بِسْمِ ٱللّٰهِ ٱلرَّحْمٰنِ ٱلرَّحِيمِ‎

މިއަހަރުގެ އުފާވެރި ފިޠުރު ޢީދު ދުވަހާ ބައްދަލުކުރުމުގެ ހެޔޮ ނަސީބު އަޅުގަނޑުމެންނަށް މިންވަރު ކުރެއްވިކަމަށްޓަކައި، ނިޢުމަތްތަކުގެ ވެރި اللهُ سُبْحَانَهُ وَتَعَالَىގެ ޙަޟްރަތަށް ޙަމްދާއި ޝުކުރު ކުރަމެވެ. އަދި މި އުފާވެރި ޢީދު ދުވަހުގެ މުނާސަބަތުގައި ރާއްޖޭގެ ލޮބުވެތި ރައްޔިތުންނަށް، އަޅުގަނޑުގެ ހިތުގެ ލޯތްބާއި އިޚްލާޞްތެރިކަމާ އެކު ހެޔޮއެދުމާއި ތަހުނިޔާ އަރިސްކުރަމެވެ. އަދި އިސްލާމީ ޤައުމުތަކުގެ ވެރިންނަށާއި އެންމެހައި މުސްލިމުންނަށާއި، އިސްލާމީ ޖަމްޢިއްޔާ ޖަމާޢަތްތަކުގެ ވެރިންނަށްވެސް، މި އުފާވެރި ފިޠުރު ޢީދުގެ ހެޔޮއެދުމާއި ތަހުނިޔާ އަރިސްކުރަމެވެ.

ފިޠުރު ޢީދާ ބައްދަލުވުމުގެ އުފާވެރިކަން އަޅުގަނޑުމެންނަށް އިޙްސާސް ކުރެވެނީ، ބަރަކާތްތެރި ރަމަޟާން މަހުގެ ރޯދައާއި ރޭއަޅުކަމުގެ މަތިވެރި ނިޢުމަތް ޙާޞިލުކުރުމުގެ ހެޔޮ ނަސީބު ލިބިފައިވާތީއެވެ. ރޯދައިގެ މަތިވެރި ރޫޙާނީ ހަކަތައިން ދިރުން ލިބިގެން ތިބެ، ފިޠުރު ޢީދާ ބައްދަލުކުރާއިރު، އަޅުގަނޑުމެންގެ ހަނދާނަށް ގެނެސްދެނީ، މި އުފާވެރި ޢީދުގައި އިޖުތިމާޢީ ގުޅުންތަކާއި ޢާއިލީ ގުޅުންތައް އާލާކޮށް ބަދަހިކުރުމަށް، އިސްލާމްދީނުގައި ދީފައިވާ ޚާއްޞަ ސަމާލުކަމެވެ. ޢީދުގެ އުފާ ފާޅުކުރުމުގެ ތެރޭގައި އިޖުތިމާޢީ ހަމަހަމަކަން ޤާއިމުކޮށް، މުޖުތަމަޢުގައި ތިބި ފަޤީރުންނާއި މިސްކީނުންނާއި ނިކަމެތިންގެ ހިތްތަކަށްވެސް އުފާވެރިކަން ގެނެސްދިނުމަށް އަޅުގަނޑުމެން ޚާއްޞަ ސަމާލުކަމެއް ދޭންޖެހެއެވެ.

ޢީދުގެ އުފާ ފާޅުކުރުން، ޢާއިލާގެ ތެރެއިން ފަށްޓަވަމާ ހިންގަވާށެވެ. މައިންބަފައިންނާއި މާމައިންނާއި ކާފައިންނަށް ޒިޔާރަތްކޮށް، ޙާލުއަޙުވާލު އޮޅުންފިލުވައި، އެމީހުންނާ އެކުގައި ވަގުތުކޮޅެއް ހޭދަކޮށްލުމަކީ، އަގުބޮޑު ހަދިޔާއެއް ދިނުމަށްވުރެ މާ ބޮޑަށް، ހިތްހަމަޖެހުމާއި އުފާވެރިކަން ގެނެސްދޭނެ ކަމެކެވެ. އަނބިދަރިންނާ އެކުގައި އުފާވެރި ވަގުތުކޮޅެއް ހޭދަކޮށް، ޚިޔާލު ބަދަލުކޮށްލައި ވާހަކަދައްކައިލުމަށް ވަގުތުކޮޅެއް ޚާއްޞަކޮށްލުމަކީ ވެސް، ޢާއިލީ ގުޅުން ބަދަހިކުރުމަށްޓަކައި ވަރަށް މުހިންމު ކަމެކެވެ. ގާތްތިމާގެ މީހުންނަށް ޒިޔާރަތްކޮށް، އެމީހުންގެ ޙާލުއަޙުވާލު އޮޅުންފިލުވައި އެމީހުންނާ އެކުގައި ވަގުތުކޮޅެއް ހޭދަކޮށްލުމަކީ ވެސް، ޢީދުގެ އުފާ ފާޅުކުރުމުގައި ޚާއްޞަ ސަމާލުކަމެއް ދޭންޖެހޭނެ ކަމެކެވެ.

އިސްލާމްދީނުގައި ޢީދުގެ އުފާ ފާޅުކުރުން އޮތީ، އިޖުތިމާޢީ ގުޅުން ބަދަހިކުރުމަށް ވަރަށް ބޮޑަށް ބާރުއަޅާފައިވާ ގޮތެއްގައެވެ. ކޮންމެ މީހަކުވެސް އެމީހެއްގެ އަވަށްޓެރިންނާއި ރައްޓެހިންނާއި އެކުވެރިންނާއެކު ޢީދުގެ ތަހުނިޔާއާއި ހަދިޔާ ބަދަލުކޮށް އުޅުމަކީ، މުޅި މުޖުތަމަޢުގައި އުފާވެރިކަމާއި އެކުވެރިކަން އުފެދިގެންދާނެ ކަމެކެވެ. އޭގެ އިތުރުން، މުޖުތަމަޢުގައި ތިބި ނިކަމެތިންނާއި ފަޤީރުންނަށް އެހީ ފޯރުކޮށްދީ، އެމީހުންނަށް ކުރިމަތިވެފައިވާ ދަތިތައް ފިލުވައިދިނުމަކީ، އަޅުގަނޑުމެން ކޮންމެ މީހަކަށް ވެސް، އެމީހެއްގެ ފެންވަރުން ކުރެވޭނެ ކަންކަމެވެ.

މިފަދަ ކޮންމެ އުފާވެރި މުނާސަބަތަކީ، އަޅުގަނޑުމެންގެ މެދުގައި އިސްލާމީ އެއްބަނޑުއެއްބަފާ ކަމާއި، އެކުވެރިކަމާއި އެއްބައިވަންތަކަން އާލާވެގެންދާނެ، އަދި އުފާވެރިކަމާއި ހިތްހަމަޖެހުން ގެނެސްދޭނެ މުނާސަބަތެއް ކަމުގައި ލެއްވުން އެދި اللهُ سُبْحَانَهُ وَتَعَالَىގެ ޙަޟްރަތުގައި ދުޢާ ދަންނަވަމެވެ. މިފަދަ އުފާވެރި މުނާސަބާތައް އަޅުގަނޑުމެންގެ މެދުގައި ތަކުރާރު ކުރައްވައި، ދިވެހިރާއްޖެއަށް އުފާވެރިކަމާއި ފާގަތިކަމާއި ހަމަޖެހުމާއި ތަނަވަސްކަން މިންވަރު ކުރައްވާށިއެވެ. އާމީން.