ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ކެބިނެޓް އޮފީހުގެ ޕަބްލިކް އެޑްމިނިސްޓްރޭޝަން ރިފޯމް ޔުނިޓާއި ސިވިލް ސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓް (ސީ.އެސް.ޓީ.އައި) ގުޅިގެން ކުރިޔަށްގެންދާ "އެގްޒެކެޓިވް އެންހާންސްމަންޓް އެންޑް އެންރިޗްމަންޓް ޕްރޮގްރާމް 2021-2023"ގެ ތިންވަނަ ސެޝަން މިއަދު ބާއްވައިފިއެވެ. ޤައުމީ ޔުނިވަރސިޓީގެ ސެންޓްރަލް އެޑްމިނިސްޓްރޭޝަންގެ އޮޑިޓޯރިއަމްގައި މިއަދު ބޭއްވި މި ސެޝަންގެ މައުޟޫޢަކީ "ސްޓޭއިން ޕޮޒިޓިވް" އެވެ. މިސެޝަން ނަންގަވައިދެއްވީ، ޕަބްލިކް ސަރވިސްގެ ދާއިރާއިން ދިގު މުއްދަތަކަށް ދައުލަތަށް ޚިދުމަތްކުރައްވައިފައިވާ ބަންދު އިބްރާހިމް ސަލީމެވެ.
ވަޒީފާގެ މާޙައުލުގައި ފަހި ވިސްނުން ގެންގުޅުމުގެ މުހިންމުކަމާއި، ހެޔޮގޮތުގައި މުޢާމަލާތުކުރުމާއި، ވަޒީފާގެ މާޙައުލުގައި ކަނޑައެޅިފައިވާ ލަނޑުދަނޑިތަކަށް ވާޞިލުވުމަށްޓަކައި ގުޅިގެން މަސައްކަތްކުރުމުގެ މުހިންމުކަމުގެ މައްޗަށް މި ސެޝަންގައި އަލިއަޅުވައިލައްވައި މަޢުލޫމާތު ދެއްވައިފައިވެއެވެ. މި ސެޝަންގައި ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރައްވައިފައިވާ ސަރުކާރުގެ މަޤާމުތަކުގައި ތިއްބެވި، ހިންގުމުގައި ހަރަކާތްތެރިވެވަޑައިގަންނަވާ ބޭފުޅުންނާ ސަރުކާރުގެ އިދާރާތަކުގެ ހިންގުމުގައި ބައިވެރިވެވަޑައިގަންނަވާ އެހެނިހެން ބޭފުޅުންނާ، ސަރުކާރު ހިއްސާވާ ކުންފުނިތަކުގައި މަސައްކަތްކުރައްވާ 300 އަށް ވުރެ ގިނަ ބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ.
އެގްޒެކެޓިވް އެންހާންސްމަންޓް އެންޑް އެންރިޗްމަންޓް ޕްރޮގްރާމަކީ، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް، 2021 ޑިސެންބަރު 27 ވަނަ ދުވަހު އިފުތިތާހުކުރައްވައިފައިވާ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމަކީ، ސިޔާސީ މަޤާމުތަކުގައި ތިއްބަވާ ބޭފުޅުންނަށާއި ސިވިލް ސަރވިސްގެ އިސް މުވައްޒަފުންނަށް އަމާޒުކޮށްގެން، ރައީސުލްޖުމްހޫރިއްޔާގެ އޮފީހާއި، ސިވިލް ސަރވިސް ކޮމިޝަން ގުޅިގެން 2 އަހަރު ދުވަހުގެ މުއްދަތައް ހިންގުމަށް ހަމަޖެހިފައިވާ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމްގެ ސެޝަންތައް ކުރިއަށްގެންދަނީ ރާއްޖެއާއި ރާއްޖޭން ބޭރުގެ ކަމާބެހޭ މާހިރުންގެ އެހީތެރިކަމާ އެކުގައެވެ.