بِسْمِ ٱللّٰهِ ٱلرَّحْمٰنِ ٱلرَّحِيمِ‎

اللهُ سُبْحَانَهُ وَتَعَالَىގެ ޙަޟްރަތަށް ޙަމްދާއި ޝުކުރު ކުރަން. މި އުންމަތުގެ މާތް ނަބިއްޔާ مُحَمَّدُ رَسُوْلُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ އަށް ޞަލަވާތާއި ސަލާމް ލެއްވުން އެދި ދުޢާކުރަން. މި ޞަލަވާތާއި ސަލާމުގައި އިތުރު އެކަލޭގެފާނުގެ އާލު އަޞްޙާބުން ޝާމިލުކުރަން.

ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް، އެމް.ޑަބްލިޔޫ.އެސް.ސީ.ގެ މެނެޖިންގ ޑިރެކްޓަރ ޙަސަން ޝާހު، ޗެއަރމަން އަޙްމަދު މަޢުޞޫމް، ދައުލަތުގެ ވަޒީރުން، ކުންފުނީގެ ހުރިހާ މުވައްޒަފުން، ހާޒިރުވެވަޑައިގެން ތިއްބެވި އެންމެހައި ބޭފުޅުން؛

السَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.

މިރެއަކީ އެމް.ޑަބްލިޔޫ.އެސް.ސީ.ގެ ޢާއިލާއަށް ވަރަށް އުފާވެރި ރެޔެއް. މި ކުންފުންޏަށް 27 އަހަރު ފުރި، މިހާރު ގުނަމުން މިދަނީ 28 ވަނަ އަހަރު. އެހެންކަމުން، ކުންފުނީގެ ބޯޑުގެ މެމްބަރުންނަށާއި، ހުރިހާ މުވައްޒަފުންނަށް ވަރަށް އިޚްލާޞްތެރިކަމާއެކު، ތަހުނިޔާ ދަންނަވައި ހެޔޮއެދުންތައް ފޮނުވަން. އަދި މި ކުންފުނީގައި ޚިދުމަތް ކުރައްވައި، މިހާރު ވަކިވެވަޑައިގެންފައިވާ ހުރިހާ ބޭފުޅުންނަށްވެސް އަޅުގަނޑު ޝުކުރު ދަންނަވަން. އަދި މިރޭ އެކިއެކި އެވޯޑުތައް ހާސިލުކުރެއްވި ހުރިހާ މުވައްޒަފުންނަށް މަރުޙަބާ ދަންނަވަން.

އެނގިވަޑައިގަންނަވާނެ، މި ކުންފުންޏަކީ ރައްޔިތުންގެ ވަރަށް މުހިންމު އިންސާނީ ދެ ޙައްޤަކާ ގުޅޭގޮތުން، 1995 ވަނަ އަހަރު ދިވެހި ސަރުކާރުން އުފެއްދި ކުންފުންޏެއް. ފުރަތަމަ ޙައްޤަކީ ސާފު ބޯފެނުގެ ޚިދުމަތް ފޯރުކޮށްދިނުން. ދެވަނަ ޙައްޤަކީ ރައްކާތެރި ނަރުދަމާ ނިޒާމެއްގެ ޚިދުމަތް ރައްޔިތުންނަށް ލިބިދިނުން.

އަޅުގަނޑުމެންގެ މި ވެރިކަން ފެށުނީ، މި ދެންނެވި ދެ ޚިދުމަތް ލިބިދިނުމުގެ މަސައްކަތް، މި ކުންފުނިން ކުރަމުންދާތާ 23 އަހަރު ފުރުނު ފަހުން. އެހެން ނަމަވެސް، ރައްޔިތުން އަޅުގަނޑުމެންނާ ވެރިކަން ޙަވާލުކުރިއިރުވެސް، ރާއްޖޭގައި މީހުން ދިރިއުޅޭ ރަށްތަކުގެ ތެރެއިން 70 އިންސައްތަ ރަށުގައި، ސާފު ބޯފެނާއި ނަރުދަމާގެ ޚިދުމަތް އަދި ނުލިބޭ. އޭރު ސާފު ބޯފެނުގެ ޚިދުމަތް ލިބެންހުރީ އެންމެ 34 ރަށުގައި. ނަރުދަމާ ނިޒާމު ޤާއިމުކޮށްފައި އޮތީ އެންމެ 66 ރަށުގައި.

މި ކުންފުނީގެ މައިގަނޑު މަސައްކަތަކީ، މި ދެންނެވި ދެ ޚިދުމަތް އެންމެ ފުރިހަމަ ގޮތުގައި ރައްޔިތުންނަށް ފޯރުކޮށްދިނުން. ޙަޤީޤަތުގައި މި ކުންފުންޏަކީ ވިޔަފާރިއަށްވުރެ ބޮޑަށް ރައްޔިތުންނަށް ޚިދުމަތް ދޭ ކުންފުންޏެއް. އަޅުގަނޑުމެންނަށް ކުރެވޭ ތަޖުރިބާއަށް ބަލާއިރު ދަންނަވަން ޖެހެނީ، މި ކުންފުނިން އެ ދެ ޚިދުމަތް ދެމުން އަންނަނީ، ރައްޔިތުން ބަލައިގަންނަ އަދި ހިތްހަމަޖެހޭ ފަދަ ގޮތަކަށޭ.

އިތުބާރު ހުރި ގޮތެއްގައި ޚިދުމަތް ދިނުމަށް، މި ކުންފުނީގެ ބޯޑު މެމްބަރުންނާއި މެނޭޖްމަންޓުން ކުރާ މަސައްކަތްތައް ފާހަގަކޮށް، ރައްޔިތުންގެ ނަމުގައި އަޅުގަނޑު ތިޔަ ހުރިހާ ބޭފުޅުންނަށް އަދިވެސް އެއްފަހަރު ޝުކުރު ދަންނަވަން. ރައްޔިތުންގެ އިތުބާރު ހޯދިފައިވަނީ، މަސައްކަތަށް ވަރަށް ފަރުވާތެރި އަދި އިޚްލާޞްތެރި މުވައްޒަފުންތަކެއް ތިބީމާކަން އަޅުގަނޑަށް ޔަޤީން. މުވައްޒަފުންގެ ފަރުވާތެރިކަން އުފެދިގެން އަންނަނީ، މަސައްކަތުގެ މާޙައުލާމެދު މުވައްޒަފުން ހިތްހަމަޖެހޭތީ.

މި ކުންފުނީގެ ހިސާބުތަކަށް ބަލާއިރު، މިހާރުވެސް 1275 މުވައްޒަފުން، މި ކުންފުނީގައި މަސައްކަތް އެބަ ކުރޭ. އޭގެ ތެރެއިން މިވަގުތު ތިބީ ހަމައެކަނި 112 އަންހެން މުވައްޒަފުން. މިއީ އަޅުގަނޑުމެން ވިސްނާލަންޖެހޭ ކަމެއް. އަންހެނުން ބާރުވެރިކުރުމަށްޓަކައިވެސް، ރައްޔިތުންގެ އިތުބާރު ހޯދާފައިވާ މިފަދަ ކުންފުންޏެއްގައި، އިތުރު މަސައްކަތްތަކެއް އަދި ކުރަން އެބަޖެހޭ. ޓާގެޓްތައް ކަނޑައަޅަންވީ. އިތުރު ޕްލޭންތަކެއް ރާވަންވީ. އެއާއެކީގައި، އަޅުގަނޑު ހިތުން ބޮޑު ބަދަލުތަކެއް، ކުރިއަށް އޮތް ތަނުގައި އަދި ގެނެވޭނެ. އަޅުގަނޑު އެދެނީ އެކަމަށް އެމް.ޑަބްލިޔޫ.އެސް.ސީ.ގެ މެނޭޖްމަންޓުން ވިސްނަވައި، ކުރިއަށް އޮތް ތަނުގައި ގޮތްތަކެއް ހޯއްދަވައިދެއްވުން.

ޚާއްޞަ އެހީއަށް ބޭނުންވާ ބޭފުޅުންވެސް ކޮންމެވެސްވަރަކަށް މި ކުންފުނީގައި އެބަ މަސައްކަތް ކުރޭ. މިވަގުތު 18 މުވައްޒަފަކު އެބަ މަސައްކަތް ކުރޭ. އަދި މިހާރުވެސް އިތުރަށް ތިން ބޭފުޅަކަށް ވަޒީފާ ހަމަޖެއްސުމުގެ މަސައްކަތް އެބަ ކުރައްވާ. މިއީ ވަރަށް ރަނގަޅު ކަމެއް. އަޅުގަނޑުގެ އެދުމަކީ، އެމް.ޑަބްލިޔޫ.އެސް.ސީ.އާއި އަދި ސަރުކާރުގެ އެހެން ކުންފުނިތަކުން މިކަމުގައި އިތުރަށް ވިސްނަވައި، އިތުރު ފުރުޞަތުތައް، ޚާއްޞަ އެހީއަށް ބޭނުންވެފައި ތިބި ފަރާތްތަކަށް ފޯރުކޮށްދިނުން.

ހިންގުމުގެ ދާއިރާއަށް ބަލާއިރުވެސް، އަދި މުވައްޒަފުންގެ ހިތްހަމަޖެހުމަށް ބެއްޔަސް، އެމް.ޑަބްލިޔޫ.އެސް.ސީ.އަކީ ރައްޔިތުންގެ އިތުބާރު ހޯދާފައިވާ ކުންފުންޏެއް. އެއީ އުފަލާއެކު އަޅުގަނޑު މިރޭ ފާހަގަކުރާ ކަމެއް. ކުންފުނީގެ މަސައްކަތް ފުޅާވަމުންދާއިރު، އިތުރު ވަޒީފާތަކަށް މީހުން ނެގުމުގައި، މި ދެންނެވި ކަންކަމަށް ކުންފުނީގެ ވިސްނުން އަމާޒު ކުރެއްވުމަކީ، ކުންފުނީގެ ކުރިމަގު އިތުރަށް އުޖާލާ ވެގެންދާނެ ކަމެއް.

ކުރިންވެސް ދެންނެވި ފަދައިން، މިއީ ރައްޔިތުންގެ އެންމެ ޒަރޫރީ ބޭނުންތަކާ ގުޅިފައިވާ ޚިދުމަތްތައް ދެމުން އަންނަ ކުންފުންޏެއް. މިހާރުގެ ޙާލަތަށް ބެއްޔަސް، ރާއްޖެއަށް ކުރިމަތިވެފައިވާ އެންމެ ދަތި މައްސަލައަކީ، ސާފު ބޯފެން ލިބެން ނެތުމުގެ މައްސަލައާއި، ރައްކާތެރި ނަރުދަމާ ނިޒާމެއް ނެތުމުގެ މައްސަލަ. މީގެ ފަންސާހަކަށް އަހަރު ކުރިން، ރާއްޖޭގެ ކޮންމެ ރަށެއްގެ ކޮންމެ ގެއެއްގެ ބިމުއަޑިއަކީ ބޯފެނުގެ ޚަޒާނާއެއް. ގިނަ ރަށްރަށުން އެ ޚަޒާނާ މިހާރު ހުސްވެއްޖެ. އަދި ތަޣައްޔަރުވެ ނަޖިސްވެއްޖެ.

މިއަދު އަޅުގަނޑުމެންނަށް ޖެހިފައި މިއޮތީ ސިނާއީ ގޮތުން ފެން އުފައްދަން. އެހެން ނަމަވެސް، ދުނިޔެ މިއަދު ކުރިމަތިލާން ޖެހިފައިވާ ތިމާވެށީގެ މައްސަލަތަކަށް ބަލާއިރު، ބޯފެން އުފެއްދުމުގައިވެސް ތިމާވެށްޓާ ރަޙްމަތްތެރި ގޮތްތަކެއް އަޅުގަނޑުމެން ހޯދަން އެބަޖެހޭ. ޑީސަލް އިންޖީނު ހިންގައިގެން، އެކަން ކުރުމުގެ ބަދަލުގައި، އިޢާދަކުރަނިވި ހަކަތަ ބޭނުންކޮށްގެން، ބޯފެން އުފެއްދޭނެ އިންތިޒާމުތަކެއް އެބަ ހޯދަންޖެހޭ.

މި އަހަރުގެ ބަޖެޓުގައިވެސް ތިމާވެށި ޙިމާޔަތް ކުރުމަށް، 1.5 ބިލިއަން ރުފިޔާ ސަރުކާރުން ކަނޑައަޅާފައި ވާނެ. އެ ފައިސާގެ ތެރެއިންވެސް އެންމެ ބޮޑު ބައެއް، އާދެ، ގާތްގަނޑަކަށް 836 މިލިއަން ރުފިޔާ ކަނޑައަޅާފައި އޮންނާނީ ނަރުދަމާ ނިޒާމު ޤާއިމުކުރުމަށް. އެ މަޝްރޫޢުތައް އަޅުގަނޑުމެން ކުރިއަށް ގެންދާނީ ތިމާވެށީގެ ރައްކާތެރިކަމަށް ވަރަށް ބޮޑަށް ވިސްނައިގެން، އެކަމަށް ސަމާލުކަންދީގެން.

އާދެ، އަޅުގަނޑުމެން ރައްޔިތުންނަށް ޚިދުމަތް ކުރުމާ ޙަވާލުވީ ވަރަށް މުހިންމު ވަޢުދުތަކަކާއެކު. އެ ވަޢުދުތައް މިއަދުވެސް އަޅުގަނޑުގެ ހަނދާނުގައި އެބަހުރި. އެއީ މި ވެރިކަމުގެ ފަސް އަހަރުގެ ތެރޭގައި، ރަށުގެ އާބާދީގެ ކުޑަބޮޑުމިނަށް ބެލުމެއްނެތި، ދެންމެ އެމް.ޑީ.ޝާހު ވިދާޅުވި ފަދައިން، އެއް އުޞޫލަކުން، ހުރިހާ ރަށެއްގައި، ސާފު ބޯފެނާއި ނަރުދަމާ ނިޒާމުތައް ޤާއިމުކޮށްދިނުން. އެކަމުގެ މަސައްކަތްތައް އެކި މަރުޙަލާތަކުގައި މިހާރުވެސް ހިނގަމުން އެބަދޭ.

މި ކުންފުންޏަކީވެސް، މި މުހިންމު ދެ ޚިދުމަތް ދިނުމަށް ވަރަށް ގިނަ މަޝްރޫޢުތަކެއް ހިންގާ ކުންފުންޏެއް. އެމް.ޑީ. ޝާހު ވިދާޅުވި ފަދައިން، ހިނގަމުންމިދާ 2022 ވަނަ އަހަރަކީ، މި ކުންފުނީގެ 27 އަހަރުގެ ޙަޔާތުގައިވެސް، ފެނާއި ނަރުދަމާގެ މަޝްރޫޢުތައް އެންމެ ގިނައިން މިކުންފުނިން ހިންގާ އަހަރު.

އެފަދަ މަޝްރޫޢުތަކެއް މިހާރުވެސް ރާއްޖޭގެ 31 ރަށެއްގައި، މި ކުންފުނިން ހިންގަމުން އެބަގެންދޭ. އެ 31 ރަށުގެ މަޝްރޫޢުތައްވެސް، އިރާދަކުރެއްވިއްޔާ މި ރިޔާސީ ދައުރު ނިމުމުގެ ކުރިން، މުޅިން ނިންމައި، ޚިދުމަތްތައް ދިނުމަކީ އަޅުގަނޑުމެންގެ އަމާޒު.

މި މުހިންމު ބަދަލާއެކު، ދިވެހިންގެ ދިރިއުޅުމަށް ވަރަށް ބޮޑު ހެޔޮ ބަދަލުތަކެއް އަންނާނެކަން ހަމަ ޔަޤީން. އެންމެ މުހިންމު ބަދަލަކީ، ނަޖިހުން ތަޣައްޔަރުނުވާ ފެނުން، ސާފުތާހިރުވުމުގެ ފުރުޞަތު ލިބުމާއެކު، ރައްޔިތުންގެ ޞިއްޙީ ދުޅަހެޔޮކަމަށް އަންނާނެ ހެޔޮ ބަދަލު. އެއީ އެތައް ބަލިތަކަކުން ދިފާޢުކޮށްދޭނެ ކަމެއް. އަދި ފެނަށް ޖެހުމުގެ މައްސަލައަށް ލިބޭނެ ދާއިމީ ޙައްލަކަށްވެސް ވެގެންދާނެ.

މި ބަދަލުތަކާއެކު ރާއްޖެ ދެން ކުރިމަތިލާނީ ތަރައްޤީގެ މުޅިން އައު ފިޔަވައްސަކާ. ރަށްރަށުގައި ބޯފެނާއި ނަރުދަމާގެ ޚިދުމަތް ޤާއިމުކުރުމަށް، ދައުލަތުގެ ބަޖެޓުން ކޮންމެ އަހަރަކު ކުރަމުން އެ އަންނަ ބޮޑެތި ޚަރަދުތައް، 2024 ވަނަ އަހަރުން ފެށިގެން ކުރާކަށް އޭރަކުން ދެން ނުޖެހޭނެ. ތަރައްޤީގެ އެހެން މަޝްރޫޢުތަކަށް އެ ފައިސާ ޚަރަދުކުރަން ހުންނާނެ.

މި ދެންނެވި، ރައްޔިތުންނަށް ބޭނުންވާ އެހެނިހެން އަސާސީ ޚިދުމަތްތަކާ ގުޅިފައިވާ މަޝްރޫޢުތައް، މިހާރަށްވުރެ ހަލުވި ދުވެއްޔެއްގައި އޭރުން ކުރިއަށް ގެންދެވޭނެ. ޞިއްޙީ ކަންކަމަށާއި، ތަޢުލީމީ ދާއިރާގެ ތަރައްޤީއަށާއި، ލުއިފަސޭހަ ދަތުރުފަތުރުގެ އިންތިޒާމުތައް ހަމަޖެއްސުމަށް، ދައުލަތުގެ ބަޖެޓުން އިތުރު ޚަރަދުތައް އޭރުން ކުރަން ޖާގަ ލިބިގެންދާނެ.

ތަރައްޤީގެ މިފަދަ މަޝްރޫޢުތަކުގެ ވާހަކަ ދައްކާއިރު، ދުނިޔޭގެ އިޤްތިޞާދަށް އަންނަމުންދާ ބަދަލުތަކާއި ގޮންޖެހުންތައްވެސް އަޅުގަނޑުމެންގެ ހަނދާނުގައި ބަހައްޓަންޖެހޭނެ. މިދިޔަ ދެ އަހަރު އުޅުނީ ކޯވިޑްގެ ތެރޭގައި. ވަރަށް ބޮޑެތި ގޮންޖެހުންތައް އަޅުގަނޑުމެންނާ ކުރިމަތިވި. މުޅި ދުނިޔެ ހުއްޓުމަކަށް އައުމާއެކު، ރާއްޖޭގެ އިޤްތިޞާދަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވި. އޭގެ އަސަރު އަޅުގަނޑުމެން ކޮންމެ މީހަކަށް ކުރި. މިއަދު އަޅުގަނޑުމެންނާ ކުރިމަތިލާން ޖެހިފައި މިވަނީ މުޅިން އެހެން ކަމެއް. އަޅުގަނޑުމެންނާ މާދުރުގައި ކުރަމުންދާ ހަނގުރާމައެއް ކަމުގައިވިޔަސް، ޔޫކްރޭނާއި ރަޝިޔާގައި އެ ކުރަމުންދާ ހަނގުރާމައިގެ އަސަރު އަޅުގަނޑުމެންނަށް އެބަ ކުރޭ. ދުނިޔޭގެ އިޤްތިޞާދަށް އޭގެ އަސަރު އެބަ ކުރޭ. އޭގެ ނުރަނގަޅު އަސަރު ރާއްޖެއަށް އެބަ ކުރޭ.

އެނގިވަޑައިގަންނަވާނެ، އަހަރު ފެށުނުއިރުގައި ރާއްޖެއަށް އެންމެ ގިނައިން ޓޫރިސްޓުން އަންނަމުން ދިޔައީ ރަޝިޔާއިން. އެހެންނަމަވެސް، މި ދެންނެވި ހަނގުރާމައާ ގުޅިގެން، ރަޝިޔާއިން ޓޫރިސްޓުން އައުން މުޅިން ހުއްޓުމަކަށް އައި. އަދި އޭގެއިތުރުން، ދުނިޔޭގައި ތެލުގެ އަގުބޮޑުވެ، އިތުރު ކޮމޮޑިޓީތަކުގެ އަގު، އެތައް ގުނައެއް އުފުލިގެންދިޔައީ. 70 ޑޮލަރަށް ހުރި ތެޔޮ ފީފާއެއް މިއަދު އެވްރެޖް ގޮތެއްގައި ހުރީ 115 ޑޮލަރަށް. ސަރުކާރުން އަންދާޒާކުރި ވަރަށްވުރެ އެތައް ގުނައެއް ބަޖެޓުން ތެލަށް ހޭދަކުރަން ޖެހިއްޖެ. ސަބްސިޑީގެ ގޮތުގައި އޭރު ކަނޑައަޅާފައި އޮތް ގާތްގަނޑަކަށް 400 މިލިއަން ރުފިޔާގެ ބަދަލުގައި މިއަދު ބިލިއަނެއްހާ ރުފިޔާ ބަޖެޓުން ހޭދަކުރަން ޖެހިއްޖެ.

އޭގެ އިތުރުން، އިމްޕޯޓްކުރާ އެހެން މުދާތައް ބަޖެޓުން އިތުރު ޚަރަދު ކުރަން ޖެހިއްޖެ. އަޅުގަނޑުމެންގެ އިޤްތިޞާދު އެހެން ނަމަވެސް، އިރާދަކުރެއްވީތީ އަމާޒުހުރީ ރަނގަޅަށް. ޓޫރިސްޓް އެރައިވަލް އިތުރު. އަމާޒުކުރި އާމްދަނީ، އަޅުގަނޑުމެން އަމާޒުކުރި ވަރަށްވުރެ އިތުރު. އެހެން ނަމަވެސް، މި ދެންނެވި ފަދައިން، ކުރަންޖެހޭ ޚަރަދު އިތުރުވުމުގެ ސަބަބުން އަޅުގަނޑުމެން މިވަނީ އެއާ ދޭތެރޭގައި ވިސްނަން ޖެހިފައި. މިއަދު ބޭއްވުނު އިކޮނޮމިކް ކައުންސިލްގެ ބައްދަލުވުމުގައި އެގޮތުން އަޅުގަނޑުމެން ފިޔަވަޅުތަކެއް އަޅަން ވަނީ ނިންމާފައި. އެގޮތުން އަޅުގަނޑުމެން ކުރިން ނިންމާފައި އޮތް ރިޒޯޓުތަކުން ނަގާ ލޭންޑް ރެންޓް ކުޑަކުރުމަށް ނިންމާފައި އޮތް ނިންމުން މިވަގުތަށް މަޑުޖައްސާލަން އަޅުގަނޑުމެން މިއަދު ވަނީ ނިންމާފައި. އެގޮތުން، ބަޖެޓަށް އުނިވެގެންދާނެ ބައި އިރާދަކުރެއްވިއްޔާ، ކަވަރުވެގެންދާނެ. އޭގެއިތުރުން، އިތުރު މެޝަރސްތަކެއް ނެގުމަށް މިއަދު އަޅުގަނޑުމެން ވާނީ ނިންމާފައި. އަދި ދައުލަތުގެ ދަރަނި ދެއްކުމަށްޓަކައި މިވަގުތު ކުރަންޖެހޭ ކަންތައްތައް، އިތުރު ފިޔަވަޅުތައް އަޅުގަނޑުމެން އަޅަމުން ގެންދާނެ ވާހަކަ ތިޔަބޭފުޅުންނަށް މި ފުރުޞަތުގައި އަޅުގަނޑު ދަންނަވާލަން.

ދަރަންޏަކީ އަބަދުވެސް ސަރުކާރަށް ނަގަމުން، ދައްކަމުންދާ އެއްޗެއް. އެގޮތުން، މި އަހަރު ދައުލަތުން ދައްކަންޖެހޭ ދަރަނި ދެއްކުމުގައި ދަތިކަމެއް ނެތް ވާހަކަ ތިޔަބޭފުޅުންގެ މަޢުލޫމާތަށްޓަކައި، ޔަޤީންކަމާއެކުގައި އަޅުގަނޑު ދަންނަވާލަން. އަދި ހަމަ އެއާއެކުގައި، ކުރިއަށް އޮތް އަހަރު، 2023 ވަނަ އަހަރު، 2024 ވަނަ އަހަރުވެސް އެކަމުގައި ދައްޗެއްނެތި އިރާދަކުރެއްވިއްޔާ، އަޅުގަނޑުމެން ބަޖެޓްކޮށްފައި އޮތްގޮތަށް އެކަން ކުރިއަށް ގެންދެވޭނެ ކަމުގެ ޔަޤީންކަން އަޅުގަނޑު ތިޔަބޭފުޅުންނަށް އަރުވަން.

އިޤްތިޞާދީ ގޮތުން ދަތިތަކެއް އެބަހުރި. އެހެން ނަމަވެސް، އެ ދަތިތަކާ އެކުގައި އަޅަންޖެހޭ ފިޔަވަޅުތައް އަޅައި، އިރާދަކުރެއްވިއްޔާ ރާއްޖޭގެ އިޤްތިޞާދަށް މި އަންނަ ކުރިއެރުމާ އެކީގައި ޚަރަދުތައް ކުޑަކޮށް، އަޅަންޖެހޭ ފިޔަވަޅުތަކާ އެކީގައި އަޅުގަނޑުމެން ކުރިއަށްދާނެ ވާހަކަ، މި ފުރުޞަތުގައި ރައްޔިތުންނަށް އަޅުގަނޑު އެ ޔަޤީންކަން އަރުވަން.

އާދެ، އަޅުގަނޑުގެ ވާހަކަ ނިންމާލަމުން، އަދިވެސް އެއްފަހަރު، އެމް.ޑަބްލިޔޫ.އެސް.ސީ.ގެ 27 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި، ބޯޑުގެ މެންބަރުންނަށާއި، ކުންފުނީގެ ހުރިހާ މުވައްޒަފުންނަށް އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަން.

وَالسَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.