بِسْمِ ٱللّٰهِ ٱلرَّحْمٰنِ ٱلرَّحِيمِ

ދިވެހިރާއްޖޭގައި މިއަދު ފާހަގަކުރާ މި އަހަރުގެ ކުޑަކުދިންގެ ދުވަހުގެ މުނާސަބަތުގައި، ރާއްޖޭގެ ލޮބުވެތި ހުރިހާ ކުޑަކުދިންނަށް، އަޅުގަނޑުގެ ހިތުގެ އިޚްލާޞްތެރި ލޯތްބާއެކު ތަހުނިޔާއާއި ހެޔޮއެދުންތައް ފޮނުވަމެވެ. އަދި އެ ކުދިންނަށް ހޭހަންކުރުމުގައި ޤުރުބާންވެވަޑައިގަންނަވާ މައިންބަފައިންނަށާއި ބެލެނިވެރިންނަށާއި،އެ ކުދިންނަށް ކިޔަވައިދީ ތަރުބިއްޔަތު ކުރުމުގެ ޒިންމާ އުފުއްލަވާ ހީވާގި މުދައްރިސުންނަށް ވެސް، މިއަދުގެ މުނާސަބަތުގައި ތަހުނިޔާ އާއި ހެޔޮއެދުންތައް ފޮނުވަމެވެ.

ކޮންމެ މުޖްތަމަޢެއްގައިވެސް ކުޑަކުދިންނަކީ، އެ މުޖްތަމަޢެއްގެ ކުރިމަގުގެ އުންމީދެވެ. އެކުދިންގެ ހެދިބޮޑުވުމަށާއި، ތަޢުލީމަށާއި ތަރުބިއްޔަތަށްޓަކައި ކުރެވޭ ކޮންމެ ކަމަކީ، އަދި ކުރެވޭ ކޮންމެ ހޭދައަކީ، މުޅި ޤައުމުގެ ކުރިމަގަށްޓަކައި ކުރެވޭ ވަރަށް މަތިވެރި އިންވެސްޓެކެވެ. ޒަމާނީ ތަޢުލީމުން އެކުދިންގެ ސިކުނޑިތައް ތަރައްޤީކުރަން މަސައްކަތްކުރާ ފަދައިން، އިސްލާމީ ރިވެތި އަދަބު އަޚްލާޤުގެ މަތީގައި އެކުދިން ތަރުބިއްޔަތު ކުރުމަށް ޚާއްޞަ ސަމާލުކަމެއް ދޭންޖެހެއެވެ. ހަމައެފަދައިން މުޖްތަމަޢުގައި ހުރި އެންމެހައި ނޭދެވޭ ސިފަތަކާއި ޢަމަލުތަކުން އެކުދިން ދުރުހެލިކޮށް، މުޖްތަމަޢުގެ ޞުލްޙަޔާއި ހަމަޖެހުމަށް އިސްކަންދޭ ބައެއްގެ ގޮތުގައި އެކުދިން ބޮޑެތިކުރުމަކީ ވެސް އެހާމެ މުހިންމު ކަމެކެވެ.

އެއްވެސް ޝައްކެއް ނެތް ގޮތުގައި، ފަޚުރުވެރި އަދި އުފާވެރި ޢާއިލާއެއް ބިނާކުރުމުގެ ބިންގަލަކީ، ކުޑަކުދިންނަށް ދެވޭ ތަރުބިއްޔަތާއި ތަޢުލީމެވެ. ތަހުޒީބާއި ތަރައްޤީގެ ކުލަތަކުން މަލަ ފެވޭ ޤައުމެއް ބިނާކުރެވޭނީ، އުފެއްދުންތެރި އަދި އީޖާދީ ވިސްނުންހުރި ދަރިންތަކެއް އުފެއްދިގެންނެވެ. ދިވެހި ދައުލަތުގެ ރަސްމީ ތަޢުލީމީ ނިޒާމާއި މަތީ ތަޢުލީމުގެ ސިޔާސަތު ކަނޑައަޅާފައި އޮތީ، ޒަމާނީ ތަރައްޤީއާ ފައިހަމަވާ މުޖްތަމަޢެއް ބިނާކުރުމަށް އަމާޒު ހިފައިގެންނެވެ. ހަމައެފަދައިން، ޤައުމަށް ކުރިމަތިވެފައިވާ އެންމެހައި ގޮންޖެހުންތަކަށް ލޯ ހުޅުވިފައިވާ، އެ ގޮންޖެހުންތައް ހުރަސްކޮށް، މާދަމާގެ ޖީލަށް ދިވެހި އުންމަތް ވާރުތަކޮށްދޭނެ ފަދަ ދަރިންތަކެއް ބިނާކުރުމަށް އަމާޒު ހިފައިގެންނެވެ.

މިއަދުގެ ކުޑަކުދިންގެ ކުރިމަތީގައި އުފެދިފައިވާ ސުވާލަކީ، އެކުދިންގެ ކުރިމަގު ބައްޓަންކުރާނެ ގޮތުގެ ސުވާލެވެ. އެކުދިންގެ ކުރިމަގު ބިނާކުރަން އޮތް ވެށީގެ ސަލާމަތާއި ރައްކާތެރިކަން ދެމެހެއްޓުމަށްޓަކައި، އަޅަންވީ ފިޔަވަޅުތަކާ މެދު އުފެދިފައިވާ ސުވާލެވެ. އެކުދިން ދިރިއުޅެން އޮތް މާޙައުލުގެ ޞުލްޙަޔާއި އަމާންކަން ދެމެހެއްޓުމަށްޓަކައި، ކުރަންވީ ކަންކަމާ މެދު އުފެދިފައިވާ ސުވާލެވެ. މިކަންކަމަށް ވިސްނާއިރު، ތިމާވެށި ޙިމާޔަތްކުރުމަށް ލޯބިކޮށް އެކަމަށް މަސައްކަތްކުރާ ބައެއްގެ ގޮތުގައި ދަރިން ބޮޑެތިކުރުމަކީ، އެކުދިންގެ ކުރިމަގަށްޓަކައި ކޮށްދެވޭނެ ވަރަށް އަގުހުރި މަސައްކަތެކެވެ. މުޖްތަމަޢުގައި ފެތުރެމުންދާ ނުރަނގަޅު އާދަތަކަށް ނޫނެކޭ ބުނެ، އެފަދަ ޢަމަލުތައް ހުއްޓުވަން މަސައްކަތްކުރާ ބައެއްގެ ގޮތުގައި ކުދިން ބޮޑެތިކުރުމަކީ، އެ ކުދިންނަށް ބާއްޖަވެރި ދިރިއުޅުމެއް ހޯދައިދިނުމަށްޓަކައި ކުރެވިދާނެ ވަރަށް މުހިންމު ކަމެކެވެ.

ދަރިންގެ ހިތްތަކުގައި އަޅުގަނޑުމެން އަށަގަންނުވަންވީ، އަނެކުންނަށް އިޙްތިރާމް ކުރުމުގެ މާތް ސިފައެވެ. އެކުދިންގެ ވިސްނުމާއި ޚިޔާލު ބައްޓަން ކުރުވަންވީ، ބައިބައިނުވެ އެކުވެރިވެ އުޅުމަށާއި، އެއްބައިވަންތަކަން ދެމެހެއްޓުމަށެވެ. މިކަންކަމުގައި އެންމެ އިސް ދައުރެއް އަދާކުރައްވަން ތިއްބެވީ، އެކުދިންނަކީ ތިމާމެންގެ ހިތުގެ ފިނިކަން ކަމުގައި ޤަބޫލުކުރައްވާ މައިންބަފައިންނެވެ. ކޮންމެ ކަމެއްގައިވެސް ދަރިންނަށް ރަނގަޅު ނަމޫނާ ދައްކަވަން ތިއްބެވީ، އެކުދިންނަކީ ތިމާމެންގެ ލޮލުގެ ނޫރު ކަމުގައި ޤަބޫލުކުރައްވާ މައިންބަފައިންނާއި ބެލެނިވެރިންނެވެ. ދަރިންނަކީ މައިންބަފައިންގެ ފަޚުރެއް ކަމުގައި ހެދޭނީ، އެންމެ ޅަފަތުން ފެށިގެން އެކުދިންނަށް ރަނގަޅު ތަޢުލީމާއި ރިވެތި ތަރުބިއްޔަތު ދީގެންނެވެ.

ކުޑަކުދިންނަށް ރައްކާތެރިކަމާއި އަމާންކަން ހޯދައިދިނުމަކީ މުޅި މުޖްތަމަޢުގެ ޒިންމާއެކެވެ. އަޅުގަނޑުމެން ކޮންމެ މީހަކުމެ ވާންވީ، ކުޑަކުދިންގެ ޙައްޤުތަކަށް ފުރިހަމައަށް އިޙްތިރާމްކުރާ، އެކުދިންގެ ކަރާމާތާއި ޢިއްފަތްތެރިކަމާއި އަބުރުވެރިކަން ރައްކާތެރިކޮށްދޭ މީހަކަށެވެ. ދިވެހި މުޖްތަމަޢަކީ، ކުޑަކުދިންނަށް ލޯތްބާއި އޯގާތެރިކަމާއި އަޅާލުން ލިބޭ މުޖްތަމަޢެއް ކަމުގައި ވެގެން ދިއުމަކީ، އަޅުގަނޑުގެ ވަރަށް ބޮޑު އުންމީދެކެވެ. މިއަދުގެ ކުޑަކުދީންނަކީ، ކުރިމަގުގެ ޖީލުތަކަށް ދިވެހި އުންމަތް ފޯރުކޮށްދިނުމުގެ މަތިވެރި މަސްއޫލިއްޔަތު އަދާކުރުމުގެ، ޢިލްމީ ޤާބިލްކަމާއި ޖިސްމާނީ ހަށިހެޔޮކަމާއި ޞިއްޙީ ދުޅަހެޔޮކަން ލިބިގެންވާ ބަޔަކު ކަމުގައި ލައްވައި، އެންމެހައި ކުޑަކުދިންނަށް އުފާ ފާގަތިކަމާއި ބާއްޖަވެރިކަން މާތް ﷲ މިންވަރު ކުރައްވާށިއެވެ. އާމީން