ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމްގެ އަރިހަށް، އ.ދ. އިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ރެޒިޑެންޓް ކޯޑިނޭޓަރ ކެތަރިން ހެސްވެލް އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވައި، ރާއްޖޭގެ އިޖުތިމާޢީ ދާއިރާގެ ޚިދުމަތްތައް ހަރުދަނާކުރުމާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރައްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ހެނދުނު ބޭއްވެވި މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ އ.ދ. ގެ އެކި އެޖެންސީތަކުން ފާއިތުވި އަހަރުތަކުގައި ރާއްޖެއަށް ފޯރުކޮށްދީފައިވާ ދީލަތި އެހީތެރިކަން ފާހަގަކުރައްވައި، އެކަމަށްޓަކައި އިޚްލާސްތެރިކަމާއެކު ޝުކުރު އަދާކުރައްވާފައެވެ. އެގޮތުން، އިޖްތިމާޢީ-އިޤްތިޞާދީ ތަރައްޤީއަށް ވެދީފައިވާ އެހީތެރިކަމާއި، މޫސުމަށް އަންނަ ބަދަލުތަކާއި، އިންސާނީ ޙައްޤުތަކާއި، ޑިމޮކްރަސީއާއި، ވަކިން ޚާއްޞަކޮށް ކޯވިޑް-19 ގެ ތެރޭގައި އިޖްތިމާޢީގޮތުން ފޯރުކޮށްދެއްވި އެހީތެރިކަން އެ މަނިކުފާނު ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން ވެސް ރައީސުލްޖުމްހޫރިއްޔާގެ ނައިބާއި، އ.ދ. ގެ ރެޒިޑެންޓް ކޯޑިނޭޓަރ މަޝްވަރާކުރެއްވެވި ކަންކަމުގެ ތެރޭގައި ކޯވިޑް-19 ގެ ފަހުން ރާއްޖޭގައި ނަފްސާނީ ބަލިމަޑުކަން އިތުރުވަމުންދާތީ އެކަމާއި ގުޅިގެން ކުރެވެން ހުރި މަސައްކަތްތަކާއި، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް އިތުރަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދެވޭނެ ގޮތްތަކާ ގުޅޭ ވާހަކަތައް ހިމެނެއެވެ. މީގެ އިތުރުން ވެސް ދެބޭފުޅުން ވަނީ ރާއްޖޭގެ އިޤްތިޞާދީ ޙާލާތާއި، ފަތުރުވެރިކަމާއި، މޫސުމަށް އަންނަ ބަދަލުތަކާއި، އަންހެނުން ބާރުވެރިކުރުވުމާއި ގުޅޭގޮތުން މަޝްވަރާކުރައްވާފައެވެ.

މިއަދުގެ ބައްދަލުކުރެއްވުމުގައި އ.ދ.ގެ ރެޒިޑެންޓް ކޯޑިނޭޓަރ ވަނީ އިޖުތިމާޢީ އެކި ދާއިރާތަކުން ރާއްޖެއަށް އެހީތެރިކަން ފޯރުކޮށްދިނުމުގައި އ.ދ.އިން ދެމި އޮންނާނެކަމުގެ ޔަޤީންކަން އަރުވާފައެވެ. މިގޮތުން، ކާރިސާއެއް ދިމާވުމުން އެކަމުން އަރައިގަނެވޭނެ ފަދަ ވިލުންވެރި މުޖުތަމަޢެއް ބިނާކުރުމާއި، ހުރިހާ ފަރާތްތަކުން ގުޅިގެން އެއްލަނޑުދަނޑިއަކަށް މަސައްކަތްކުރުމުގެ މުހިންމުކަން ވެސް އެކަމަނާ ފާހަގަކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ އ.ދ. ގެ އެކި އެޖެންސީތަކާ ގުޅިގެން ރާއްޖޭގެ ސަރުކާރުން ދެފަރާތައް ވެސް މުހިންމުކަންކަމުގައި އެކުގައި މަސައްކަތްކުރާނެކަމުގައި ވިދާޅުވެފައެވެ.