ޖަޕާނު ސަރުކާރުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ހަރ އެކްސެލެންސީ ތަކެއުޗި މިދޮރި، ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމުގެ އަރިހަށް އިޙްތިރާމުގެ ޒިޔާރަތެއް ކުރައްވައިފިއެވެ. މި ބައްދަލުކުރެއްވުން އޮތީ މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބާއި ޖަޕާނުގެ ސަފީރު ވަނީ ދެ ޤައުމުގެ ދެމެދު އޮތް ޒަމާންވީ ރަހުމަތްތެރިކަމުގެ ގުޅުމާއިބެހޭގޮތުން ވާހަކަފުޅު ދައްކަވާފައެވެ. ރައީސުލްޖުމްހޫރިއްޔާގެ ނައިބު ދެއްކެވި ވާހަކަފުޅުގައި ޖަޕާނާއި ރާއްޖެއާ ދެމެދު އޮންނަނީ ވަރަށް ބަދަހި ގުޅުމެއްކަން ފާހަގަކުރެއްވިއެވެ. އަދި ޖަޕާނަކީ ރާއްޖޭގެ ތަރައްޤީގެ މުހިންމު ބައިވެރިއެއްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ޖަޕާނުގެ ސަފީރު ދެއްކެވި ވާހަކަފުޅުގައި ޖަޕާނުން ރާއްޖެއާ އެކު މަސައްކަތްކުރާއިރު، އިޤްތިޞާދު ސިންދަފާތު ކުރުމާއި މޫސުމަށް އަންނަ ބަދަލުތަކާއި ކާރިސާތައް މެނޭޖްކުރުމުގެ ދާއިރާއަކީ ޚާއްޞަ އިސްކަމެއްދޭ ދާއިރާތައްކަން ފާހަގަކުރެއްވިއެވެ. މި ބައްދަލުކުރެއްވުން ނިންމަވާލައްވަމުން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ ޖަޕާނު ސަރުކާރުން ރާއްޖެއަށް މެދުކެނޑުމެއްނެތި ވެދެމުން އަންނަ އެހީތެރިކަމަށްޓަކައި ޝުކުރު އަދާކުރައްވާފައެވެ.