بسـم اللّـه الرّحمـن الرّحيـم

اَلْحَمـدلِلّـَه، القَـائِل فِى كِتَـابِه الْعـَزِيز "وَأَمْرُهُم شُـورٰى بَيْنَهُـمْ" وَالصَّـلاَة وَالسَّـلامُ عَلىٰ رَسُـولِهِ الكَرِيم، الذِّى أَرْسٰى دَعَائِم الْعَـدَالَةِ وَالْحُكْم، وَعَلىٰ آلِهِ وَصَحْبِـه وَمَن سَـارَعَلىٰ نَهْجِهِـمْ فِى اسْتِشَـارَةِ أهْـلِ الحَلِّ وَالعَقْـدِ فِى أُمُور ﭐلدُّنيَـاوَالدِّين.
 

ޢިއްޒަތްތެރި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނޭވެ!

މިއަދު މި މަޖިލީހަށް ހާޒިރުވެ ތިޔަ އެންމެހައި މެންބަރުންނާ ބައްދަލުވެވޭކަމީ، އަޅުގަނޑަށް ލިބޭ ވަރަށްބޮޑު އުފަލެއް. އެހާމެ މަތިވެރި ޝަރަފެއް. މި ފުރުސަތު ލިބުނުކަން މައްޗަށް اللّـه سبحانه وتعالى އަށް ޙަމްދާއި ޝުކުރު ކުރަން.

މިއަދު މި މަގާމަށް އަޅުގަނޑު މި ހުއްޓުނީ، ވޭތުވެދިޔަ އަހަރު ދައުލަތް ހިނގިގޮތުގެ ޢާންމު ރިޕޯޓަކާއި، ދައުލަތުގެ ކުރިއަށް އޮތް އަހަރުގެ ސިޔާސަތު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށް. ހަމައެއާއެކު، ބައެއް ރޮނގުރޮނގުން ކުރިއަށް އޮތް ތާނގައި އަޅަން ފެންނަ ފިޔަވަޅުތަކާމެދު އަޅުގަނޑަށް ޚިޔާލުކުރެވޭގޮތްވެސް، ތިޔަ ޢިއްޒަތްތެރި މެންބަރުންނަށް ދަންނަވާލުމަށް.

އެހެންނަމަވެސް، މިއަދު އަޅުގަނޑުގެ އެންމެ އިސް ވާޖިބެއް ކަމުގައި ދެކެނީ، އާ ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި މެންބަރުންނަށް އުފަލާއެކު މަރްޙަބާ ދެންނެވުން. އިޚްލާޞްތެރި ހެޔޮއެދުންތައް ރައްދުކުރުން. ހަމައެފަދައިން، ޢުމުރު ހަމަވެގެންދިޔަ މަޖިލީހުގެ މެންބަރުންގެ ފަރާތުން ވޭތުވެދިޔަ އަހަރު ސަރުކާރަށް ލިބުނު އެހީތެރިކަމާއި އެއްބާރުލެއްވުމަށްޓަކައި ޝުކުރު ދެންނެވުމަކީވެސް މިއަދު އަޅުގަނޑަށް ލިބޭ ވަރަށްބޮޑު އުފަލެއް.

ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި މެންބަރުންނޭވެ!

މިއަދު ތިޔަ މެންބަރުން ތިޔަ ފަށްޓަވަނީ ރައްޔިތުންގެ މަޖިލީހުގެ އާ ދައުރެއް. އަޅުގަނޑުމެން މި ކުރިމަތިލަނީ އާ ދިހަ އަހަރަކާ. އާދެ! ނަވާރަސަތޭކަ އަށްޑިހައިގެ އަހަރުތަކާ. މިއަދު އަޅުގަނޑުމެންގެ ކުރިމަތީގައި ވަނީ ވަރަށް މުހިންމު ވާޖިބުތަކެއް. ސިޔާސީ ގޮތުންނާއި އިޤްތިޞާދީގޮތުން، ތަޢުލީމީ ގޮތުންނާއި އިޖުތިމާޢީ ގޮތުން، އަޅުގަނޑުމެންގެ ކޮނޑުގައި އެޅިފައި ވަނީ ވަރުގަދަ މަސްއޫލިއްޔަތުތަކެއް.

ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނޭވެ!

ދިވެހިރާއްޖޭގައި ޤާނޫނުއަސާސީއެއް ހެދި، ރައްޔިތުންގެ މަޖިލީހެއް އުފެދިގެން ހިނގަމުން އަންނަތާ 50 އަހަރު ހަމަވާނީ، ތިޔަ ޢިއްޒަތްތެރި މެންބަރުން މިހާރު ތިޔަ ކުރިމަތިލައްވާ ދައުރުގެ ތެރޭގައި. މިދިޔަ ފަންސާހަކަށް އަހަރުގެ ތެރޭގައި، ރާއްޖެއަށް ކުރިމަތިވި ތަފާތު މައްސަލަތަކުގައި، މާތް اللّـه ގެ ވާގިފުޅާއެކު އަޅުގަނޑުމެންނަށް ވަނީ ނަޞްރާއި ކާމިޔާބީ ލިބިފައި.

އާދެ! 1930ގެ އަހަރުތައް ރާއްޖެއަށް ކުރިމަތިލީ، ރާއްޖޭގައި ހިނގަމުންދިޔަ ވަރުގަދަ ސިޔާސީ ހަމަނުޖެހުންތަކަކާއެކު. ނަމަވެސް، އެ އަހަރުތައް ނިމިގެންދިޔައީ ރާއްޖޭގެ ފުރަތަމަ ޤާނޫނުއަސާސީ އުފެދިގެން، ވެރިކަމުގެ ބާރާއި ޙައްޤުތައް ޤާނޫނީގޮތުން ރައްޔިތުންނަށް ލިބިދީގެން.

1940ގެ އަހަރުތައް ރާއްޖެއާ ބައްދަލުކުރީ، ދުނިޔޭގެ މަޝްހޫރު ދެވަނަ ބޮޑު ހަނގުރާމައިގެ ވަރުގަދަ "ކޮޅިގަނޑާ" އެކު. އެއިން މުޅި ދުނިޔެއަށް އަންނަމުންދިޔަ ދަތިތައް ރާއްޖެއަށްވެސް އުފުލަން ދިމާވެފައިވަނިކޮށް. ނަމަވެސް މާތް اللّـه ގެ ރަޙްމަތްފުޅާއެކު، އެ ދަތިތައް އަޅުގަނޑުމެން ޙައްލުކުރީ ކެތްތެރިކަމާއި ހަރުދަނާކަމާއެކު. ވިސްނުންތެރިކަމާއި ޢަޒުމާއެކު. އެ ދިހަ އަހަރު ނިމިގެންދިޔައީ، ރާއްޖެއަށް އެންމެ ފުރިހަމަ މާނައިގައި ދާޚިލީ މިނިވަންކަން ލިބިގެން.

1950ގެ އަހަރުތަކުގެ ތެރެއަށް އަޅުގަނޑުމެންގެ ރާއްޖެ ވަދެގެންއައީ، ރާއްޖޭގެ ސިންގާސަނާ ފަޅުފިލުވާނޭގޮތެއް، އާދެ، ރާއްޖޭގެ ވެރިކަން ހަމަޖެހިފައި އޮންނަންވީ ގޮތެއް ނޭނގިގެން އުޅެނިކޮށް. ނަމަވެސް، އެ އަހަރުތައް އަޅުގަނޑުމެންނާ ވަކިވީ ތަފާތު ތަޖުރިބާތަކެއް ލިބުމަށްފަހު، ރާއްޖޭގެ ވެރިކަން ވަކިގޮތަކަށް ހަމަޖެހިގެން. ކުރުކުރު ޖުމްހޫރީ ވެރިކަމަކަށްފަހު، އަނެއްކާވެސް ރަސްކަމެއް ޤާއިމުވެގެން.

1960ގެ އަހަރުތައް އައިއިރު ދިވެހިރާއްޖެ އޮތީ، ވަރަށް ނުރައްކާތެރި މައްސަލައަކާ ކުރިމަތިލާފައި. ރާއްޖޭގެ އެއްކޮޅުގައި އޮތީ، ބޭރު ބައެއްގެ ބާރާއި ނުފޫޒު. އިސްތިޢްމާރުގެ ވަރުގަދަ ރޭވުމެއްގެ ދަށުން ރާއްޖޭގެ އެއްބައި އޮތީ، މުޅިން ވަކިވެފައި. ނަމަވެސް، އަޅުގަނޑުމެން އެ މަސްރަޙާ ކުރިމަތިލީ ސާބިތުކަމާއި ކެރުމާއެކު. ބިރަކާނުލައި ހޭލާތިބެ. އެހެންކަމުން، 1960ގެ އަހަރުތައް އަޅުގަނޑުމެންނާ ވަކިވެގެންދިޔައީ ރާއްޖެއަށް ފުރިހަމަ މިނިވަންކަން ލިބިގެން. ދިވެހިރާއްޖެއަކީވެސް ދުނިޔޭގެ ޤައުމުތަކުގެ މެދުގައި މިނިވަން މުސްތަޤިއްލު ޤައުމަކަށްވެގެން.

1970ގެ އަހަރުތަކާ ދިވެހިރާއްޖެ ކުރިމަތިލީ، ބައިނަލްއަޤްވާމީ ދުނިޔެއަށް ހޭލަން ފަށާ ކުޑަކުޑަ ޤައުމެއްގެ ގޮތުގައި. މިނިވަން ޤައުމެއްގެ ގޮތުން އުފުލަންޖެހޭ މަސްއޫލިއްޔަތުތަކާއި، އަދާކުރަންޖެހޭ ވާޖިބުތައް ކޮނޑުގައި އަޅަމުން. 1970ގެ އަހަރުތައް އަޅުގަނޑުމެންނާ ވަކިވެގެންދިޔައީ، ދުނިޔޭގައި ހިނގާ ތަފާތު އޮޔާއި ވައިގެ ތެރޭގައި އަޅުގަނޑުމެންގެ ރާއްޖެ ކުރަންވީ ދަތުރު ފަށްޓައިދީފައި. އަދި ދަތުރުގެ މިޞްރާބު ހިފެހެއްޓުމަށްޓަކައި ބަލަންވީ އަލިގަދަ ތަރިތަކެއް ކަމުގައި ހަރުދަނާ ތަޖުރިބާތަކެއް ދީފައި.

އިސްވެދިޔަ އަހަރުތަކުގެ މައްޗަށް ވިސްނާއިރު، އަޅުގަނޑުމެންނާ ދިމާވި ކަންތައްތަކާ ކުރިމަތިލައި، އެކަންކަން އަޅުގަނޑުމެންނަށް ކާމިޔާބު ކުރެވުމުގައި ވަރަށް މުހިންމު ދެ ސަބަބެއް އެބައޮތްކަން ގަބޫލުކުރަންޖެހޭ. އާދެ! އެއީ އެއްވެސް އޮޅުމެއްނެތްގޮތުގައި، އަޅުގަނޑުމެން ދިވެހީންގައި ހުރި އެއްބައެއްވަންތަކަމާއި، އަޅުގަނޑުމެންގެ ހެޔޮ ނަޞީބެއް ކަމުގައި މާތް اللّـه ލައްވާފައިވާ މާތް އިސްލާމްދީން.

ވީމާ، އަޅުގަނޑު ތިޔަ ޢިއްޒަތްތެރި މެންބަރުންނަށް އިލްތިމާސް ކުރަނީ، މި ކުރިމަތިވާ 1980ގެ އަހަރުތަކާ ތިޔަބޭފުޅުން ކުރިމަތިލައްވާއިރު، މި މުހިންމު ދެ ކަންތަކަށް ޚާއްޞަ ސަމާލުކަމެއް ދެއްވުމަށް. ޤާނޫނުތަކާމެދު ބަޙުޘް ކުރައްވަމުން ގެންދަވާއިރު، މި މައިގަނޑު ދެ އަޞްލު ހަނދުމަފުޅު ކުރެއްވުމަށް. އަދި އެ ދެ ކަންތަކަށް ރައްކާތެރިވެވަޑައިގަތުމަށް.

ދައުލަތުގެ ސިޔާސަތު
 

ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި މެންބަރުންނޭވެ!

ކުރިއަށް އޮތް އަހަރު ދައުލަތް ހިންގުމަށް ގަސްތުކޮށްފައިވާ ސިޔާސަތަކީ، މިދިޔަ އަހަރެކޭވެސް އެއްފަދައިން، ރާއްޖޭގެ ތަރައްޤީއާއި ރައްޔިތުންގެ ފައިދާއަށްޓަކައި ކުރެވެން އޮތް ހުރިހާ މަސައްކަތެއް ކުރުން. އިސްލާމީ އުޞޫލުތަކަށް ޙުރްމަތްތެރިކޮށްހިތުމާއެކު، ޤައުމީ ރޫޙާއި ދިވެހިވަންތަކަން އާކޮށް އާލާކުރުން. ދިވެހިރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު ދަމަހައްޓައި ޙިމާޔަތް ކުރުން. މި ސިޔާސަތު ހިންގުމުގައި ރައްޔިތުންގެ ވަކީލުން ކަމުގައިވާ ރައްޔިތުންގެ މަޖިލީހުގެ ތިޔަ ޢިއްޒަތްތެރި މެންބަރުންގެ ތާއީދާއި އެހީ ސަރުކާރަށް ލިބުމަކީ ކޮންމެހެން ބޭނުންކަމެއް. އަދި ޢާންމު ރައްޔިތުންގެ އިޚްލާޞްތެރިކަމާއި ފުރިހަމަ އެއްބާރުލުމަކީވެސް އެހާމެ ބޭނުންކަމެއް.

ދާޚިލީ ސިޔާސަތު

އަޅުގަނޑުމެން ދިވެހީންނަކީ ވަރަށް މުސްކުޅި ތާރީޚެއްގެ އަހުލުވެރި ބައެއް. އަޅުގަނޑުމެންނަކީ ވަރަށް ޒަމާންވީ ޘަޤާފަތެއްގެ ވެރިބައެއް. އަޅުގަނޑުމެން އެންމެންނަކީވެސް، އެއް ދީނެއްގައި ހިމެނުމުގެ ނަޞީބު ލިބިފައިވާ ބައެއް. އަދި އަޅުގަނޑުމެންނަކީ، އަމިއްލަ ބަހަކާއި، އަމިއްލަ ޤައުމެއްގެ އަހުލުވެރިން. ރާއްޖޭގެ އިޤްތިޞާދު ބިނާކުރުމުގައި، ރާއްޖޭގެ ޤައުމިއްޔަތު ދިރުވުމުގައި، އަދި ރާއްޖޭގެ މިނިވަންކަން ޙިމާޔަތްކޮށް ރައްކާތެރިކުރުމުގައި ދައުލަތުގެ ސިޔާސަތަކަށް ވެފައިވަނީ، މި ދެންނެވި އުޞޫލުތަކުގެ މައްޗަށް ބުރަވެތިބެ، ހުރިހާ ކަމެއްވެސް ތަރައްޤީކުރަމުން ގެންދިޔުން.

ދިވެހީންގެ މެދުގައި ދީނީ ކަންތައްތަކަށް ޙުރްމަތްތެރިކޮށްހިތުމަށް ބާރުއެޅުމާއި، ޤައުމީ ރޫޙު އުފެއްދުމާއި، ދިވެހިބަހަށާއި ތާރީޚަށް، އަދި ދިވެހި ޘަޤާފަތަށާއި ޤައުމިއްޔަތަށް، މި ދައުރުގައި އަންނަން ފަށާފައިވާ ދިރުން ދެމެހެއްޓޭތޯ މަސައްކަތް ކުރުމަކީ، މިހާރު ދައުލަތުގެ ސިޔާސަތު ކަމުގައި ކަނޑައަޅާފައިވާ ކަންތައްތައް. ރައްޔިތުންގެ މެދުގައި އެއްބާރުލުމާއި، ރައްޔިތުންނާއި ވެރީންނާ ގުޅިގެން ރާއްޖޭގެ ކަންތައްތައް ރަނގަޅުކޮށް ކުރިއެރުވުމަށް މަސައްކަތް ކުރުމަކީ، ތަރައްޤީވުމުގައި މިހާރު އުޞޫލަކަށް ބަލާފައިވާ ކަންތައްތައް.

ރާއްޖެއަށް އަންނަ ބޭރުމީހުން ދަނީ ދުވަހެއް ދުވަހަކަށް ގިނަވަމުން. ވީމާ، ރާއްޖޭގެ ޤާނޫނު ތަންދޭ ދާއިރާތަކުގެ ތެރޭގައި ދައުލަތުގެ ސިޔާސަތަކީ، ރާއްޖެއައިސް އުޅޭ ބިދޭސީންނާއި ދިވެހީންގެ ގުޅުން ރަނގަޅުކުރުމާއި، އަދި އެމީހުންގެ ޙައްޤުތައްވެސް ރައްކާތެރިކުރުން. އަދި ބޭރުމީހުން އައުމާ ގުޅިގެން މުޖުތަމަޢަށް ލިބޭ ފައިދާތައް ލިބިގަތުމާއި، އަދި އެފަދަ މީހުންގެ ޢަމަލުތަކުގައި ހުރެދާނެ، ރާއްޖޭގެ ޤައުމިއްޔަތާއި މާތް އިސްލާމްދީނުގެ ކަރާމާތް ގެއްލިދާފަދަ އެންމެހައި ކަންތަކުން، ދިވެހި ޤައުމާއި ރައްޔިތުން ސަލާމަތްކޮށް ރައްކާތެރިކުރުން.

ދިވެހި ދައުލަތުގެ ދާޚިލީ ސިޔާސަތަކީ، ޤާނޫނުގައި ރައްޔިތުންނަށް ދީފައިވާ ހަމަހަމަކަން ރައްޔިތުންނަށް ލިބިދިނުމާއި، އެންމެހައި ދިވެހީންނަށް މިނިވަންކަމުގެ އަސާސީ ޙައްޤުތައް ހޯދައިދިނުން. އިސްލާމްދީނުގެ ސީދާ ތެދުމަގުން ސަރުކާރާއި ރައްޔިތުންގެ ކަންތައްތައް އިޞްލާޙުކޮށް ކުރިއަށް ގެންދިޔުމަށް ބާރުއެޅުން. ރައްޔިތުންގެ ޙައްޤުތަކަށް ރައްކާތެރިވުމާއި، ރައްޔިތުންނަށް ލުއިފަސޭހަ ލިބެނިވި ގޮތްތައް ހޯދައިދިނުމަށް މަސައްކަތް ކުރުން.

ކުރީއްސުރެ އެކަމުގެ މައްޗަށް ވިސްނުންތެރިކަމާއެކު ބަލައިނުލެވި އޮތް ކަމެއް ކަމުގައިވާ ސޯޝަލް ޖަސްޓިސް ނުވަތަ އިޖުތިމާޢީ ޢަދާލަތުގެ މައްޗަށް ވޭތުވެދިޔަ އަހަރު ޚާއްޞަ ސަމާލުކަމެއް ދެވޭތޯ ބެލުނު. މިގޮތުން ކުރެވިފައިވާ ކަންތައްތަކުގެ ތެރޭގައި، ރާއްޖޭގައި ތަޢުލީމު ދިނުމަށްޓަކައި ކޮންމެ އަތޮޅެއްގައި ސަރުކާރުން ޚަރަދުކޮށްގެން ހިންގާ ޕްރައިމަރީ ސްކޫލެއް ހުޅުވުމާއި، ރާއްޖެތެރޭގައި ވަޒީފާ އަދާކުރާ ސަރުކާރުގެ މުވައްޒަފުންނަށް މިވަގުތަށް ހަމަޖައްސައިދެވެން އޮތް މިންވަރަކުން ބައެއް ލުއިފަސޭހަ ހޯދައިދެވުނުކަން ފާހަގަކޮށްލެވޭ. ހަމައެފަދައިން، މަސައްކަތުގެ ފުރުޞަތު ލިބުމުގައި، އަދި ސަރުކާރުގެ ޚިދުމަތް ލިބުމުގައި، ޖަމާޢަތުގެ އެކިބައިތަކުގެ މެދުގައި ހުންނާންވީ ހަމަހަމަކަމާއި ފުރިހަމަ ގުޅުން ދެމެހެއްޓުމަކީ، ދައުލަތުން މަސައްކަތްކުރާ ކަމެއް. މިއީ ދައުލަތުގެ ދާޚިލީ ސިޔާސަތުގެ ވަރަށް މުހިންމު ބައެއް ކަމުގައި އަޅުގަނޑު ދެކެން.

އާދެ! ކުރިއަށް އޮތް ތާނގައި ދައުލަތުގެ ދާޚިލީ ސިޔާސަތު ބިނާކުރާނީ، ދައުލަތް ހިންގުމާއި، ދިރިއުޅުމުގެ ތަފާތު ރޮނގުތަކުން ރާއްޖެ ތަރައްޤީ ކުރުމަށްޓަކައި ކުރެވެން އޮތް ހުރިހާ މަސައްކަތެއް ކުރުމުގެ މައްޗަށް. މިކަމުގައި މާލެއާއި ރާއްޖެތެރޭގެ ތަފާތު ކުޑަވާގޮތަކަށް ސަމާލުކަންދިނުން އެއީ އުޞޫލެއް ކަމުގައި ބަލައިގެން.

ޚާރިޖީ ސިޔާސަތު

ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި މެންބަރުންނޭވެ!

ދުނިޔޭގެ ގިނަ ޤައުމުތަކުގެ ނިސްބަތުން ބަލާއިރު ދިވެހިރާއްޖެއަކީ ކުޑަ ޤައުމެއް. މީސްކޮޅުމަދު، ބިންކުޑަ، މާއްދީ މުއްސަނދިކަމުގެ ގޮތުން ދެރަ ފެންވަރެއްގައިވާ ޤައުމެއް. އެހެންނަމަވެސް، ދިވެހިރާއްޖޭގެ ޒަމާންވީ ތާރީޚުން ސާބިތުވަނީ، އަޅުގަނޑުމެންނަކީ މިނިވަން، އަދި މިނިވަންކަމަށް ލޯބިކުރާ، ދުނިޔޭގެ އެހެން ޤައުމުތަކާ އެކުވެރިކަންމަތީ ދެމިތިބުމަށް މަސައްކަތްކުރާ ބައެއްކަން. ދުނިޔެއަށް ތަޢާރުފުވުމަށް އަޅުގަނޑުމެންނަށް ކުރެވުނު މަސައްކަތާ އަޅައިބަލާއިރު، ދުނިޔޭގައި ރާއްޖެއަށް ލިބިފައިވަނީ، ވަރަށްރީތި ނަމެއް. އެއީ އަޅުގަނޑުމެން ތަބާވަމުން އައި ޚާރިޖީ ސިޔާސަތުގެ ހަރުދަނާކަން އަޅުގަނޑުމެންނަށް ގެނެސްދިން ރީތިނަމެއް. އެއީ، މިނިވަންކަމާއި އަމާނާތްތެރިކަމާއެކު އަމިއްލަ ރައުޔު ފާޅުކުރާ ޤައުމަކަށްވުމުގެ ސަބަބުން އަޅުގަނޑުމެންނަށް ލިބިފައިވާ ނަމެއް.

ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި މެންބަރުންނޭވެ!

ތަރައްޤީވަމުން އަންނަ ޤައުމުތަކަށް، އެ ޤައުމުތަކުގެ އިޤްތިޞާދު ހަރުދަނާ ކުރުމަށް ބައިނަލްއަޤްވާމީ ދާއިރާގައި ލިބެންވީ ޙައްޤުތަކާއި ހަމަހަމަކަމުގެ ނަޞީބު އަދިވެސް ވަނީ ނުލިބި. ޞިނާޢީގޮތުން ކުރިއަރާފައިވާ ޤައުމުތައް އަދިވެސް ގެންގުޅެނީ، އެމީހުންގެ އަމިއްލަ މަޞްލަޙަތު ހިމާޔަތް ކުރުމުގައި އެނޫން ޤައުމުތަކުގެ ޙައްޤުތަކަށް ފަރުވާކުޑަކުރުމުގެ ސިޔާސަތު. މިކަމާ ދެކޮޅަށް ކުރެވެންއޮތްހާ މަސައްކަތެއް ކުރުމަކީ، ތިންވަނަ ދުނިޔޭގެ އެހެނިހެން ޤައުމުތަކެކޭ އެއްފަދައިން، އަޅުގަނޑުމެންގެވެސް ޙައްޤެއް ކަމުގައި އަޅުގަނޑުމެން ދެކެން. މިފަދަ މަޤްޞަދުތަކުގައި، ބައިނަލްއަޤްވާމީ ދާއިރާތަކަށް ރާއްޖެ ތަޢާރުފުވުމަށް ވީހާވެސް ބޮޑަށް މިހާރު މިގެންދަނީ މަސައްކަތް ކުރަމުން. ރާއްޖެއަށް ފައިދާކުރާނޭ ބައިނަލްއަޤްވާމީ އިދާރާތަކުގައި ހިމެނި، ބައިނަލްއަޤްވާމީ ކަންތައްތަކުގައި މިހާރަށްވުރެ ބޮޑަށް ހަރަކާތްތެރިވުމަށް ރާއްޖެ ގަސްތުކުރޭ.

ވަކިފަރާތަކަށް ނުޖެހުމުގެ ސިޔާސަތަކީ، މިއަދުގެ ދުނިޔޭގައި ކަންތައްތައް ހުރިގޮތުން، އަޅުގަނޑުމެން ކޮންމެހެން ގެންގުޅެންޖެހޭ ސިޔާސަތެއް ކަމުގައި އަޅުގަނޑު ދެކެން. މި ސިޔާސަތަކީ، އަޅުގަނޑުމެން ގަބޫލުކުރާ ދީނީ އަދި އިޖުތިމާޢީ އުޞޫލުތައް ބާރުއަޅާ ސިޔާސަތެއް ކަމުގައިވެސް ދަންނަވަން. ވަކިފަރާތަކަށް ނުޖެހުމަކީ، ހުޅަނގުގެ ޤައުމުތަކާއި އިރުމަތީ ޔޫރަޕުގެ ޤައުމުތަކާ ދެމެދުގައި ހިނގަމުންދާ ސިޔާސީ، އަދި ޢަސްކަރީ ވާދަވެރިކަމާ ގުޅޭގޮތުން އެ ދެފަރާތަކުންކުރެ ފަރާތަކަށް ނުޖެހުން. އެހެންކަމާއެކު، ވަކިފަރާތަކަށް ނުޖެހުމަކީ، ތިމާގެކަމާއި އަވަށްޓެރިކަމުގެ ގުޅުންތަކާމެދު ޚިޔާލު ނުބެހެއްޓުމެއްނޫން.

އާދެ، ވޭތުވެދިޔަ އަހަރު ރާއްޖެ ދުނިޔޭގެ މިނިވަން ޤައުމުތަކާ އެކުވެރިކަން އާކޮށް ދެމެހެއްޓުމުގެ މަސައްކަތުގައި، ދުނިޔޭގެ މުސްލިމް ޤައުމުތަކާ ދޭތެރޭ އުޚުއްވަތްތެރިކަމާއި ގާތްކަން، ވަރަށް މަތީ ދަރަޖައަކަށް ބެހެއްޓިފައިވޭ. އަދި އަޅުގަނޑުމެންގެ އަވަށްޓެރި ޤައުމުތަކާ އަޅުގަނޑުމެންނާ ދެމެދު، އިތުރު އެހީތެރިކަމާއި ގާތްކަން އުފެއްދުމަށް މަސައްކަތް ކުރެވިފައިވޭ. ވަކީން ޚާއްޞަކޮށް، ޝްރީލަންކާއާއި ދިވެހިރާއްޖެއާ ދެމެދު، ޒަމާނުއްސުރެ ދެމިއޮތް އެކުވެރިކަމާއި އިޤްތިޞާދީ އެއްބާރުލުން ދެމެހެއްޓުމަށާއި ވަރުގަދަކުރުމަށް ފިޔަވަޅުތައް އެޅިފައިވޭ.

މަޖިލީހުގެ ޢިއްޒަތްތެރި މެންބަރުންނޭވެ!

ކުރިއަށް އޮތް ތާނގައިވެސް، ރާއްޖޭގެ ޚާރިޖީ ސިޔާސަތުގެ އަސާސަކަށް ވާންޖެހޭނީ، މި އުޞޫލުތައް ކަމުގައި އަޅުގަނޑު ދެކެން. އެއީ ބޮޑެތި ބާރުތަކުގެ މެދުގައި ޚިލާފު އުފެދޭ މައްސަލަތަކުގައި ވަކިފަރާތަކަށް ނުޖެހުން. ރާއްޖޭގެ ސިޔާދަތާއި މިނިވަންކަމަށް ޤަދަރުކުރާ ކޮންމެ ފަރާތަކާވެސް ރަޙްމަތްތެރިކަމުގެ ގުޅުން ބެހެއްޓުން. ޔުނައިޓެޑް ނޭޝަންސްގެ ޗާޓަރގައި ހިމެނޭ އުޞޫލުތަކަށް އިޙްތިރާމުކުރުން. އަޅުގަނޑުމެންގެ އަމިއްލަ ރައްކާތެރިކަމާއި، ދުނިޔޭގެ ޞުލްޙައަށްޓަކައި، އިންޑިޔާ ކަނޑަކީ ޞުލްޙައިގެ ސަރަޙައްދެއް ކަމުގައި ހެދުމަށް، މިހިސާބުގަނޑުގަޔާއި އަދި ބައިނަލްއަޤްވާމީ ގޮތުން ކުރެވޭ އަދި ކުރެވެމުންދާ މަސައްކަތްތަކަށް ފުރިހަމައަށް ތާއީދުކުރުން.

ދޭދޭ ޤައުމުގެ މެދުގައި އުފެދޭ އަރައިރުންތައް ހަމަޖެއްސުމަށް، ބާރުގެ ބޭނުންކުރުމަކީ އަޅުގަނޑުމެން ގަބޫލުކުރާ ސިޔާސަތެއް ނޫން. އެއް ޤައުމު އަނެއް ޤައުމެއްގެ ދާޚިލީ ކަންތައްތަކަށް ވަދެގަތުމަކަށް އަޅުގަނޑުމެން ތާއީދެއް ނުކުރަމު. ހަތިޔާރު އުފެއްދުމާއި ހަތިޔާރުގެ ވާދަވެރިކަމަށް އަޅުގަނޑުމެން ބަލަނީ ނުރުހުންތެރިކަމުގެ ލޮލަކުން.

ދިވެހިރާއްޖޭގެ ޚާރިޖީ ސިޔާސަތު، އޭގެ މައްޗަށް ބިނާވެފައިވާ އެންމެ ވަރުގަދަ އެއް އުޞޫލަކީ، ދުނިޔޭގެ ކޮންމެ ހިސާބެއްގައި ނަމަވެސް، މިނިވަންކަމަށާއި އިންސާނީ ޙައްޤުތައް ލިބިގަތުމަށް ކުރެވެމުންދާ މަސައްކަތްތަކަށް ތަރުޙީބުދިނުން. ޚާއްޞަކޮށް، ދުނިޔޭގެ މުސްލިމުންނަށް ދިމާވެފައިވާ ބޭއިންޞާފާ ދެކޮޅަށް އެމީހުން ކުރާ ހަނގުރާމައިގައި މާނަވީގޮތުން ބައިވެރިވުން. އަދި އަޅުގަނޑުމެންގެ އަޚުން ކަމުގައިވާ ޢަރަބީން، އެމީހުންގެ ޤައުމީ ޙައްޤުތައް ލިބިގަތުމަށްޓަކައި، ކުރަމުންގެންދާ މަތިވެރި ޖިހާދަށް އަޅުގަނޑުމެން ފުރިހަމައަށް ތާއީދުކުރުން. ހަމައެފަދައިން، ވަކިބައެއްގެ ފަރާތުން ޤައުމެއްގެ ރައްޔިތުންނަށް ލިބިފައިވާ، ނުވަތަ ލިބެމުންދާ ކޮންމެ އިހާނެތިކަމަކާއި ގެއްލުމަކާ ދެކޮޅަށް، އެ ޤައުމެއްގެ ރައްޔިތުން އެމީހުންގެ ޙައްޤުތައް ހޯދައިގަތުމަށް، ބައިނަލްއަޤްވާމީ ފެންވަރެއްގައި ކުރާ ކޮންމެ މަސައްކަތަކަށް އަޅުގަނޑުމެން މިތިބީ ތާއީދުކުރުމަށް ތައްޔާރަށް. 

ދައުލަތް ހިންގުން
 

1979 ވަނަ އަހަރު، ދިވެހި ދައުލަތް ހިންގުމާބެހޭ ބައެއް ކަންތައްތައް ރަނގަޅުކުރުމަށްޓަކައި ވަރަށް ތަފާތު ފިޔަވަޅުތައް އެޅުނު. ސަރުކާރު ހިންގުމުގެ އިދާރީ ކަންތައްތަކަށް ބައެއް އިޞްލާޙުގެނެވި، ރައްޔިތުންނަށް ޚިދުމަތް ކޮށްދިނުމުގައި ސަރުކާރުގެ ހުރިހާ ދާއިރާއެއްގެ ޙަރަކާތްތައް ހަލުވިކުރެވޭތޯ މަސައްކަތް ކުރެވުނު. ހަމައެފަދައިން، ރައްޔިތުންނާއި ސަރުކާރާ ދެމެދުގައި އޮންނާންވީ ފުރިހަމަ އިތުބާރު އުފެއްދުމުގެ ގޮތުންވެސް މަސައްކަތް ކުރެވުނު.

ދައުލަތުގެ ކަންތައްތައް ހިންގަމުން ގެންދިޔުމުގައި ވަޒީރުންގެ މަޖިލީހުގެ މެންބަރުންނާއި އަދި ދައުލަތުގެ ކަންތައްތައް ހިންގުމާ ޙަވާލުކުރެވިފައިވާ ވެރީންގެ އެހީ އަޅުގަނޑަށް ލިބެމުންދިޔައީ ވަރަށް މަތީ ދަރަޖައަކަށް. އަދި އެ އެންމެ ބޭފުޅުންނާއި، ދައުލަތުގެ އެހެނިހެން މުވައްޒަފުންގެ ވާޖިބުތައް އަދާކުރައްވަމުން ގެންދެވީ، ވެވަޑައިގެން އެންމެ ރަނގަޅަށްކަން އަޅުގަނޑު ގަބޫލުކުރަން.

ވޭތުވެދިޔަ އަހަރު ސަރުކާރުގެ މުވައްޒަފުންނަށް އިތުރު ލާބަ ހޯދައިދިނުމުގެ ގޮތުން ބައެއް ފިޔަވަޅު އެޅިފައިވޭ. އޭގެތެރޭގައި -/300 ރުފިޔާއިން ދަށުގެ މުސާރަ ލިބޭ މުވައްޒަފުންގެ މުސާރައަށް އެކަށީގެންވާ ޢަދަދެއް އިތުރުކުރެވުނުކަން ފާހަގަކޮށްލެވޭ. ވަކިން ޚާއްޞަގޮތެއްގައި، ރާއްޖެތެރޭގައި ސަރުކާރުގެ ވަޒީފާ އަދާކުރާ މުވައްޒަފުންގެ މުސާރައަށް އެދެވޭ ބަދަލުތަކެއް ގެނެވުނުކަންވެސް، މި މަގާމުގައި ހަނދާންކޮށްލަންޖެހޭ.

ސަރުކާރުގެ މުވައްޒަފުންނާބެހޭ ކަންތައްތައް ރަނގަޅު އުޞޫލެއްގެ މަތީން ހަމަޖެއްސުމަށްޓަކައި، މުވައްޒަފުން ލެއްވުމާއި، ވަކިކުރުމާއި، ޕްރޮމޯޓް ކުރުމަށް އެކަށީގެންވާ ރަނގަޅު ޤަވާޢިދެއް ކަނޑައަޅަން އަޅުގަނޑު ގަސްތުކުރާ ވާހަކަ، މިދިޔަ އަހަރު މި މަޖިލިސް ހުޅުވަމުން އަޅުގަނޑު ދެންނެވިން. މިދެންނެވި ކަންކަމާ ބެހޭގޮތުން ހަރުދަނާ އުޞޫލުތަކެއް ކަނޑައެޅުމަށްޓަކައި، ބޭރުގެ މުޝީރެއްގެ ލަފާ ހޯދައިގެން، ވޭތުވެދިޔަ އަހަރު މަސައްކަތް ފެށިފައިވޭ. ކަމުގެ ބާވަތުން އަދި އެމަސައްކަތް ނިމުމަކާ ހަމައަކަށް ނުދޭ. ވީމާ، މި މަސައްކަތް މި އަހަރުވެސް ކުރިއަށް ގެންދާނެ ވާހަކަ ދަންނަވަން. ދައުލަތުގެ ފަރާތުން ކުރަމުންގެންދާ، ދީނީ ކަންތައްތައް ކުރުމާއި، މާލެއާއި ރާއްޖެތެރޭގެ މިސްކިތްތައް ބެލެހެއްޓުމުގެ ކަންތައްތައް، ކުރިއަށްވުރެ ހަރުދަނާގޮތެއްގައި ކުރަމުން ގެންދިޔުމަށްޓަކައި، "ޑިޕާޓްމަންޓް އޮފް ރިލިޖަސް އެފެއާޒް" މި ނަމުގައި ސަރުކާރުގެ އާ ޑިޕާޓްމަންޓެއް އުފެއްދިފައިވޭ.

ވޭތުވެދިޔަ އަހަރުގެ ތެރޭގައި، ސަރުކާރު ހިންގުމުގައި އަޅުގަނޑު އެންމެބޮޑަށް މަސައްކަތްކުރި އެއްކަމަކީ، ވެރިކަން ހިންގުމުގެ އުޞޫލަށް އެދެވޭ ބަދަލުތަކެއް ގެނެވޭތޯ ބެލުން. މިގޮތުން އެންމެ ފުރަތަމަ އެޅިފައިވާ ފިޔަވަޅަކީ، ރައްޔިތުންގެ ވަކީލުން ކަމުގައިވާ ތިޔަ ޢިއްޒަތްތެރި މެންބަރުންނަށް، އާދެ، ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް، ލިބިދޭންޖެހޭ ޙިމާޔަތް ލިބިދިނުން. މި މަޤްޞަދުގައި ކުރެވުނު އަނެއްކަމަކީ، ސަރުކާރުގެ އެކިއެކި ބޮޑެތި ކަންކަމާއި ޤައުމީ މައްސަލަތައް، ހަމަ އެންމެ މީހެއްގެ ޚިޔާލަށް ފެންނަގޮތަށް ނިންމުމުގެ ބަދަލުގައި، ކޮންމެ ކަމެއްވެސް އެކަމާބެހޭ ދާއިރާގައި އުޅޭ މީހުންނާއި، އަދި އެކަމުގެ ތަޖުރިބާއާއި މަޢުލޫމާތު ލިބިފައިވާ މީހުންގެ ލަފާގެ އަލީގައި ނިންމުން. މިއީ ޙަޤީޤަތުގައި ސަރުކާރު ހިންގުން އަމިއްލަ ޚުދްމުޚުތާރު ވެރިކަމެއްގެ އުޞޫލުން އެއަށްވުރެ ޑިމޮކްރެޓިކް އުޞޫލަކަށް ބަދަލުކުރުމުގެ މަޤްޞަދުގައި ހަމަޖެއްސިފައިވާ ގޮތެއް. މިގޮތުން އެކިއެކި ކަންކަމާބެހޭ މަޖިލިސްތަކާއި، އެކިއެކި ބޯޑުތަކާއި، ކޮމިޓީތައް އުފެއްދުނު. އަދި ކަންތައްތައް ނިންމަމުން ގެންދެވުނީ، މި ދެންނެވި ފަރާތްތަކުގެ ލަފައާއި މަޝްވަރާގެ މަތީން. އެހެންކަމާއެކުވެސް، މި ދެންނެވިފަދަ ޑިމޮކްރެޓިކް އުޞޫލެއް ފުރިހަމަގޮތެއްގައި ޤާއިމުކުރެވޭނީ، ދައުލަތް ހިންގުމަށް އަދިވެސް އިތުރު އިޞްލާޙުތަކެއް ގެނެވިގެން ކަމަށް އަޅުގަނޑަށް ފެނޭ.

ޢަދުލުއިންޞާފު

ރާއްޖޭގައި ޢަދުލުއިންޞާފު ޤާއިމުކުރުމަކީ ދައުލަތުން އެންމެމަތީ އަހަންމިއްޔަތު ދެމުންދާ އެއް ކަންތައް. ޢަދުލުއިންޞާފު ޤާއިމުކުރުމުގެ ކަންތައް، މީގެކުރިން ހިންގަމުން ގެނެސްފައިވަނީ، މިނިސްޓްރީ އޮފް ޖަސްޓިސްގެ ދަށުގައިވާ 8 ޑިވިޜަނުންނާއި، ރާއްޖެތެރޭގައި އުފެދިފައިވާ އަތޮޅުކޯޓުތަކުން. ވޭތުވެދިޔަ އަހަރުތަކަށް ބަލާއިރު، ކޮންމެ އަތޮޅެއްގައި، އެންމެ ކޯޓެއް ހުރުމުން، ޢަދުލުއިންޞާފު ޤާއިމުކުރުމުގެ ގޮތުން ކުރަންޖެހޭ ކަންތައްތައް އެދެވޭ ހަލުވިކަމާއެކު ގޮސްފައިނުވާތީއާއި، އަދި ކޯޓު ހުންނަ ރަށް ފިޔަވައި އެހެން ރަށްރަށުގެ ރައްޔިތުންނަށް އުފުލަންޖެހޭ ދަތިތަކުގެ ސަބަބުން، މިދިޔަ އަހަރުގެ ތެރޭގައި، ރާއްޖޭގެ މީހުން އުޅޭ ކޮންމެ ރަށެއްގައި ކޯޓެއް އުފައްދައި، ކޯޓުގެ މަސައްކަތް ހިނގައިގަތް. އެއާއެކު، އެ ކޯޓުތައް ހިންގުމުގެ މުހިންމު ޚަރަދުތައްވެސް ސަރުކާރުން ދޭގޮތަށް ހަމަޖެއްސުނު. ހަމަ މިގޮތުން މާލޭގައިވެސް ކުރިމަތިވާ ޝަރީޢަތާބެހޭ ވަކި ބާވަތެއްގެ މައްސަލަތައް އަވަހަށް ނިންމަމުން ގެންދިޔުމަށްޓަކައި، މިނިސްޓްރީ އޮފް ޕަބްލިކް ސޭފްޓީގެ ދަށުގައި ފުލުސްކޯޓެއް އުފެއްދުނު. މި ކޯޓު އުފެއްދުމުގެ ސަބަބުން، އެކިފަރާތްފަރާތުން ހުށަހަޅާ މައްސަލަތައް ނިންމުމަށް ވަރަށްބޮޑު ހަލުވިކަމެއް ލިބުނު. މިކަމުގެ ހެތްކަކަށް، ވޭތުވެދިޔަ އަހަރު އެ ކޯޓުން ނިންމެވި ވައްކަމުގެ މައްސަލަތައް އެކަނިވެސް ފުދޭ. މިދިޔަ އަހަރު ފުލުސްކޯޓުން ނިންމެވި ވައްކަމުގެ މައްސަލަތަކުގެ ޢަދަދަކީ ތިންސަތޭކަ ތެއްތިރީސް. މިނިސްޓްރީ އޮފް ޖަސްޓިސްގެ ދަށުގައިވާ މާލެއާއި ރާއްޖެތެރޭގެ ކޯޓުތަކުން ނިންމެވި ވައްކަމުގެ މައްސަލަތަކުގެ ޢަދަދަކީ ފަސްދޮޅަސް ތިނެއް. ޝަރްޢީ ދާއިރާތަކަށް އެކަށީގެންވާ ބަދަލުގެނެސް، މި ހުރިހާ ފިޔަވަޅެއް އެޅުމާއެކު، ވޭތުވެދިޔަ އަހަރުގެ ތެރޭގައި، ރާއްޖޭގައި ޢަދުލުއިންޞާފު ޤާއިމުކުރުމުގެ ކަންތައްތައް ކުރެވުނީ، މީގެ ކުރިއަށްވުރެ ހަރުދަނާ ގޮތެއްގައި ކަމަށް އަޅުގަނޑު ދެކެން.

ވޭތުވެދިޔަ އަހަރު ހުށަހެޅުނު ޤަޟިއްޔާތަކަށް ބަލާއިރު، ބޮޑެތި ވައްކަންތައް، ކުރީ އަހަރަށްވުރެ މިދިޔަ އަހަރު މަދުވެގެން ގޮސްފައިވާކަން ފާހަގަކުރެވޭ. 1978 ވަނަ އަހަރު ކޮށްފައިވަނީ، ބޮޑެތި 40 ވައްކަން. 1979 ވަނަ އަހަރު ކޮށްފައިވަނީ، ބޮޑެތި 7 ވައްކަން. ބޮޑެތި ވައްކަންތައް މަދުވުމުގެ އެންމެ މުހިންމު ސަބަބެއް ކަމަށް އަޅުގަނޑު ދެކެނީ، ޤާނޫނު ނަންބަރު 5/78 (15 ދުވަހަށްވުރެ ދިގުމުއްދަތަށް މީހުން ބަންދުކުރުމުގައި ޢަމަލުކުރަންވީގޮތުގެ ޤާނޫނު) އަށް ބަދަލުގެނެސް، ވައްކަން، ފޭރުން، ޚިޔާނާތް، އަދި މާރާމާރީ، މިއިން ކުށެއް ކޮށްފިކަމަށް ތުހުމަތު ކުރެވިގެން ބަންދުކުރެވޭ މީހުން، މި ޤާނޫނުން އިސްތިސްނާކުރާގޮތަށް ހަމަޖެއްސުން. އަނެއް ސަބަބަކީ، ވައްކަންކުރާ މީހުންގެ ޢުޤޫބާތް ލުއިކޮށްނުދޭ އުޞޫލަކަށް، މިދިޔަ އަހަރު ޢަމަލުކުރެވެމުންދިޔަކަން.

ޝަރީޢަތުން ނިންމާ މައްސަލަތަކާ ބެހޭގޮތުން އެކި މީސްމީހުންކުރާ ޝަކުވާތައް، މިނިސްޓްރީ އޮފް ޖަސްޓިހުން ބެއްލެވުމުގެ އިތުރަށް، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މިދިޔަ އަހަރު ތެރޭގައިވެސް ބަލަމުން ގެންދެވުނު. އެއީ އިސްތިއުނާފުގެ އުޞޫލު ރާއްޖޭގައި އަދި ހަމަޖެއްސިފައި ނެތުމާއި، އަދި ޤާނޫނީގޮތުން ރައީސުލްޖުމްހޫރިއްޔާއަށް ޢަދުލުއިންޞާފު ޤާއިމުކުރުމުގެ ބާރު ލިބިފައިވާތީ، މިގޮތުން ވޭތުވެދިޔަ އަހަރު 62 މައްސަލަ ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ހުށަހެޅި، އޭގެތެރެއިން 34 މައްސަލަ ނިމިފައިވޭ. މި ދެންނެވި ގޮތުން ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ހުށަހެޅޭ ބައެއް މައްސަލަތަކަކީ، އެ މައްސަލަތައް ޝަރީޢަތުން ނިންމާފައިވާތާ ވަރަށްގިނަ އަހަރުތަކެއް ވޭތުވެގޮސްފައިވާ، އަދި އެތައް ބައެއްގެ ޙައްޤު އެކުލެވިފައިވާ މައްސަލަތަކެއް. އެހެންކަމުން، އެބާވަތުގެ މައްސަލަތަކަކީ، އާދައިގެ މައްސަލަތައް ފަދައިން، މާ އަވަސް މުއްދަތެއްގެ ތެރޭގައި ބަލައި ނިންމާލެވޭ ޒާތުގެ މައްސަލަތަކެއް ނޫން.

ދާޚިލީ ހިންގުން

ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި މެންބަރުންނޭވެ!

ރާއްޖޭގެ ރައްޔިތުންނަށް ވެވުނުވަރަކުން ލުއިފަސޭހަ ހޯދައިދިނުމުގެ ގޮތުންނާއި، ރައްޔިތުންގެ ޙައްޤުތަކާއި މިނިވަންކަން ރައްކާތެރިކުރުމުގެ ގޮތުން، 1979 ވަނަ އަހަރު، ވަރަށްގިނަ ކަންތައް ކުރެވިފައިވޭ.

ރާއްޖެތެރޭގެ ރައްޔިތުންގެ ޙާލުހުރިގޮތް ލޮލުންދެކި އަތުން ހިފުމަށްޓަކައި، ރާއްޖެތެރޭގެ މީހުން އުޅޭ ވަރަށްގިނަ ރަށްރަށަށް މިދިޔަ އަހަރު އަޅުގަނޑު ޒިޔާރަތްކުރިން. ހަމައެފަދައިން، ވަޒީރުންނާއި، ރާއްޖެތެރެއާބެހޭ ކަންތައްތައް ކުރައްވަމުން ގެންދަވާ ސަރުކާރުގެ އެކި މިނިސްޓްރީތަކާއި އޮފީސްއޮފީހުގެ ވެރިން، ރާއްޖެތެރެއަށް ވަޑައިގެންނެވި.

މި ދަތުރުތަކުގެ ތަޖުރިބާއިން އެނގުނީ، ރާއްޖެތެރޭގެ ކަންތައްތައް، އޭގެ ކުރިން ހިތަށްވެސް ނުގެނެވޭފަދަ، އަދި ހިތާމަކުރުން އެކަށީގެންވާފަދަ ދަރަޖައަކަށް ދަށަށް ގޮސްފައިވާކަން. އެހެންކަމުން، 1979 ވަނަ އަހަރު ދައުލަތުގެ ދާޚިލީ ހިންގުމުގެ އެންމެ މުހިންމު ބައެއް ކަމުގައި ހިމެނުނީ، ރާއްޖެތެރެ ތަރައްޤީކުރުމާއި އިޞްލާޙުކުރުން. މިގޮތުން، ހަމަ ވަގުތުން އަޅަންބޭނުންވެފައިވާ ފިޔަވަޅުތައް އެޅުމާއެކު، ރާއްޖޭގެ ތަރައްޤީއަށްޓަކައި ރޭވުނު 1 ކުރޯޑު 40 ލައްކަ ރުފިޔާގެ 3 އަހަރުގެ މަޝްރޫޢެއް، މިދިޔަ އަހަރު ހިންގަން ފެށުނު. އަދި މިހާރުވެސް އެ މަޝްރޫޢު ދަނީ ހިނގަމުން. ސަރުކާރުގެ ފަރާތުން މި ފެށްޓުނު މަސައްކަތްތަކުގެ ސަބަބުން ރާއްޖެތެރެ ތަރައްޤީކުރުމުގެ ރޫޙު، ރާއްޖޭގެ ރައްޔިތުންގެ ހިތްތަކުގައި އާލާވެގެންދިޔަ މިންވަރު، އެމީހުންގެ ޢަމަލުތަކުން ދައްކަމުންދާ ވާހަކަ މި ދަންނަވަނީ ހިތްހަމަޖެހުމާއެކު. ރާއްޖެތެރޭގެ ތަރައްޤީއަށްޓަކައި ކުރެވޭ މަސައްކަތްތަކުގައި، "އެޓޮލްސް ޑިވެލޮޕްމަންޓް އެޑްވައިޒަރީ ބޯޑު" ވެސް ޙަރަކާތްތެރިވާން ފަށާފައިވޭ. އަތޮޅުތަކުގައި ކުރުމަށް އެ ބޯޑުގެ ލަފަޔާއެކު ރޭވެމުންދާ މަސައްކަތްތަކުގައާއި، ޢާންމުކޮށް އަތޮޅު ތަރައްޤީކުރުމުގައި އިސްނެގުމަށްޓަކައި، ކޮންމެ އަތޮޅެއްގައި އަތޮޅު ކުރިއެރުވުމަށް އެހީވާ ކޮމިޓީއެއް އުފެއްދުނު. މި ކޮމިޓީތަކުގެ ސަބަބުން، ރާއްޖެތެރެ ކުރިއެރުވުމުގެ މަސައްކަތަށް އިތުރު ހަލުވިކަމެއް ލިބެމުންދޭ.

އައްޑުއަތޮޅު ގަން، އަތޮޅުގެ ރައްޔިތުންނަށާއި، ރާއްޖެއަށް ފައިދާހުރި ގޮތެއްގައި ބޭނުންކުރެވޭނޭ ގޮތެއް ރޭވޭތޯ 1979 ވަނަ އަހަރުގެ ތެރޭގައި ދައުލަތުން ވަރަށްބޮޑަށް މަސައްކަތް ކުރެއްވި. އާދެ! ބޭރުގެ ބައެއް ކުންފުނިތަކާ ގުޅައިގެން، އެކިއެކި މަސައްކަތްތައް އެތާނގައި ފެށްޓޭނެ ގޮތެއްވޭތޯ ބެލުނު. ގަމާ ބެހޭގޮތުން ބޭރުގެ ބައެއް ފަރާތްތަކުން ހުށަހެޅި ހުށަހެޅުންތަކާމެދު ވިސްނައި، ގަމުގައި ފައިދާހުރި މަސައްކަތެއް ފެށޭތޯ ކުރެވެންއޮތްހާ މަސައްކަތެއް ކުރެވުނު. މިގޮތުން ވޭތުވެދިޔަ އަހަރު އެންމެބޮޑަށް މަސައްކަތް ކުރެވިފައިވަނީ، އޮރިއެންޓް އެކްސްޕްރެސް އެއަރވޭޒްގެ ފަރާތުން ހުށަހެޅި ހުށަހެޅުމާ ގުޅޭގޮތުން. ނަމަވެސް، އެފަރާތުން ހުށަހަޅާފައިވާ މަޝްރޫޢުގެ ބާވަތުންނާއި، ހުށަހެޅިފައިވާ ޝަރުޠުތަކުގެ ދަތިކަމުންނާއި، އަދި މި މަޝްރޫޢާ ބެހޭގޮތުން ގުޅަން ޖެހިފައިވާ ބޭރުގެ ފަރާތްތަކުގެ ގިނަކަމުންނާއެކު، އަހަރު ނިމިގެންދިޔައިރުވެސް ގަމުގެ މައްސަލަވަނީ ވަކިގޮތަކަށް ހަމަނުޖެހި. ގަން ޙަރަކާތްތެރި ކުރުވުމަކީ، ދައުލަތުން ވަރަށް މަތީ އަހަންމިއްޔަތެއްދޭ އެއް މައްސަލަ ކަމުގައި، މި މަގާމުގައި އަޅުގަނޑު ދަންނަވަން. ވީމާ، އެ މައްސަލަ ހަރުދަނާ ގޮތެއްގައި ނިމުމަކަށް ގެނެވޭތޯ، ހުއްޓުމެއްނެތި ދައުލަތުން މިހާރުވެސް މިގެންދަނީ މަސައްކަތް ކުރަމުން.

1979 ވަނަ އަހަރުގެ ތެރޭގައި މާލޭގެ ފަޅުތެރެ ހިއްކައިގެން، މާލޭގެ ބިން ބޮޑުކުރުމުގެ ވަރަށް މުހިންމު މަޝްރޫޢެއް ފަށައިގަނެވުނު. އެއީ މާލޭގެ ރަށްވެހިންގެ ތެރެއިން ވަރަށްގިނަ ޢަދަދެއްގެ ބަޔަކަށް ދަތިވެފައިވާ ގޯތިގެދޮރުގެ މައްސަލައާއި، ތިރީސްހާހަށްވުރެ ގިނަ ޢަދަދަކަށް މީހުން އުޅޭ ރަށެއްގައި ހުންނަންޖެހޭ ތަފާތު ޚިދުމަތްތަކަށް ބޭނުންވާ ބިމުގެ މައްސަލަ ޙައްލުކުރެވޭނެ ގޮތަކާމެދު ވިސްނައި ރޭވުނު މަޝްރޫޢެއް. މިކަމަށްޓަކައި 2 ކުރޯޑު ރުފިޔާގެ ބަޖެޓެއް ފާސްކުރެވުނު. މި މަސައްކަތަށް މާލެއާއި ރާއްޖެތެރޭގެ ރައްޔިތުންގެ އެހީ ވަރަށްމަތީ ދަރަޖައަކަށް ލިބެމުންދިޔަކަން ފާހަގަކޮށްލެވޭ. 1979 ވަނަ އަހަރު ނިމުނުއިރު، މާލޭގެ ފަޅުން 642,033 އަކަފޫޓުގެ ބިން ހިއްކިފައިވޭ.

އިޤްތިޞާދީ ޙާލަތު

ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި މެންބަރުންނޭވެ!

އިޤްތިޞާދީގޮތުން ދިވެހި ޤައުމު ކުރިއަށް ގެންދެވޭތޯ ކުރެވެންއޮތްހާ މަސައްކަތެއް، ވޭތުވެދިޔަ އަހަރުގެ ތެރޭގައި ކުރަމުން ގެންދެވުނު. ޤައުމުގެ އިޤްތިޞާދީ ޙާލަތު ރަނގަޅުކުރެވޭތޯ ދައުލަތުން ކުރި މަސައްކަތުގެ ނަތީޖާ، އެދެވޭގޮތުގައި ވޭތުވެދިޔަ އަހަރު ފެންނަން ފެށި ވާހަކަ މިދަންނަވަނީ ހިތްހަމަޖެހުމާއެކު. 1978 ވަނަ އަހަރު ދައުލަތަށް އާމްދަނީގެ ގޮތުގައި ލިބިފައިވަނީ11,761,175/58 ރުފިޔާ. 1979 ވަނަ އަހަރު 16,471,624/76 ރުފިޔާ، އާމްދަނީގެ ގޮތުގައި ދައުލަތަށް ލިބިފައިވޭ. މި ނަތީޖާއަށް ބަލާއިރު، ދައުލަތަށް ލިބުނު އާމްދަނީ، ކުރިއަށްވުރެ ސަތޭކައަކުން ސާޅީސް މައްޗަށް ގޮސްފައިވޭ.

ރާއްޖެ ތަރައްޤީ ކުރުމަށްޓަކައި ކުރާ މަސައްކަތްތައް އިތުރުވަމުންދިޔަދިޔަހެން، ދައުލަތަށް ލިބޭ އާމްދަނީއަށްވުރެ ކުރަންޖެހޭ ޚަރަދުވެސް ދަނީ އެއްދުވަހުން އަނެއްދުވަހަށް ބޮޑުވަމުން. 1974 ވަނަ އަހަރުން ފެށިގެން ވޭތުވެދިޔަ 6 އަހަރު ދުވަހުގައިވެސް ދައުލަތުގެ ބަޖެޓު ވެފައިއޮތީ ޑެފިސިޓް ބަޖެޓެއް ކަމުގައި. އާދެ، ލިބޭ އެއްޗަކަށްވުރެ ޚަރަދު ބޮޑު ބަޖެޓެއް ކަމުގައި.

ވޭތުވެދިޔަ އަހަރުވެސް ރާއްޖޭގެ ތަރައްޤީއަށްޓަކައި، ކުރީ އަހަރަށްވުރެ އިތުރު އެތައް މަސައްކަތްތަކެއް ފެށިފައިވުމާއެކު، ދައުލަތަށް އާމްދަނީގެ ގޮތުގައި ލިބުނު ފައިސާއަށްވުރެ ދައުލަތުން ކުރެވުނު ޚަރަދުވަނީ އިތުރުވެފައި. ކަން މިހެން ހުރުމާއެކު، ރާއްޖޭގެ ތަރައްޤީއަށްޓަކައި އެތައް މަސައްކަތްތަކެއް މިހާރު ކުރެވެމުންދާތީއާއި، އަދި ކުރިއަށް އޮތް ތާނގައި ކުރަންވެފައިވާތީ، ދައުލަތަށް ލިބޭ އާމްދަނީ އިތުރުކުރެވޭނެ ގޮތްތައް ހޯދަންވަނީ މަޖުބޫރުވެފައި. މިކަމަކީ ދައުލަތުން ވަރަށްމަތީ ސަމާލުކަމެއް ދޭން ޖެހިފައިވާ ކަމެއް. މިކަމުގެ މައްޗަށް ވިސްނުމަށްފަހު، ޓޫރިޒަމުން ސަރުކާރަށް އާމްދަނީއެއް ލިބޭގޮތް މިހާރުވަނީ ހަމަޖެއްސިފައި.

މަޖިލީހުގެ މެންބަރުންނަށް އެނގިވަޑައިގަންނަވާނޭ ފަދައިން، އަޅުގަނޑުމެންގެ ރާއްޖެއަކީ، ދިރިއުޅުމަށް ބޭނުންވާ ވަރަށްގިނަ އެއްޗެތި ރާއްޖެއިން ބޭރުން ގެންނަންޖެހިފައިވާ ޤައުމެއް. ވޭތުވެދިޔަ 1979 ވަނަ އަހަރުގެ ތެރޭގައި ރާއްޖެއަށް ގެނެވުނު ކާޑުގެ ތަކެއްޗަށް އެކަނިވެސް 4,880,057.05 އެމެރިކާ ޑޮލަރު ޚަރަދުކުރެވުނު. ވޭތުވެދިޔަ އަހަރު ރާއްޖެއިން ވިކުނު ރޯމަހަށް ލިބިފައިވަނީ 3,255,009.54 ޑޮލަރު. މީގެއިތުރު ފައިސާ ލިބޭ ބައެއް މުހިންމު ރޮނގުތައް ކަމުގައިވާ، ޕެސެންޖަރ ސަރވިސް ޗާޖް، ޓޫރިޒަމް ޓެކްސް، ރާއްޖެއިން ބޭރުން ވިއްކާ ސްޓޭމްޕް، މިބާވަތުގެ ކަންކަމަށް ލިބިފައިވަނީ 770,150.91 ޑޮލަރު. މިހިސާބުތަކުގެ މައްޗަށް ބަލާއިރު، ދައުލަތަށް އާމްދަނީގެ ގޮތުގައި ލިބޭ ބޭރުފައިސާއާއި، ދައުލަތުން ހޭދަކުރަންޖެހޭ ބޭރުފައިސާގެ ތަފާތު ވަރަށްވެސް ބޮޑު. މި ތަފާތު ކުޑަކުރެވޭނީ ނުވަތަ މުޅިން ނައްތާލެވޭނީ ވަރަށްބޮޑަށް މަސައްކަތް ކުރެވިގެން. މިހެންކަމާއެކު، ރާއްޖެއަށް އާމްދަނީ ލިބޭ އެންމެ މުހިންމު ރޮނގުތަކެއް ކަމުގައިވާ މަސްވެރިކަމާއި، ޝިޕިންގއާއި، ޓޫރިޒަމް، މިއިން ކޮންމެ ރޮނގެއްގައިވެސް އިޞްލާޙީ ގޮތުން އިތުރު ފިޔަވަޅުތައް އެޅުނު. މިގޮތުން ރާއްޖޭގައި އުފައްދާ ތަކެތި އިތުރުކޮށް ބޭރަށް ފޮނުވުމަށް ހިތްވަރުދިނުމުގެ ގޮތުން، ރާއްޖެއިން އެކްސްޕޯޓް ކުރާ ތަކެތިން މީގެކުރިން ނަގަމުން ގެނައި ޑިއުޓީ ނެގުން ހުއްޓާލެވުނުކަންވެސް މި ފުރުޞަތުގައި ފާހަގަކޮށްލަންޖެހޭ.

މަސްވެރިކަން

މަސްވެރިކަމަކީ، ރާއްޖޭގެ އިޤްތިޞާދިއްޔަތުގެ އެންމެ މުހިންމުބައި. ރާއްޖޭގައި އުޅޭ މީހުންގެ ގާތްގަނޑަކަށް ސަތޭކައަކުން އަށްޑިހަ މީހުންނަކީ، މަސްވެރިކަމުގެ އެކިއެކި ރޮނގުރޮނގުގައި އަމިއްލަގޮތުން ނަމަވެސް މަސައްކަތްކުރާ މީހުން ކަމުގައިވާއިރު، ރާއްޖެއަށް ބޭރުފައިސާ ލިބޭ އެންމެ މުހިންމު ވަސީލަތަކީވެސް ހަމަ މަސްވެރިކަން. އެހެންކަމުން، ރާއްޖޭގެ މަސްވެރިކަމަށް އިތުރު ތަރައްޤީއެއް ގެނެވޭތޯ 1979 ވަނަ އަހަރުގެ ތެރޭގައިވެސް، ވަރަށް ބޮޑަށް މަސައްކަތް ކުރެވުނު. ކުރިއްސުރެން ފެށިގެން އަންނަ، މަސްދޯނިފަހަރުގައި އިންޖީނު ބެހެއްޓުމުގެ ޕްރޮގްރާމްގެ ދަށުން މިދިޔަ އަހަރުގެ ތެރޭގައި 219 ދޯނީގައި އިންޖީނު ބެހެއްޓުނު. އަހަރު ނިމުނުއިރު، މި ޕްރޮގްރާމްގެ ދަށުން ރާއްޖޭގައި އިންޖީނު ބަހައްޓާފައިވާ 767 ދޯނިހުރި. އަދި ކުރިއަށް އޮތް ތާނގައި، އިތުރު ދޯނިފަހަރުގައި ބެހެއްޓުމަށްޓަކައި ވާރލްޑް ބޭންކާއި އިނގިރޭސި ސަރުކާރުގެ އެހީގެދަށުން އިތުރު އިންޖީނު ލިބޭނެގޮތްވަނީ ހަމަޖެހިފައި.

ރާއްޖޭގެ މަސްވެރީންނަށް ބޭނުންވާ ތެޔޮ ހޯދައިދެވެން އޮތް އެންމެ ހެޔޮއަގެއްގައި ހޯދައިދެވޭތޯ ދައުލަތުން ވަރަށްބޮޑަށް މަސައްކަތް ކުރެވުނު. ނަމަވެސް، ދުނިޔޭގެ މާކެޓުތަކުގައި ތެލުގެ އަގު ބޮޑުވަމުންދިޔުމުން، އެހެންވެސް ތަރައްޤީވަމުން އަންނަ ޤައުމުތަކަށް އެކަމުގެ ދަތިކަން އިޙްސާސްވަމުން ދިޔަފަދައިން، އަޅުގަނޑުމެންގެ ރާއްޖެއަށްވެސް ދިޔައީ އެކަން އިޙްސާސްވަމުން. ރާއްޖޭގައި އިންޖީނު ބެހެއްޓި މަސްދޯނިފަހަރު ދުއްވަން ފެށީއްސުރެ މިދިޔަ އަހަރާ ހަމައަށް މަސްވެރިންނަށް ބޭނުންވާ ތެޔޮ ދޫކުރަމުން ގެންގޮސްފައިވަނީ، ރޯމަސްގަތުމަށް ރާއްޖޭގައި އުޅޭ ބޭރުގެ ކުންފުނިތަކުގެ ބޯޓުފަހަރުން. ނަމަވެސް، މިދިޔަ އަހަރުގެ ތެރޭގައި، ބޭރުގެ ކުންފުނިތަކުގެ ބޯޓުފަހަރުން ތެޔޮ ލިބެން ނެތްކަމަށް ބުނުމުން، މަސްވެރިންނަށް ވިއްކުމަށްޓަކައި ކުންފުނިތަކަށް ބޭނުންވާ ތެޔޮ، ސަރުކާރުގެ ފަރާތުން އެތެރެކޮށް، ތެލަށްޖެހުނު އަގަށް އެއްވެސް ފައިދާއެއް ނުލައި އެ ތެޔޮ، ކުންފުނިތަކާ ހަވާލުކުރެވުނު. އަދި މަސްވެރިންނަށް ފަސޭހަކޮށްދިނުމުގެ ގޮތުން، ރާއްޖޭގެ ތަފާތު ހިސާބުހިސާބުގައި ހުރި ރަށްރަށުގައި ތެޔޮ ބެހެއްޓުމަށްޓަކައި، ތެޔޮއަޅާނޭ 800 ގެލަނުގެ 150 ތާނގީ، ވޭތުވެދިޔަ އަހަރުގެ ތެރޭގައި ތައްޔާރުކުރެވުނު. އޭގެތެރެއިން 88 ތާނގީ އަހަރު ނިމުނުއިރު، ރާއްޖެތެރޭގެ 11 އަތޮޅެއްގެ 28 ރަށަށް ފޮނުވިފައިވޭ. ބާކީހުރި 62 ތާނގީ މިހާރުދަނީ، ރަށްރަށަށް ފޮނުވަމުން. މި ތާނގީތައް ތައްޔާރުކޮށްދިނުމުގެ ބުރަ މަސައްކަތް ކޮށްދީފައިވަނީ، މޯލްޑިވްސް ޝިޕިންގ ލިމިޓެޑުގެ ފަރާތުންކަން މި މަގާމުގައި އަޅުގަނޑު ފާހަގަކޮށްލަން.

އީންޖީނު ބެހެއްޓި ދޯނިފަހަރު އެއްދުވަހުން އަނެއްދުވަހަށް އިތުރުވަމުން ދިޔުމާއެކު، އިންޖީނުތައް ހެދުމާއި، ސަރވިސް ކުރުމުގެ ބޭނުންތެރިކަން އައީ ބޮޑުވަމުން. މިކަމަށްޓަކައި 1978ގެ ނިޔަލަށްހުރި 3 ސަރވިސް ސެންޓަރުގެ އިތުރަށް، 1979 ވަނަ އަހަރު 2 ސަރވިސް ސެންޓަރު އަލަށް ހުޅުވައި ހިންގަން ފެށްޓުނު.

މަސްވެރިކަމުގެ ރޮނގުން މިދިޔަ އަހަރު ރާއްޖެއަށް ބައެއް ދަތިތަކާ ކުރިމަތިލާން ޖެހުނުކަންވެސް ފާހަގަކޮށްލަންޖެހޭ. ކުރިން ރޯމަސް ގަންނަމުން އައި ކުންފުންޏެއް ކަމުގައިވާ އައި.ސީ.ޕީ. (ބޭންކޮކް) ލިމިޓެޑް ރާއްޖެއިން ރޯމަސްގަތުން ހުއްޓާލި. އެކަން އެހެންވީއިރު އަޅުގަނޑުމެން ތިބީ، ކުއްލިގޮތަކަށް އެފަދަ ކަމެއް ދިމާވެދާނެ ކަމަށް ތައްޔާރުވެގެންނެއްނޫން. ރާއްޖޭގެ ހިކިކަނޑުމަސް ޝްރީލަންކާއަށް ގަތުން އޭގެކުރީ އަހަރު ހުއްޓާލާފައި އޮތުމާއެކު، އައި.ސީ.ޕީ. ކުންފުނީގެ މަސައްކަތް ހުއްޓާލުމުން، ރާއްޖެއަށް ކުރިމަތިވީ ހިތަށްވެސް ނުގެނެވޭފަދަ ދަތިތަކެއް. މިގޮތުން ދިމާވި ދަތިތައް ހަމަޖެއްސޭތޯ ކުރެވުނު މަސައްކަތްތަކުގެ ތެރޭގައި، ކަނޑުމަހުގައި ލޮނުމަސް އަޅައިގެން، އެ މަސް އެކްސްޕޯޓް ކުރުމުގެ ހުއްދަ ދެވުނު. އަދި ޝްރީލަންކާ ސަރުކާރާއި ދިވެހި ސަރުކާރާ ދެމެދުގައި އަލުން ވާހަކަދެކެވުމަށްފަހު، ދިވެހި ކަނޑުމަސް އަނެއްކާވެސް ޝްރީލަންކާއަށް ގަންނަގޮތްވެސް ހަމަޖެހި، ކަމާބެހޭ އެގްރީމަންޓެއްގައި 27 އޭޕްރިލް 1979 ގައި ސޮއިކުރެވުނު. މިހާރު ދިވެހިރާއްޖޭގެ ރޯމަސް ގަންނަ ދެ ކުންފުނި ކަމުގައިވާ ޖަޕާނުގެ ހޯކޯމަރުބޭނީ ކުންފުންޏަށާއި، މޯލްޑިވް ނިޕޮން ކޯޕަރޭޝަނަށް ގަންނަ ރޯމަހުގެ އަގަށް ވޭތުވެދިޔަ އަހަރުގެ ތެރޭގައި ބަދަލުގެނެވުނު. އެއީ 2 ކިލޯއިން މަތީގެ ރޯމަސް ޓަނެއް 300 ޔޫ.އެސް. ޑޮލަރުން 295 ޑޮލަރަށް. 2 ކިލޯއިން ދަށުގެ ރޯމަސް ޓަނެއް 230 ޑޮލަރުން 190 ޑޮލަރަށް ދަށްކުރުން. މިބަދަލު ގެންނަންޖެހުނީ، ދުނިޔޭގެ މާރުކޭޓުތަކުގައި މަހުގެ އަގު ދަށަށް ދިޔުމާއި، ދުނިޔޭގައި ތެލުގެ އަގު މައްޗަށް ދިޔުމުގެ ސަބަބުން އެ ކުންފުނިތަކަށް ވަރަށްބޮޑަށް ގެއްލުންވަމުންދާތީ، ހޯކޯ/މަރުބޭނީއާއި ދިވެހި ސަރުކާރާ ދެމެދު ވަރަށް ދިގު މަޝްވަރާތަކެއް ކުރުމަށްފަހު، މިނޫން އެހެން އެއްވެސް ގޮތެއް ނެތިގެން. މަހުގެ އަގު ދަށްވިކަމުގައިވިޔަސް، މި ލިބުނު ގެއްލުން ސަރުކާރުގެ ބޮލުގައި އަޅާފައި، މަސްވެރިންނަށް ދެމުންގެނައީ ހަމަ ކުރިންވެސް އެމީހުންނަށް ދިން އަގު.

ޢިއްޒަތްތެރި މެންބަރުންނޭވެ!

އިސްވެދިޔަ ތަޖުރިބާތަކުން އަޅުގަނޑުމެންނަށް ވިސްނުނީ، ދިވެހީންގެ ދިރިއުޅުމުގެ މައިގަނޑު މަސައްކަތެއް ކަމުގައިވާ މަސްވެރިކަމުގެ ކަންތައްތަކަށް، ބޭރުގެ ބައެއް ނުފޫޒު ފޯރުވޭފަދަ ގޮތަކަށް އޮތްހާ ދުވަހަކު ރާއްޖޭގެ އިޤްތިޞާދިއްޔަތު ހަރުދަނާ ނުކުރެވޭނެކަން. އަދި އެކަށީގެންވާ ތަރައްޤީ ނުކުރެވޭނެކަން. މި ވިސްނުނު ވިސްނުމުގެ އަލީގައި، 1979 ވަނަ އަހަރުގެ ތެރޭގައި މޯލްޑިވްސް ފިޝަރީޒް ކޯޕަރޭޝަނެއް އުފެއްދުނު. އަދި ދިވެހިންގެ ދެ ކުންފުންޏަކަށް ރާއްޖޭގެ ރޯމަސް ގަނެ އެކްސްޕޯޓް ކުރުމުގެ ހުއްދަދެވުނު. އަދި ދިވެހިރާއްޖޭގެ މަސްވެރިކަން ކުރިއެރުވުމާއި، ރާއްޖޭގައި އެކިބާވަތުގެ މަސްވެރިކަމާބެހޭ މަސައްކަތް ފެށުމާއި ހިންގުމާ ބެހޭގޮތުން ފެންނަ އުޞޫލެއް އެކަށައަޅައި ހެދުމަށާއި، ރާއްޖެއިން މަސްގަތުމަށް އެދޭ ފަރާތްފަރާތުން ހުށަހަޅާ ހުށަހެޅުންތަކާމެދު ވިސްނައި، ސަރުކާރަށް ލަފާދިނުމަށްޓަކައި، ފިޝަރީޒް އެޑްވައިޒަރީ ބޯޑެއް އުފެއްދުން.

މަސްވެރިކަމާ ގުޅޭގޮތުން ވޭތުވެދިޔަ އަހަރުގެ ތެރޭގައި، ސަރުކާރުން އެންމެ ބޮޑު ސަމާލުކަމެއް ދެވުނު އަނެއްކަމަކީ، ރާއްޖޭގެ މަސްވެރިކަމުގެ ސަރަޙައްދު ރައްކާތެރިކޮށް ޙިމާޔަތްކުރުން. މިކަމާ ބެހޭގޮތުން އެކަށީގެންވާ ބައެއް ފިޔަވަޅުތައް، މިދިޔަ އަހަރުގެ ތެރޭގައި އެޅުނު. އޭގެތެރޭގައި 22 ނޮވެމްބަރ 1979 ގައި ހައިސްޕީޑް 3 ލާންޗް ރާއްޖެއަށް ގެނައުން ހިމެނޭ. އަދި އިތުރު ފިޔަވަޅުތައް ކުރިއަށް އޮތް ތާނގައި އެޅުމުގެ އިންތިޒާމުތައް ވަނީ ރޭވިފައި. ރާއްޖޭގެ މަސްވެރިކަމުގެ ސަރަޙައްދަށް ބޭރުގެ ބޯޓުފަހަރު ދޭތެރެދޭތެރެއިން ވަދެ، މަސްވެރިކަމަށް ގެއްލުންވާފަދަ ޢަމަލުތައް ވޭތުވެދިޔަ އަހަރުވެސް ހިންގާފައިވޭ. ބޭރުމީހުންގެ އުނދަގޫތަކުން ރާއްޖޭގެ މަސްވެރިކަމަށް ގެއްލުންވިޔަ ނުދިނުމަށްޓަކައި، ކުރެވެންއޮތްހާ މަސައްކަތްތަކެއް ކުރަމުން ގެންދެވުނު. މިގޮތުން ރާއްޖޭގެ ސަރަޙައްދަށް ވަން އެއް ބޯޓު އަތުލައިގަނެވި، އެ ބޯޓު ރާއްޖެއަށް ލިބުނުކަން ފާހަގަކޮށްލެވޭ. މިއީ، ދިވެހިރާއްޖޭގެ ކަނޑުތައް ދިވެހީން ސަލާމަތްކުރުމުގައި ހޭލާތިބިކަމުގެ ހެތްކެއް.

ބޯޓުފަހަރު ދުއްވުން

ބޯޓުފަހަރު ދުއްވުމަކީ، ސަރުކާރަށް ބޭރުފައިސާއިން އާމްދަނީ ލިބެމުންދާ އެއްރޮނގު. ނަމަވެސް، ރާއްޖޭގެ ބޯޓުފަހަރު ބާވުމާއި، މަރާމާތުކޮށް ބެލެހެއްޓުމުގެ ޚަރަދު ބޮޑުވުމާއި، މިފަދަ އެތައް ސަބަބަކާހުރެ ވޭތުވެދިޔަ ދެތިން އަހަރުގެ ތެރޭގައި ބޯޓުފަހަރުން ލިބޭ އާމްދަނީ ވަނީ ވަރަށްބޮޑަށް މަދުވެފައި. އެހެންކަމުން، 1979 ވަނަ އަހަރު މޯލްޑިވްސް ޝިޕިންގ ލިމިޓެޑުގެ ކަންތައްތައް މުޅީން އާ ނިޒާމަކަށް ބަދަލުކުރެވުނު. ފައިދާނުވެ މަރާމާތުކުރަންޖެހޭ ކުދި ބޯޓުފަހަރުގެ ތެރެއިން ބައެއް ބޯޓުފަހަރު ދޫކޮށްލައި، އޭގެ ބަދަލުގައި ބޮޑެތި ބޯޓުފަހަރު ހޯދުނު. 1978 ވަނަ އަހަރު ނިމުނުއިރު ރާއްޖޭގައި އޮތީ، ދިވެހި ސަރުކާރުގެ ސަތޭކައަކުންސަތޭކަ 29 ބޯޓާއި، ސަތޭކައަކުން ފަންސާސް ޙިއްޞާވާ 9 ބޯޓާއި، ސަތޭކައަކުން ފަންސަވީސް ޙިއްޞާވާ 5 ބޯޓާއި، ސަތޭކައަކުން ވިހި ޙިއްޞާވާ 3 ބޯޓާއެކު ޖުމްލަ 46 ބޯޓު. މީގެތެރެއިން ސަތޭކައަކުން ފަންސާސް ޙިއްޞާވާ 8 ބޯޓަކީ، ދިވެހި ސަރުކާރުގެ އަމިއްލަ ބޯޓުފަހަރު ކަމުގައި ވޭތުވެދިޔަ އަހަރު ހަމަޖެއްސުނު. ވޭތުވެދިޔަ އަހަރު ދިވެހި ސަރުކާރުގެ ސަތޭކައަކުންސަތޭކަ 7 ބޯޓާއި، ސަތޭކައަކުން ފަންސަވީހުގެ 5 ބޯޓާއި، ސަތޭކައަކުން ވިހީގެ 1 ބޯޓު ވިއްކާލައި، އޭގެ ބަދަލުގައި ފަނަރަހާސް ޓަނުގެ 3 ބޯޓާއި، ސާދަހާސް ޓަނުގެ 1 ބޯޓު ހޯދުނު. 1979 ވަނަ އަހަރު ނިމުނުއިރު، ދިވެހި ސަރުކާރުގެ ސަތޭކައަކުންސަތޭކަ 34 ބޯޓާއި، ސަތޭކައަކުން ވިިހި ޙިއްޞާވާ 2 ބޯޓު އޮތް. 1978 ވަނަ އަހަރު ނިމުނުއިރު އޮތް ދިވެހި ސަރުކާރުގެ ސަތޭކައަކުންސަތޭކަ ބޯޓުފަހަރުގެ ޓަނޭޖަކީ 100,956. 1979 ވަނަ އަހަރު ނިމުނުއިރު އޮތް ދިވެހި ސަރުކާރުގެ އަމިއްލަ ބޯޓުފަހަރުގެ ޓަނޭޖަކީ 154,817. ވީމާ، ކުރިއަށްވުރެ މިދިޔަ އަހަރު ސަރުކާރުގެ އަމިއްލަ ބޯޓުފަހަރުގެ ޓަނޭޖު ސަތޭކައަކުން 53 އިތުރުވެފައިވޭ.

ޓޫރިޒަމް

1979 ވަނަ އަހަރަކީ ރާއްޖޭގެ ޓޫރިޒަމްގެ މަސައްކަތުގައިވެސް ޚާއްޞަ އަހަރެއް ކަމުގައި ފާހަގަކުރެވޭނެ އަހަރެއް. އެ މަސައްކަތަށް ބައެއް އިޞްލާޙުތައް ގެނެވުނު އަހަރެއް. ޓޫރިޒަމަކީ، ރާއްޖެއަށް ބޭރުފައިސާގެ އާމްދަނީ ލިބޭ އެންމެ މުހިންމު އެއް ރޮނގުކަމުގައިވިޔަސް، މީގެ ކުރިން އެ މަސައްކަތް ހަމަޖެހިފައި އޮތީ، އެއިން އެކަށީގެންވާ އެއްޗެއް ދައުލަތަށް ލިބޭ ގޮތަކަށް ނޫން. އެހެން ޢިބާރާތަކުން ދަންނަވަނީނަމަ، ޢާންމު ރައްޔިތުންނަށް ޓޫރިޒަމުން އެއްވެސް ލާބައެއް ލިބޭގޮތަކަށް ނޫން. ޓޫރިޒަމްގެ މަސައްކަތް ކުރެވޭގޮތަށް ހުރި ގިނަ ފަޅުރަށްރަށް ހުރީ، ދައުލަތަށް ނުވަތަ ޢާންމު ރައްޔިތުންނަށް އެއިން ފައިދާއެއް ނުލިބި، ދާއިމީގޮތެއްގައި ވަކި ފަރާތްތަކަކަށް އެއިން ފައިދާ ލިބޭގޮތަށް ހަމަޖެއްސިފައި. އެހެންކަމުން، 1979 ވަނަ އަހަރުގެ ތެރޭގައި އެހެންހުރި ފަޅުރަށްރަށް، ޤާނޫނުގައިވާ ގޮތުން ބަދަލުދިނުމަށްފަހު އަނބުރާ ސަރުކާރަށް ނެގުނު. އަދި ސަރުކާރުގެ ފައިސާގައި ޢިމާރާތް ކުރެވި، އަމިއްލަ މީހުންގެ ތަންތަނުގެ ގޮތުގައި ހިންގަމުން ގެންގޮސްފައިވާ ޓޫރިސްޓް ރިޒޯޓުތައް އެފަރާތްފަރާތުން ވަކިކޮށް، ދައުލަތުގެ ތަންތަން ކަމުގައި ހަމަޖައްސައި، ޑިޕާޓްމަންޓް އޮފް ޓޫރިޒަމް އެންޑް ފޮރިން އިންވެސްޓްމަންޓުގެ ބެލުމުގެ ދަށުން ހިންގަމުން ގެންދެވުނު. މިގޮތުން ޓޫރިޒަމުގެ މަސައްކަތުން ސަރުކާރަށާއި ރައްޔިތުންނަށް އިތުރު ފައިދާއާއި ލާބަ ލިބޭގޮތް ހަމަޖެއްސުނު. އެއާއެކު ޓޫރިޒަމްގެ މަސައްކަތް ތަރައްޤީ ކުރުމަށް އެދޭ ދިވެހީންނަށް އެ މަސައްކަތް ދިރުވާނެ ރަށްރަށާއި އަދި ލޯނު ދޫކުރުމުގެ ގޮތުން، މިކަމަށްޓަކައި ސަރުކާރުން ވެވެން އޮތް ހުރިހާ އެހީއެއް ވެދެވުނު. ވޭތުވެދިޔަ އަހަރުގެ ތެރޭގައި ރާއްޖޭގައި އިތުރަށް، 9 ޓޫރިސްޓް ރިޒޯޓު ހުޅުވުނު. 1978ވަނަ އަހަރު ނިމުނުއިރު ރާއްޖޭގައި ހުރީ 27 ރިޒޯޓު. އެރިޒޯޓުތަކުގައި ހުރީ 1356 އެނދު. 1979 ވަނަ އަހަރު ނިމުނުއިރު ހުރީ 27 ރިޒޯޓު. އެތަންތާނގައި 1701 އެނދު ހުރި. ވީމާ، ކުރީ އަހަރަށްވުރެ ސަތޭކައަކުން ފަންސަވީސް އެނދު އިތުރުވެފައިވޭ.

ވިޔަފާރި

ވޭތުވެދިޔަ އަހަރުގެ ތެރޭގައި ވިޔަފާރީގެ ގޮތުން ރާއްޖޭގެ ކަންތައްތައް ދިޔައީ ކުރިއަށް ކަމުގައި ދަންނަވަން. ރާއްޖެއިން އެކްސްޕޯޓް ކުރެވުނު ތަކެއްޗާއި، ރާއްޖެއަށް އިމްޕޯޓް ކުރެވުނު ތަކެތީގެ ޢަދަދުވަނީ ކުރީ އަހަރަށްވުރެ، ވަރަށްބޮޑަށް މައްޗަށް ގޮސްފައި. އާދެ! 1978 ވަނަ އަހަރަށްވުރެ 1979 ވަނަ އަހަރުގެ އެކްސްޕޯޓް %42.6 އިތުރުވި. އަދި އިމްޕޯޓް %68.7 އިތުރުވި. ޝައްކެއްނެތް، ވިޔަފާރި ކުރިއަށްދިޔުމަކީ، މުޅި ރާއްޖޭގެ އިޤްތިޞާދިއްޔަތަށް އެއިން ފައިދާ ކުރަމުންދާނެ ކަމެއް. ސަރުކާރަށް ލިބޭ އާމްދަނީ އިތުރުކުރަން ބޭނުންވެފައިވުމާއެކު، ރައްޔިތުންނަށް ފަސޭހަ ގޮތެއްގައި ކާބޯތަކެއްޗާއި، އަދިވެސް ބޭނުންތެރި ތަކެތި ލިބެން ހުންނާނޭގޮތް ހަމަޖެއްސުމުގެ ގޮތުން، ސަރުކާރުގެ ފަރާތުން ކުރަމުންދާ ވިޔަފާރި، އާދެ! ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން (އެސް.ޓީ.އޯ.)ގެ ވިޔަފާރި އާކޮށް ރަނގަޅުކުރުމަށްޓަކައި، މިދިޔަ އަހަރުގެ ތެރޭގައި ވަރަށްމަތީ ދަރަޖައަކަށް މަސައްކަތް ކުރެވުނު. އެސް.ޓީ.އޯ.ގެ ފަރާތުން ވިޔަފާރިކުރާ ފިހާރަތަކެއް ހުޅުވުމަށް ހަމަޖައްސައި، މިހާރު މިގޮތުން 7 ފިހާރަވަނީ ހުޅުވިފައި. 1979 ވަނަ އަހަރު އެސް.ޓީ.އޯ.ގެ ނަންބަރުތަކުން 1 ކްރޯޑު 5 ލައްކަ ރުފިޔާ ފައިދާވެފައިވޭ. 1978 ވަނަ އަހަރު ފައިދާވެފައިވަނީ ހަމައެކަނި 35 ލައްކަ ރުފިޔާ. ރާއްޖޭގައި ބިދޭސީން ވިޔަފާރިކުރަމުން ގެންދިޔުމާއި، އަދި ބިދޭސީން އައިސް ރާއްޖޭގައި އިންވެސްޓްކޮށް ހެދުމާ ބެހޭގޮތުން، ދިވެހި ވިޔަފާރިއާއި އިޤްތިޞާދިއްޔަތު ރައްކާތެރިކޮށްދީ، ރާއްޖެއަށް ފައިދާހުރި ގޮތެއްގައި އެފަދަ ކަންތައް ހަމަޖެހިފައި އޮންނާނޭ ޤާނޫނުތައް، ވޭތުވެދިޔަ އަހަރު ތެރޭގައި ހެދުނު.

އެއަރޕޯޓު

ހުޅުލޭ އެއަރޕޯޓަކީ ރާއްޖޭގެ އިޤްތިޞާދިއްޔަތަށް އެތައް ރޮނގަކުން ފައިދާ ލިބޭނޭ ވަސީލަތެއްކަން ކަށަވަރު. އެހެންކަމާއެކު އެއަޕޯޓު ބޮޑުކޮށް، ބައިނަލްއަޤްވާމީ ފެންވަރަށް ފުދޭވަރުގެ ތަނެއް ކަމުގައި ހެދުމަށް ކުރެވޭ މަސައްކަތަކީ، ސަރުކާރުން ވަރަށް މަތީ އަހަންމިއްޔަތެއްދޭ ކަމެއް. ދިމާވި އެތައް ސަބަބަކާހުރެ އެއަރޕޯޓުގެ މަސައްކަތްތައް، ކަނޑައެޅިފައިވާ ޕްރޮގްރާމަށްވުރެ ލަސްވިނަމަވެސް، 1979 ވަނަ އަހަރުގެ ތެރޭގައި، މެދުކެނޑުމެއްނެތި އެ މަސައްކަތް ހިނގަމުންދިޔަ. އަދި މިހާރު އުންމީދުކުރެވޭ ގޮތުގައި 1980 ވަނަ އަހަރުގެ ފަހުކޮޅު އެއަރޕޯޓު ބޮޑުކުރަން ގަސްތުކުރެވިފައިވާ ފުރަތަމަ ހިސާބަށް ހަދައި ނިމޭނެ. އެއަރޕޯޓު ހެދުމުގެ ޕްރޮޖެކްޓަށް، ދިވެހި ފައިސާއިން ކުރަންޖެހޭ ހުރިހާ ޚަރަދެއް ކުރަނީ ދިވެހި ސަރުކާރުން. އަދި ބޭރު ފައިސާއިންވެސް ބައެއް ޚަރަދު ދިވެހި ސަރުކާރުން ކުރަމުންދޭ. ނަމަވެސް، ބޭރު ފައިސާއިން ކުރަންޖެހޭ ޚަރަދުގެ ބޮޑުބައި ކުރަމުން މިގެންދަނީ، ސަޢޫދީ ފަންޑާއި، ކުވައިތު ފަންޑް، އަދި އަބޫދާބީ ފަންޑާއި، އޯޕެކް ސްޕެޝަލް ފަންޑާއެކު ކުރެވިފައިވާ ލޯނު އެގްރީމަންޓްތަކުގެ ދަށުން ލިބޭ ފައިސާއިން.

އެއަރޕޯޓު ހެދުމުގެ މަސައްކަތް ހިނގަމުންދާއިރު، އެތަނަށް ތިރިކުރަމުންދާ މަތިންދާބޯޓުތަކުގެ ދަތުރުތަކަށް ހުއްޓުމެއްނާރާ ގެންދަން ބޭނުންވާތީ، ހުޅުލޭ ރަންވޭގައި އިތުރަށް ހަދަންޖެހުނު 340 މީޓަރު ހެދުމުގެ މަސައްކަތް 1979 ވަނަ އަހަރު ސަރުކާރުގެ ފަރާތުން ކުރެވުނު. މިކަމަށްޓަކައި، އަހަރުގެ މެދެއްހާތާނގައި ޓާސްކްފޯހެއް އުފައްދައިގެން، ކަނޑައެޅިފައިވާ މުއްދަތުގެ ކުރީން އެ މަސައްކަތް ނިންމާލެވުނު. މި މަސައްކަތުގައި ޢާންމު ރައްޔިތުންގެ ފަރާތުން ލިބުނު ތަރުޙީބާއި އެހީތެރިކަމަށްޓަކައި އަޅުގަނޑު ވަރަށްބޮޑަށް އުފާކޮށް ޝުކުރުވެރިވަން.

ދަނޑުވެރިކަން ދަނޑުވެރިކަމަކީ، ދިވެހިރާއްޖޭގެ އިޤްތިޞާދިއްޔަތުގެ މުހިންމު ބައެއް އަދާކުރެވިދާނެ އެއް ރޮނގު. އެހެންނަމަވެސް ދަންނަވަންޖެހެނީ، ދަނޑުވެރިކަމުގެ ގޮތުން ވޭތުވެދިޔަ އަހަރު ދައުލަތުން ފިޔަވަޅުތަކެއް އަޅާފައިވުމާއެކުވެސް އެތަކެއް ސަބަބުތަކަކާހުރެ، ފުދޭވަރަށް ދަނޑުވެރިކަމުގެ ރޮނގުގައި ކުރިއަށް ދެވިފައި ނުވާވާހަކަ. ރާއްޖޭގައި މިދިޔަ އަހަރުވެސް އެކަށީގެންވާ ގޮތަކަށް ހެއްދިފައިވާ ކަމަށް ދައްކަނީ ހަމައެކަނި އޮޅުއަލަ. އެހެންނަމަވެސް، މިރުސް، ކައްޓަލަ، ދަނޑިއަލުވި، ބިންބި، ޒުވާރިފަދަ ބައެއް އެހެން ކާބޯތަކެތިވެސް ވޭތުވެދިޔަ އަހަރުގެ ތެރޭގައި ރާއްޖޭގައި ހެއްދިފައިވޭ.

ރާއްޖޭގައި އެންމެ ގިނައިން ހެދޭ ރުކާއި، އަދި އެކިބާވަތްބާވަތުގެ ލަކުޑި އިތުރަށް ހެއްދުމުގެ މަސައްކަތް، 1979 ވަނަ އަހަރު ތެރޭގައި ސަރުކާރުގެ ފަރާތުން ފަށައިގަނެވުނު. ދިވެހިރުކަކީ، ރާއްޖޭގެ ތާރީޚަށް ބަލާއިރުވެސް ވަރަށްމަތީ އާމްދަނީއެއް ހޯދައިދީފައިވާ އެއްޗެއް. ދިވެހީންގެ ކެއިންބުއިމާއި، ދިރިއުޅުމުގެ ބޭނުންތަކާ ވަރަށްބޮޑަށް ލާމެހިފައިވާ އެއްޗެއް. އެހެންކަމުން، ރާއްޖެތެރޭގައި އަލަށް އުފެދެމުން އަންނަ ތަރައްޤީގެ ރޫޙާއެކު، މިދިޔަ އަހަރު ތެރޭގައި، ގިނަ އަދަދެއްގެ ރުކާއި، އަދި އޭގެ އިތުރަށް ލަކުޑިގަސްވެސް އިންދުނު ވާހަކަ މި ދަންނަވަނީ އުފަލާއެކު.

ބޭރުގެ އެހީ

ދިވެހިރާއްޖެއަކީ ޤުދްރަތީ މުއްސަނދިކަން ކުޑަ، ރާއްޖެއިން ލިބޭ އާމްދަނީ މަދު ތަނަކަށްވުމާއެކު، ރާއްޖޭގެ އިޤްތިޞާދިއްޔަތަށާއި ތަރައްޤީއަށް ކުރަންޖެހޭ ޚަރަދުގެ ބޮޑުބައެއް ހަމަޖައްސަންޖެހިފައި އޮންނަނީ، އެކި ފަރާތްފަރާތުން ލިބޭ އެހީން. ވޭތުވެދިޔަ އަހަރު ރާއްޖޭގެ އިޤްތިޞާދިއްޔަތަށާއި، ތަރައްޤީގެ މަސައްކަތްތަކަށް ބައިނަލްއަޤްވާމީ ޖަމާޢަތްތަކުންނާއި، ބައެއް އެކުވެރި ޤައުމުތަކުން އެކަށީގެންވާ ދަރަޖައަކަށް އެހީ ލިބިފައިވޭ. ވޭތުވެދިޔަ 1979 ވަނަ އަހަރު ބޭރުގެ އެހީއަށް، ފައިސާގެ ގޮތުގައި ލިބިފައިވަނީ 1.02 މިލިޔަން އެމެރިކާ ޑޮލަރު. އަދި މިއަށްވުރެ މަތީ އަދަދަކަށް ކާބޯތަކެއްޗާއި، ޓެކްނިކަލް އެއިޑްގެ ގޮތުން އެކިބާވަތުގެ އިކްވިޕްމަންޓާއި ތަކެތި ލިބިފައިވޭ. 1979 ވަނަ އަހަރު ދިވެހިރާއްޖެއަށް ފައިސާގެ ގޮތުންނާއި ތަކެތީގެ ގޮތުން އެހީވީ ފަރާތްތަކުގެ ތެރޭގައި، ޔޫ.އެން.ޑީ.ޕީ، ޔުނިސެފް، ޑަބްލިޔޫ.އެޗް.އޯ. ފަދަ ބައިނަލްއަޤްވާމީ ޖަމާޢަތްތަކާއި، ކުވައިތު، ލީބިޔާ، ޢިރާޤު، ސައޫދީ ޢަރަބިއްޔާ، ޕާކިސްތާނުފަދަ އެކުވެރި އިސްލާމީ ޤައުމުތަކުގެ ނަން، ވަކީން ޚާއްޞަ ގޮތެއްގައި ފާހަގަކޮށްލަންޖެހޭ. އެފަރާތްތަކުން ލިބުނު ގިނަގުނަ އެހީތަކަށްޓަކައި، ވަރަށް އިޚްލާޞްތެރިކަމާއެކު، އެ ހުރިހާ ފަރާތްތަކަށް އަޅުގަނޑުމެން ޝުކުރުވެރިވަން. އަޅުގަނޑުމެންގެ އިޤްތިޞާދިއްޔަތު ހަރުދަނާގޮތަކަށް ހަމަޖެއްސެންދެން، ބޭރުގެ އެހީތައް އެދެވޭގޮތެއްގެ މަތިން ދިވެހިރާއްޖެއަށް ލިބެމުންދާނެ ކަމަށް އަޅުގަނޑު އުންމީދު ކުރަން.

ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި މެންބަރުންނޭވެ!

ޤައުމުގެ ތަރައްޤީއަށްޓަކައި ކުރަންޖެހޭ އެންމެ މުހިންމު އެއްކަމަކީ ޤައުމުގެ އިޤްތިޞާދިއްޔަތު ހަރުދަނާކުރުން. އަމިއްލަ ބިންގަލެއްގެ މައްޗަށް އިޤްތިޞާދިއްޔަތު ބިނާކުރުން. މިފަދަ ގޮތަކަށް ޤައުމުގެ އިޤްތިޞާދިއްޔަތު ހަމަޖެއްސުމަކީ ހަމައެކަނި ސަރުކާރަށް ލިބޭ އާމްދަނީ އިތުރުކުރުމެއްނޫން. އަދި ކީއްތޯ؟ ރައްޔިތުންނަށް ލިބޭ އާމްދަނީވެސް އިތުރުކޮށް، ރައްޔިތުންގެ ޢާންމު ޙާލަތު ރަނގަޅުކޮށް، ހުރިހާ ގޮތަކުން ރާއްޖޭގެ އިޤްތިޞާދީ ފެންވަރު މަތިކުރުން. މިހެންކަމުން 1979 ވަނަ އަހަރުގެ ތެރޭގައި އަޅުގަނޑު ރާއްޖެތެރެއަށް ކުރި ދަތުރުތަކުގައި، މިކަން ރައްޔިތުންނަށް ވިސްނައިދެވޭތޯ ވަރަށްބޮޑަށް މަސައްކަތް ކުރިން. އަދި ދިރިއުޅުމަށްޓަކައި މަސައްކަތްކުރާ މީހުން ގިނަކުރުމަށާއި، އިތުރު މަސައްކަތްތައް ކުރުމަށާއި، އަދި ކުރަމުންގެންދާ މަސައްކަތްތައް މިހާރަށްވުރެ ކުރިއެރުވުމަށް ރައްޔިތުންނަށް ނަސޭހަތްތެރިވިން. ރާއްޖޭގައި އުފައްދާ ތަކެތި އިތުރުކޮށް، ރާއްޖޭގައި އުފެދޭ ތަކެތި ބޭނުންކުރުން ގިނަކުރުމަށް އިލްތިމާސް ކުރިން. މިއަދު ތިޔަ އެންމެހައި މެންބަރުންގެ އަރިހުންވެސް އަޅުގަނޑު އެދެނީ، މިކަމާމެދު ވިސްނަވައިގެން ކުރިއަށް ވަޑައިގަތުން. އިޤްތިޞާދީ މައްސަލަތަކާ ގުޅޭގޮތުން ތިޔަބޭފުޅުންގެ އަރިހަށް ހުށަހެޅޭ ބިލްތަކާމެދު ބަޙުޘް ކުރައްވާއިރު، މިދ ެންނެވި ރޮނގުރޮނގުން ޚިޔާލުކުރެއްވުން.

ރާއްޖޭގައި އިޤްތިޞާދީ ގޮތުން ކުރެވެންހުރި ކަންތައްތަކާއި، އެ ކަންތައްތައް ކުރުމުގައި އެންމެ ފައިދާހުރި ގޮތްތަކަކީ ކޮބައިތޯ ވިސްނައި ބެލުމަށް، ނޭޝަނަލް ޕްލޭނިންގ އޭޖެންސީގެ ފަރާތުން މަސައްކަތް ކުރެވުނު. މިގޮތުން ކުރެވުނު މަސައްކަތުގެ ތެރޭގައި، އެ އޭޖެންސީގެ ފަރާތުން ރާއްޖެތެރެއާ ބެހޭގޮތުން ބޭއްވި ސެމިނާރ، އަދި ސަރުކާރުގެ އެކިއެކި ފަރާތްތައް ގުޅިގެން މަސައްކަތް ކުރުން ކުރިއަށް ގެންދިޔުމަށް އެޅޭ ފިޔަވަޅުތައް ހިމެނޭ. އަދި އެން.ޕީ.އޭ. ހަރުދަނާ ގޮތަކަށް ޤާއިމުކުރުމަށާއި، އެން.ޕީ.އޭ.އިން ކުރާ މަސައްކަތުގައި އެހީވުމަށް ވާރލްޑް ބޭންކުގެ އިޤްތިޞާދީ މާހިރެއް އެ އޭޖެންސީއަށް ގެނެވި، އޭނާގެ ޚިދުމަތްތައް، ވޭތުވެދިޔަ އަހަރުން ފެށިގެން ލިބެމުންދޭ.

ރާއްޖޭގެ ތަޢުލީމު

ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި މެންބަރުންނޭވެ!

ރާއްޖޭގެ ތަޢުލީމުގެ ކަންތައްތައް ކުރިއަށް ގެންދެވޭތޯ 1979 ވަނަ އަހަރުގެ ތެރޭގައި ވަރަށް މުހިންމު މަސައްކަތްތަކެއް ކުރެވުނު. ޚާއްޞަ ގޮތެއްގައި ސަމާލުކަން ދެވިފައިވަނީ، މީގެކުރީން މުޅީންހެން ހަނދާންނައްތާލެވިފައިވާ ރާއްޖެތެރޭގެ ތަޢުލީމުގެ މައްޗަށް. އާދެ! 1978 ވަނަ އަހަރުގެ ކުރީން، ސަރުކާރުން ޚަރަދުކޮށްގެން ރާއްޖެތެރޭގައި ކިޔަވައިދޭތަނެއް ހުރި އެއްވެސް ޒަމާނެއް ތާރީޚަކުން އެނގޭކަށް ނެތް.

1978 ވަނަ އަހަރު ނިމުނުއިރު ރާއްޖެތެރޭގައި ސަރުކާރުގެ ފަރާތުން ހުޅުވިފައިވަނީ، ހަމައެކަނި އޭދަފުށީގައި ހުރި ބ. އަތޮޅު ކޮމިޔުނިޓީ ސްކޫލް. ނަމަވެސް، ވޭތުވެދިޔަ އަހަރު ތެރޭގައި، ސަރުކާރުން ކުރެވުނު މަސައްކަތުގެ ނަތީޖާއެއްގެ ގޮތުން، އަހަރު ނިމުނުއިރު ރާއްޖޭގެ ކޮންމެ އަތޮޅެއްގައި ސަރުކާރުގެ ޚަރަދުގައި ހިންގާ ޕްރައިމަރީ ސްކޫލެއް ހުޅުވިފައިވޭ. އިތުރު ކޮމިޔުނިޓީ ސްކޫލެއްވެސް މިދިޔަ އަހަރުތެރޭގައި ހުޅުވުނު. އެއީ ކުޅުދުއްފުށީގައި ހުޅުވުނު ހދ. ކޮމިޔުނިޓީ ސްކޫލް. މީގެއިތުރަށް ރާއްޖެތެރޭގައި، މެދުކެނޑުމެއްނެތި 10 އަހަރު ވަންދެން ހިނގަމުން އައިސްފައިވާ 47 މަކްތަބަށާއި ސްކޫލަށް ސަރުކާރުގެ ފަރާތުން އެހީދޭން ފެށުނު. މި ފިޔަވަޅުތަކާ ގުޅިގެން ރާއްޖެތެރޭގެ ރައްޔިތުންގެ އަމިއްލަ ޙަރަކާތްތެރިކަން ފެށި، ވަރަށްގިނަ ރަށްރަށުގައި ތަޢްލީމުދޭ އަމިއްލަ ތަންތަން ހުޅުވުނު. މިގޮތުން މީގެކުރީން ތަޢުލީމުގެ ނިޢުމަތުން މަޙްރޫމުވެފައި ރާއްޖެތެރޭގައި ތިބި ކިޔަވާ ޢުމުރުގެ ކުދިންގެ ތެރެއިން ވަރަށްގިނަ ކުދިބަޔަކަށް ކިޔަވައިދޭން ފެށުނު. 1978 ވަނަ އަހަރު ނިމުނުއިރު، ސަރުކާރުގެ ޚަރަދުގައި ކިޔަވާކުދިންގެ ޢަދަދަކީ، 2788. 1979 ވަނަ އަހަރު ނިމުނުއިރު ސަރުކާރުގެ ޚަރަދުގައި ކިޔަވާ ކުދިންގެ ޢަދަދަކީ، 6897. މި ޢަދަދުތަކުން ދައްކާގޮތުގައި، މިދިޔަ އަހަރު ސަރުކާރުގެ ޚަރަދުގައި ކިޔަވާކުދިންގެ ޢަދަދު، ކުރީ އަހަރަށްވުރެ ސަތޭކައަކުންސަތޭކަ ސާޅީސް ހަތެއް އިތުރުވެފައިވޭ.  1978ވަނަ އަހަރު ނިމުނުއިރު، ސަރުކާރުގެ ޚަރަދުގައި ހިންގާ ސްކޫލްތަކުގެ އަދަދަކީ 4. އެއީ މާލޭގައި ހިންގާ 3 ސްކޫލާއި، ރާއްޖެތެރޭގައި ހިންގާ 1 ސްކޫލް. 1979 ވަނަ އަހަރު ނިމުނުއިރު، ސަރުކާރުގެ ޚަރަދުގައި ހިނގަމުންދާ 24 ސްކޫލް ހުރި. އެއީ މާލޭގެ 3 ސްކޫލާއި، ރާއްޖެތެރޭގެ 21 ސްކޫލް. ރާއްޖޭގެ އިތުރު ދެ އަތޮޅެއްގައި، މިދިޔަ އަހަރު ޢިމާރާތް ކުރެވުނު ދެ ކޮމިއުނިޓީ ސްކޫލް މި އަހަރު ވަނީ ހުޅުވިފައި. އަދި އިތުރު އެހެން ދެ އަތޮޅެއްގައި، ކޮމިޔުނިޓީ ސްކޫލް ޢިމާރާތް ކުރުމުގެ މަސައްކަތް މިދިޔަ އަހަރު ތެރޭގައި ފެށުނު.

މާލޭގައި ސަރުކާރުގެ ފަރާތުން ކިޔަވައިދެމުން ގެންދާ 3 ސްކޫލްގެ ކަންތައްތައްވެސް އެދެވޭގޮތުގައި ހިނގަމުންދިޔަ. ސްކޫލްތަކުގައި ކިޔަވައިދެމުން ގެންދަނީ އިނގިރޭސިބަހުން ކަމުގައިވިޔަސް، އިސްލާމީ ރޫޙާއި ޤައުމީ ރޫޙު ކުދީންގެ ހިތުގައި އުފެއްދުމަށް ވަރަށްބޮޑަށް މަސައްކަތް ކުރެވުނު. މިގޮތުން ކުރެވުނު މަސައްކަތުގެ ތެރޭގައި، ސްކޫލް ކުދިންގެ އަޚްލާޤާއި ސުލޫކު ރަނގަޅުކުރުމަށް ތަޤްރީރު ކުރުމުގެ ޕްރޮގްރާމްތަކެއް އިންތިޒާމުކުރުން، ދީނީ އެކިއެކި މުނާސަބަތުތައް ސްކޫލުތަކުގައި ފާހަގަކުރުން، މަޖީދިއްޔާ ސްކޫލާއި އަމީނިއްޔާ ސްކޫލުގެ ގްރޭޑް 1 އިން ފެށިގެން 10 އަށް ދީނިއްޔާތާއި ދިވެހި ކިޔަވައިދޭގޮތަށް ހަމަޖެއްސުން، ސްކޫލުތަކުގެ މެދުގައި ރާއްޖޭގެ ތާރީޚާއި ޘަޤާފަތުގެ މައްޗަށް އެކުލެވޭ މައުރަޒަކާއި، ވާހަކަދެއްކުމުގެ މުބާރާތެއް ބޭއްވުމަށް ކުރެވުނު މަސައްކަތް، އަޅުގަނޑު ވަރަށް ޚާއްޞަ ގޮތެއްގައި ފާހަގަކޮށްލަން. މާލޭގައި ހުރި ސަރުކާރުގެ 3 ސްކޫލްގެ އިތުރަށް، މަތީ ފެންވަރުގެ ތަޢުލީމު ދިނުމަށްޓަކައި، އާދެ! ޕްރީ ޔުނިވަރސިޓީ ފެންވަރަށް ކިޔަވައިދިނުމަށްޓަކައި، ސައިންސް އެޑިޔުކޭޝަން ސެންޓަރުގެ ނަމުގައި ތަޢުލީމީ މަރްކަޒެއް ސަރުކާރުގެ ފަރާތުން މިދިޔަ އަހަރު ހުޅުވުނު.

މިހާތަނަށް ހަމަޖެހިފައިވާ ތަޢުލީމީ ހަރުފަތަށްވުރެ ފައިދާބޮޑުވާނެކަމަށް ފެންނަ އާ ތަޢުލީމީ ހަރުފަތެއް ކަނޑައެޅި، މި އަހަރު މި އާ އުޞޫލަށް ޢަމަލުކުރުމަށް ހަމަޖެހިފައިވޭ. މިގޮތުން، މީގެކުރީން ކިޔަވައިދެމުން ގެނައި މޮންޓެސޫރީ އުޞޫލަށްވުރެ ފައިދާ ބޮޑުވާނީ، ޕްރީސްކޫލްގެ ކިންޑަރގާޓުންގެ އުޞޫލު ކަމަށް ފެންނާތީ، ކިޔަވައިދިނުން ފަށައިގަތުމުގެ ހަރުފަތް އެގޮތަށް ބަދަލުކޮށްލުމަށް ހަމަޖެހުނު.

1979 ވަނަ އަހަރުގެ ތެރޭގައި ރާއްޖޭގެ ތަޢުލީމަށްޓަކައި އެކުވެރި ދެ ޤައުމަކުން ވަރަށް މަތިވެރި އެހީތަކެއް ވެދީފައިވޭ. އާދެ! ޢިރާޤު ސަރުކާރުގެ އެހީގައި ބިނާކުރަން ހަމަޖެހިފައިވާ 2 ސެކަންޑްރީ ސްކޫލްގެ ތެރެއިން 1 ސްކޫލާއި، ލީބިޔާ ސަރުކާރުގެ އެހީގައި އަޅަން ގަސްތު ކުރެވިފައިވާ 1 ސެކަންޑްރީ ސްކޫލާއި، 2 ޕްރައިމަރީ ސްކޫލްގެ ތެރެއިން، 1 ޕްރައިމަރީ ސްކޫލްގެ ބިންގާ، މިދިޔަ އަހަރުތެރޭގައި މާލޭގައި އެޅުނު. ޔުނިސެފާއި، ޔޫ.އެން.ޑީ.ޕީ. ފަދަ ބޭރުގެ ބައެއް އޭޖެންސީތަކާއި ދިވެހި ސަރުކާރާ ގުޅިގެން ރާއްޖޭގެ ތަޢުލީމު ކުރިއަށް ގެންދިޔުމަށްޓަކައި ކުރެވެމުންދާ މަސައްކަތްތައް، މިދިޔަ އަހަރުގެ ތެރޭގައިވެސް ކުރިއަށް ގެންދެވިފައިވޭ. އޭގެތެރޭގައި ޕްރައިމަރީ ސްކޫލް ޓީޗަރުން ތަމްރީނު ކުރުމާއި، ކޮމިޔުނިޓީ ސްކޫލް ހިންގުމާއި، ބޮޑެތި މީހުންނަށް ތަޢުލީމު ދިނުމުގެ ގޮތުން، ރޭޑިއޯގެ ޛަރީޢާއިން ފޮނުވޭ ޕްރޮގްރާމްތައް ހިމެނޭ.

ރޭޑިއޯއާއި ޓެލެވިޜަންގެ ޕްރޮގްރާމްތަކަށްވެސް މިދިޔަ އަހަރު ވަނީ ވަރަށްބޮޑު ބަދަލުތަކެއް ގެނެވިފައި. ދީނީ ޕްރޮގްރާމްތަކާއި، މަޢުލޫމާތުގެ ޕްރޮގްރާމްތައްފަދަ ތަޢުލީމީ ޕްރޮގްރާމްތައް ވަނީ އެތައްގުނައަކަށް އިތުރުކުރެވިފައި.

ރާއްޖެއިން ލިޔަންކިޔަން ނުދަތުން މުޅީން ނައްތާލުމަށްޓަކައި، ފަށަން ގަސްތުކުރާ 6 އަހަރު ދުވަހުގެ، އަސާސީ ތަޢުލީމުގެ ނަމުން ނަންދެވިފައިވާ މަޝްރޫޢެއް، މިދިޔަ އަހަރުގެ ތެރޭގައި ރޭވުނު. އަސާސީ ތަޢުލީމުގެ މަޤްޞަދުތަކުގެ ތެރޭގައި، ކޮންމެ ދިވެހި ދަރިޔަކީ މުޖުތަމަޢުގައި މަޤްބޫލު މީހެއް ކަމުގައި ހެދުންވެސް ހިމެނޭ.

އާދެ! ތަޢުލީމު ދިނުމުގައި ސަރުކާރުން އެންމެ ބޮޑަށް ސަމާލުކަންދެނީ، ފުރިހަމަ ތަރުބިޔަތަކާއެކު ތަޢުލީމު ދިނުމަށް. އާދެ، އިސްލާމީ ރޫޙާއި ޤައުމީ ލޯބި، އެބައެއްގެ ހިތުގައި އަށަގެންފައިވާ، ހަރުދަނާ އަޚްލާޤެއްގެ ވެރި، އަދި ޤައުމަށް ޚިދުމަތް ކުރުމުގެ ޝައުޤުވެރިކަން ހުރި، ދިވެހި ދަރީންތަކެއް އުފެއްދުމަށްޓަކައި ތަޢުލީމު ދިނުމަށް.

ރާއްޖޭގެ ޞިއްޙަތު

ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި މެންބަރުންނޭވެ!

ޞިއްޙަތު ސަލާމަތުން ހުރުމަކީ ހާސް ނިޢުމަތް. އެހެންކަމުން، ވޭތުވެދިޔަ އަހަރުގެ ތެރޭގައިވެސް، ރައްޔިތުންނަށް އެކަށީގެންވާ ގޮތުގައި ޞިއްޙީ ޚިދުމަތް ފޯރުކޮށްދެވޭތޯ، ދައުލަތުން ކުރެވެން އޮތްހާ މަސައްކަތްތަކެއް ކުރެވުނު. މާލޭގައި ގަވަރންމަންޓް ހޮސްޕިޓަލްގެ ޚިދުމަތްތައް ރަނގަޅު ކުރުމަށްޓަކައި ފިޔަވަޅުތަކެއް އެޅުނު. އޭގެތެރޭގައި، މީގެކުރިން ނަގަމުން އައި ވަރަށް ގިނަ ބާވަތުގެ ފީތައް ކަނޑާލުން ހިމެނޭ.

ރައްޔިތުންނަށް ޞިއްޙީގޮތުން އިތުރު ޚިދުމަތް ދިނުމަށްޓަކައި، މިދިޔަ އަހަރު ތެރޭގައި އިތުރު ތިން ރަށެއްގައި ހެލްތު ސެންޓަރު ހުޅުވުނު. އަދި މާލޭގައި، ކުޑަކުދީންނަށް ޞިއްޙީ ޚިދުމަތް ލިބިދިނުމަށްޓަކައި އިތުރު އެމް.ސީ.އެޗް. ކްލިނިކެއްވެސް ހުޅުވުނު. މި ކްލިނިކް ހުޅުވުނީ، 32 ވަނަ ވާރލްޑް ހެލްތު ޑޭގެ މުނާސަބަތުގައި 7 އޭޕްރިލް 1979 ދުވަހު. އަދި މިހާރު ރާއްޖެތެރޭގައި ހުރި ހެލްތު ސެންޓަރުތައް ފުރިހަމައަށް ހިންގުމުގައި އިތުރު ކޮމިއުނިޓީ ހެލްތު ވާރކަރުން ބޭނުންވާތީ، ވޭތުވެދިޔަ އަހަރުގެ ތެރޭގައި 19 ކުދިންނަށް ޓްރޭނިންގ ދޭން ފެށުނު. އަދި ގަވަރންމަންޓް ހޮސްޕިޓަލްގައި ޚިދުމަތް ކުރުމަށްޓަކައި 18 ނަރސް އެއިޑުންނަށް ޓްރޭނިންގ ދޭން ފެށުނު. މި ހުރިހާ ކުދިންނަށް ޓްރޭނިންގ ދެއްވަމުން ގެންދަވަނީ، އެލައިޑް ހެލްތު ސަރވިސަސް ޓްރޭނިންގ ސެންޓަރުގެ ފަރާތުން. އަދި އެ ސެންޓަރުގައި ޕްރައިމަރީ ހެލްތު ކެއަރގެ ޕްރޮގްރާމްގެ ދަށުން ޓްރޭނިންގ ދިނުމަށްފަހު، ރާއްޖެތެރޭގެ 65 ރަށަށް ފެމިލީ ހެލްތު ވާރކަރުން މިދިޔަ އަހަރު ފޮނުވުނު.

ޔުނިސެފްގެ އެހީގައި ރާއްޖެތެރޭގައި 4 ހޮސްޕިޓަލް އެޅުމާ ބެހޭގޮތުންވެސް މިދިޔަ އަހަރު ތެރޭގައި މަސައްކަތް ފެށުނު. އަދި ލީބިޔާ ސަރުކާރުގެ އެހީގެ ދަށުން މާލޭގައި އެޅުމަށް ހަމަޖެހިފައިވާ ހޮސްޕިޓަލެއްގެ ބިންގާވެސް ވަނީ 1979 ވަނަ އަހަރު އެޅިފައި. ފެތުރޭ ބަލިތަކުން ދިފާޢު ކުރުމަށްޓަކައި ކުރެވެމުންދާ މަސައްކަތްތައް، ވޭތުވެދިޔަ އަހަރުގެ ތެރޭގައިވެސް ކުރެވެމުންދިޔަ. ހަމައެފަދައިން، މާލޭގެ ހުނޅަގުފަރާތުގައި އަލަށް ހިއްކި ހިސާބުގައި، ބޯފެނުގެ ކަންތައް ވަރަށް ދަތިވެފައިވުމާއެކު، އެ ސަރަޙައްދުގައި 37 ފެން އިސްކުރު ބަހައްޓައި، އެހިސާބުގެ މީހުންނަށް ބޯފެން ލިބޭނޭ އިންތިޒާމު، ވޭތުވެދިޔަ އަހަރު ހަމަޖައްސައިދެވިފައިވޭ. އަދި ހަމަ އެ ސަރަޙައްދުގައި ދިރިއުޅޭ މީހުންނަށް ފަސޭހަކޮށްދިނުމަށްޓަކައި 15 ވަތްގަނޑުގެ ޢާންމު ފާޚާނާއެއްވެސް ހަދައި، އޭގެ ބޭނުންކުރަން ފެށިފައިވޭ. 1978 ވަނަ އަހަރުގެ ތެރޭގައި، ރާއްޖެއަށް ކުރިމަތިވި ނުރައްކާތެރި ކޮލެރާގެ ރޯގާއިން ދިފާޢުވުމަށްޓަކައި ދޭންފެށުނު ވެކްސީންގެ 3 ވަނަ ޑޯޒް މުޅި ރާއްޖޭގެ ރައްޔިތުންނަށް މިދިޔަ އަހަރު ދެވިފައިވޭ.

ވޭތުވެދިޔަ އަހަރުގެ ތެރޭގައި، އިންޑިޔާއާއި ޝްރީލަންކާގެ މަންދޫބުން ބައިވެރިވެގެން ބޭއްވުނު ބައިނަލްއަޤްވާމީ ޞިއްޙީ ޖަލްސާއެއް، އާދެ، "އިންޑިޔާ - މޯލްޑިވްސް - ޝްރީލަންކާ ބޯޑަރ މެލޭރިއާގެ 2 ވަނަ ކޮންފަރެންސް" ރާއްޖޭގައި ބޭއްވުނު.

އިޖުތިމާއީ ޚިދުމަތް

ވޭތުވެދިޔަ އަހަރު ދައުލަތުގެ ކަންތައްތައް ހިންގުމުގައި، ކުރީ އަހަރުތަކާ ޚިލާފަށް، އިޖުތިމާޢީ ޚިދުމަތްތަކުގެ މައްޗަށް ވަރަށްބޮޑަށް ސަމާލުކަން ދެވުނު. މުޖުތަމަޢުގެ އިޞްލާޙަށްޓަކައި، ތަފާތު ޙަރަކާތްތައް ހިންގުނު. މިގޮތުން، ދީނީ ކަންތައްތައް ރައްކާތެރިކުރާ ކޮމިޓީއަކާއި، ދިވެހިބަހާއި އަދަބަށް ޚިދުމަތްކުރާ މަޖިލީހަކާއި، ދިވެހި ތާރީޚާއި ޘަޤާފަތަށް ޚިދުމަތްކުރާ މަޖިލީހެއް އުފެއްދިފައިވޭ. އަދި އަންހެނުން ކުރިއެރުވުމަށް އެހީވާ ކޮމިޓީއެއްވެސް އުފެއްދުނު. އެކި ބާވަތުގެ ކުށްތައް ކުރާ ކުޑަކުދީން އިތުރުވަމުންދާތީ، އެފަދަ ކުދީން ބަލަހައްޓާ، އެ ކުދިން ތަރުބިޔަތު ކުރާނެ އިޞްލާޙިއްޔާއެއް މިދިޔަ އަހަރު ތެރޭގައި ކ. މާފުށީގައި ހެދުނު. އަހަރު ނިމުނުއިރު އެތާނގައި، 24 ކުދިންނަށް ކިޔަވައިދީ ތަރުބިޔަތު ދެމުން ގެންދެވޭ.

ސޯޝަލް ވެލްފެއަރގެ އުޞޫލުން، ފަޤީރުންނާއި ނިކަމެތީންނަށް ދެވޭ އެހީތައް 1979 ވަނަ އަހަރުތެރޭގައި ވަރަށްބޮޑަށް އިތުރުކުރެވުނު. ވިއްސާރައިގެ ސަބަބުން ގެއްލުން ލިބުނު ރަށްރަށުގެ މީހުންނަށާއި، އަލިފާނުގެ ޙާދިޘާތަކުގައި، ގެދޮރު އަނދައިގެންދިޔަ މީސްމީހުންނަށް ސަރުކާރުގެ ފަރާތުން އެހީވެދެވުނު. ސޯޝަލް ވެލްފެއަރގެ ގޮތުން، ދައުލަތުގެ ފަރާތުން އެންމެ ޚާއްޞަ ގޮތެއްގައި ކުރަމުންގެންދާ އެއްކަމަކީ، ބަލަދުވެރިން ނެތް ފަޤީރުންނާއި މޮޔައިން، ކ.ގުރައިދޫގައި ބައިތިއްބައިގެން ބެލެހެއްޓުން. ވޭތުވެދިޔަ އަހަރު ނިމުނުއިރު، މި ދެންނެވި ގޮތުން 39 މީހުން ދައުލަތުގެ ފަރާތުން ބަލަހައްޓަމުން ގެންދެވުނު. އަދި އެކިއެކި ބަލިބަލީގައި ހާލުބޮޑުވެގެން، ރާއްޖެތެރެއިން 97 މީހުން މާލެގެނެސް، ސަރުކާރުގެ ޚަރަދުގައި ބޭސްފަރުވާ ކޮށްދެވިފައިވޭ. އަދި ލޮލަށް ނޭނގޭ މީހުންނަށް ސަރުކާރުން ދެމުންގެންދާ ފައިސާގެ ޢަދަދު، މިދިޔަ އަހަރުގެ ތެރޭގައި އިތުރުކުރެވުނު. ހަމަ މިފަދައިން، ޤުރްއާން ހިތުދަސް މީހުންނަށް ސަރުކާރުން ދެމުންދާ ފައިސާވެސް އިތުރުކޮށްދެވުނު.

ރާއްޖޭގެ ކުޅިވަރު ކުރިއެރުވުމަށާއި، ރާއްޖޭގެ ޒުވާނުންނަށް ކުޅިވަރުގެ ޛަރީޢާއިން އެދެވޭ ތަރުބިޔަތެއް ދިނުމަށް، މިދިޔަ އަހަރު ޚާއްޞަ އަހަންމިއްޔަތެއް ދެވުނު. 1979 ވަނަ އަހަރު، ރިޔުނިއަން އައިލެންޑުގައި އޮތް "އިންޑިއަން އޯޝަން އައިލެންޑްސް ގޭމްސް"ގެ ފުރަތަމަ މުބާރާތުގައި ދިވެހިރާއްޖެ ބައިވެރިވިކަން، މި މަގާމުގައި ވަރަށް ޚާއްޞަ ގޮތެއްގައި ފާހަގަކޮށްލަންޖެހޭ. މިއީ، މި ފެންވަރުގެ މުބާރާތެއްގައި ދިވެހިރާއްޖެ ބައިވެރިވި ފުރަތަމަ ފަހަރު. މި މުބާރާތުގައި ދިވެހިރާއްޖެ 5 ކުޅިވަރުގައި ބައިވެރިވެފައިވޭ. މި މުބާރާތުގައި ބައިވެރިވުމުގެ ސަބަބުން، ބައިނަލްއަޤްވާމީ ކުޅިވަރުގެ ދުނިޔެއަށް ދިވެހިރާއްޖެ ތަޢާރުފުވެ، ދިވެހިރާއްޖޭގެ ކުޅިވަރު ކުޅޭ ޒުވާނުންނަށް ފައިދާތަކެއް ލިބުނު.

މާލެއާއި ރާއްޖެތެރޭގެ އަތްތެރި މަސައްކަތުގެ މަޢުރަޒެއް ނުބޭއްވޭތާ އެތައް އަހަރެއް ވުމަށްފަހު، މިދިޔަ އަހަރު އެފަދަ މަޢުރަޒެއް ބޭއްވުނުކަންވެސް ފާހަގަކޮށްލެވޭ.

އިޖުތިމާޢީ ގޮތުން ސަރުކާރުގެ ފަރާތުން ހިންގަން ފެށުނު ޙަރަކާތްތަކުގެ ނަތީޖާއެއްގެ ގޮތުން، މުޅި މުޖުތަމަޢުގައިވެސް އާ ރޫޙެއް އުފެދުނުކަން ޔަޤީން. މާލެއާއި ރާއްޖެތެރޭގައި ތަފާތު އިޖުތިމާޢީ ޚިދުމަތްތައް ކުރުމުގެ މަޤްޞަދުގައި، ވަރަށްގިނަ ކްލަބުތަކާއި ޖަމުޢިއްޔާތައް އުފެދިގެންދިޔަކަން އެއީ މި ދެންނެވި ބަހުގެ ހެތްކެއް.

އަމިއްލަ ފަރާތްތަކުން މުޖުތަމަޢަށް ކުރަމުންދާ އެކިއެކި ބޮޑެތި ޚިދުމަތްތަކުގެ އަގު ދައުލަތުން ވަޒަންކުރުމުގެ ގޮތުން، އެފަދަ ޚިދުމަތްކުރާ ފަރާތްފަރާތަށް، ކޮންމެ އަހަރަކުވެސް ޤައުމީ ޚިދުމަތުގެ އިނާމެއް ދިނުމަށް މިދިޔަ އަހަރު ތެރޭގައި ހަމަޖެއްސުނު. އަދި އޭގެ އެންމެ ފުރަތަމަ އިނާމުތައް 1979 ވަނަ އަހަރުގެ މިނިވަންދުވަހު، އާދެ! ޖުލައި 26 ވަނަ ދުވަހު، 9 ބޭފުޅަކަށް ދެވިފައިވޭ. މިގޮތުން އެދުވަހު 11 އިނާމު ދެވުނު.

ޚާރިޖީ ހިންގުން

ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި މެންބަރުންނޭވެ!

ދުނިޔޭގެ ސިޔާސީ އޮޔާއި ވައި އެނބުރެމުންދާގޮތުން ޚާރިޖީ ކަންތައްތަކުގެ މުހިންމުކަން އެއްދުވަހުން އަނެއްދުވަހަށް ދަނީ އިތުރުވަމުން. ބޭރުގެ ޤައުމުތަކާއި ރާއްޖެއާ ދެމެދުގައި އެކުވެރިކަން އާލާކޮށް ބަދަހިކުރުމުގެ ބޭނުންދަނީ ބޮޑުވަމުން. ބޭރުގެ ދުނިޔެއަށް ރާއްޖެއާއި ރާއްޖޭގެ މިނިވަން ސިޔާސަތު ތަޢާރުފުކޮށްދިނުމުގެ މުހިންމުކަންވެސް ދަނީ އިތުރުވަމުން.

މިހެންކަމާއެކު، ވޭތުވެދިޔަ 1979 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައި، ކިއުބާގެ ވެރިރަށް ހަވާނާގައި ބޭއްވުނު، ވަކިފަރާތަކަށްނުޖެހޭ ޤައުމުތަކުގެ ވެރީންގެ 6 ވަނަ ޖަލްސާގައި، ދިވެހި ޤައުމުގެ ފަރާތުން އަޅުގަނޑު ބައިވެރިވިން. މި ޖަލްސާގެ ސަބަބުން ބޭރުގެ ދުނިޔޭގައި ރާއްޖޭގެ ތަޞައްވުރު، ކުރިއަށްވުރެ މަތިވެރިވެގެންދިޔަކަމީ ޝައްކެއްނެތްކަމެއް. ބޭރުގެ ޤައުމުތަކަށް ދިވެހިރާއްޖެ މީގެކުރިއަށްވުރެ ބޮޑަށް އެނގިގެންދިޔަކަމީ ފާޅުވެގެންވާ ކަމެއް. އަޅުގަނޑު ކިއުބާގެ ވެރިރަށް ހަވާނާގައި ހުރި ހުރުމުގައި، ރަޙްމަތްތެރި ޤައުމުތަކުގެ އެންމެމަތީ ވެރިންނާ ބައްދަލުވެ ވާހަކަދެއްކުމުގެ ފުރުޞަތު ލިބިފައިވޭ. ކިއުބާއަށް ކުރި ދަތުރުގެ މަގުމަތީގައި، ލީބިޔާއަށާއި ކުވެއިތަށްވެސް އަޅުގަނޑު ޒިޔާރަތް ކުރިން. އެ ދެ ޤައުމަކީ އަޅުގަނޑުމެންގެ ރާއްޖެއަށް ވަރަށް މަތިވެރި އެހީތަކެއް ވަމުންދާ އެކުވެރި އިސްލާމީ ދެ ޤައުމު. އަޅުގަނޑު ލީބިޔާގައި ހުރިހުރުމުގައިވެސް، ވަރަށް ގިނަ ޢަރަބި ޤައުމުތަކުގެ ރައީސުންނާއި، ރަސްރަސްކަލުންނާ ބައްދަލުކުރިން. މި ބައްދަލުވުންތަކުގެ ސަބަބުން، ދިވެހިރާއްޖެ ވަރަށްގިނަ ޤައުމުތަކަކަށް އިތުރަށް ތަޢާރުފުވެ، އެ ޤައުމުތަކާއި ދިވެހިރާއްޖެއާ ދެމެދުގައި އުފެދިފައިވާ ރަޙްމަތްތެރިކަމުގެ ގުޅުން، ކުރިއަށްވުރެ ބަދަހިވެގެންދިޔުމުގެ މަގުތައް ތަނަވަސްވި.

ވޭތުވެދިޔަ އަހަރުގެ ތެރޭގައި، ދިވެހިރާއްޖެ އިތުރު 5 ޤައުމަކާއެކު ޑިޕްލޮމެޓިކް ގުޅުން ޤާއިމުކުރި. އެ ޤައުމުތަކަކީ ތުރުކީވިލާތް، ތައިލެންޑް، ސްޕެއިން، ނެދަރލެންޑްސް، ރުމޭނިއާ، މި 5 ޤައުމު. މި ޤައުމުތަކާއެކު މިހާރު ދިވެހިރާއްޖެ ޑިޕްލޮމެޓިކް ގޮތުން ގުޅިފައިވަނީ 42 ޤައުމާ. ހަމައެފަދައިން، ދިވެހިރާއްޖެވަނީ، ބައިނަލްއަޤްވާމީ ޖަމުޢިއްޔާތަކުގެ ތެރެއިން 20 ޖަމުޢިއްޔާގައި ބައިވެރިވެފައި. 1979 ވަނަ އަހަރުގެ ތެރޭގައި އިތުރަށް ބައިވެރިވި ޖަމުޢިއްޔާތަކަކީ، އިންޓަރނޭޝަނަލް ފަންޑް ފޮރ އެގްރިކަލްޗަރަލް ޑިވެލޮޕްމަންޓާއި، އިންޑިއަން އޯޝަން ފިޝަރީޒް ކޮމިޝަން.

ސަރުކާރުގެ ތަންތަން ހިންގަވާ ބޭފުޅުންނާއި، ސަރުކާރުގެ އެކި މަގާމު ފުރުއްވާ ބޭފުޅުން، އެ ބޭފުޅުން އަދާކުރައްވާ ވަޒީފާއާ ބެހޭގޮތުން، ޓްރޭނިންގ ލިބިވަޑައިގަތުމަށާއި، ކަމާބެހޭ އިތުރު މަޢުލޫމާތު ހޯއްދެވުމަށްޓަކާއި، ބޭރު ޤައުމުތަކުގައި ބޭއްވުނު، ވަރަށްގިނަ ސެމިނާރުތަކާއި ވާރކްޝޮޕްތަކުގައި ވޭތުވެދިޔަ އަހަރު ބައިވެރިވެވަޑައިގެންފައިވޭ. މިގޮތުން، މިފަދަ 18 ވާރކްޝޮޕާއި ސެމިނާރުގައި 21 ބޭފުޅުން ބައިވެރިވެވަޑައިގެންނެވި.

ހަމައެފަދައިން، ދިވެހިރާއްޖެއަކީ، ބައިނަލްއަޤްވާމީ ވަރަށްގިނަ ޖަމުޢިއްޔާތަކެއްގައި ބައިވެރިވެފައިވާ ޤައުމަކަށްވުމާއެކު، ބައިނަލްއަޤްވާމީ ދާއިރާގައި ދިވެހިރާއްޖެ އަދާކުރަންޖެހޭ ދައުރު އަދާކުރުމުގެ ގޮތުންނާއި، އަދި މިނޫންވެސް މުހިންމު އެތައް ބޭނުމަކަށްޓަކައި، ބައިނަލްއަޤްވާމީ ފެންވަރުގެ 24 ޖަލްސާގައި 1979 ވަނަ އަހަރު ދިވެހިރާއްޖެ ބައިވެރިވެފައިވޭ. މި ޖަލްސާތަކުގައި ރާއްޖޭގެ ފަރާތުން އެކި ފެންވަރުގެ 45 ބޭފުޅުން ބައިވެރިވެވަޑައިގެންނެވި. މި ޖަލްސާތަކުގެ ތެރެއިން ވަކިން ޚާއްޞަގޮތެއްގައި ފާހަގަކޮށްލެވޭ ޖަލްސާތަކަކީ، 1979 ސެޕްޓެމްބަރު 3ން 7 އަށް ކިއުބާގެ ވެރިރަށް ހަވާނާގައި ބޭއްވި، ވަކި ފަރާތަކަށްނުޖެހޭ ޤައުމުތަކުގެ 6 ވަނަ ސަމިޓް ކޮންފަރެންސާއި، މޮރޮކޯގައި 1979 މެއި މަހުގެ 8ން 12 އަށް އޮތް، 10 ވަނަ އިސްލާމިކް ފޮރިން މިނިސްޓަރުންގެ ކޮންފަރެންސާއި، 1979 ނޮވެމްބަރު 10 ން 29 އަށް އިޓަލީވިލާތުގެ ރޯމުގައި އޮތް، ފުޑް އެންޑް އެގްރިކަލްޗަރަލް އޯގަނައިޒޭޝަންގެ 20 ވަނަ ކޮންފަރެންސާއި، އަދި ސަޢޫދީ ޢަރަބިއްޔާގެ މައްކާގައި 1979 މާޗް 20 އިން 22 އަށް އޮތް، އިސްލާމީ ދައުލަތްތަކުގެ ވަޒީރުލްއައުޤާފުންނާއި، ދީނީ ކަންތައްތަކާބެހޭ ވަޒީރުންގެ ކޮންފަރެންސް.

ޔުނައިޓެޑް ނޭޝަންސްގައި ހުންނަ ދިވެހިރާއްޖޭގެ ޕާރމަނަންޓް މިޝަންގެ ތާރީޚުގައި، ވޭތުވެދިޔަ އަހަރަކީ ޚާއްޞަގޮތެއްގައި ފާހަގަކޮށްލެވޭ އަހަރެއް. އެއީ 1976 ވަނަ އަހަރު އެ މިޝަން ހުޅުވުނީއްސުރެ މިހާތަނަށް، ޔުނައިޓެޑް ނޭޝަންސްގެ ޖެނެރަލް އެސެމްބްލީގައި، ރާއްޖޭގެ ފަރާތުން އެންމެގިނަ މެންބަރުންގެ މައްޗަށް އެކުލެވޭ ވަފްދެއް ބައިވެރިވެފައިވަނީ މިދިޔަ އަހަރުގައި ކަމަށްވާތީ. އާދެ، 1979 އޮކްޓޯބަރުގައި ނިއުޔޯކުގައި އޮތް، ޔުނައިޓެޑް ނޭޝަންސްގެ ޖެނެރަލް އެސެމްބްލީގެ 34 ވަނަ ސެޝަންގައި 6 މެންބަރުންގެ މައްޗަށް އެކުލެވޭ ދިވެހި ވަފްދެއް ބައިވެރިވި. އެ ވަފްދުގެ ރައީސަކަށް ހުންނެވީ، ދިވެހިރާއްޖޭގެ މިނިސްޓަރ އޮފް އެކްސްޓަރނަލް އެފެއާޒް.

ޚާރިޖީ ހިންގުމުގައި 1979 ވަނަ އަހަރު އެޅުނު އެންމެ މުހިންމު އެއް ފިޔަވަޅަކީ، ޝްރީލަންކާގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީ އަލުން ހުޅުވުން. މި އެމްބަސީ ވަނީ 1976 ވަނަ އަހަރުއްސުރެ ބަންދުކުރެވިފައި. އަލުން ހުޅުވުނީ މިދިޔަ އަހަރުގެ ނޮވެމްބަރުމަހު 11 ވަނަ ދުވަހު.
މި އެމްބަސީ ހުޅުވުމުގެ ސަބަބުން ޝްރީލަންކާއާއި ދިވެހިރާއްޖޭގެ އެކުވެރިކަމަށް އިތުރު ބަދަހިކަމެއް ލިބިގެންދިޔަ. ޝްރީލަންކާގެ އިތުރަށް، އެހެނިހެން ޤައުމުތަކާއެކުވެސް ރާއްޖޭގެ ގުޅުންދިޔައީ ރަނގަޅުވަމުން، އަދި އިތުރުވަމުން.


ރައްޔިތުންގެ މަޖިލީސް
 

ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި މެންބަރުންނޭވެ!

ދައުލަތް ހިންގުމުގެ އެންމެހައި ބާރުތައް ފެށިގެން އަންނަނީ ރައްޔިތުންގެ ކިބައިން ކަމަށްވާއިރު، އެ ބާރުތަކަށް ޤާނޫނުގެ ސިފަ ގެނެސްދޭ ފަރާތަކީ، ރައްޔިތުންގެ ވަކީލުންގެ މައްޗަށް އުފެދިފައިވާ ރައްޔިތުންގެ މަޖިލިސް. ރައްޔިތުންގެ މަޖިލީހަކީ މިހާ މުހިންމު މަސްއޫލިއްޔަތެއް އެޅިފައިވާ ފަރާތެއް ކަމަށްވުމާއެކު، އެ މަސްއޫލިއްޔަތު އަދާކުރުމުގައި، ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް ބޭނުންވާ ޤާނޫނީ ޙިމާޔަތް ލިބިދޭ ޤާނޫނެއް މިދިޔަ އަހަރުގެ ތެރޭގައި ވަނީ ހެދިފައި.

މިއަދު އަޅުގަނޑު މި ބައްދަލުކުރާ ތިޔަ ޢިއްޒަތްތެރި މެންބަރުންނަކީ، ރައްޔިތުންގެ މަޖިލީހުގެ މި އާ 5 އަހަރު ދުވަހުގެ ދައުރަށް އިންތިޚާބު ވެފައިވާ މެންބަރުން.

ވޭތުވެދިޔަ އަހަރުގެ ތެރޭގައި ރައްޔިތުންގެ މަޖިލީހުން ފާސްވެފައިވާ އެންމެ މުހިންމު އެއްކަމަކީ، ރާއްޖޭގެ ޤާނޫނުއަސާސީ އިޞްލާޙުކުރުން. މިކަމާ ގުޅޭގޮތުން މިހާރުވަނީ، ޤާނޫނުއަސާސީ އިޞްލާޙު ކުރުމަށް ބޭނުންވާ ޚާއްޞަ މަޖިލިސް އިންތިޚާބު ކުރެވިފައި. މި މަޖިލީހަށް އިންތިޚާބު ކުރެވިފައިވާ ބައެއް މެންބަރުން، މި ފެށުނު ރައްޔިތުންގެ މަޖިލީހަށް އިންތިޚާބު ކުރެވިފައިވާތީ، އެ މެންބަރުންގެ ބަދަލުގައި އަލުން މެންބަރުން ހޮވުމަށްޓަކައި ޚާއްޞަ މަޖިލީހުގެ ބައި އިލެކްޝަނެއް ބާއްވާގޮތަށް މިހާރުވަނީ ހަމަޖެހިފައި. އެ މެންބަރުން އިންތިޚާބުކޮށް ނިމުމުން، ޤާނޫނުއަސާސީ އިޞްލާޙު ކުރުމުގެ މަސައްކަތް ފަށާގޮތަށްވެސް ވަނީ ހަމަޖެހިފައި.

ރައްޔިތުންގެ މަޖިލީހުން ހޮވިފައިވާ ޚާއްޞަ ކޮމިޓީއަކުން، ކުރީން ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ މަގާމުގައި ހުންނެވި އަލްފާޟިލް އިބްރާހީމް ނާޞިރު، އޭނާގެ ވެރިކަމުގެ ދުވަސްވަރުގައި ޤާނޫނާ ޚިލާފަށް ކުރައްވާފައިވާ ކަންތައްތައް ބައްލަވައި ތަޙްޤީޤު ކުރައްވަމުން ގެންދެވި. ކޮމިޓީގެ ތަޙްޤީޤުތަކުން، އަލްފާޟިލް އިބްރާހީމް ނާޞިރު، ރާއްޖޭގެ ޤާނޫނާ ޚިލާފަށް ކުރައްވާފައިވާ ޢަމަލުތަކާއި، ފައިސާގެ ގޮތުން ދައުލަތަށް ވެވަޑައިގެންފައިވާ ވަރަށް ބޮޑެތި ޚިޔާނާތްތައް، ޝަރީޢަތަށް ސާބިތުވާފަދަ ގޮތެއްގައި ފެނިފައިވޭ.

ކުރީގެ މިނިސްޓަރ އޮފް ޕަބްލިކް ސޭފްޓީގެ މަގާމުގައި ހުންނެވި އަލްފާޟިލް ޢަބްދުލްޙަންނާން ޙަލީމް، އެ މަގާމުގައި ހުންނެވި ދުވަސްވަރު ޤާނޫނާއި ޤަވާޢިދާ ޚިލާފު ކަންތައްތަކެއް ކުރައްވާފައިވާތީ، ރައްޔިތުންގެ މަޖިލީހުގެ ޚާއްޞަ ކޮމިޓީން އެ މައްސަލަތައްވެސް ތަޙުޤީޤު ކުރައްވައި، މިދިޔަ އަހަރުގެ ތެރޭގައި އެ މައްސަލަތައް ޝަރީޢަތަށް ފޮނުއްވާފައިވޭ.

މަޖިލީހުގެ ޢިއްޒަތްތެރި މެންބަރުންނޭވެ!

ރައްޔިތުންގެ މަޖިލީހަކީ، ހަމައެކަނި ނަމަކަށް އޮންނަ ތަނެއްގެ ގޮތުގައި އޮތް ދުވަސް، މިހާރު ވަނީ މާޒީއާ އެކުވެފައި. މިއަދުވަނީ، މަޖިލީހުގެ މެންބަރުންނަށް ޤާނޫނީގޮތުން ލިބެންވާ ބާރުތައް ލިބިދެވިފައި. އަދި މެންބަރުންގެ ޙިމާޔަތަށްޓަކައި ޤާނޫނެއްވެސް ހެދިފައި. ވީމާ، އަޅުގަނޑު ތިޔަ މެންބަރުންނަށް ގޮވާލާނީ، ތިޔަ މެންބަރުންގެ މަސްއޫލިއްޔަތު އަދާކުރެއްވުމުގައި ފަސްޖެހިވަޑައިނުގަތުމަށް. ދައުލަތަށާއި ރައްޔިތުންނަށް ފައިދާހުރި ގޮތްތައް ހޯއްދަވައިދެއްވުމުގައި، ތެދުވެރިކަމާއި އަމާނަތްތެރިކަމާއެކު، ތިޔަބޭފުޅުންގެ ވާޖިބުތައް އަދާކުރެއްވުމުގައި ކުރިއަށް ވަޑައިގަތުމަށް.

އަޅުގަނޑުމެންގެ ޤައުމުގެ ކުރިމަތީގައިވަނީ މާފަސޭހަ މަގުތަކެއްނޫން. މާ އޮމާން ކަނޑުތަކެއްވެސް ނޫން. ނަމަވެސް، ދިވެހި އުންމަތުގައި މިއަދުވަނީ އާ ރޫޙަކާއި އެކުވެރިކަމެއް އުފެދިފައި. އާ ދިރުމަކާއި، އާ އުންމީދުތަކެއް އުފެދިފައި. އެހެންކަމުން، އަޅުގަނޑުމެން 1980ގެ އަހަރުތަކުގެ ތެރެއަށް މި ވަންނަނީ، ފުރިހަމަ އިތުބާރަކާއި ވަރުގަދަ ޢަޒުމަކާއެކު. އަޅުގަނޑުމެން ދެކެން އެދޭ ބާއްޖަވެރި ދިވެހިރާއްޖޭގެ އުޖާލާ ތަޞައްވުރާއެކު. އެ ތަޞައްވުރުގައި ވަނީ، ހަރުދަނާ މިނިވަން ދިވެހިރާއްޖެއެއް. ޞުލްޙައާއި އަމަން ޤާއިމުވެފައިވާ، އިސްލާމީ އުޚުއްވަތްތެރިކަން ފެތުރިފައިވާ ދިވެހިރާއްޖެއެއް. ހުރިހާ ރައްޔިތުންނަށް ހަމަހަމަކަން ލިބިފައިވާ ދިވެހިރާއްޖެއެއް. ކޮންމެ ރައްޔިތަކަށްވެސް ތަޢުލީމީ ޚިދުމަތާއި ޞިއްޙީ ޚިދުމަތް، އަދި އިޖުތިމާޢީ ޚިދުމަތާއި މަސައްކަތް ކުރުމުގެ ފުރުޞަތު ލިބިފައިވާ ދިވެހިރާއްޖެއެއް. މަތިވަރު ރަނގަޅު ދިވެހި ރުއްތަކަކާއި، ކާބޯތަކެތި ހައްދާފައިވާ ތާޒާ ފެހިދަނޑުތަކަކުން ފުރިފައިވާ ރަށްތަކަކާއި، މަސްވެރިކަމުގެ ގޮތުން މުއްސަނދި ކަނޑުތަކެއް އެކުލެވިފައިވާ ދިވެހިރާއްޖެއެއް. ކޮންމެ ރައްޔިތަކީވެސް ވަޒަންދެކެ ލޯބިވާ، ދީނަށް ޙުރްމަތްތެރިކޮށްހިތާ ރައްޔިތެއް ކަމުގައިވާ ބަޔަކު ދިރިއުޅޭ ދިވެހިރާއްޖެއެއް.

މި ތަޞައްވުރު ޙަޤީޤަތަކަށް ހެދުމުގެ ހެޔޮ ވިސްނުމާއި ތައުފީޤު، ތިޔަ އެންމެ މެންބަރުންނަށާއި އަޅުގަނޑަށް ދެއްވުން އެދި މާތް اللّـه ގެ ކިބައަށް دعاء ކުރާ ހާލު، އެކަލާނގެ އިސްމުފުޅުގެ ބަރަކާތުން، ޤާނޫނު ނަންބަރު 1/68ޖ. ގެ 6 ވަނަ މާއްދާގައިވާ ގޮތުގެމަތީން، ރައްޔިތުންގެ މަޖިލީސް ހުޅުވުމުގެ މާތްކަން ލިބިގަންނަން.

وَمَا تَوْفِيقِىٓ إِلَّا بِاللَّهِ ۚ عَلَيْهِ تَوَكَّلْتُ وَإِلَيْهِ أُنِيبُ.

والسَّلاَم عَلَيْكُم وَرَحمَة للَّـه وَبِركَاته.