ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު، މި އޮކްޓޯބަރު މަހުގެ 21 ން 25 އަށް އިންޑިއާއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގެ މަޢްލޫމާތު، ވަޒީރުންގެ މަޖިލީހަށް ދެއްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ބޭއްވެވި ވަޒީރުންގެ މަޖިލީހުގެ ޖަލްސާގައި، މިދަތުރުފުޅާބެހޭ މަޢްލޫމާތު ދެއްވަމުން، އިންޑިއާއަށް މިކުރެއްވި ދަތުރުފުޅުގެ ސަބަބުން ވަރަށްގިނަ ކަންތައްތަކެއް ޙާޞިލުވިކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ. މިގޮތުން، ހަނިމާދޫ އެއަރޕޯޓު، ބައިނަލްއަޤްވާމީ އެއަރޕޯޓަކަށް ހެދުމާ ބެހޭގޮތުން، އިންޑިއާގެ ޖީ.އެމް.އާރު. ގްރޫޕާއެކު މަޝްވަރާ ކުރައްވައި، އެއްބަސްވުމަކާ ހަމައަށް ވަޑައިގެންނެވިފައިވާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

އަދި ޣިޔާސުއްދީން ސްކޫލް ޕްރައިވަޓައިޒް ކުރެއްވުމުގެ މަސައްކަތުގެ ދަށުން އެސްކޫލް ހަވާލުކުރެއްވުމަށް ހަމަޖައްސަވާފައިވާ އިންޑިއާގެ ކުންފުންޏާއެކު މަޝްވަރާ ކުރައްވައި، އެސްކޫލުގައި މިހާރު ކިޔަވަމުންދާ އެއްވެސް ދަރިވަރެއްގެ އަތުން ފީ ނުނަގާގޮތަށް ހަމަޖެހިފައިވާ ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

މީގެއިތުރުން އައްޑު އަތޮޅުގައި އިއާދަކުރަނިވި ހަކަތައިން ކަރަންޓްގެ ޚިދުމަތް ފޯރުކޮށްދިނުމާ ބެހޭގޮތުން އިންޑިއާގެ ކުންފުންޏަކާ މަޝްވަރާ ކުރެއްވިފައިވާކަންވެސް ރައީސުލްޖުމްހޫރިއްވާ ހާމަކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ މިދަތުރުފުޅުގައި، އިންޑިއާގެ ބޮޑުވަޒީރު މަންމޯހަން ސިންހާއި، އިންޑިއާގެ ކޮންގްރެސް ޕާޓީގެ ރައީސާ ސޯނިއާ ގާނދީއާވެސް ބައްދަލުކުރައްވައި، ދެޤައުމުގެ ދެމެދުގައިވާ ގާތް ގުޅުމާ ބެހޭގޮތުން ކުރެއްވި މަޝްވަރާތަކުގެ މަޢްލޫމާތުވެސް މަޖިލީހަށް ދެއްވިއެވެ.