އަޅުގަނޑުމެންގެ ރާއްޖެއަށް މިވަގުތު ޓެރަރިޒަމްގެ ބިރުވެރިކަމެއް ނެތްކަމަށް ކަށަވަރުވާ ކަމުގައި ރައިސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ، ދިވެހިރާއްޖޭގެ އަޑު މެދުވެރިކުރައްވައި އެމަނިކުފާނު މިއަދު ހެނދުނު ދެއްވި ހަފްތާގެ ރޭޑިޔޯ ޚިޠާބުގައި ވާހަކަފުޅު ދައްކަވަމުންނެވެ. މިރޮނގުން ވާހަކަފުޅު ދައްކަވަމުން، ދިވެހިރާއްޖެއަށް މިވަގުތު މިވަނީ މިދެންނެވި ބާވަތުގެ އެހީތެރިކަން ވަރަށް ރަނގަޅަށް އިންޑިއާ ސަރުކާރުންވެސް، އެމެރިކާ ސަރުކާރުންވެސް، އިނގިރޭސި ސަރުކާރުންވެސް އަދި ހަމަ ޕާކިސްތާނު ސަރުކާރުންވެސް ލިބިފައި ކަމަށް ވިދާޅުވެ، އެހެންވީމާ، އަޅުގަނޑުމެން މިތިބީ އިތުބާރާ އެކުގައި ސަރުކާރަށް މިކަމުގައި ކުރިއަށް ދެވޭނެ ކަމުގެ ޔަޤީންކަން ލިބިގެންކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ރޭޑިއޯ ޚިޠާބުގައި، ރާއްޖޭގައި ދީނީގޮތުން ޙައްދުފަހަނަޅާފައިވާ ޖަމާޢަތްތައް ޙަރަކާތްތެރިވަމުން އަންނަގޮތާއި، އެ ޖަމާޢަތްތަކުގެ ޙަރަކާތްތަކުގެ ސަބަބުން ދިވެހިންނަށާއި، ދިވެހިރާއްޖެއަށް އަދި މުޅި މި ސަރަޙައްދަށްވެސް ލިބިދާނެ ގެއްލުންތައް ނުހަނު ބޮޑުކަން ފާހަގަކުރެއްވިއެވެ. އަދި ސަރުކާރުގެ ބޭނުންފުޅަކީ، ރައްޔިތުންނަށް ވީހާވެސް ފުޅާ ދާއިރާއެއްގައި މަޢްލޫމާތު ލިބިފައި ތިބުން ކަމަށާއި، ރައްޔިތުން ބައިވެރިވެގެން ނޫނިއްޔަކާ ޙަޤީޤަތުގައި އެއްވެސް ކަމެއް ކާމިޔާބެއް ނުވާނެކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

މިރޮނގުން ވާހަކަފުޅު ދައްކަވަމުން، ދީނީ ތަޢްލީމުގެ ނަމުގައި ތަޢްލީމުދޭ ބޭރުޤައުމުތަކުގެ މަދަރުސާތަކަށް ދަރިން ފޮނުއްވާއިރު މައިންބަފައިން ވިސްނާވަޑައިގަތުމަށް ރައީސުލްޖުމްހޫރިއްޔާ އެދިވަޑައިގެންނެވިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ރޭޑިއޯ ޚިޠާބުގައި، މިއަހަރުގެ ރާއްޖޭގެ ނަޞްރުގެ ދުވަހަށް ބައްލަވާލައްވަމުން، އެދުވަހަކީ އަޅުގަނޑުމެންނަށް ޓެރަރިޒަމްގެ ޙަމަލާއެއް ދިމާވި ދުވަސް ކަމަށާއި، އެދުވަހު ކަންކަން ހިނގާދިޔަގޮތް އެކިގޮތްގޮތަށް އެކިދިރާސާތަކަށްފަހުގައި އެކިބޭފުޅުން ހާމަކުރައްވަމުން ގެންދަވާ ކަމަށް ވިދާޅުވިއެވެ.

ރާއްޖޭގައި ޑިމޮކްރެޓިކް ވެރިކަމެއް ހިންގަން ފެށުނުތާ އަންނަ ނޮވެމްބަރު މަހުގެ 11 ވަނަ ދުވަހަށް އެއްއަހަރު ފުރޭ މުނާސަބަތަށް އަލިއަޅުއްވާލައްވަމުން، މިއޮކްޓޯބަރު މަހުގެ 28 ވަނަ ދުވަހުގެރެއަކީ، މިރާއްޖޭގައި ފުރަތަމަފަހަރަށް ބޭއްވުނު ގިނަ ޕާޓީ ވާދަކުރާ ރިޔާސީ އިންތިޚާބުގެ ނަތީޖާ އެންމެފަހުން ނެރެވުނު ރޭ ކަމަށާއި، މާތްރަސްކަލާނގެ އިރާދަފުޅުން، އެ ނަތީޖާގައި ކާމިޔާބު ލިބި، އެ ކާމިޔާބުގެ އަލީގައި އަޅުގަނޑުމެން ކިބުރުވެރިކަން ކުޑަކޮށް، އަޅުގަނޑުމެންގެ މަސައްކަތް ވީހާވެސް ބޮޑަށް ރައްޔިތުންނަށް ޚިދްމަތް ކޮށްދިނުމަށް މަގުފަހިކޮށްގެން ކުރިއަށް ގެންދިއުމަށް މަސައްކަތް ކުރަމުން ގެންދަވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ރޭޑިއޯ ޚިޠާބުގައި، ނޮވެމްބަރު 11އަށް އަޅުގަނޑުމެންދާއިރުގައި އަދި މިއަށްވުރެ މާގިނަ މަޢްލޫމާތު އަދި މިއަށްވުރެ މާގިނަ ކަންކަން ކުރެވެމުންދާކަން އަދި ކުރެވޭތަން ފެންނާނެ ކަމަށާއި، އިރާދަކުރެއްވިއްޔާ، ގެދޮރު އެޅުމުގެ ޕްރޮގްރާމް ޢަމަލީގޮތުން ފެށުމުގެ ކޮންޓްރެކްޓްގައި ކުރިއަށް މިއޮތް ހަފްތާގެ ތެރޭގައި ސޮއިކުރެއްވޭނެ ކަމުގައި ވިދާޅުވިއެވެ. ހަމައެހެންމެ، ދަތުރުފަތުރު ކުރުމުގެ ނިޒާމް، އިތުރު ޕްރޮވިންސްތަކުގައި ފަށައިގަނެވޭނެ ކަމަށާއި، އަދި އޭގެއިތުރުން، މުޅި މި ސަރަޙައްދުގައި ފެށްޓޭ އެންމެބޮޑު އިޢާދަކުރަނިވި ހަކަތަ އުފައްދާ ތަން، ގާފަރުގައި ހެދުމަށް އިރާދަކުރެއްވިއްޔާ، މި ނޮވެމްބަރު މަހުގެ 2 ވަނަ ދުވަހު ކޮންޓްރެކްޓް ކުރެވޭނެ ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. އަދި އިންޑިއާގެ ސުޒްލޯން ކުންފުނިން އިޢާދަކުރަނިވި ހަކަތަ އުފައްދާ ޕްލާންޓެއް އައްޑުއަތޮޅުގައި ހެދުމުގެ މަސައްކަތްވެސް ވަރަށް އަވަހަށް ފަށްޓަވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި ޣިޔާޘުއްދީން ސްކޫލް ޕްރައިވަޓައިޒް ކުރުމުގެ އެގްރީމެންޓްގައިވެސް އިރާދަކުރެއްވިއްޔާ ސޮއިކުރެއްވޭނެކަންވެސް ރައީސުލްޖުމްހޫރިއްޔާގެ ރޭޑިއޯ ޚިޠާބުގައި ހާމަކުރެއްވިއެވެ.