‎ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް، ފުވައްމުލައް ސިޓީއަށް ކުރެއްވި 2 ދުވަހުގެ ރަސްމީ ދަތުރުފުޅު ނިންމަވާލައްވާ، މާލެ ވަޑައިގެންފިއެވެ.

‎އެ މަނިކުފާނުގެ މި ދަތުރުފުޅުގައި ދުނިޔޭގެ ތިމާވެށީގެ ދުވަހުގެ މުނާސަބާ ފާހަގަކުރުމަށް ފުވައްމުލައް ސިޓީގައި ހިންގި ހަރަކާތްތަކުގައި ބައިވެރިވެވަޑައިގެންފައިވެއެވެ. އެގޮތުން އިއްޔެ ހަވީރު ފުވައްމުލަށް ސިޓީ އެއަރޕޯޓުން ފެށިގެން ތުނޑީ ސަރަޙައްދާއި ހަމައަށް ބޭއްވި ބައިސްކަލް ބުރުގައި އެ މަނިކުފާނު ބައިވެރިވެވަޑައިގެންނެވިއެވެ.

‎ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ ދުނިޔޭގެ ތިމާވެށި ދުވަސް ފާހަގަކުރުމަށް ރޭ އެ ސިޓީގައި ބޭއްވި ރަސްމީ ޖަލްސާ ޝަރަފުވެރިކޮށްދެއްވާފައެވެ. އެ މަނިކުފާނުގެ ދަތުރުފުޅުގައި ވަނީ ފުވައްމުލައް ސިޓީ ޓޭބަލް ޓެނިސް ސެންޓަރު ހުޅުއްވައިދެއްވާފައެވެ. މިއީ މިފަދަ ސެންޓަރެއް މާލެ ނޫން ރަށެއްގައި ޤާއިމްކުރެވުނު ފުރަތަމަ ފަހަރެވެ.