"ސައުތު އޭޝިއަން ޖޫނިއަރ އެންޑް ކެޑޭޓް ޓޭބަލް ޓެނިސް ޗެމްޕިއަންޝިޕް 2022" ނިންމުމުގެ ރަސްމިއްޔާތު، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙާއި އެމަނިކުފާނުގެ އަނބިކަނބަލުން ފަޒްނާ އަޙްމަދު ޝަރަފުވެރިކޮށްދެއްވައިފިއެވެ.

މި މުބާރާތުގެ "ކެޑޭޓް އަންހެން ޓީމް" އަދި "ޖޫނިއަރ އަންހެން ޓީމް" ގެ ވަނަތަކަށް ހޮވުނު ކުޅުންތެރިންނަށް ގޯލްޑް، ސިލްވަރ އަދި ބްރޯންޒް މެޑަލް ހަވާލުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙެވެ. އަދި މި މުބާރާތުގެ "ކެޑޭޓް ފިރިހެން ޓީމް" އަދި "ޖޫނިއަރ ފިރިހެން ޓީމް" ގެ ވަނަތަކަށް ހޮވުނު ކުޅުންތެރިންނަށް ގޯލްޑް، ސިލްވަރ އަދި ބްރޯންޒް މެޑަލް ހަވާލުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަޙްމަދެވެ.

މި ރަސްމިއްޔާތުގައި އޭޝިޔަން ޓޭބަލް ޓެނިސް ޔޫނިއަންގެ ރައީސް ޚަލީލް އަލް މޮހައްނަދީ ވަނީ ރައީސުލްޖުމްހޫރިއްޔާއަށް ހަނދާނީ ހަދިޔާއެއް ވެދުމަށް އަރުވާފައެވެ.

"ސައުތު އޭޝިއަން ޖޫނިއަރ އެންޑް ކެޑޭޓް ޓޭބަލް ޓެނިސް ޗެމްޕިއަންޝިޕް 2022" މުބާރާތުގައި ދެކުނު އޭޝިއާ ސަރަޙައްދުގެ 7 ޤައުމެއްގެ ޖޫނިއަރ އެތުލީޓުން ބައިވެރިވިއެވެ. އެ ގޮތުން މުބާރާތުގައި އެތުލީޓުން ބައިވެރިވި ޤައުމުތަކުގެ ތެރޭގައި ރާއްޖޭގެ އިތުރުން ސްރީލަންކާ، ބޫޓާން،ނޭޕާލް، ބަންގްލަދޭޝް، އިންޑިޔާ އަދި ޕާކިސްތާން ހިމެނެއެވެ.