ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު، ސިންގަޕޫރުގައި ހުންނަވާ ދިވެހިރާއްޖޭގެ ސަފީރު ކަމަށް ގަލޮޅު އުތުރުގެއާގޭ މުޙަންމަދު ޚަލީލު އަދި ޖަޕާނުގައި ހުންނަވާ ދިވެހިރާއްޖޭގެ ސަފީރު ކަމަށް ގަލޮޅު އުތުރުގޭ އަޙްމަދު ޚަލީލު ޢައްޔަން ކުރައްވައި، އެދެބޭފުޅުންނަށް މަގާމުގެ ފަތްކޮޅު މިއަދު ދެއްވައިފިއެވެ. މަގާމުގެ ފަތްކޮޅު ދެއްވުން އޮތީ، މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.

ސަފީރުންގެ މަގާމަށް ރައީސުލްޖުމްހޫރިއްޔާ މިދެބޭފުޅުން މި ޢައްޔަން ކުރެއްވީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 115 ވަނަ މާއްދާގެ (ދ) ގައިވާ ގޮތުގެ މަތިން ރައްޔިތުންގެ މަޖިލީހުގެ މަޝްވަރާގެ މަތިންނެވެ.

ފަތްކޮޅު ދެއްވުމަށްފަހު މި ރަސްމިއްޔާތުގައި، ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ދެއްކެވި ވާހަކަފުޅުގައި، ސަރުކާރުގެ ސިޔާސަތު ކުރިއެރުވުމަށާއި، ރާއްޖެއަށް ރަނގަޅު ގޮތްތައް ހޯއްދަވައިދެއްވުމުގައި، ބައިނަލްއަޤްވާމީ ދުނިޔޭގައި ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތްތަކުގައި، މިދެބޭފުޅުންގެ ފުރިހަމަ އެހީތެރިކަން ލިބޭނެ ކަމަށް ޔަޤީން ކުރައްވާ ކަމުގައި ވިދާޅުވިއެވެ.