ސަރުކާރުގެ އަމާޒަކީ އިޢާދަކުރަނިވި ހަކަތައިގެ ޓެކްނޮލޮޖީ ފެންނަން ހުންނަ ޝޯކޭހެއްގެ ގޮތުގައި ދުނިޔެއަށް ރާއްޖެ ހުޅުވާލެއްވުން ކަމުގައި ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ "ގާފަރު ވިންޑް ފާރމް" މަޝްރޫޢު ފެށްޓެވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، މިފަދަ މަޝްރޫޢުތައް ފެށްޓެވުމުގެ ބޭނުންފުޅަކީ، އިޢާދަކުރަނިވި ހަކަތައާބެހޭ މަޝްވަރާތަކާއި، ޖަލްސާތަކާއި، ވިޔަފާރީގެ މުޢާމަލާތްތަކުގައި އެންމެ ކުރިއަރާފައިވާ ޤައުމަކަށް ރާއްޖެ ހެދުން ކަމުގައި ވިދާޅުވިއެވެ. އަދި ދުނިޔޭގައިވާ ކާބަން ނިއުޓްރަލް އެންމެ ފުރަތަމަ ޤައުމަކަށް ރާއްޖެ ހެދުމުގެ މަޤްޞަދުގެ ތެރޭގައި މިބާވަތުގެ ކަންތައްތައް ފަހިވާނެ ކަމަށާއި، ރާއްޖެއަށް މިކަންކަން ޙާޞިލުވާނެ ކަމުގެ އުންމީދު އެބައޮތް ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ކަރަންޓުގެ ޚިދުމަތަކީ ތަރައްޤީއާ ވަރަށް ބޮޑަށް ގުޅުންހުރިކަމެއްކަން ފާހަގަކުރައްވަމުން، އިޢާދަކުރަނިވި ހަކަތަ ބޭނުންކޮށްގެން މިހާރަށްވުރެ ހެޔޮއަގުގައި ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދެވޭނެ ކަމަށް ޤަބޫލުފުޅު ކުރައްވާކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. މިގޮތުން، މިއަދު މިފެށުނު ގާފަރު ވިންޑް ފާރމްގެ މަޝްރޫޢުގެ އިތުރުން، އިރާދަކުރެއްވިއްޔާ ކުރިއަށް އޮތް ހަފްތާގެ ތެރޭގައި އައްޑުއަތޮޅުގައި 25 މެގަވޮޓްގެ ކަރަންޓު އުފައްދާ ވިންޑް މިލް ބެހެއްޓުމުގެ އެއްބަސްވުމުގައި ސޮއިކުރެވޭނެ ކަމުގައިވެސް ވިދާޅުވިއެވެ.

"ގާފަރު ވިންޑް ފާރމް" މަޝްރޫޢަކީ ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީއާއި ފެލްކަން އެނަރޖީއާއެކު ވެވިފައިވާ އެއްބަސްވުމެއްގެ ދަށުން، ވައި ބޭނުންކޮށްގެން 75 މެގަވޮޓްގެ ކަރަންޓު އުފެއްދުމަށް ފަށްޓަވާ މަޝްރޫޢެކެވެ. މި ވިންޑް ފާރމްއިން، މާލެއާއި، ހުޅުލޭ ބައިނަލްއަޤްވާމީ ވައިގެ ބަނދަރާއި އަދި އެސަރަހައްދުގައިވާ ރިޒޯޓްތަކަށް ސާފު ކަރަންޓް އުފައްދައިދޭނެއެވެ.

މިމަޝްރޫޢު މުޅިން ފަށައިގަނެވުމުން، މާލެއަތޮޅުގެ އުތުރު ސަރަހައްދުގައިވާ މީހުން ދިރިއުޅޭ ރަށްތަކުގައި މިހާރު މިގެންގުޅޭ ޑީޒަލް އިންޖީނުތަކުގެ ބަދަލުގައި، ބޭނުންކުރެވޭނީ ތިމާވެށްޓާ ރަޙްމަތްތެރި ހަކަތައިގެ ވަސީލަތެކެވެ.

މިއަދުގެ ރަސްމިއްޔާތު ތަޢާރުފު ކޮށްދެއްވުމުގެ ގޮތުން، ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ ޑޮކްޓަރ ޒައިދު މުޙަންމަދު ދެއްކެވި ވާހަކައިގައި، ކަރބަން ނިއުޓްރަލް ޤައުމަކަށް ރާއްޖެ ހެއްދެވުމަށް ސަރުކާރުން ކުރައްވާ މަސައްކަތްޕުޅުތަކަށް ސްޓެލްކޯގެ އެހީތެރިކަމާއި އެއްބާރުލުން ލިބެމުންދާނެ ކަމުގައި ވިދާޅުވިއެވެ.

މިރަސްމިއްޔާތުގައި ޝުކުރު ދެންނެވުމުގެ ގޮތުން ވާހަކަފުޅު ދެއްކެވީ، މިނިސްޓަރ އޮފް ސްޓޭޓް ފޮރ ހޯމްއެފެއާޒް މުޙަންމަދު ނަޢީމެވެ.