ކަޒަކިސްތާން ސަރުކާރުން ރާއްޖެއަށް ކަނޑައެޅުއްވި އާ ސަފީރު ހިޒް އެކްސެލެންސީ ނޫރުލާން ޒަލްގަސްބަޔޭވު، އެމަނިކުފާނުގެ ސަފީރުކަމުގެ ފަތްކޮޅު، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙަށް މިއަދު އަރުއްވައިފިއެވެ.

މިއަދު މެންދުރު ކުރީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި މިރަސްމިއްޔާތުގައި، ފަތްކޮޅު އެރުއްވުމަށްފަހު، ކަޒަކިސްތާންގެ އާ ސަފީރާ ރައީސުލްޖުމްހޫރިއްޔާ ބައްދަލުކުރައްވައި، ސަފީރަށް ތަހުނިޔާ ވިދާޅުވިއެވެ. އަދި، ރާއްޖެއާއި ކަޒަކިސްތާނާ ދެމެދު އޮތް ގުޅުމާއި، މިގުޅުން އިތުރަށް ބަދަހިކުރެއްވުމާ ގުޅޭގޮތުން ދެބޭފުޅުން ވާހަކަފުޅު ދެއްކެވިއެވެ. މިގޮތުން، ރައީސުލްޖުމްހޫރިއްޔާ ވަނީ މިއަހަރަކީ ރާއްޖެއާ، ކަޒަކިސްތާނުގެ ގުޅުމަށް 22 އަހަރުފުރޭ، އަހަރުކަން ފާހަގަކުރައްވައި ދެ ޤައުމުގެ ދެމެދުގައިވާ ގުޅުން ފާއިތުވި އަހަރުތަކުގައި ވަރަށް ބޮޑަށް ބަދަހިވެފައިވާކަމުގައި ވިދާޅުވެފައެވެ.

ރައީސުލްޖުމްހޫރިއްޔާއާއި ވާހަކަފުޅުދައްކަވަމުން ކަޒަކިސްތާނުގެ ސަފީރު ވަނީ ފާއިތުވި އަހަރުތަކުގައި ދެޤައުމުން ވެސް ޝައުޤުވެރިވާ ކަންކަމުގައި ފޯރުކޮށްދީފައިވާ އެއްބާރުލުމާއި އެހީތެރިކަން ފާހަގަކުރައްވާފައެވެ. އަދި، ސަފީރު ވަނީ ކަޒަކިސްތާނުން ރާއްޖެއަށް އަންނަ ފަތުރުވެރިން އިތުރުވެފައިވާކަމުގައި ވިދާޅުވެފައެވެ. 

މި ބައްދަލުކުރެއްވުމުގައި ދެބޭފުޅުން ވަނީ ދެ ޤައުމުގެ އޮނޮރަރީ ކޮންސުލް ޤާއިމުކުރުމާއި، ފަތުރުވެރިކަމުގެ ދާއިރާއިންނާއި، މަސްވެރިކަމާއި، ވިޔަފާރިއާއި، އިންވެސްޓްމަންޓްގެ ދާއިރާއިން ގުޅުން ބަދަހިކުރެއްވުމާއި ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރައްވައިފައެވެ. މި ބައްދަލުކުރެއްވުން ނިންމަވާލައްވަމުން ދެބޭފުޅުން ވަނީ ރާއްޖެއާއި ކަޒަކިސްތާނުގެ ގުޅުން އިތުރަށް ބަދަހިކުރައްވަން ބޭނުންފުޅުވާކަން ހާމަކުރައްވައިފައެވެ.