ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު، އިންޑިއާގެ ނިއުދިއްލީގައި ބޭއްވުނު މޫސުމާބެހޭ މަތީފެންވަރުގެ ކޮންފަރެންސްގައި ބައިވެރިވެވަޑައިގަތުމަށް އިންޑިއާއަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، މިރޭ އިރާކޮޅުގެ ވަގުތެއްގައި މާލެ ވަޑައިގެންވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ މިދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މާލޭ ބައިނަލްއަޤްވާމީ ވައިގެ ބަނދަރުގެ ފިނިފެންމާ ލޯންޖްގައި ޚަބަރުފަތުރާ ވަސީލަތްތަކާ ބައްދަލުކުރައްވައި ދަތުރުފުޅާބެހޭ މަޢުލޫމާތު ދެއްވިއެވެ. މި ބައްދަލުކުރެއްވުމުގައި އިންޑިއާގެ ވިޔަފާރިވެރިންނާ ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުތަކާބެހޭ މަޢުލޫމާތު ރާއްޖޭގެ ހަބަރުފަތުރާ ވަޞީލަތަކާއެކު ރައީސުލްޖުމްހޫރިއްޔާ ހިއްސާކުރެއްވިއެވެ.

މިގޮތުން، ހަނިމާދޫ އެއަރޕޯޓު، ބައިނަލްއަޤްވާމީ އެއަރޕޯޓަކަށް ހެދުމާބެހޭގޮތުން، އިންޑިއާގެ ޖީ.އެމް.އާރ. ގްރޫޕާއެކު މަޝްވަރާކުރައްވައި، އެއްބަސްވުމަކާ ހަމައަށް ވަޑައިގެންނެވިފައިވާކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

އަދި ޣިޔާސުއްދީން ސްކޫލް ޕްރައިވަޓައިޒް ކުރެއްވުމުގެ މަސައްކަތުގެ ދަށުން އެސްކޫލް ހަވާލުކުރެއްވުމަށް ހަމަޖައްސަވާފައިވާ އިންޑިއާގެ ކުންފުންޏާއެކު މަޝްވަރާކުރައްވައި، އެސްކޫލުގައި މިހާރު ކިޔަވަމުންދާ އެއްވެސް ދަރިވަރެއްގެ އަތުން ފީ ނުނަގާގޮތަށް ހަމަޖެހިފައިވާކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

މީގެ އިތުރުން އައްޑު އަތޮޅުގައި އިއާދަކުރަނިވި ހަކަތައިން ކަރަންޓްގެ ޚިދުމަތް ފޯރުކޮށްދިނުމާބެހޭ ގޮތުން އިންޑިއާގެ ކުންފުންޏަކާ މަޝްވަރާކުރެވިފައިވާކަންވެސް ރައީސުލްޖުމްހޫރިއްވާ ހާމަކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާ، މިއަދު މާލެ ވަޑައިގަތުމުގެ ކުރިން، ހައިދަރުއާބާދުގައި ހުންނަ އެޕޯލޯ ހޮސްޕިޓަލަށް ޒިޔާރަތްކުރައްވާ ހޮސްޕިޓަލްގެ މަސައްކަތްތައް ހިނގަމުންދާގޮތް ބައްލަވައިލެއްވިއެވެ.

މީގެ އިތުރުން، މިއަދު އިންޑިއާގެ ޖީ،އެމް.އާރު. ކުންފުނީގެ އިސްވެރިންނާ ބައްދަލުކުރައްވައި، އެކުންފުނިން ހަނިމާދޫ ވައިގެބަނދަރު، ބައިނަލްއަޤްވާމީ ވައިގެބަނދަރަކަށް ތަރައްޤީކުރުމަށް ހުށަހަޅުއްވާފައިވާ ހުށެހެޅުއްވުމާބެހޭ ގޮތުން މަޝްވަރާކުރެއްވިއެވެ. އަދި، ހައިދަރުއާބާދުގެ ރަޖީވް ގާނދީ އިންޓަރނޭޝަނަލް އެއަރޕޯޓްވެސް ރައީސް ނަޝީދު މިއަދު ބައްލަވާލެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާ އިންޑިއާއަށް މިކުރައްވި ދަތުރުފުޅަކީ އިންޑިއާ ސަރުކާރާއި އ.ދ. ގުޅިގެން ނިއުދިއްލީގައި ބޭއްވި މޫސުމާ ބެހޭ ބައްދަލުވުމެއްގައި ބައިވެރިވެވަޑައިގަތުމަށް އިންޑިއާގެ ބޮޑުވަޒީރު ދެއްވި ދަޢުވަތަކަށް ކުރެއްވި ދަތުރުފުޅެކެވެ. ރައީސުލްޖުމްހޫރިއްޔާ، މިބައްދަލުވުމުގައި ތަޤުރީރުކުރެއްވުމުގައި އިތުރުން، ނިއުދިއްލީގެ އޮބްޒާވަރ ރިސާރޗް ފައުންޑޭޝަންގައި ވެސް ތަޤުރީރު ކުރެއްވިއެވެ.

އެމަނިކުފާނުގެ މިދަތުރުފުޅުގައި، އިންޑިއާގެ ބޮޑުވަޒީރު މަންމޯހަން ސިންހާއި، އިންޑިއާގެ ކޮންގްރެސް ޕާޓީގެ ރައީސާ ސޯނިއާ ގާނދީއާވެސް ބައްދަލުކުރެއްވިއެވެ. އަދި، މި ބައްދަލުކޮށްލެއްވުންތަކުގައި ދެގައުމު ދެމެދުގައިވާ ގާތް ގުޅުމާ ބެހޭގޮތުން މަޝްވަރާކުރެއްވެވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ މާލެ ވަޑައިގަތީ، އެމަނިކުފާނުގެ ދަތުރުފުޅަށް އިންޑިއާ ސަރުކާރުން ހަމަޖައްސަވައިދެއްވި ޚާއްޞަ މަތިންދާ ބޯޓެއްގައެވެ. މީގެ އިތުރުން މިދަތުރުފުޅުގެ މައިގަނޑު އެންމެހާ ޚަރަދެއް ހަމަޖައްސަވައިދެއްވާފައިވަނީ އިންޑިއާ ސަރުކާރުންނެވެ.