ރައީސުލްޖުމްހޫރިއްޔާގެ އޮފީހާއި، ސިވިލް ސަރވިސް ޓްރޭނިންގ އިންޓިޓިއުޓްއާ ގުޅިގެން ހިންގާ "އެގްޒެކެޓިވް އެންހާންސްމަންޓް އެންޑް އެންރިޗްމަންޓް ޕުރޮގުރާމު 2021–2023" ގެ ދަށުން ކުރިއަށްގެންދާ ސިލްސިލާ ލެކްޗަރތަކާއި، ތަމްރީނު ޕުރޮގުރާމުތަކުގެ ދަށުން، މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގެ އެހީތެރިކަމާ އެކު ޔުނައިޓެޑް ނޭޝަންސް ޑިވެލޮޕްމަންޓް ޕުރޮގުރާމު (ޔޫ.އެން.ޑީ.ޕީ) އާ ގުޅިގެން "ވިޝަނިންގ ފޮރ މޯލްޑިވްސް ލީޑަރޝިޕް ޑައިލޮގްސް،" މި ނަމުގައި ކުރިއަށް ގެންދާ ސިލްސިލާ ވެބިނަރ ޕުރޮގުރާމުގެ ދެވަނަ ސެޝަން 2020 ޖޫން 1 ވަނަ ދުވަހު ވަނީ ބާއްވާފައެވެ. ޒޫމް މެދުވެރިކޮށް ބޭއްވި މި ސެޝަންގެ މައުޟޫޢަކީ "ޑޭޓާ ފޮރ ޕޮލިސީ، ހާނެސިންގ ދަ ޕޮޓެންޝަލް އޮފް ޑޭޓާ ފޮރ އެވިޑެންސް ބޭސްޑް ޕޮލިސީ މޭކިންގ" އެވެ.

ސަރުކާރުގެ މުއައްސަސާތަކުގެ އިސް މަޤާމުތަކަށް ޢައްޔަންކުރައްވާފައިވާ ފަރާތްތަކާއި، އެ މުއައްސަސާތަކުގައި މަސައްކަތްކުރައްވާ ސިވިލް ސަރވިސްގެ މުވައްޒަފުންނާއި، ދައުލަތުގެ މުއައްސަސާތަކާއި، ކުންފުނިތަކާއި، ސިޓީ ކައުންސިލްތަކާއި، އަތޮޅު ކައުންސިލްތަކާއި، ރީޖަނަލް ހޮސްޕިޓަލުތައް ހިމެނޭގޮތަށް 270 އަށްވުރެ ގިނަ ބައިވެރިންނާ އެކު ކުރިއަށް ގެންދެވި ވެބިނަރ ފަށްޓަވައިދެއްވުމުގެ ގޮތުން ވާހަކަފުޅު ދެއްކެވީ މިނިސްޓަރ އޮފް ހަޔަރ އެޑިޔުކޭޝަން ޑޮކްޓަރ އިބްރާހީމް ޙަސަނެވެ. މި ވެބިނަރ ފެސިލިޓޭޓް ކޮށްދެއްވީ ޔޫ.އެން.ޑީ.ޕީ.އިން ކަނޑައެޅުއްވި ކަމާބެހޭ ދާއިރާގެ ފަންނީ މާހިރުން ކަމުގައިވާ އެލެކްސެންޑްރޫ އޮޕްރުނެންކޯ، އާސްތާ ކަޕޫރު އަދި ސަންޔުކްތާ ސަމައްދަރުއެވެ. ވެބިނަރގެ މަޝްވަރާ ސެޝަން މޮޑަރޭޓް ކުރެއްވީ ރާއްޖޭގައި ހުންނަވާ ޔޫ.އެން.ޑީ.ޕީ.ގެ ރެސިޑެންޓް ރެޕްރެޒެންޓޭޓިވް އެންރިކޯ ގަވެގްލިއާ އެވެ.

އެގްޒެކެޓިވް އެންހާންސްމަންޓް އެންޑް އެންރިޗްމަންޓް ޕުރޮގުރާމުގެ ދަށުން ޔޫ.އެން.ޑީ.ޕީ.އާ ގުޅިގެން މި ފަދަ އިތުރު ޕުރޮގުރާމުތަކެއް ކުރިއަށް ގެންދިއުމަށް ވަނީ ރޭވިފައެވެ. އަދި، ކަމާބެހޭ ދާއިރާތަކުގެ ފަންނީ ބޭފުޅުންގެ އެހީތެރިކަމާ އެކު ހިންގުމުގެ ދާއިރާގެ އިސް މަޤާމުތަކަށް ޢައްޔަންކުރައްވާފައިވާ ފަރާތްތަކަށާއި، ސަރުކާރުގެ އެކި މުއައްސަސާތަކުގައި މަސައްކަތްކުރައްވާ ފަންނީ މުވައްޒަފުންނަށް އަމާޒުކޮށްގެން މި ފަދަ ޕުރޮގުރާމުތަކެއް ކުރިއަށް ގެންދިޔުމަށްވަނީ ރޭވިފައެވެ. އެގްޒެކެޓިވް އެންހާންސްމަންޓް އެންޑް އެންރިޗްމަންޓް ޕުރޮގުރާމަކީ، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، 2021 ޑިސެންބަރު 29 ވަނަ ދުވަހު އިފުތިތާޚުކޮށްދެއްވާފައިވާ ޕުރޮގުރާމެކެވެ.