ކައުންސިލުތަކުން އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީތަކަށް މިހާރަށްވުރެ ބޮޑަށް އެއްބާރުލުންދީ އެހީތެރިކަން ފޯރުކޮށްދެއްވުމަށް ކައުންސިލަރުންގެ ކިބައިން ރައީސުލްޖުމްހޫރިއްޔާ އެދިވަޑައިގެންފިއެވެ.

ރައީސުލްޖުމްހޫރިއްޔާ މިކަމަށް އެދިވަޑައިގެންނެވީ މިއަދު ވިއަވަތި ރާއްޖެ ކޮންފަރެންސްގެ ތިން ވަނަ ސެޝަން ޗެއަރކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ. އެމަނިކުފާނު ވަނީ އ.ތ.މ ކޮމެޓީތަކަށް ކައުންސިލު އިދާރާތަކުން ޖާގަހަމަޖައްސައިދިނުމުގައި ބައެއް ކައުންސިލުތަކުން ފަސްޖެހޭކަމުގެ ޝަކުވާ މަދުންނަމަވެސް ލިބޭކަން ފާހަގަކުރައްވައި އެގޮތަށް ކައުންސިލަކުން އެކަންކުރެވިފައި އޮތް ނަމަވެސް މިހާރުން މިހާރަށް އެކަން ބަދަލުކުރައްވައި ކައުންސިލަށް އޮތް ޖާގައެއްގެ ތެރެއިން އ.ތ.މ ކޮމެޓީއަށް ޖާގަ ހަމަޖައްސައިދެއްވުމަށް އެދިވަޑައިގަންނަވާފައެވެ.

ރައީސުލްޖުމްހޫރިއްޔާ ޗެއަރ ކުރެއްވި މި ސެޝަންގައި ޕެނަލިސްޓުންގެ ގޮތުގައި މިނިސްޓަރ އޮފް ޑިފެންސް، އަލްއުސްތާޛާ މާރިޔާ އަޙްމަދު ދީދީއާ މިނިސްޓަރ އޮފް ފިނޭންސް، އިބްރާހިމް އަމީރާއި މިނިސްޓަރ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސް ޢާއިޝަތު މުޙައްމަދުދީދީއާއި ލޯކަލް ގަވަރމަންޓް އޮތޯރިޓީގެ ސީއީއޯ، ފާތުމަތު އަފްޝަން ލަތީފާއި، ރައްޔިތުންގެ މަޖިލީހުގެ ލާމަރުކަޒީ ކޮމިޓީގެ މެންބަރު، ތުޅާދޫ ދާއިރާގެ މެންބަރު އަލްއުސްތާޛާ ޙިސާން ޙުސެއިން ބައިވެރިވެވަޑައިގެންނެވިއެވެ.

މި ސެޝަން ފަށްޓަވައިދެއްވަމުން ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި އ.ތ.މ ކޮމެޓީތައް އިންތިޚާބުކުރާ ގޮތަށް ކަނޑައަޅައި އެކޮމެޓީއަކީ ހިންގުންތެރި މަސައްކަތްތަކެއް ކުރެވޭގޮތަށް ސަރުކާރުން ބަދަލުތައް ގެންނަވާފައި ވީނަމަވެސް އަދިވެސް ބައެއް ކައުންސިލުތަކުން އ.ތ.މ ކޮމެޓީއަށް ދެއްވަންޖެހޭ އެއްބާރުލުން ދެއްވަމުން ނުދާކަން ފާހަގަކުރެއްވިއެވެ.

މި ސެޝަންގައި ވެސް "ފަނޯއްލަ" ދަރުބާރުގައި މަޝްވަރާކުރެވިފައިވާ ކަންކަމުގެ ތެރެއިން އަންހެނުންގެ ތަރައްޤީއާ އަންހެނުން ބާރުވެރިކުރުވުމާ ގުޅޭގޮތުން ފާހަގަކުރައްވާ ކަންކަމާ ގުޅޭގޮތުން ޕްރެޒެންޓޭޝަން ހުށަހެޅުމާ އަދި އ.ތ.މ ކޮމެޓީތަކުގެ ރައީސުން ފާހަގަކުރައްވަން ބޭނުންވެލައްވާ އިތުރު ކަންކަން ފާހަގަކުރެއްވުމަށް ފުރުޞަތު ދެއްވިއެވެ

އ.ތ.މ ކޮމެޓީން ފާހަގަކުރެއްވި ކަންކަމާބެހޭގޮތުން ރައީސުލްޖުމްހޫރިއްޔާ ވާހަކަފުޅު ދައްކަވަމުން އ.ތ.މ ކޮމެޓީތަކުން ފާހަގަކުރެއްވި ކަންކަމުގެ ތެރެއިން އެންމެބޮޑަށް އެ ކޮމެޓީތަކަށް ކުރިމަތިވާ އެއް ކަމަކީ މާލީ ދަތިތައްކަން ފާހަގަކުރެއްވިއެވެ. އެ ގޮތުން ކައުންސިލްތަކަށް ދޭ ބްލޮކް ގްރާންޓްގެ ތެރެއިން މިހާރު އ.ތ.މ ކޮމެޓީތަކަށް ކަނޑައަޅާފައިވާ 5 އިންސައަށްވުރެ އިތުރަށް ފައިސާ ކޮމެޓީތަކަށް ބޭނުންވާކަމާއި ޕާޓްޓައިމް ވަޒީފާއެއްގެ ގޮތުގައި އ.ތ.މ ކޮމެޓީތަކުގެ މެންބަރުން ތިބުމުން ކުރިމަތިވާ ދަތިތައްފަދަ ކަންކަމުގައި އެކަންކަން ކުރެވެންއޮތް ގޮތަކާމެދު މަޝްވަރާކޮށް ގޮތްތަކެއް ހޯއްދެއްވުމަށް މަސައްކަތްކޮށްދެއްވާނެކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ

ވިއަވަތި ރާއްޖެ ކޮންފަރެންސް ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ އެމަނިކުފާނުގެ ސަރުކާރުން އަންހެނުން ބާރުވެރިކުރުމަށް ގެންނަވާފައިވާ ބައެއް ބަދަލުތައް ފާހަގަކުރައްވާފައެވެ. އެގޮތުން ލޯކަލް ކައުންސިލްތަކުގެ 33 އިންސައްތަ ޙިއްޞާ އަންހެނުންނަށް ޚާއްޞަކޮށް ސަރުކާރުން ގެންނެވި ބަދަލާއެކު ޖުމްލަ 388 އިންތިޚާބީ އަންހެން ކައުންސިލަރުން މިހާރު ރާއްޖޭގައި ތިބިކަން ފާހަގަކުރެއްވިއެވެ. މީގެ އިތުރުން އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކަކީ، ރައްޔިތުންގެ ވޯޓާއެކު އިންތިޚާބު ކުރެވޭ ބަޔަކަށް ބަދަލުކުރުންފަދަ ސަރުކާރުން ގެންނެވި މުހިންމު ބަދަލުތަކާއެކު ޤައުމުގެ ކަންކަމުގައި އަންހެނުން ޙިއްޞާވާ މިންވަރު އިތުރުވެފައިވާކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރައްވާފައިވެއެވެ.

މި ސެޝަން ފެށުމުގެ ކުރިން މޫސުމީ ބަދަލުތަކާ ގުޅިގެން ކާރިސާތަކުން ލިބޭ ގެއްލުން ކުޑަކުރުމަށް އިޖްތިމާޢީ ވިލުންގެ ނަމުގައި ޕްރެޒެންޓޭޝަނެއް ހުށަހަޅާފައިވެއެވެ. މި ޕްރެޒެންޓޭޝަނުގައި މޫސުމަށް އަންނަ ބަދަލުތަކާއި އެ ބަދަލުތަކާއި ގުޅިގެން ރާއްޖެފަދަ ކުދި ޖަރީޒާ ޤައުމުތަކަށް ކުރާ ނޭދެވޭ އަސަރުތަކާއި މޫސުމީ ބަދަލުތަކަށް ހޭނި ވިލުންތެރިކަން އިތުރުކުރުމަށް ކުރަންޖެހޭ މަސައްކަތްތަކުގެ މައްޗަށް އަލިއަޅުވާލާފައިވެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އިސްނެންގެވުމުގެ މަތިން އިންތިޒާމުކޮށް ބާއްވަވާ ވިއަވަތި ރާއްޖެ ކޮންފަރެންސް މިއަހަރު  ބާއްވަނީ 3 ސަރަޙައްދަކަށް ބަހާލައިގެން ކޮންމެ ސިޓީ ކައުންސިލަކާއި އަތޮޅު ކައުންސިލަކާއި ރަށު ކައުންސިލަކާއި އ.ތ.މ ކޮމެޓީން ބައިވެރިވާގޮތަށެވެ. މިގޮތުން މި އަހަރު ބާއްވާ ފުރަތަމަ ކޮންފަރެންސް އަކީ މެދުރާއްޖެތެރޭގެ އަތޮޅު ތަކަށް އަމާޒުކޮށް އއ. އުކުޅަހުގައި ކުރިޔަށްދާ މި ކޮންފަރެންސްއެވެ. މި ކޮންފަރެންސްގައި ރައީސުލްޖުމްހޫރިއްޔާގެ އިތުރުން ވަޒީރުންނާއި އެކި މުވައްސަސާތަކުގެ ޓެކްނިކަލް ބޭފުޅުންނާއި މޭޔަރުންނާއި ކައުންސިލް ރައީސުންނާއި އ.ތ.މ ކޮމެޓީތަކުގެ ރައީސުން ބައިވެރިވެވަޑައިގަންނަވައެވެ.