްދެންޏާ ކޮށްދޭނީ ދިވެހި ރައްޔިތުންނަށް، ދިވެހި ޤައުމަށް، މުޅި ރާއްޖެއަށް. ވަކި މީހަކަށް ކޮށްދޭ ކަމެއްގެ ގޮތަކު ނުކޮށްދޭނެ. ކޮށްދޭ ކަމަށްވަންޏާ އެއީ ގޯހެއް.
ކެންސަރު ހޮސްޕިޓަލްގެ މަސައްކަތް އެބަދޭ. އަޅުގަނޑު ތަފްޞީލު ގެނެސްފައެއް ނެތް. އޭގެ ޑީ.ޕީ.އާރު.ގެ މަސައްކަތް ނިމި، މަޝްވަރާގެ ހިސާބުގައި އޮތީ.
މާހަތު ޙުސައިން ރަޝީދު - ސަންގު ޓީ.ވީ:
ޝުކުރިއްޔާ ރައީސް.
އަޅުގަނޑުގެ ފުރަތަމަ ސުވާލަކީ، މަނިކުފާނު ދެންމެ ވިދާޅުވެއްޖެ، 2023ގެ މި އިންތިޚާބުގައި ވާދަކުރުމާ ގުޅޭގޮތުން. ދެން އެމް.ޑީ.ޕީ.ގެ ކޮންގްރެސް ބޭއްވުމަށްޓަކައި ހަމަޖެހިފައި މިވަނީ އޮގަސްޓު މަހުގެ ތެރޭގައި. ދެން އޮގަސްޓު މަހު އިންތިޚާބު ބާއްވާއިރު، ކޮންގްރެސްއަށް ހުށަހަޅާފައި ހުރި މުހިންމު ކަންތައްތަކުގެ ތެރޭގައި އެބަ ހިމެނޭ، ރައީސް ކަމަށް ވާދަކުރައްވާ ބޭފުޅަކު އިންތިޚާބު ކާމިޔާބު ކުރެވޭނެ އިންސައްތައެއްގެ ގޮތުގައި 30 އިންސައްތައަށް ބަދަލުކުރުމާއި، އަދި ބައެއް އެހެނިހެން ހުށަހެޅުންތަކެއްވެސް އެބަހުރި. ދެން މި ހުށަހެޅުން ހުށަހަޅުއްވާފައި މިވަނީ ރައީސް މުޙައްމަދު ނަޝީދު.
އަޅުގަނޑުގެ ސުވާލަކީ، މި އެމް.ޑީ.ޕީ.އަކީ ފެށުނީއްސުރެ ފެށިގެން ރިޔާސީ އިންތިޚާބުތަކުގައި ވާދަކުރައްވާއިރު، 50 އިންސައްތައަކީ އެއީ ރަނގަޅު ޢަދަދެއް ނޫން ކަމަށް ބުނަމުން އައި ޕާޓީ. އެހެންވީމާ، މިއަދު ކޯލިޝަނާ ގުޅޭގޮތުން ނުވަތަ ކޯލިޝަނަކާ އެކީގައި ކަމަށް ވެރިކަމަށް އާދެވޭނީ ކީއްވެގެންތޯ ތިޔަ ވިދާޅުވަނީ. ނުވަތަ ރައީސް ނަޝީދު އެ ހުށަހަޅުއްވާފައި އޮތް ހުށަހެޅުއްވުމަކީ، އެމަނިކުފާނު އަމިއްލަފުޅަށް އިންތިޚާބު ކާމިޔާބު ކުރެއްވުމަށްޓަކައި ވިދާޅުވި ބަސްފުޅަކަށް ވެދާނެތޯ؟
ދެން ދެވަނަ ސުވާލަކީ، އިޤްތިޞާދާ ގުޅޭގޮތުން. މިވަގުތު ހަމަ މީޑިއާތަކުގައި މި ދެކެވެމުންދާ ވާހަކަތައް. އަޅުގަނޑުމެންނަށް ފެނިއްޖެ، ކޯވިޑުގެ ތެރޭގައި ފައިސާ ޗާޕްކުރުމާ، އަދި މިނޫންވެސް ކަންތައްތަކެއް ހިނގައިދިޔަތަން. ކޯވިޑުގެ ތެރޭގައ މަޖިލީހުގައިވެސް މިކަމާމެދު ބަޙުޘްތަކެއް ކުރެވުނު. މިއަދު ރިޒަރވްއާ ގުޅޭގޮތުން މިހާ ބޮޑެތި ބަޙުޘްތަކެއް މި ކުރެވެނީ، އޭރު ޑިޒިޝަންސްތަކެއް ނެގިއިރު، އެ މަޝްވަރާ ކުރަންޖެހޭ މިންވަރަށް މަޝްވަރާތަކެއް ނުކުރެވި ނެގުނު ޑިޒޝަންސްތަކެއްގެ ސަބަބުން ކަމަށް ވެދާނެތޯ، މިހާރު ރިޒަރވްއާ ގުޅޭގޮތުން ނުވަތަ ރާއްޖޭގެ އިޤްތިޞާދީ ޙާލަތު މިހާ ދަށްވެގެން ވާހަކަތަކެއް މި ދެކެވެނީ.
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް:
ރިޒަރވް ދަށެއްނުވޭ ނޫންތޯ. އެއީ ދުނިޔޭގެ ބާޒާރަށް އައި ބަދަލުގެ ސަބަބުން ދޮގެއްތޯ. ދުނިޔޭގެ ބާޒާރުގައި ތަކެތީގެ އަގަށް އަތުވެއްޖެ ބަދަލެއް. އަޅުގަނޑުމެންނަކީ އިމްޕޯޓް ކުރާ ބައެއް. އެހެންވީމާ، އެ ބަދަލު އަންނާނެ އިނގޭތޯ. އެ ބަދަލު އަންނާނެ. އަޅުގަނޑުމެން އެންމެންޖެހޭނީ އޭގެ ބުރަ އުފުލަން.
މާހަތު ޙުސައިން ރަޝީދު - ސަންގު ޓީ.ވީ:
ދެން ކޮބައިތޯ ސަރުކާރުން އަޅުއްވާނެ ފިޔަވަޅުތަކަކީ. ލޯނުތައް އަނބުރާ ދެއްކުމަށްޓަކައިވެސް ހަމަ ލޯނުތަކެއް ނޫންތޯ ތިޔަ ނަންގަވަނީ؟
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް:
ނޫން. ލޯނު އަޅުގަނޑު މި ދެންނެވީ ދެއްކިގޮތް. އިއްޔެ ދެއްކި ގޮތުގެ ވާހަކަ. އެ ސޭވްކޮށްފައި ހުރި، އެކަމަށްހުރި ފައިސާއިން އެ މި ދެއްކީ އިނގޭތޯ. އެހެންވީމާ، އެއީއެއް ނޫން. ލޯނު ނަގާފައި ހުންނާނީ ބޮޑެތި ޕްރޮޖެކްޓްތައް ހިންގަން. އެއީ ދިގު މުއްދަތުގައި އަޅުގަނޑުމެން ނެގި ލޯނުތައް ހުންނާނެ. ކޮންސެޝަނަލް ލޯނު. އެހެންވީމާ، އޭގެ ބުރައެއް އަދި އަންނާނީ މީގެ 5 އަހަރު، 6 އަހަރު ފަހުން ފުރަތަމަ ދައްކަންވެސް ފަށްޓަން މިޖެހެނީ. އެހެންވީމާ، އެއަކަށް އަޅުގަނޑުމެން ނުހުންނާނެ. އެހެނެއް ނޫން، ކޯވިޑުތެރޭގައި އަޅުގަނޑުމެން ފައިސާ ނެގިން. ފައިސާ ޗާޕްކުރަންވެސް ޖެހުނު. އެއީ އެވަގުތު ޙާލު އޮތްގޮތް. އެއީ އެނޫން ގޮތަކަށް ޤައުމެއް ސަރވައިވެއް ނުވާނެ.
2020 ވަނަ އަހަރު ނިމުނުއިރުގައި އެއީ އަޅުގަނޑުމެންނަށް ކުރިމަތިވި އެންމެބޮޑު ގޮންޖެހުން ކުރިމަތިވި ވަގުތު. އެއިން އެވަގުތު ރިޒަރވްއަށް ވަރަށްބޮޑު ގޮންޖެހުމެއް އައި. އެކަމަކު އިރާދަކުރެއްވީތީ އެއިން އަރައިގަނެ، މިވަގުތު 2019ގެ ކުރިއާ އެއްވަރަށް އަޅުގަނޑުމެންގެ ރިޒަރވްގައި ފައިސާ މިހާރު އެބަހުރި. އާދެ، 30 ޕަސެންޓް ކާމިޔާބުކޮށްގެން އަންނަ މީހަކު ވެރިކަމަށް އައުމަކީ އެއީ އަޅުގަނޑު ތާއީދުކުރާ ކަމެއް ނޫން. އަޅުގަނޑުގެ ތާއީދެއް ނެތް. ވެރިކަމަށް އަންނަންވާނީ ރައްޔިތުންގެ 50 ޕަސެންޓް ލިބޭ މީހެއް. އެއީ އަޅުގަނޑު ތާއީދުކުރާ ގޮތަކީ.
އިބްރާހީމް ޒަކީ - ވަން އޮންލައިން:
އާދެ، މަނިކުފާނުގެ ވަޢުދުފުޅެއް އެއީ، ޖޭ.އެސް.ސީ. މިހާރު އެތުރިފައި އޮތްގޮތް ބަދަލުކުރާ ޤާނޫނަށް އިޞްލާޙު ގެންނަ ވާހަކަ. ވަރަށްގިނަ ދުވަސް ވެއްޖެ ދައްކަވާތާ އެކަމާ ބެހޭގޮތުން މަޝްވަރާ ކުރެވެމުންދާ ވާހަކަ. މިހާރު މަޖިލީހަށް ޖޭ.އެސް.ސީ. އެ ޤާނޫނު އިޞްލާޙު ކުރަން ހުށަހަޅާފައި އޮތީކީވެސް އެގޮތަކަށް ނޫން. އެއީ އެހެން ގޮތަކަށް. އަދި އެ އިޞްލާޙު ކިހާތާކު އަންނާނެތޯ. އަދި ރައްޔިތުންގެ މަޖިލީހުގެ ތަޅުމުގައި މިހާރުވެސް އެމް.ޑީ.ޕީ.ގެ މެންބަރުންގެ ބަޙުޘްތައް ކުރިއަށްދަނީ އެ ޗެއަރޕަރސަންގެ މަގާމަށް އިންތިޚާބުކޮށް ކުރިއަށްދިޔައިރު، އެއޮތް ވާދަވެރިކަމުގައި.
ދެން ހަމަ އެގޮތަށް އަޅުގަނޑު ފާހަގަކޮށްލަން. އިންޑިއާގެ ބީ.ޖީ.ޕީ.ގެ ލީޑަރަކު ކީރިތި ރަސޫލާއަށް ފުރައްސާރަކުރި މައްސަލައިގައި، އެކަން ކުށްވެރި ކުރުމަށް ހުށަހެޅި ޤަރާރުވެސް ބޭރުކޮށްލީ އެމް.ޑީ.ޕީ.ގެ ބޮޑު މެޖޯރިޓީއަކާއެކީ. ދެން މަނިކުފާނު އެކަމާ ބެހޭގޮތުން އެއްވެސްކަހަލަ އިރުޝާދެއް ދެއްވާފައިވާނެތޯ ޕީ.ޖީ. ގްރޫޕަށް.
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް:
އާދެ، ޖުޑީޝަރީ ރިފޯމް، އެއީ އަޅުގަނޑުމެންގެ ވަޢުދެއް. އޭގެ ވަރަށްގިނަ ބިލްތައް މިހާރު ޑްރާފްޓް ކުރެވި، މަޖިލީހާ ހިސާބަށް ބައެއް ބިލް ގެންގޮސްފި. އަނެއްބައި ބިލްތައް ދާނެ. ޖޭ.އެސް.ސީ.ގެ ކޮމްޕޮޒިޝަން ބަދަލުކުރާނަން އަޅުގަނޑު. އަޅުގަނޑުމެންގެ ވިސްނުމަކީ، މި އަހަރު ފަހުކޮޅު ނޫނީވިއްޔާ މި އަންނަ އަހަރު ކުރީކޮޅު އެ އިޞްލާޙު އަޅުގަނޑު މަޖިލީހަށް ހުށަހެޅުން. އެންމެ ލަސްވެގެން އެހިސާބުގައި ޖޭ.އެސް.ސީ. އެކުލެވިގެންވާ ގޮތް ބަދަލުކުރުމަށް ހުށަހަޅައި، އެ ބަދަލު އަޅުގަނޑުމެން ގެންނާނަން.
ދެން އެމް.ޑީ.ޕީ. ޕާލަމެންޓަރީ ގްރޫޕްގައި، ވިޕްލައިން ނެރެން އޮވޭ އުޞޫލެއް. ބައްދަލުކޮށްފައި، މަޝްވަރާކޮށްފައި، އެބޭފުޅުންނަށް ފެންނަ ގޮތަކަށް ވިޕްލައިން ނެރެވޭނެ. މި ޤަރާރު ބަލައިނުގަތުމުގައި ކަންކުރިގޮތް، ޕީ.ޖީ. ލީޑަރު ވަރަށް ތަފްޞީލުކޮށް އިއްޔެ އެބައޮތް ވިދާޅުވެދެއްވާފައި. އެގޮތަށް އެހެން ދިމާވިގޮތް. އެކަމަކާ އަޅުގަނޑު ނުބެހެން. އަޅުގަނޑުގެ އެއްވެސްކަހަލަ އިޝާރާތެއް، އެއާ ބެހޭގޮތަކުންނެއް ނޯންނާނެ.
އިބްރާހީމް މާހިލް މުޙައްމަދު - ސޯސަލް:
ޝުކުރިއްޔާ ރައީސް. ރައީސް ދެންމެ ވިދާޅުވެއްޖެ، އެމް.ޑީ.ޕީ.ގެ ރިޔާސީ ކެންޑިޑޭޓް ކަނޑައަޅާނީ، ކޮންގްރެސްއިން ކަމާއި، އަދި ކޯލިޝަނަކާއެކު ކުރިމަތިލައްވައިފިނަމަ، މަނިކުފާނު ކާމިޔާބު ކުރައްވާނެ ވާހަކަ. ތިޔަ ވިދާޅުވަނީ ދެވަނަ ދައުރަކަށް ކުރިމަތިލައްވަން ނިންމެވި ވާހަކަތޯ.
ދެން ދެވަނަ ސުވާލަކީ، ރައީސް ތަކުރާރުކޮށް ވިދާޅުވެއްޖެ. ދުނިޔޭގެ އިޤްތިޞާދަށް އަންނަ ކޮންމެ ބަދަލެއްގެ އަސަރު ރާއްޖެއަށްވެސް ކުރާނެ ކަމަށް. ދެން މިފަދަ ލޮޅުންތަކުގެ އެންމެބޮޑު އެއް އަސަރުކުރާ އެއްބަޔަކީ ކުދި ވިޔަފާރިތައް. ދެން މިހާރު ދުނިޔޭގެ އިޤްތިޞާދަށް މިއައި ބަދަލާ ގުޅިގެން، ކުދި ވިޔަފާރިތަކަށް ލޮޅުމެއް އައިސްދާނެ ކަމަށް ބެލެވޭތޯ. އަދި އެފަދަ ޙާލަތަކަށް ތައްޔާރުވުމަށްޓަކައި ސަރުކާރުން ކޮންކަހަލަ ފިޔަވަޅުތަކެއްތޯ އަޅާނީ.
އަދި ހަމަ އޭގެއިތުރުން، ކޯވިޑް-19ގެ ދުވަސްވަރު އިމްޕޯޓް ކުރުމަށްވެސް ކޮންމެވެސްވަރެއްގެ ދަތިތަކެއް އަޅުގަނޑުމެންނަށް ކުރިމަތިވި. އެއާ އެއްކޮށް، ރާއްޖޭގެ ފުޑް ސެކިއުރިޓީގެ ވާހަކަވެސް ވަރަށް ބޮޑަށް ދެކެވުނު. މިހާރު ކުރިމަތިވެގެން މިއުޅޭ މި ޙާލަތުގެ ތެރޭގައި އެފަދަ ދައްޗަކާ ކުރިމަތިވެދާނެތޯއޭ. އަދި އެކަހަލަ ދަނޑިވަޅަކަށް ތައްޔާރުވުމުގެ ގޮތުން، ރާއްޖޭގެ ދަނޑުވެރިކަމުގެ އައުޓް ޕުޓް އިތުރުކުރުމަށްޓަކައި ސަރުކާރުން އެއްވެސްކަހަލަ ފިޔަވަޅެއް އަޅާނެތޯ؟
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް:
އާދެ، ޝުކުރިއްޔާ އިނގޭތޯ. 2023ގެ އިންތިޚާބާ ބެހޭގޮތުން އަޅުގަނޑު މީގެކުރިން ދަންނަވައިފިން. އެއީ އަޅުގަނޑު އޭގައި ދޭން އޮތް ޖަވާބަކީ. އެއްވެސް ޕާޓީއަކަށް 50 ޕަސެންޓް ލިބޭނެކަމުގެ ޔަޤީންކަމެއް އަޅުގަނޑުގެ ނެތް. އެއީ އެމް.ޑީ.ޕީ.އަކަށްވެސް. އެކަމަކު އެމް.ޑީ.ޕީ.އަށް އިންތިޚާބު ކާމިޔާބު ކުރުން ވަރަށް މުހިންމު. އެއީ މުޅި ރާއްޖެއަށްވެސް އޮތް އެންމެ ފައިދާހުރި ގޮތް. އަޅުގަނޑަށް ޔަޤީންކަން އެބައޮތޭ، އެމް.ޑީ.ޕީ.އަށް އަޅުގަނޑު ނުކުމެ، އަޅުގަނޑާ އެކީގައި މި ތިއްބެވި ބައިވެރިންނާ އެކުގައި އިންތިޚާބު ކާމިޔާބު ކުރެވޭނެ ކަމުގެ، 2023 އަށް. ކެންޑިޑޭޓަކު ނިންމާނީ، ގަވާއިދުގައި އޮންނަ ގޮތުން ޕްރައިމަރީއަކުން ކަމަށްވަންޏާ، ޕްރައިމަރީއެއް ބާއްވައިގެން ދާންވީ. އެއީ އެކަން އޮންނާނެ ގޮތަކީ އިނގޭތޯ. ކޮންގްރެސްއިން ނިންމާ ގޮތެއްގެ މަތިން އަޅުގަނޑު ދާނީ އިނގޭތޯ. އެހެންވީމާ، އަޅުގަނޑަށް ޔަޤީންކަން އެބައޮތް، ދެވަނަ ދައުރަކަށް އިރާދަކުރެއްވިއްޔާ އަޅުގަނޑު ހޮވޭނެކަމުގެ.
ކުދި ވިޔަފާރިތަކަށްވެސް ކުރާނެ އަސަރު އިނގޭތޯ. ދެން ކޯވިޑު ތެރޭގައިވެސް އަޅުގަނޑުމެން ހުންނާނެ އެހީތެރިވެދީފައި. އޭރު ހަމަ ނެގި ލޯނުގެ ތެރެއިން ވަރަށްބޮޑު ބައެއް ހޭދަކުރީ ވިޔަފާރިތައް ހުއްޓުނަނުދީ ހިންގުމަށް. އިޤްތިޞާދު ހިނގަހިނގާ އޮތުމަށް. އެހެންވީމާ، މި ދަނޑިވަޅުގައި އެފަދަ ކަމެއް ކުރަންޖެހޭ ހިސާބަށް ގޮސްފިއްޔާ، އިރާދަކުރެއްވިއްޔާ އެއާއެކީގައި އަޅުގަނޑުމެން ދާނަން. މިހާރު އެ ސްޓަޑީތައް ހަދަމުން އަޅުގަނޑުމެން މިދަނީ.
މަރްޔަމް ލަހުފާ - ޗެނަލް 13:
ވަރަށް ބޮޑަށް ޝުކުރިއްޔާ ރައީސް. ހަމަ މިތާނގައި ފައިސާ ޗާޕްކުރާ ވާހަކަ ހަމަ މިހެން ނޫސްވެރިން ތަކުރާރުކޮށް ދެއްކީމަ، އަޅުގަނޑު ހަމަ ވަރަށް އަދަބު އިޙްތިރާމާ އެއްކޮށް އެދެން، މިކަން ހަމަ އަޅުގަނޑުގެ އަޞްލު ސުވާލަށް ދިޔުމުގެ ކުރިން ސާފުކޮށްލަދެއްވުން. އެއީ 800 މިލިއަން ރުފިޔާ މިދިޔަ މަންތުގައި އެކަނި ޗާޕްކުރި ކަމަށް އެމް.އެމް.އޭ. އިން ތަފާސް ހިސާބުތަކުން އެބަ ދައްކާ. އެހެން ކަމަށްވާއިރު، ދެން އިތުރު ފައިސާ ޗާޕްކުރަން ނުޖެހޭނެ ކަމަށް މަނިކުފާނު ތިޔަ ވިދާޅުވާ ސަބަބެއް އަޅުގަނޑުމެންނަށް ސާފުކޮށްލަދެއްވިދާނެތޯ؟
ދެން އަޅުގަނޑުގެ އަޞްލު ސުވާލަކީ، އެންމެ ފުރަތަމަ ސުވާލެއްގެ ގޮތުގައި އަހާލަން ބޭނުންވަނީ، މަނިކުފާނު ހަމަ ވަރަށް ޔަޤީންކަން އެބަ ދެއްވާ، ކާޑު ގަތުމާއި، ދެން އެކިއެކި ޒަރޫރަތްތަކަށް ބޭނުންވާ އެއްޗެތި ގަތުމަށްޓަކައި އެއްވެސްކަހަލަ ދަތިކަމެއް ނެތް ކަމަށް. އެހެން ނަމަވެސް، އެއާއެކު ހަމަ އެބަ ވިދާޅުވޭ، މި ޚަރަދުތައް ކުޑަކުރަންޖެހިދާނެ ކަހަލަ ޙާލަތެއް ދިމާވެދާނެ ކަމަށް. ދެން މީގެކުރީގައި އަޅުގަނޑުމެންނަށް ހަމަ އަޑުއިވިފައި އެބަވޭ، މަނިކުފާނު ހަމަ ސިޔާސީ މަގާމުތައް އިތުރުކުރުމާ ގުޅޭގޮތުން އެކަމާ ވަރަށް ތާއީދު ނުކުރައްވާ ކަމެއްގެ ގޮތުގައި ހަމަ ފާހަގަ އެބަ ކުރައްވާ. އެހެން ނަމަވެސް، މި ސަރުކާރުގައި އަޅުގަނޑުމެންނަށް ހަމަ ފެނިގެން މިދަނީ، ކުރީ ސަރުކާރަށްވުރެވެސް ގިނަ ސިޔާސީ މަގާމުތަކެއް އެބަވޭ މިހާރު އުފައްދާފައި. އެހެން ކަމަށްވާއިރުގައި، ސިޔާސީ މަގާމުތައް މަދުކޮށް ނުވަތަ ސިޔާސީ މަގާމުތަކުގައި ތިއްބަވާ ބޭފުޅުންނަށް ކުރައްވާ ޚަރަދުތައް ކުޑަކުރުމަށްޓަކައި އެއްވެސްވަރަކަށް އެ ވިސްނުން އެބަ ގެންގުޅުއްވަންތޯ؟
ދެން ދެވަނަ ސުވާލެއްގެ ގޮތުގައި އަޅުގަނޑު ހަމަ އަހާލަން ބޭނުންވަނީ، އަޒާންގެ ސުވާލާވެސް ގުޅޭ ސުވާލެއް. އެއީ އިންޑިއާގެ މުސްލިމުންނަށް ދެމުންމިދާ އަނިޔާތަކުގެ ވާހަކައަކީ، އިއްޔެއަކު މިއަދަކު އަނެއްހެން ދައްކާ ވާހަކަތަކެއް ނޫން. ދެން އެހެން ނަމަވެސް، ރީސެންޓްލީ މި ދިމާވި ކަންތައްތަކާ ގުޅިގެން ހުޅު ފަޅައިގެން މިދިޔައީ. އެކަމާ ގުޅިގެން އަޒާންގެ އެ ސުވާލު ބޮޑަށް އެ އަމާޒު ކުރެވިގެން މިދިޔައީ. އެކަމާ ރައީސް ސާފު ޖަވާބެއް ދެއްވަފާނަންތޯ.
ދެން އަޅުގަނޑުމެން ހަމަ ޔަޤީނުންވެސް ތަކުރާރުކޮށް ޕްރެސް ކޮންފަރެންސްތަކުގައިވެސް ދައްކާ ވާހަކައެއް، އިސްލާމްދީނަށް ފުރައްސާރަކޮށް، ކީރިތި މާތް ނަބިއްޔާއަށް ފުރައްސާރަކޮށް، މޯލްޑިވިއަން ޑިމޮކްރެސީ ނެޓްވަރކް ކިޔާ ޖަމުޢިއްޔާއަކުން އެބަވޭ ރިޕޯޓެއް ނެރެ ޢާންމުކޮށްފައި. މީގެކުރީގައި ރައީސް ވިދާޅުވެފައިވަނީ، އެފަރާތްތަކާ ދޭތެރޭގައި ފިޔަވަޅު ނޭޅުނީ ރާއްޖޭގައި ނެތުމުން ކަމަށް. އެހެން ނަމަވެސް، މިހާރު ސަރުކާރުގެ މަގާމުތަކުގައިވެސް އެބަތިބި، އެ ރިޕޯޓު ނެރުނު ޖަމުޢިއްޔާއަށް ނިސްބަތްވާ ބައެއް ފަރާތްތައް. މިސާލަކަށް، މިހާރުގެ ޕޮލިސް ކޮމިޝަނަރ ކަމުގައި ހުންނެވި ޙަމީދަކީވެސް އެމް.ޑީ.އެން.ގެ ކޯ ފައުންޑަރ މެންބަރެއްގެ ގޮތުގައި ހުރި ފަރާތެއް. އަދި ހަމައެއާއެކު، ރައީސް އޮފީހުގެ އެންޓި ޓެރަރިޒަމް ކޮންސަލްޓަންޓް ނޫޝަންއަކީވެސް ހަމަ އެ ޖަމުޢިއްޔާއަށް ނިސްބަތްވާ ބޭފުޅަކަށްވާއިރު، މިހާތަނަށް އައިއިރުގައި ކީއްވެތޯ އެފަރާތްތަކާ މެދުގައި ފިޔަވަޅު ނޭޅި އޮތީ. އެކަމާ ދޭތެރޭގައި ކީކޭތޯ ވިދާޅުވަނީ. އެބޭފުޅުންނާ ދޭތެރޭގައި ފިޔަވަޅު އަޅައި، މަނިކުފާނު ތިޔަ ދެއްވި ޔަޤީންކަމާ އެއްގޮތަށް މަސައްކަތް ކުރައްވާނަންތޯ. އިސްލާމްދީނަށް ފުރައްސާރަކުރާ މީހުން އެކުރާ ކަންތައްތައް ކުށްވެރިކުރާނެ ކަމަށް ތަކުރާރުކޮށް ވިދާޅުވެފައިވާތީ، އަޅުގަނޑު މި އަހާލީ.
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް:
އާދެ، ފުރަތަމަ ސިޔާސީ މަގާމުތަކުގެ ޢަދަދު. 600 ކޮންމެވެސްވަރެއް އަޅުގަނޑުމެންގެ ސިޔާސީ މަގާމުތައް. އަޞްލު ޢަދަދު އަޅުގަނޑު ހިތަށް ކުއްލިއަކަށް ނައިސްގެން މިއުޅެނީ. 600 ކޮންމެވެސްވަރެއް އުޅޭނެ. ދެން އެ ޕްލަސް، އޭގެއިތުރުން، ރައީސް އޮފީހުގެ މަގާމު. މިއީ އަބަދުވެސް ސިޔާސީ މަގާމުތައް ގުނާގޮތް. ރައީސް އޮފީހުގައި ތިބޭ ހުރިހާ މުވައްޒަފުންނަކީ އެއީ ސިޔާސީ މުވައްޒަފުންގެ ގޮތުގައި ބަލަނީ. މުލީއާގޭގައި ތިބޭ މީހުންވެސް. އެ ހުރިހާ އެއްޗެއް އެއްކޮށްލީމާ ބޮޑުވާނެ. އޭރުވެސް ބޮޑުވާނެ. ދެން ބައެއް ކުންފުނިތަކުގައި، ބައެއް ދާއިރާތަކުގައި އިތުރު މަގާމުތައް ހުންނާނެ މިހާރު އިނގޭތޯ. ކުރާ މަސައްކަތްތައް އިތުރުވެއްޖެ. މުޅި ރާއްޖެ މިސާލަކަށް، ހަމައެކަނި ފެނަކައަށް އެކަނި ބެލިކަމުގައިވިޔަސް، މުޅި ރާއްޖޭގެ ކޮންމެ ރަށެއްގައި މިހާރު އެހެރީ އިންޖީނުގެ އަޅާފައި. ފެނާއި ނަރުދަމާ ޤާއިމުކޮށްފައި. މި ހުރިހާ ކަމަކަށް މުވައްޒަފުން ބޭނުންވޭ. އެހެންވީމާ، އެގޮތުން އެ މަސައްކަތްތަކަށް ބޭނުންވާ މީހުން އިތުރުވާނެ އެތަންތަނަށް. އެހެން ނަމަވެސް، ސިޔާސީ މަގާމުތައް އަޅުގަނޑު މިދެންނެވިހެން އެއްވަރެއްގައި ގާތްގަނޑަކަށް ހިފެހެއްޓިފައި ހުންނާނީ. މާބޮޑު ބަދަލުތަކެއް އެއަށް އައިސްފައެއް ނުވާނެ.
ދެން އެމް.ޑީ.އެން.ގެ މައްސަލައިގައި، އަޅުގަނޑު ހިތުން މިހާރު އޭރު އެޅެންހުރި ހުރިހާ ފިޔަވަޅެއް އަޅައިފިން.
މަރްޔަމް ލަހުފާ - ޗެނަލް 13:
ސިޔާސީ މަގާމުތައް މަދުކޮށް، ސިޔާސީ މަގާމުތަކަށް ކުރާ ހޭދަ މަދުކުރައްވާނަންތޯ މިހާރު.
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް:
މިވަގުތަކު ނުކުރާނެ. އަދިއެއް ނެތް އެކަހަލަ ޚިޔާލެއް އިނގޭތޯ. މިވަގުތު މިހާރު އޮތްގޮތަށް އަޅުގަނޑުމެންނަށް ކުރިއަށް ގެންދެވޭނެ. އެހެންވީމާ، އަދި އިތުރަކަށް މަގާމުތައް އުނިކުރާކަށް އަޅުގަނޑު ޤަޞްދެއްނުކުރަން. އެހެންވީމާ، ބަޖެޓް ކުރެވިފައި އޮތްގޮތަށް މަގާމުތަކުގައި މީހުން ތިބެންޖެހޭ. އެ ބޭނުންތެރި މީހުން އެތިބީ. އެއާއެކީގައި އަޅުގަނޑުމެން ކުރިއަށްދާނީ އިނގޭތޯ. އަދިއެއް ނެތް މުވައްޒަފުން މަދުކުރުމެއް. އަދި މުސާރަ ކުޑަކުރުމަކަށްވެސް އަޅުގަނޑު ޚިޔާލުކޮށްފައެއް އަދިއެއް ނެތް.
އެހެން ނަމަވެސް، އިޤްތިޞާދަށް އަންނަ ބަދަލުތަކާއި ދައްޗާއެކުގައި އަޅަންޖެހޭ ފިޔަވަޅުތައް އަޅުގަނޑުމެން އަޅަމުން ގެންދާނަން އިނގޭތޯ. ރުފިޔާ ޗާޕްކުރުންވެސް އޮތީ އެހެން. އަޅުގަނޑުމެންގެ އަމާޒަކީ، އިތުރަށް ރުފިޔާ ޗާޕްނުކޮށް، މިހާރު މި ލިބޭ ރެވެނިއުއިން ރިކަރެންޓް ޚަރަދުތައް ހަމަޖައްސައި، އޭގެއިތުރަށް ކޮންމެހެން ހިންގަންޖެހޭ ޕްރޮޖެކްޓްތައް، ލިބިފައި ހުރި ފައިސާއިން ކުރިއަށް ގެންދިޔުން.
އާދެ، އެމް.ޑީ.އެން.އާ ދޭތެރޭގައި އަޅުގަނޑު ހިތުން އޭރު އަޅުގަނޑުމެން ފިޔަވަޅު އަޅާފައި އޮންނާނެ. ދެން ތިޔަ ވިދާޅުވި ދެ ބޭފުޅުންނަކީ، އެ މައްސަލަ ހިނގުމުގެ ކުރިން އެތާ އުޅެފައި ތިބި މީހުން ކަމަށް އަޅުގަނޑަށް އެނގިފައި އޮތީ. ކަމެއް ހިނގިއިރަކު އެބޭފުޅުންނެއް ނެތް އެތާކު.
ޒަހީން ޢަބްދުﷲ - ދިވެހި ޗެނަލް:
ވަރަށް ބޮޑަށް ޝުކުރު ދަންނަވަން.
އަޅުގަނޑުގެވެސް މައިގަނޑު ދެ ސުވާލެއް މިއޮތީ. ފުރަތަމަ ސުވާލަކީ، ރައީސް ވިދާޅުވެއްޖެ، އިސްލާމްދީނަށް، ޚާއްޞަކޮށް، މާތް ނަބިއްޔާ ރަސޫލާއަށް ފުރައްސާރަކޮށް ބަދުބަސް ބުނާ، އެއީ ކޮންމެ ޤައުމެއްގެ މީހެއް ކަމަށްވިޔަސް، ކޮންމެ މީހެއް ކަމަށްވިޔަސް، އެކަން ދިވެހި ސަރުކާރުން އަދި މަނިކުފާނު ކުށްވެރި ކުރައްވާނެ ކަމަށް. އެހެން ނަމަވެސް، އިންޑިއާގައި އަޅުގަނޑުމެންނަށް މިހިނގައިދިޔަ ކަންތައްތަކަކުން ފާހަގަވެގެން މިދިޔައީ، މިކަން ހިނގައިދިޔަތާ ގާތްގަނޑަކަށް ހަފްތާއެއް ފަހުން ސަރުކާރުން ބަސްފުޅެއް މި ވިދާޅުވީ. އެހެންވީމާ، ކީއްވެގެންތޯ ޙަޤީޤަތުގައި މިހާ ޙައްސާސް ކަމެއްގައި، މި މުއްދަތު ފާއިތުވެގެންދިޔައީ.
އަޅުގަނޑުގެ ދެވަނަ ސުވާލަކަށް، ރާއްޖޭގައި މަރުގެ ޙުކުމް ތަންފީޒު ކުރުމާ ގުޅޭގޮތުން ވަރަށްގިނަ ފަރާތްތަކުން ތަފާތު އެކިގޮތްގޮތަށް ވާހަކަފުޅު އެބަ ދައްކަވާ. އެގޮތުން އެއްބަޔަކު ފާހަގަކުރައްވާ، ރާއްޖެއަށް ޞުލްޙަމަސަލަސްކަން އަންނާނީ، މި މަރުގެ ޙުކުމް ތަންފީޒުވެގެން ދިޔައީމައޭ. އަދި އަނެއްބައި ބޭފުޅުން އެބަ ވިދާޅުވޭ، ރާއްޖޭގެ ޝަރުޢީ ނިޒާމު މި އޮތްގޮތުން އަދިއަކު މިކަން ކުރެވޭނެ މާޙައުލެއް މި ރާއްޖެއަކު ނެތޭ. ކޮބައިތޯ މިކަމުގައި ސަރުކާރުގެ ސިޔާސަތަކީ، އަދި ރައީސްގެ ވިސްނުންފުޅަކީ ކޮބައިތޯ؟
އަޅުގަނޑުގެ ފަހު ސުވާލެއްގެ ގޮތުން އަހާލަން ބޭނުން، ޕީ.ޖީ. ޝަމީމުގެ އިތުބާރު ނެތް ކަމުގެ މައްސަލައެއް، އެމް.ޑީ.ޕީ. ޕީ.ޖީ. ގްރޫޕްގައި ހުށަހެޅިގެން، ކޮންމެވެސްވަރަކަށް މަޝްވަރާ ކުރެވިގެންދިޔަ ކަމެއް. އަޅުގަނޑުގެ ސުވާލަކީ، މަނިކުފާނުގެ އިތުބާރު ޕީ.ޖީ. ޝަމީމަށް އެބައޮތްތޯ؟
ވަރަށް ބޮޑަށް ޝުކުރިއްޔާ.
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް:
އާދެ، ޒަހީން. މަރުގެ ޙުކުމް ތަންފީޒު ކުރުމާ ބެހޭގޮތުން ހޯމް މިނިސްޓަރު މަޖިލީހުގައި އެ ހާމަކުރެއްވީ ސަރުކާރުގެ ސިޔާސަތު. ވޭތުވެދިޔަ 50 އަހަރުގެ ތެރޭގައި، އެކަން ދަމަހައްޓާފައި އޮތީ ހުރިހާ ސަރުކާރުތަކުން. އެ މޮނިޓޯރިއަމް ދަމަހައްޓާގޮތަށް. އެހެންވީމާ، މި ސަރުކާރުންވެސް އެގޮތަށް އެކަން އޮންނާނީ. އެހެންވީމާ، އެ އަދި މިވަގުތަށް ދަމަހައްޓާފައި އޮންނާނީ. އެހެންވީމާ، އެއަށް ހަމަ ސާފު އަޅުގަނޑުމެންގެ ސިޔާސަތު އޮތްގޮތް ހޯމް މިނިސްޓަރު އެ ހާމަކޮށްދެއްވީ.
ދެން އިންޑިއާގައި އެ ހިނގި ހާދިސާ ދޮގެއްތޯ. އެއް ހަފްތާ ފަހުންނޭ. އަޅުގަނޑަށް މަޢުލޫމާތު ލިބިފައި އޮތް ގޮތުން ވެއްޖިއްޔާ، އެކަމަކު ފަހުން އަޅުގަނޑުމެންނަށް އެ މަޢުލޫމާތު ލިބުނީ އާދީއްތަ ދުވަހުގެރޭ. މިދިޔަ ހުކުރު ދުވަހު ކަމަށްވަނީ އެކަމެއް ހިނގީ. އެހެންވީމާ، ހަފްތާއެއް. އަޅުގަނޑުމެން ބަޔާން ނެރުނީ ހޯމަ ދުވަހުގެ ހެނދުނު. ހުރިހާ ޑްރާފްޓްކޮށް، ހުރިހާ ކަމެއްކޮށް ތިޔަބޭފުޅުންނާ ހިސާބަށް ލިބޭނީ މެންދުރެއްހާއިރު. އެހެންވީމާ، ދެ ދުވަސް އަޅުގަނޑުމެންނަށް ނެގީ. އެ ޕަބްލިކަށް އެއައީ ޤަޠަރުގައި އެ ނެގި ސްޓޭޓްމަންޓަކާ ގުޅިގެން އަޅުގަނޑު ހިތުން. އޭގެކުރިއަކުން، އެކަން ހިނގި ކަމެއް ޢާންމުކޮށް އެއްވެސް މީހަކަށް އެނގިފައެއް ނެތް. ގައިމުވެސް އަޅުގަނޑުމެންނާ ހިސާބަކަށް އެ ސަމާލުކަމެއް ނާދޭ. އައީ އެރޭ. ހަމަ އައުމާއެކީގައި، އަޅުގަނޑުމެން މިތަނުގެ ފޮރިން ރިލޭޝަންސް އޮފީހާއި، ހޯމް މިނިސްޓްރީއާ ގުޅައިގެން، އެ މަސައްކަތް އަޅުގަނޑުމެން ފެށިން. ފަށައި އަނެއް ދުވަހު އެއޮތީ އެއާ ބެހޭގޮތުން ފިޔަވަޅު އަޅާފައި، އެވަގުތު އަޅަންޖެހޭ.
ޕީ.ޖީ. ޝަމީމުގެ އިތުބާރު ނެތް ކަމުގެ މައްސަލައެއް، ޕާލަމެންޓަރީ ގްރޫޕްގެ ތެރޭގައި ކުރިއަށް ގެންދާ ކަމެއް އަދި އަޅުގަނޑަކަށް އެނގިފައެއް ނެތް. އަޅުގަނޑު ހިތުން އަޅުގަނޑާ ހިސާބަށް އެކަހަލަ ކަމެއް އުޅެންޏާ އަންނާނެ. އެ މަޝްވަރާ ކުރާނެ.
ޢާއިޝަތު ޝާޒްލީން - ދަ ޕްރެސް:
ޝުކުރިއްޔާ ރައީސް. އިކޮނޮމިސްޓުންނާއި، އެމް.އެމް.އޭ. ގަވަރނަރުން ދުނިޔޭގެ ރޭޓިންގ އޭޖެންސީތަކުން ދައްކާ ވާހަކައާއި ސަރުކާރުން ދައްކާ ވާހަކައާ ދިމާނުވާކަމުގެ ކަންބޮޑުވުންތަކެއް އެބައުޅޭ. މިހާރު މަނިކުފާނު ވިދާޅުވެއްޖެ، އިޤްތިޞާދީ ގޮތުން މިހާރު ހުރި ގޮންޖެހުންތަކާއި، މިހާރު ރާއްޖޭގެ އިޤްތިޞާދު ހުރި ގޮތުގެ ބައެއް ތަފްޞީލުތައް ދެއްވިއިރުގައި ޔޫޒަބަލް ރިޒަރވްގައި މިހާރުހުރީ އަޞްލު ކިހާވަރެއްތޯ؟
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް:
ޔޫޒަބަލް ރިޒަރވް ހާމަކުރުމާއި ނުކުރުން އެއީ އެމް.އެމް.އޭ.ގެ ސިޔާސަތު. އަޅުގަނޑު ހިތުން އެބޭފުޅުން ހާމަކުރައްވަންޖެހޭ އެއްޗެއްވިއްޔާ ހާމަކުރައްވާނެ އިނގޭތޯ. އެއީ ބައެއް ބޭފުޅުން މިހާރު އެ މަޢުލޫމާތު ހޯދަން އެމް.އެމް.އޭ.އަށް ސިޓީލާފައި އޮތްކަންވެސް އަޅުގަނޑަށް އެނގޭ. އަޅުގަނޑު ހިތުން އެއީ ޖަވާބު ދެއްވެންޖެހޭ އެއްޗެއް ކަމަށްވަންޏާ އެބޭފުޅުން ދެއްވާނެ އިނގޭތޯ. ދެން އެ ސިޔާސަތުތަކަށް، ބައިނަލްއަޤްވާމީ އައި.އެމް.އެފް ވާރލްޑް ބޭންކާ އެކީގައި ކަމަށް އަޅުގަނޑަށް އެނގިފައި އޮތީ، އެ ހާމަނުކޮށް އެ ހިފެހެއްޓެނީ. އެހެން ނަމަވެސް، އެ ކުރަންޖެހޭ އެއްޗެއް ކަމަށްވަންޏާ ކުރާނެ. އަޅުގަނޑުގެ މައްސަލައެއް ނެތް އެއަކު އިނގޭތޯ ހާމަކުރިޔަސް. ނުކުރުމާ ދޭތެރޭގައި އެމް.އެމް.އޭ.ގެ އަތްމަތީގައި އޮތީ. އެހެންވީމާ، އެ އަދި ހާމަނުކުރާ އެއްޗެއް އަޅުގަނޑު ހާމަނުކުރަން އެބޭފުޅުން އެޑްވައިސްކޮށްފައި އޮތް އެއްޗެއް، އަޅުގަނޑު މިވަގުތު ހާމަކުރަން އަދި ޤަޞްދެއް ނުކުރަން. އެކަމަކު އެބޭފުޅުންނަށް އޮންނާނެ އެ ބާރު އިނގޭތޯ.
ދެން ވިދާޅުވި ސުވާލު ދޮގެއްތޯ. އިޤްތިޞާދީ ކަންތައްތަކުގައި އެކި ބޭފުޅުންގެ ޚިޔާލު ތަފާތުވޭ އިނގޭތޯ. އެހެންވީމާ، ބައެއްކަހަލަ ލަފާ، ބައެއްކަހަލަ އެޑްވައިސް އެބަހުރޭ އެކިގޮތްގޮތަށް އައިސްފައި. އޭގެތެރެއިން އެ ޢަމަލު އަޅުގަނޑުމެން ކުރަމުން މިގެންދަނީ، އަޅުގަނޑުމެންނަށް ލަފާދޭ އިޤްތިޞާދީ މާހިރުންގެ ލަފަޔާ އެއްގޮތަށް. އެއީ މިސާލަކަށް ދަންނަވާނަމަ، ބްރިޖް އެޅުން ހުއްޓާލުމަށް. ނޫނީވިއްޔާ މާލެއިން ބޯހިޔާވަހިކަން ދިނުން ހުއްޓުވާލުމަށް. މިކަހަލަ ވާހަކަވެސް އެބަ ދައްކާ. އިހަށް ހުއްޓާލާށޭ. އަދި ހަމަ އެބަ ދައްކާ. އަޅުގަނޑަށް އެބައިވޭ، ބައެއް ސިޔާސީ ބޭފުޅުން އެބަ ވިދާޅުވޭ. ރަށްރަށުގައި ތިޔަ ހިންގާ ފެނާއި ނަރުދަމާގެ މަޝްރޫޢުތައްވެސް ހިންގުން ހުއްޓާލާށޭ. ކޮންމެ ރަށަކަށް ތިން ކަޅުހަން ދިނީމާ، ރަށްރަށުގައި ފެންބޮއިގެން އުޅޭނެއޭ. ކިހާބޮޑު ޚަރަދެއްހޭ ތިޔަ ކުރަނީ. ކީއްކުރަންހޭ ބަނދަރުތައް ތިޔަ ހަދަނީ. މި ހުރިހާ ދުވަހަކުވެސް އުޅުނީނޫންހޭ ރަށްރަށުގައި. އެކަހަލަ ވިސްނުން ބައެއް ބޭފުޅުންނަށް އެ އަންނަނީ، މިހާރު މިސާލަކަށް، ލޯންޗުގައި އަންނަ ގޮތަށް އައިސް، ފާލަމާ ކައިރިކޮށްލައި، ކާރަށް އަރައިގެން ގެޔަށް ދެވޭ ބޭފުޅުންނަކަށް އިޙްސާސެއް ނުވާނެ، އެ ރަށްރަށުގެ ކަންތައްތަކެއް. އޮޑިދޯނިފަހަރު ގެންގުޅޭ، އެމީހުން އެއުޅޭ ޙާލެއް. ތިމަންނާގެ ދަރިފުޅު، ނޫނީވިއްޔާ ތިމަންނާ ބަލިވީމާ ހޮސްޕިޓަލަށް ވަގުތުން ގެންދެވޭ ބޭފުޅުންނަކަށް އިޙްސާސެއް ނުވާނެ، ރަށްރަށުގައި ޞިއްޙީ ޚިދުމަތް ހޯދަން ރައްޔިތުން އެއުޅޭ ހާލެއް. ސްކޫލަށް ނުގެންދެވިގެން ދަރިފުޅަށް ކިޔަވައިނުދެވިގެން ރަށްރަށުގައި ތިބޭކަމުގެ އިޙްސާސެއް ނުވާތީ، އެބޭފުޅުން އެ ވާހަކަ އެ ދައްކަވަނީ. ސްކޫލްތަކުގެ ކްލާސްރޫމްތަކާއި، ލެބޯރެޓަރީ ފަދަ ތަންތަން ހަދާތީވެ، ބޮޑު ޚަރަދު ކަމަށް އެ ފެންނަނީ. ޞިއްޙީ ޚިދުމަތް ފުޅާކޮށް، ޓަރޝަރީ ހޮސްޕިޓަލް އެހިސާބުގައި އަޅާތީ، އެއީ ބޮޑު ޚަރަދެއް ކަމަށް އެ ފެންނަނީ، އެ ޚިދުމަތްތައް ފަސޭހައިން ލިބޭ ބޭފުޅުންނަށް. އެކަމަކު އަޅުގަނޑު ނުދެކެން، އެއީކީއެއް ބޭކާރު ޚަރަދެއް ކަމަކަށެއް.
އެހެންވީމާ، ފެނާއި ނަރުދަމާގެ މަޝްރޫޢުތައްވެސް ކުރިއަށް ގެންދާނަން އަޅުގަނޑު. ބަނދަރުވެސް އެއީކީއެއް ކޮންކްރީޓް ތަރައްޤީ ކަމަކަށް އަޅުގަނޑު ނުދެކެން. އެއީ ހަމަ ބޭނުންޖެހިފައި ހުރި ކަންތައްތައް. އެއާ ގުޅިގެން އިޤްތިޞާދަށް ބޮޑެތި ބަދަލު އަންނާނެ. އެހެންވީމާ، އެ ކަންތައްތައް ދައްޗަކާނުލައި އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން ކުރިއަށް ގެންދާނަން. މިހިސާބުން އަޅުގަނޑު ނިންމާލާނަން. ނިންމާލަމުންވެސް އަޅުގަނޑު ދަންނަވާނީ، އިޤްތިޞާދަށް ޗެލެންޖް އެބަހުރި. އެއީ ޝައްކެއްނެތްކަމެއް އިނގޭތޯ. ރިސްކްވެސް އެބަހުރި. އަޅުގަނޑުމެންގެ ޚަރަދުތައް، ސަރުކާރުގެ ޚަރަދުތައްވެސް ކުޑަކުރަންޖެހޭ. އެކަން އަޅުގަނޑުމެން ކުރަމުން މިގެންދަނީ. އިތުރު ޕްރޮޖެކްޓްތައް އިހަށް ނުފަށާ މަޑުޖައްސާލުމަކީވެސް، ކުރަން ޖެހިއްޖިއްޔާ ކުރަންޖެހޭނެ ކަމެއް. އެކަންވެސް އަޅުގަނޑުމެން ކުރާނަން. ދުނިޔޭގެ އިޤްތިޞާދަށް އަންނަ ބަދަލުތަކާ އެކީގައި، ރަނގަޅުވާން ފެށީމާ އަނެއްކާވެސް ގެންދާނީ. އެކަމަކު މިވަގުތަކު ރާއްޖެއަކު އިރާދަކުރެއްވިއްޔަކާ ލޯނު އަނބުރާ ދެއްކުމާއި، ރާއްޖެއަށް ބޭނުންވާ ކާޑުގެ ބާވަތްތަކާއި، ތެލާއި އަދި ބޭހުގެ ބާވަތްތައް އިމްޕޯޓް ކުރުމަކަށެއް ދައްޗެއް ނެތް ވާހަކަ އަޅުގަނޑު ދަންނަވަން.
ވަރަށް ބޮޑަށް ޝުކުރިއްޔާ ތިޔަ ހުރިހާ ބޭފުޅުންނަށް.