ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، މިލަދުންމަޑުލު އުތުރުބުރީ ނޫމަރާ ކައުންސިލާ ބައްދަލުކުރައްވައި އެރަށުގެ ތަރައްޤީއަށް ކުރިޔަށްދާ މަސައްކަތްތަކާ ގުޅޭގޮތުން މަޝްވަރާ ކުރައްވައިފިއެވެ. މި ބައްދަލުކުރެއްވުން އޮތީ މިއަދު މެންދުރުފަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.
މި ބައްދަލުކުރެއްވުމުގައި ނޫމަރާ ކައުންސިލާ ރައްޔިތުންނަށް އެންމެ ދަތިވާ މައްސަލައެއްގެ ގޮތުގައި ކައުންސިލަރުން ފާހަގަކުރައްވާފައި ވަނީ އެރަށުގެ ބަނދަރުގެ ޖާގައިގެ ދަތިކަމާއި ބަނދަރު ބޭނުންކުރުމުގައި ހުރި ދަތިތަކެވެ. އޭގެ އިތުރުން ރަށްގިރުމުގެ މައްސަލައާއި ސްކޫލާއި ޞިއްޙީ މަރުކަޒު ޖާގައިގެ ދަތިކަމާއި ވަޞީލަތުގެ ގޮތުން އެތަންތަނަށް ކުރިމަތިވާ ދަތިތަކާއި ކުނިމެނޭޖްކުރުމުގައި ހުރި ދަތިތަކާއި އަދި ރަށަށް އައު މިސްކިތެއްގެ މުހިމުކަން ކައުންސިލަރުން ފާހަގަކުރެއްވިއެވެ. ހަމައެހެންމެ ކައުންސިލަރުން ވަނީ ޞިއްޙީ މަރުކަޒަށް މިވަގުތު ކުރިމަތިވެފައި ހުރި ގިނަ މައްސަލަތަކަށް ޙައްލު ލިބޭގޮތަށް މިސަރުކާރުން އެ މަރުކަޒުގެ އެކްޓެންޝަން އިމާރާތެއްގެ މަޝްރޫޢު ހަމަޖައްސަވައިދެއްވާފައިވާތީ އާއި ސްކޫލަށް 4 ކްލާސްރޫމް އިތުރުކުރުމުގެ މަސައްކަތް ފެށުމަށް ތައްޔާރުވަމުން އަންނާތީ އެކަން ޝުކުރުވެރިކަމާއެކު ފާހަގަކުރައްވާފައެވެ. މީގެ އިތުރުން ކައުންސިލު އިދާރާއަށް ކުރިމަތިވެފައިވާ ޖާގައިގެ ދަތިކަން ހައްލުކޮށްދެއްވުމަށް ސަރުކާރުން އަޅުއްވާ އައު އިމާރާތުގެ އެއްބަސްވުމުގައި މިއަދު ސޮއިކޮށްފައިވާތީ, ކައުންސިލު މެންބަރުން ވަނީ އެ ކަން ވެސް ފާހަގަކުރައްވާފައެވެ.
މި ބައްދަލުކުރެއްވުމުގައި ނޫމަރާގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީގެ ރައީސާ ވަނީ މާލީ ގޮތުން އެކޮމެޓީގެ މަސައްކަތްތައް ކުރިޔަށްގެންދިއުމުގައި ކުރިމަތިވާ ދަތިތައް ފާހަގަކުރައްވާފައެވެ.
މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި އެރަށުގެ ތަރައްޤީގެ މަސައްކަތްތައް ތަރުތީބުކުރުމުގައި އެންމެ އިސްކަން ދެއްވާނީ ބަނދަރު ބޭނުންކުރުމުގައި ކުރިމަތިވާ ދަތިތަކަށް ޙައްލެއް ހޯދައިދެއްވުމަށްކަމަށާއި އަދި ސަރުކާރުން އެކަން ގާތުން ބައްލަވަމުން ގެންދަވާނެކަމުގައި ވިދާޅުވިއެވެ. މީގެ އިތުރުން ރައީސުލްޖުމްހޫރިއްޔާ ވަނީ އެރަށުގެ ތަރައްޤީއަށް ކުރިޔަށްދާ މުހިންމު މަޝްރޫޢުތަކުގެ އެންމެފަހުގެ މަޢުލޫމާތު ކައުންސިލާ ޙިއްޞާކުރައްވާފައެވެ. އަދި ކައުންސިލަރުން ފާހަގަކުރެއްވި އިތުރު ކަންކަމުގައި ކަމާބެހޭ ސަރުކާރުގެ އިދާރާތަކާ މަޝްވަރާކުރައްވާނެ ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.