މިހާރު ރާއްޖެ ވަޑައިގެން އުޅުއްވާ ތައިލެންޑްގެ ވިޔަފާރިވެރިންގެ ވަފްދަކާ ނައިބު ރައީސް ޑޮކްޓަރ މުޙަންމަދު ވަޙީދު، މިއަދު ބައްދަލުކުރައްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު މެންދުރުފަހު އޮތް މިބައްދަލުކުރެއްވުމުގައި، ނައިބު ރައީސް ދެއްކެވި ވާހަކަފުޅުގައި، ރާއްޖެއާއި ތައިލެންޑްއާ ދެމެދު އޮންނަ ޒަމާންވީ ގާތްގުޅުން މި ވޭތުވެދިޔަ ދުވަސްތަކުގައި އިތުރަށް ބަދަހިވެފައިވާ ކަމުގައި ވިދާޅުވިއެވެ.

ނައިބްރައީސް ވާހަކަފުޅުގައި، ދިވެހިރާއްޖެއާއި ތައިލެންޑްއާ ދެމެދު ވިޔަފާރީގެ ގުޅުން އިތުރަށް ތަރައްގީކުރުމެގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުވާލެއްވިއެވެ.

މި ބައްދަލުކުރެއްވުމުގައި ބައިވެރިވެވަޑައިގެންނެވި ތައިލެންޑްގެ ވަފުދުގެ ބޭފުޅުން، ރާއްޖޭގައި ހުރި ވިޔަފާރީގެ ފުރުޞަތުތަކާބެހޭ އިތުރު މަޢުލޫމާތު ހޯއްދެވުމުގެ ޝައުޤުވެރިކަން ފާޅުކުރެއްވިއެވެ.

މިބައްދަލުކުރެއްވުމަށްފަހު އިންވެސްޓް މޯލްޑިވްސްގެ ފަރާތުން ތައިލެންޑްގެ ވިޔަފާރިވެރިންގެ ވަފްދުގެ ބޭފުޅުންނަށް ދިވެހިރާއްޖޭގައި އިންވެސްޓް ކުރުމަށް ލިބެންހުރި ފުރުސަތުތަކުގެ މަޢުލޫމާތު ދެއްވިއެވެ.