ރާއްޖޭގައި އަޑުއިވުމުން މަޙްރޫމްވެފައިވާ ކުދިންނަށް އަމާޒުކޮށްގެން ޖަމާލުއްދީން ސްކޫލާއި ހެންޑިކެޕް އިންޓަރނޭޝަނަލާ ގުޅިގެން ތައްޔާރު ކުރެއްވި ޑިކްޝަނަރީ "ދިވެހި ރަދީފް އިޝާރާތުން" މިފޮތް ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު މިއަދު ނެރުއްވައިދެއްވައިފިއެވެ.

މިއަދު މެންދުރުފަހު ޖަމާލުއްދީން ސްކޫލްގައި ބޭއްވެވި މިރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ބަހުރުވައަކީ، ނުވަތަ އެއްބަޔަކު އަނެއްބަޔަކާ މުޢާމަލާތު ކުރުމަކީ، އިންސާނީ ތަރައްޤީއަށް އަދި ޤައުމެއްގެ ތަރައްޤީއަށްވެސް އެންމެ މުހިންމު އެއް ވަސީލަތް ކަމުގައި ވިދާޅުވިއެވެ. އަދި، އެއްބަޔަކު އަނެއްބަޔަކާ މުޢާމަލާތްކޮށް ނޫޅެވޭ ކަމަށްވަނީވިއްޔާ، އެމުޖްތަމަޢު ރަނގަޅު ގޮތުގައި ހިންގަން ދަތިވާނެ ކަމުގައިވެސް ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅު ކުރިއަށް ގެންދަވަމުން، ޚިޔާލުފާޅުކުރުމުގެ މިނިވަންކަން ޤާނޫނުއަސާސީން ހުރިހާ ރައްޔިތުންނަށް ލިބިދީފައިވީ ކަމުގައިވިޔަސް، ޚިޔާލުފާޅުކުރެވޭނެ ވަސީލަތެއް ނެތްކަމަށްވަންޏާ، އެ މިނިވަންކަމުގެ ބޭނުން ނުހިފޭނެ ކަމަށް ފާހަގަކުރައްވަމުން، މިފަދަ ރައްޔިތުންތަކެއް އަޅުގަނޑުމެންގެ ތެރޭގައި އެބަތިބި ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

މިއަދު މިނެރެދެއްވި ރަދީފްގެ މުހިންމުކަމުގެ މައްޗަށް ރައީސުލްޖުމްހޫރިއްޔާ ބައްލަވާލައްވަމުން، އެމަނިކުފާނު ދެކެވަޑައިގަންނަވާ ގޮތުގައި، މިފޮތުގެ އެންމެބޮޑު ބޭނުމަކީ، އަޑުއިވުމުން މަޙްރޫމްވެފައިވާ ދަރިވަރުންނަށް ސްކޫލުގައި އަދި ޢާއިލާގެ ތެރޭގއިވެސް މިފޮތުގެ ޒަރިއްޔާއިން މުޢާމަލާތް ކުރެވޭނެ ގޮތެއް މެދުވެރިވުން ކަމުގައި ވިދާޅުވިއެވެ. އަދި، އެމަނިކުފާނުގެ ނަޒަރުގައި މިފޮތުގެ ބޭނުންކުރަންވީ ހަމައެކަނި އަޑުއިވުމުން މަޙްރޫމްވެފައިވާ ދަރިވަރުން އެކަނި ނޫން ކަމަށާއި، ސްކޫލްތަކުގައި ކިޔަވަމުންދާ އެހެން ދަރިވަރުންވެސް އިޝާރާތުގެ ބަސް ދަސްކުރުމަކީ މުހިންމު ކަމެއް ކަމުގައި ފާހަގަކުރެއްވިއެވެ. އަދި، އަލަށް އެކުލަވާލެވޭ މަންހަޖުގެ ތެރޭގައި އިޝާރާތުގެ ބަސްވެސް ހިމެނިގެންދާނެ ކަމުގައި އުންމީދު ކުރައްވާ ކަމުގައިވެސް ވިދާޅުވިއެވެ.

އަދި، އެމަނިކުފާނުގެ އުންމީދަކީ އަހަރުދުވަހުގެ ތެރޭގައި މިފަހަރު މިޗާޕްކުރެވުން 1000 ރަދީފުގެ ޒަރިއްޔާއިން އަޑުއިވޭ 1000 ރައްޔިތުންނަށް މިފޮތުގައިވާ 700 ބަސް ދަސްވުން ކަމަށާއި، އަދި ޚާއްޞަ ޕްރޮގްރާމެއްގެ ދަށުން މިބަހުން ވާހަކަ ދެއްކުމަށް ދަސްކޮށްދޭ ޕްރޮގްރާމެއް އިރާދަކުރެއްވިއްޔާ ސަރުކާރުން ހިންގެވުމަށް މަސައްކަތް ކުރައްވާނެ ކަމުގައި ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ނުކުޅެދޭ ކުދިންނަށް ޚާއްސަ ޢިނާޔަތެއް ދިނުމަށް ސަރުކާރުން ނިންމަވާފައިވާ ކަމަށާއި، ނުކުޅެދޭ ކުދިންނަކީ ކޮބައިކަން ފާހަގަކުރުމުގެ މަސައްކަތުގައި އެއް އަހަރު ފާއިތުވެފައިވާ ކަމަށާއި، އިރާދަކުރެއްވިއްޔާ ވަރަށް އަވަހަށް އެކަމަށް ބަޖެޓްކޮށް ފައިސާ ދޫކުރަންފެށޭނެ ކަމުގައި ވިދާޅުވިއެވެ.

ހަމައެއާއެކު، އަޑުއެހުމުން މަޙްރޫމްވެފައިވާ ކުދިންނަށް ޚާއްސަކޮށްގެން ޖަމާލުއްދީން ސްކޫލުގައި މިހާރު ގްރޭޑް 8 އާ ހަމައަށް ކިޔަވައިދެއްވަމުން ގެންދަވާ ކަމަށާއި، އިރާދަކުރެއްވިއްޔާ، އަންނަ އަހަރު ގްރޭޑް 9 އަދި 10 ފެށޭނެ ކަމަށް އުންމީދު ކުރައްވާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، މިރަދީފް ތައްޔާރުކުރުމުގައާއި، އަޑުއިވުމުން މަޙްރޫމުވެފައިވާ ދަރިވަރުންނަށް އެހީތެރިވެދެއްވުމުގައި މަސައްކަތް ކުރައްވަމުން ގެންދަވާ މިސްޓަރ ގޯޕާލަ ކްރިޝްނާއަށާއި، ޖަމާލުއްދީން ސްކޫލުގެ ޓީޗަރުންނަށާއި ވެރިންނަށް ޝުކުރު އަދާކުރެއްވިއެވެ.

"ދިވެހި ރަދީފް އިޝާރާތުން" މިފޮތް ނެރެދެއްވުމުގެ މިރަސްމިއްޔާތަށްފަހު، އަޑުއިވުމުން މަޙްރޫމްވެފައިވާ ކުދިންނާ ރައީސުލްޖުމްހޫރިއްޔާ ވަކިން ބައްދަލުކޮށްލެއްވިއެވެ.