ސަރުކާރުގެ މެނިފެސްޓޯ ތަންފީޒު ކުރާނެ ގޮތުގެ ސްޓްރެޓީޖިކް އެކްޝަން ޕްލޭން ޙިއްޞާކޮށް ނިންމުމަށްޓަކައި، ކަމާބެހޭ ފަރާތްތަކާއެކު ބާއްވާ މަޝްވަރާ ބައްދަލުވުންތައް މިއަދު ހޮލިޑޭ އިން ހޮޓެލްގައި ފެށިއްޖެއެވެ.

ތިން ދުވަހަށް ދެމިގެންދާ މިބައްދަލުވުންތަކުގައި މައިގަނޑު ތިން ދާއިރާއެއްގެ މައްޗަށް މަޝްވަރާތައް ބެހިގެންދާނެއެވެ. މިގޮތުން މިއަދުގެ މަޝްވަރާތައް ކުރިއަށްދަނީ، [ހެޔޮ ވެރިކަން“ މިމަޢްޟޫއަށެވެ. އަދި މާދަމާގެ މަޝްވަރާތައް ކުރިއަށްދާނީ [އިޖްތިމާޢީ ޢަދާލަތު“ގެ މައްޗަށެވެ. އަދި ތިންވަނަ ދުވަހުގެ މަޝްވަރާތައް ކުރިއަށް ދާނީ، [އިޤްތިސާދީ ތަރައްޤީ“ގެ މައްޗަށެވެ.

ސަރުކާރާއި އަމިއްލަ ފަރާތްތަކާއި މަދަނީ ޖަމްޢިއްޔާތަކުގެ ކަމާބެހޭ ފަރާތްތައް ބައިވެރިވެވަޑައިގަންނަވާ މިބައްދަލުވުންތަކުގެ ބޭނުމަކީ، މިހާރު ޑްރާފްޓް ކުރެވިފައިވާ މެނިފެސްޓޯގެ ސްޓްރެޓީޖިކް އެކްޝަން ޕްލޭން، ކަމާބެހޭ ފަރާތްތަކާ މަޝްވަރާކޮށް އެބޭފުޅުންނާއެކު ޚިޔާލު ބަދަލުކުރެއްވުމެވެ.

މިބައްދަލުކުރެއްވުންތަކުގެ ރިޔާސަތުގައި ތިއްބަވަނީ، މިނިސްޓަރ އޮފް ސިވިލްއޭވިއޭޝަން އެންޑް ކޮމިއުނިކޭޝަން މަޙްމޫދު ރާޒީއާއި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޕޮލިސީ އޮފިސް ވަގުތީގޮތުން ހިންގެވުމާ ހަވާލުވެވަޑައިގެން ހުންނެވި މިނިސްޓަރ އޮފް ސްޓޭޓް އަސްލަމް މުޙަންމަދު ޝާކިރެވެ. އަދި މިކަން ހިނގަމުން ދަނީ ޔޫ.އެން.ޑީ.ޕީ.ގެ އެއްބާރުލެއްވުމާއެކުއެވެ.

2009-2013 އަށް ތައްޔާރުކުރާ ސްޓްރެޓީޖިކް އެކްޝަން ޕްލޭން ނެރުމަށް ހަމަޖެހިފައި ވަނީ މިއަހަރުގެ ނޮވެމްބަރު މަހުގެ 11 ވަނަ ދުވަހުއެވެ.