"ސައުތު އޭޝިއަން ޖޫނިއަރ އެންޑް ކެޑޭޓް ޓޭބަލް ޓެނިސް ޗެމްޕިއަންޝިޕް 2022" ހުޅުވުމުގެ ރަސްމިއްޔާތު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ޝަރަފުވެރިކޮށްދެއްވައިފިއެވެ.

ސޯޝަލް ސެންޓަރ އިންޑޯ ހޯލުގައި މިރޭ ބޭއްވި މި ރަސްމިއްޔާތަށްފަހު ރައީސުލްޖުމްހޫރިއްޔާ ވަނީ މި މުބާރާތުގައި މިރޭ ރާއްޖެއާ ބަނގުލަދޭޝް ބައްދަލުކުރި ޑަބަލްސް މެޗް އަދި ރާއްޖެއާ ސްރީލަންކާ ބައްދަލުކުރި ޑަބަލްސް މެޗް ބައްލަވާލައްވާފައެވެ.

ދެކުނު އޭޝިއާ ސަރަޙައްދުގެ 7 ޤައުމެއްގެ ޖޫނިއަރ އެތުލީޓުން ބައިވެރިވާ، "ސައުތު އޭޝިއަން ޖޫނިއަރ އެންޑް ކެޑޭޓް ޓޭބަލް ޓެނިސް ޗެމްޕިއަންޝިޕް 2022" މުބާރާތް ކުރިޔަށްދަނީ މި މަހުގެ 9 އިން 11 އަށް ރާއްޖޭގައެވެ. މުބާރާތުގައި އެތުލީޓުން ބައިވެރިވާ ޤައުމުތަކުގެ ތެރޭގައި ރާއްޖޭގެ އިތުރުން ސްރީލަންކާ، ބޫޓާން،ނޭޕާލް، ބަންގްލަދޭޝް، އިންޑިޔާ އަދި ޕާކިސްތާން ހިމެނެއެވެ.