ޣިޔާޘުއްދީން ސްކޫލް ޕްރައިވަޓައިޒް ކުރެއްވުމަށްޓަކައި ޚިދުމަތް ދެއްވާ ފަރާތްތަކާއެކު އެކަމުގެ އެއްބަސްވުމުގައި މިއަދު ސޮއިކުރައްވައިފިއެވެ.

މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ރަސްމިއްޔާތުގައި، މިއެއްބަސްވުމުގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ، މިނިސްޓަރ އޮފް އެޑިޔުކޭޝަން ޑޮކްޓަރ މުސްޠަފާ ލުތުފީއެވެ. ޝްރީ އެޑިއުކެއަރ ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ސޮއިކުރެއްވީ، މިސްޓަރ ކަރްތިކެޔާ ބާރަތް ރާމެވެ.

މިރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ދެއްކެވި ވާހަކަފުޅުގައި، ސަރުކާރުގެ އަމާޒަކީ ރާއްޖޭގެ ދަރިވަރުންނަށް ރަނގަޅު ތަޢުލީމެއް ދެއްވުން ކަމަށާއި، އެކަން އެހެން ކުރެއްވުމަށްޓަކައި ސަރުކާރުން އެކަށައަޅުއްވާ ވިސްނުންތައް ތަންފީޒުކުރައްވަމުން ގެންދަވާ ކަމުގައި ވިދާޅުވިއެވެ. އަދި، ރާއްޖޭގައި އޯލެވެލް އިމްތިހާނު ހަދާ ދަރިވަރުންގެ 60 އިންސައްތަ ދަރިވަރުން ހުރިހާ މާއްދާއަކުން އެންމެ ދަށްވެގެން "ސީ" ފާސް ހޯދުމަކީވެސް ސަރުކާރުގެ އަމާޒެއް ކަމުގައި ރައީސް ވިދާޅުވިއެވެ.

ރަނގަޅު ތަޢުލީމެއް ފޯރުވައިދިނުމަށް، ތަޢުލީމަށް ކުރާ ހޭދަ އިތުރުކުރައްވަން ޖެހިފައިވާކަން ފާހަގަކުރައްވަމުން، މިކަން ކުރެވެން އޮތީ ރާއްޖޭގެ ދަރިވަރުންގެ ތެރެއިން ކޮންމެވެސް މިންވަރެއްގެ ދަރިވަރުންނަކީ ފީދައްކައިގެން ތަޢުލީމު ހާޞިލުކުރާ ދަރިވަރުންނަށް ވެގެން ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. މިމޭރުމުން ވާހަކަފުޅު ދައްކަވަމުން، ޣިޔާޘުއްދީން ސްކޫލަކީ، ސަރުކާރުގެ ޕްރައިވަޓައިޒޭޝަން ސިޔާސަތުގެ ދަށުން ޕްރައިވަޓައިޒް ކުރެވޭ ފުރަތަމަ ސްކޫލް ކަމަށާއި، ސަރުކާރުގެ އަމާޒަކީ، މިފަދަ ސްކޫލްތައް އިތުރުކުރެއްވުން ކަމުގައި ވިދާޅުވިއެވެ. މިކަމުގެ ސަބަބުން ރާއްޖެއިން ބޭރަށް ނުގޮސް، ރާއްޖޭގައި ތިބެގެން ރަނގަޅު ފެންވަރުގެ ތަޢުލީމެއް ދިވެހި ދަރިވަރުންނަށް ލިބިގެންދާނެކަމަށް އުންމީދުކުރައްވާ ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

މިއަދުގެ ޖަލްސާގައި މިނިސްޓަރ އޮފް އެޑިޔުކޭޝަން ޑޮކްޓަރ މުސްޠަފާ ލުޠުފީ ދެއްކެވި ވާހަކަފުޅުގައި، މިފަދަ ސްކޫލްތަކުގެ ސަބަބުން ރާއްޖޭގެ ރައްޔިތުންނަށް ތަޢުލީމުގެ ތަފާތު ފުރުސަތުތައް ހުޅުވިގެންދާނެ ކަމުގައި ވިދާޅުވިއެވެ.

މިރަސްމިއްޔާތުގައި، މިނިސްޓަރ އޮފް ސިވިލްއޭވިއޭޝަން އެންޑް ކޮމިއުނިކޭޝަން މަޙްމޫދު ރާޒީއާއި ޝްރީ އެޑިއުކެއަރ ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ކަރްތިކެޔާ ބާރަތް ރާމް ވާހަކަދެއްކެވިއެވެ.