ހަނިމާދޫ އެއަރޕޯޓް ތަރައްޤީ ކުރުމުގައި ސަރުކާރުން ގެންގުޅުއްވަނީ މުޅި އުތުރު ސަރަޙައްދުގެ ތަރައްޤީގެ ވިސްނުމެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ، ހަނިމާދޫ އެއަރޕޯޓް ބައިނަލްއަޤްވާމީ ވައިގެ ބަނދަރަކަށް ހެދުމުގެ ދިރާސާތައް ހެދުމަށް އިންޑިޔާގެ ޖީ.އެމް.އާރު. ގްރޫޕާއެކު އެމްއޯޔޫއެއްގައި ސޮއިކުރެއްވުމަށް މިއަދު މެންދުރުފަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވުނު ރަސްމިއްޔާތުގައެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، މީގެ ކުރީގައިވެސް އެއަރޕޯޓް ނުހެދި އޮތީ އެއަރޕޯޓް ބޭނުންކުރެވޭ މިންވަރަށް ޓޫރިސްޓުން ނެތިގެން ކަމަށާއި، އަދި އެއަރޕޯޓް ބޭނުންކުރެވޭވަރަށް ޓޫރިސްޓުން އައުމަށްޓަކައި ރިޒޯޓް ނުހެދިގެން މިއުޅެނީ އެއަރޕޯޓެއް ނެތިގެން ކަމުގައި ވިދާޅުވިއެވެ.

ހަނިމާދޫ އެއަރޕޯޓް ބައިނަލްއަޤްވާމީ ވައިގެ ބަނދަރަކަށް ހެދުމުގެ މަސައްކަތާ ބެހޭގޮތުން ރައީސުލްޖުމަހޫރިއްޔާ ވާހަކަފުޅުދައްކަވަމުން، ސަރުކާރުން ވާހަކަދައްކަވަމުން މިގެންދަވަނީ އެ ސަރަހައްދުގައި އެއްފަހަރާ މަދުވެގެން 6000 އެނދު އިތުރުކުރެވޭނެ ގޮތެއް ހޯދަން ކަމަށާއި ޖީ.އެމް.އާރު. އިން ތިބީ އެގޮތަށް ތައްޔާރަށް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި، ޖީ.އެމް.އާރު.

އާއެކުގައި ސަރުކާރުން ވާހަކަ ދައްކަވަމުން ގެންދަވަނީ 6000 އެނދު ބިނާކުރުމުގެ ޙައްޤު އެކުންފުންޏަށް ދޭއިރު ދޭނެ ހަމަތަކާ ބެހޭގޮތުން ކަމުގައި ވިދާޅުވިއެވެ. މީގެ ސަބަބުން ޓޫރިޒަމްގެ އެހެން ބާވަތެއްގެ މާކެޓެއް ރާއްޖޭގައި އުފެއްދިދާނެ ކަމަށާއި، މީގެ އެހީގައި ރާއްޖޭގެ އާބާދީގެ ދެބައިކުޅައެއްބައަށްވުރެ ގިނަ ބައެއްގެ ދިރިއުޅުމުގެ ފެންވަރު އެތައްތަނަކުން މައްޗަށް ގެންދެވޭނެ ކަމަށް ޤަބޫލުފުޅުކުރައްވާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި މިކަމުން މުޅިރާއްޖެއަށް އޭގެ ފައިދާއާއި މަންފާ ކުރާނެ ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.