ޔުގެންޑާ ސަރުކާރުން ރާއްޖެއަށް ކަނޑައެޅުއްވި އާ ސަފީރު މިޒް ނިމީޝާ ޖަޔަންތާ މަދްމަނީއާއި، މިސުރު ސަރުކާރުން ރާއްޖެއަށް ކަނޑައެޅުއްވި އާ ސަފީރު މިސްޓަރ ފައުޒީ މުޙަންމަދު އެލް ސަޢީދު ގޯހަރު. އެބޭފުޅުންގެ ސަފީރު ކަމުގެ ފަތްކޮޅު، ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދަށް މިއަދު އަރުއްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ހެނދުނު ވަކިވަކިން ބޭއްވެވި މި ދެ ރަސްމިއްޔާތުގައި، މި އާ ސަފީރުންނަށް ރައީސުލްޖުމްހޫރިއްޔާ ވަރަށް ހޫނު މަރްޙަބާއެއް ވިދާޅުވިއެވެ. އަދި ދިވެހިރާއްޖެއާއި މިޤައުމުތަކާ ދެމެދު އޮންނަ ގުޅުމާއި، މިގުޅުން އިތުރަށް ބަދަހިކުރެއްވުމުގެ މައްޗަށް، ރައީސުލްޖުމްހޫރިއްޔާއާއި ސަފީރުން ވާހަކަފުޅު ދެއްކެވިއެވެ. ސަފީރުން ދެއްކެވި ވާހަކަފުޅުގައި ތިމާވެށީގެ މައްސަލަތަކަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޚާއްޞަ އަހަންމިއްޔަތު ފާހަގަކުރައްވައި، އެމައްސަލަތައް ބައިނަލްއަޤްވާމީ ސަމާލުކަމަށް ގެންނެވުމަށް ރައީސުލްޖުމްހޫރިއްޔާ މެދުނުކެނޑި ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅުތަކަށް އެބޭފުޅުން ތަހުނިޔާ ވިދާޅުވިއެވެ.

ޔުގެންޑާ ސަފީރާއެކު ބޭއްވެވި ބައްދަލުކުރެއްވުމުގައި، ރާއްޖެއާއި ޔުގެންޑާއާ ދެމެދު ފިޔަފާރީގެ ރޮނގުންނާއި، ފަތުރުވެރިކަމުގެ ދާއިރާގައި ގުޅުން ބަދަހިކުރެއްވުމާ ބެހޭގޮތުން ރައީސުލްޖުމްހޫރިއްޔާ މަޝްވަރާ ކުރެއްވިއެވެ.

މިސުރު ސަފީރާއެކު ބޭއްވެވި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، މިސުރަކީ ރާއްޖެއާއެކު އަބަދުވެސް ވަރަށް ގާތް ގުޅުމެއް ބާއްވަވާ ޤައުމެއްކަން ފާހަގަކުރައްވަމުން، މިގުޅުން އިތުރަށް ބަދަހިކުރެއްވުމަށް ދިވެހި ސަރުކާރުން ބޭނުންފުޅުވާ ކަމުގައި ވިދާޅުވިއެވެ. އަދި، ތަޢްލީމީ ދާއިރާއިން މިސުރުން ވަރަށް އެހީތެރިކަން ލިބެމުންދާ ކަމަށާއި، ރާއްޖެއަށް އިތުރު ސްކޮލަރޝިޕްތަކެއް ލިބޭނެ ގޮތްތަކެއް ހޯއްދަވައި ދެއްވުމަށް ސަފީރު އަރިހުން ރައީސުލްޖުމްހޫރިއްޔާ އެދިވަޑައިގެންނެވިއެވެ.

މިސުރު ސަފީރު ދެއްކެވި ވާހަކަފުޅުގައި، ރާއްޖޭގެ ރައްޔިތުންނާ ދޭތެރޭ މިސުރުން އަބަދުވެސް ދެކެނީ ވަރަށް ގާތްކޮށްކަން ފާހަގަކުރެއްވިއެވެ. އަދި، ދެޤައުމުގެ ދެމެދުގައިވާ ގުޅުން ބަދަހިކުރުމަށް ކުރެވެން އޮތް ހުރިހާ މަސައްކަތެއް ކުރައްވާނެ ކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާއަށް ސަފީރު ދެއްވިއެވެ.