ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، ޤާނޫނު ނަންބަރު 2020/8 (ފެނާއި ނަރުދަމާގެ ޤާނޫނު) އަށް 1 ވަނަ އިޞްލާޙު ގެނައުމުގެ ބިލު ތަސްދީޤުކުރައްވައިފިއެވެ. މި ބިލަކީ، މި އަހަރުގެ އޭޕްރީލް މަހުގެ 25 ވީ ހޯމަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ 2022 ވަނަ އަހަރުގެ ފުރަތަމަ ދައުރުގެ 35 ވަނަ ޖަލްސާއިން ފާސްކުރެއްވި ބިލެކެވެ.

މި ޤާނޫނަށް ގެނައި އިޞްލާޙްތަކުގެ ތެރޭގައި ބައެއް މާއްދާތަކުގެ އަކުރުތައް އިޞްލާޙްކުރުމާއި ބައެއް މާއްދާތަކަށް އަކުރުތައް އިތުރުކުރުން ހިމެނެއެވެ. އެގޮތުން މި ޤާނޫނުގެ 11 ވަނަ މާއްދާގެ ފަހަތަށް ދެ އަކުރެއް ވަނީ އިތުރުކޮށްފައެވެ. އޭގައިވާ ގޮތުން ފެނާއި ނަރުދަމާގެ ނިޒާމުތައް ފަރުމާކުރުމާއި، ޤާއިމުކުރުމާއި، އެ ނިޒާމުތަކުން ޚިދުމަތްދިނުމާބެހޭ މިންގަނޑުތައް ކަމާގުޅޭ މުއައްސަސާތަކުގެ މަޝްވަރާގެމަތިން އެކުލަވާލުމާއި، ފެނާއި ނަރުދަމާގެ ނިޒާމު ޤާއިމުކުރުމަށް ބޭނުންކުރެވޭ ސާމާނު ޓެސްޓުކޮށް ސެޓިފައިކުރާނެ މިންގަނޑުތައް ކަނޑައެޅުން ހިމެނެއެވެ.

މި ޤާނޫނުގެ 54 ވަނަ މާއްދާއަށް އިތުރުކުރި އަކުރުގައިވާ ގޮތުން ބިމުން ފެން ނަގައި ފެން ބޭރުކުރުމުގެ މަސައްކަތްކުރާ ފަރާތްތަކުން މި ޤާނޫނާއި ގަވާއިދާ ޚިލާފަށް އެއްވެސް ޢަމަލެއް ކޮށްފިނަމަ، އެ ޢަމަލެއްގެ ކުޑަބޮޑުމިނަށް ބަލައި އެކަން ކުރި ފަރާތެއް، -/5,000 (ފަސްހާސް) ރުފިޔާއާއި -/1,000,000 (އެއް މިލިއަން) ރުފިޔާއާ ދެމެދުގެ ޢަދަދަކުން ޖޫރިމަނާކުރުމުގެ އިޚްތިޔާރު އޮތޯރިޓީއަށް ލިބިގެންވާކަމުގައި ބަޔާންކޮށްފައިވެއެވެ.

މި ޤާނޫނު ތަޞްދީޤުކުރުމާއެކު މިއަދު ވަނީ ދިވެހިސަރުކާރުގެ ގެޒެޓުގައި ޝާއިޢުކުރެވި ޢަމަލުކުރަންފެށިފައެވެ.