ކުޑަކުދިންގެ ޙައްޤުތަކާއި އެކުދިންގެ ލާބައަށް މަސައްކަތްކުރާ، އިނގިރޭސިވިލާތުގެ ހިލޭ ސާބަހަށް މަސައްކަތްކުރާ ޖަމްޢިއްޔާއެއްކަމުގައިވާ ބާރނަޑޯސްގެ ފަރާތުން މިހާރު ރާއްޖެއަށް ޒިޔާރަތް ކުރައްވަމުން ގެންދަވާ ވަފުދުގެ ބޭފުޅުންނާ، ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު، މިއަދު ބައްދަލުކުރައްވައިފިއެވެ.

މިވަފުދުގެ މިދަތުރަކީ، މިއަހަރުގެ އެޕްރީލްމަހު ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން އިނގިރޭސިވިލާތަށް ކުރެއްވި ދަތުރުފުޅުގައި، ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން، ބާރނަޑޯސްއިން ހިންގާ "ހައި ކްލޯސް ސްކޫލަށް" ކުރެއްވި ޒިޔާރަތުގައި، ރާއްޖޭގައި ދައުލަތުގެ ބެލުމުގެ ދަށަށް ގެނެވޭ ކުދިންނަށް ދެމުންގެންދާ ޚިދުމަތުގެ ޙާލަތު ދިރާސާ ކުރައްވައި، ޚިދުމަތުގެ ފެންވަރު ރަނގަޅުކުރެއްވުމަށްޓަކައި ބޭނުންވާ ކަންކަން ފާހަގަކުރެއްވުމަށް އެޖަމްޢިއްޔާއާއެކު ކުރެއްވެވި މަޝްވަރާތަކަށް ބިނާކުރައްވައި، މިކަމުގައި އެހީތެރިވެދެއްވުމަށް ކުރައްވާ ދަތުރެކެވެ.

ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ރާއްޖޭގައި އެކި ސަބަބުތަކާހުރެ ޚާއްޞަ އެހީތެރިކަން ބޭނުންވާ ވަރަށް ގިނަ ކުޑަކުދިން އެބަތިބިކަން ފާހަގަކުރެއްވިއެވެ. އަދި މިފަދަ ސަބަބުތައް ދިމާވެގެން ދައުލަތުގެ ބެލުމުގެ ދަށަށް ގެނެވޭ ކުދިންނަށް ފުރިހަމަ ފަރުވާއާއި ޚިދުމަތް ފޯރުވައިދިނުމުގެ ކަންތައްތައް އިތުރަށް ހަރުދަނާ ކުރަންޖެހިފައި ވާކަމުގައިވެސް ވިދާޅުވިއެވެ. މިގޮތުން، ކުރުމުއްދަތުގައި ކުރެވެން ހުރި ކަންތައްތަކާއި ދިގުމުއްދަތުގައި ކުރެވެން ހުރި ކަންތައްތައް ފާހަގަކުރުމުގެ މުހިންމުކަމުގެ މައްޗަށްވެސް ރައީސުލްޖުމްހޫރިއްޔާ ބައްލަވާލެއްވިއެވެ.

މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ބައްދަލުކުރެއްވުމުގައި ބާރނަޑޯސްގެ ވަފުދުގެ ބޭފުޅުން ދެއްކެވި ވާހަކައިގައި ދައުލަތުގެ ބެލުމުގެ ދަށަށް ގެނެވޭ ކުޑަކުދިންގެ ޙައްޤުތަކާއި އެކުދިންގެ ލާބައަށް ރާއްޖޭގައި ކުރެވެމުންދާ މަސައްކަތްތައް އިތުރަށް ކުރިއަރުވާ ޚިދުމަތް ފުރިހަމަ ކުރުމުގައި އެޖަމްޢިއްޔާއަށް އެހީތެރިކަން ފޯރުވައިދެވިދާނެ ދާއިރާތަކާބެހޭ މަޢުލޫމާތު ދެއްވިއެވެ. މިގޮތުން ފޭދޫ ފިނޮޅު، މާފުށި އަދި ވިލިނގިލީގައި ހުންނަ ކުޑަކުދިންގެ މަރުކަޒުތަކަށް އެބޭފުޅުން ކުރެއްވި ޒިޔާރަތުން ފާހަގަކުރެވުނު ކަންތައްތައް ބަޔާންކޮށް ރިޕޯޓެއް ތައްޔާރުކުރަމުން ގެންދާކަމަށާއި، މިތަންތާގެ ޚިދުމަތް ރަނގަޅުކުރުމަށް އެޅެންހުރި ފިޔަވަޅުތަކާއި އެފިޔަވަޅުތައް ތަންފީޒުކުރާނެ ގޮތުގެ ޕްލޭނެއް ހުށަހަޅާނެ ކަމުގައި ވިދާޅުވިއެވެ.