މިހާރު ރާއްޖެ ވަޑައިގެން އުޅުއްވާ ފިންލޭންޑް ޕާލިމަންޓަރީ ވަފްދުގެ ބޭފުޅުންނާ ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު މިއަދު ބައްދަލުކުރައްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ހެނދުނު ބޭއްވެވި މިބައްދަލުކުރެއްވުމުގައި ރާއްޖެއާއި ފިންލެންޑާ ދެޤައުމުގެ ދެމެދުގައިވާ ގުޅުމާ ބެހޭގޮތުންނާއި، މޫސުމަށް އަންނަ ބަދަލުތަކާ ބެހޭގޮތުންނާއި އަދި މިނޫންވެސް އެކިއެކި ދާއިރާތަކާ ބެހޭގޮތުން މަޝްވަރާކުރެވުނެވެ.

މިބައްދަލުކުރެއްވުމުގައި، ރާއްޖެއަށް ޑިމޮކްރަސީ ގެންނެވުމަށް ކުރެވުނު މަސައްކަތްތަކާ ބެހޭގޮތުން ވަފްދުގެ ބޭފުޅުންނަށް ރައީސުލްޖުމްހޫރިއްޔާ މަޢުލޫމާތުދެއްވިއެވެ. މިގޮތުން، މިކަމަށް ބައިނަލްއަޤްވާމީ ތާއީދު ހޯއްދެވުމަށާއި އެއްވެއުޅުމުގެ ޙައްޤު ހޯދައިދިނުމަށް ވަރަށް ބޮޑެތި މަސައްކަތްތަކެއް ކުރެވުނު ކަމުގައި ރައީސް ވިދާޅުވިއެވެ. އަދި، ރާއްޖޭގައި ޑިމޮކްރަސީ އަށަގެންނެވުމަށް ވަރަށް ގިނަ މަސައްކަތްތަކެއް ކުރަންޖެހިފައިވާކަން ފާހަގަކުރައްވަމުން، ޤައުމީ ތަރައްޤީއަށާއި ފަރުދުންގެ މިނިވަންކަމަކީ ސަރުކާރުން ވަރަށްބޮޑަށް ބާރުއަޅުއްވާ ކަންތައްތަކެއް ކަމުގައި ރައީސް ވިދާޅުވިއެވެ.

ފިންލޭންޑް ޕާލިމަންޓަރީ ވަފްދުގެ ބޭފުޅުން ދެއްކެވި ވާހަކަފުޅުގައި، ލާމަރުކަޒީ ކުރެއްވުމަށް ސަރުކާރުން ގެންގުޅުއްވާ އުސޫލުތަކާ ބެހޭގޮތުން ރައީސުލްޖުމްހޫރިއްޔާ އަރިހުން އެބޭފުޅުން މަޢްލޫމާތު ހޯއްދެވިއެވެ. އަދި، ފިންލެންޑްފަދަ ނޯޑިކް ޤައުމުތަކުގައި ލާމަރުކަޒީ އުސޫލުގެ ވަރަށް ރަނގަޅު ނިޒާމެއް އޮންނަ ކަމުގައި ވިދާޅުވިއެވެ. ރާއްޖޭގައި ބޭއްވުނު މޫދުއަޑީގެ ވަޒީރުންގެ މަޖިލީހުގެ ޖަލްސާއަކީ މޫސުމަށް އަންނަ ބަދަލުތަކާ ބެހޭގޮތުން ދުނިޔޭގެ ސަމާލުކަން ހޯއްދެވުމަށް ކުރެވުނު ވަރަށް ރަނގަޅު ކަމެއް ކަންވެސް ވަފްދުގެ ބޭފުޅުން ފާހަގަކުރެއްވިއެވެ. އަދި، ކާބަން ނިއުޓްރަލްވުމަށް ރާއްޖެއިން ކުރަމުންދާ މަސައްކަތްތަކާބެހޭ ގޮތުގެ މަޢްލޫމާތު އެބޭފުޅުން އޮޅުންފިލުއްވިއެވެ.