ކޯޕަންހޭގަންގައި ބޭއްވުމަށް ހަމަޖެހިފައިވާ އ.ދ.ގެ މޫސުމާބެހޭ ބައްދަލުވުމަށް ތައްޔާރުވުމުގެ ގޮތުން، މި އޮކްޓޯބަރ 30ން 31އަށް ބާސެލޯނާގައި ބޭއްވުމަށް ހަމަޖެހިފައިވާ ވަޒީރުންގެ ނުރަސްމީ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތުމަށް ނައިބު ރައީސް ޑޮކްޓަރ މުޙަންމަދު ވަޙީދު، ބާސެލޯނާއަށް ރޭ ފުރާވަޑައިގެންފިއެވެ. ނައިބު ރައީސްގެ މިދަތުރުފުޅުގައި، އަންނަ ނޮވެމްބަރ މަހުގެ 1ން 5އަށް ބާސެލޯނާގައި ބޭއްވުމަށް ހަމަޖެހިފައިވާ ޔޫ.އެން.އެފް.ސީ.ސީ.ސީ.ގެ މަޝްވަރާތަކުގައިވެސް ބައިވެރިވެވަޑައިގަންނަވާނެއެވެ.

ނައިބު ރައީސް ބާސެލޯނާއަށް މިކުރައްވާ ދަތުރުފުޅުގެ މަގުމަތީގައި މިއަދު ކޮޅުނބުގައި މަޑުކުރައްވާނެއެވެ. ނައިބު ރައީސް ކޮޅުނބަށް މިވަޑައިގަންނަވަނީ، އަންނަ ޑިސެމްބަރމަހު އަބޫދާބީގައި ޑޯނާ ކޮންފަރެންސެއް ބޭއްވުމަށްޓަކައި ކޮނޅުބުގައި ތިއްބަވާ ގަލްފް ޤައުމުތަކުގެ މަންދޫބުންނާ ބައްދަލުކުރެއްވުމަށެވެ.