މިއަހަރު ފަހުކޮޅު ކޯޕަންހޭގަންގައި ބޭއްވުމަށް ހަމަޖެހިފައިވާ ޔޫ.އެން ކްލައިމެޓް ޗޭންޖް ކޮންފަރެންސްގެ ކުރިން ބާއްވާ އެންމެފަހުގެ މަޝްވަރާތަކުގައި ބައިވެރިވެވަޑައިގަތުމަށް ނައިބު ރައީސް ޑޮކްޓަރ މުޙަންމަދު ވަޙީދު މިވަގުތު ހުންނެވީ ސްޕެއިންގެ ބާސިލޯނާގައެވެ.

ނައިބު ރައީސްގެ މިދަތުރުފުޅުގައި، ޑެންމާކް ސަރުކާރުން އިންތިޒާމްކޮށްގެން "ގްރީންލޭންޑް ޑައިލޮގް"ގެ ނަމުގައި ބޭއްވެވި ނުރަސްމީ ބައްދަލުވުމެއްގައި ބައިވެރިވަޑައިގެން، ކޯޕަންހޭގަން ސަމިޓަކީ ކާމިޔާބު ސަމިޓަކަށް ހެއްދެވުމަށް ގޮވާލެއްވިއެވެ. މިބައްދުލުވުމަކީ ދުނިޔޭގެ މޫސުމަށް އަންނަ ބަދަލުތަކާ ގުޅިގެން ކަންބޮޑުވާ ބައެއްޤައުމުތަކުގެ އިސްވެރިން ބައިވެރިވަޑައިގެން ކޯޕަންހޭގަން ސަމިޓްގައި ރަނގަޅު ނަތީޖާއެއް ނެރުމަށް މަޝްވަރާކުރެވުނު ބައްދަލުވުމެކެވެ.

މީގެ އިތުރުން މިކަމާ ބެހޭގޮތުން ބޭއްވޭ ރަސްމީ ބައްދުލުވުންތަކުގައި ނައިބު ރައީސް ގެންދަވަނީ ބައިވެރިވެވަޑައިގަންނަވަމުންނެވެ. މިކުރިޔަށްދާ ސެޝަންތަކުގެ ތެރެއިން ރާއްޖެއާ ގުޅުންހުރި ޤައުމުތަކާއެކު އިތުރު ބައްދަލުވުންތަކެއްގައި ނައިބު ރައީސް ވަނީ ބައިވެރިވެވަޑައިގެންފައެވެ.

މިދަތުރުފުޅުގައި ރައީސް ވަނީ "ގްރޫޕް އޮފް 77" އާއި ޗައިނާގެ އިސްވެރިންނާ ބައްދަލުކުރައްވާފައެވެ. މިބައްދަލުކުރެއްވުމުގައި ނައިބު ރައީސް "ގްރޫޕް އޮފް 77" ގެ ބައިވެރިންނަށް ޝުކުރު އަދާކުރެއްވިއެވެ. އަދި ޚާއްޞަގޮތެއްގައި ސޫދާންގެ އެމްބެސެޑަރ އިބްރާހީމް މިރްޤާނީ އިބްރާހީމް، މޫސުމަށް އަންނަމުންދާ ބަދަލުތަކާ ގުޅޭގޮތުން ކުރައްވާފައިވާ މިންނެތް މަސައްކަތްތައް ފާހަގަކުރައްވައި، އެމަނިކުފާނަށް ޚާއްޞަ ޝުކުރެއް އަދާކުރެއްވިއެވެ.

ނައިބު ރައީސްގެ މިދަތުރުފުޅަކީ ޔޫ.އެންގެ އެއްބާރުލުމާއެކު ޑެންމާކް ސަރުކާރުން ދެއްވި ދަޢުވަތަކަށް ސްޕެއިނަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅެކެވެ.