ރާއްޖޭގެ ތަރައްޤީއަށް އ.ދ.ން ފޯރުވައިދެމުންދާ އެހީތެރިކަމަށްޓަކައި، ނައިބު ރައީސް ޑޮކްޓަރ މުޙަންމަދު ވަޙީދު، އ.ދ.އަށް ޝުކުރު އަދާކުރައްވައިފިއެވެ. އ.ދ.ން ރާއްޖެއާއި، ދުނިޔޭގެ ކަންކޮޅުތަކުގައި ފޯރުކޮށްދެމުންދާ އެހީ ފާހަގަކުރައްވައި ވާހަކަފުޅު ދެއްކެވީ، މިއަހަރުގެ އ.ދ. ދުވަސް ފާހަގަކުރުމުގެ ގޮތުން މިއަދު ހަވީރު ރާއްޖޭގައި ހުންނަ ޔޫ.އެން. ހައުސްގައި ބޭއްވެވި ޙަފްލާއެއްގައެވެ.

މި ޙަފްލާގައި ނައިބު ރައީސް ދެއްކެވި ވާހަކަފުޅުގައި، ރާއްޖެ މިހާރު ދެކެމުންމިދާ ޑިމޮކްރެޓިކް ބަދަލުގެ ދުވަސްތަކުގައި ރާއްޖޭގައި ޙަރަކާތްތެރިވަމުންދާ އ.ދ.ގެ އިދާރާތަކުން ފޯރުކޮށްދެމުންގެންދާ އެހީތެރިކަން ފާހަގަކުރެއްވިއެވެ.

އ.ދ. ދުވަހުގެ ގޮތުގައި ދުނިޔޭގައި ފާހަގަކުރާ ދުވަހަކީ ކޮންމެ އަހަރެއްގެ އޮކްޓޯބަރ 24 ވަނަ ދުވަހެވެ.

ނައިބު ރައީސްގެ ވާހަކަފުޅުގައި، ތިމާވެށްޓާއި، މޫސުމަށް އަންނަ ބަދަލުތަކާގުޅޭ ކަންތައްތަކަކީ އ.ދ.ގެ މަސައްކަތުގެ ވަރަށް ބޮޑުބައެއްކަމުގައިވާތީ، އ.ދ. ދުވަސް އިއްޔެ ފާހަގަކުރަމުން ދިޔައިއިރު، "އިންޓަރނޭޝަނަލް ޑޭ އޮފް ކްލައިމެޓް އެކްޝަން" ފާހަގަކުރުމުގެ ގޮތުން މުޅިދުނިޔޭގައި ތިމާވެށްޓާ ގުޅޭ ޙަރަކާތްތަކެއް ހިންގަމުން ދިޔަކަން އެއީ މިމުނާސަބަތާ ވަރަށް އެކަށީގެންވާ ކަމެއްކަމުގައި ވިދާޅުވިއެވެ.

މީގެއިތުރުން، ދުނިޔޭގެ އެކިކަންކޮޅުތަކުގައި ޙަރަކާތްތެރިވެވަޑައިގަންނަވަމުން ގެންދަވާ އ.ދ.ގެ މުވައްޒަފުން، ވެވަޑައިގަންނަވަމުން ގެންދަވާ ޤުރުބާނީއަށްޓަކައި އ.ދ.ގެ މުވައްޒަފުންނަށް ނައިބު ރައީސް ޝުކުރު އަދާކުރެއްވިއެވެ.