ސަރުކާރުގެ ވުޒާރާތައް ހިނގާނުހިނގާގޮތާއި، އެތަންތަނުން ދެއްވަމުން ގެންދަވާ ޚިދްމަތްތަކުގެ ފެންވަރާއި، އަދި ރައްޔިތުން ހިތްހަމަޖެހޭފަދަ ޚިދްމަތްތަކެއްދެވޭތޯއާއި، އެވުޒާރާތައް އުފެއްދެވި މަޤްޞަދުތައް ހާސިލްވަމުންދޭތޯ ބައްލަވައި، އޮފީސްތަކުގައި މިމަސައްކަތް ދާއިމީކޮށް ހިންގާނެ ޕްރޮފެޝަނަލް ޓްރޭނަރުން ތަމްރީނު ކުރެއްވުމަށްޓަކައި މެނެޖްމަންޓް އޮޑިޓިންގއާބެހޭ ފަސް ދުވަހުގެ މަސައްކަތު ބައްދަލުވުމެއް މިއަދު ފަށްޓަވައިފިއެވެ.

މިއަދުން ފެށިގެން، މިމަހުގެ 29އަށް ކުރިއަށްދާ މިމަސައްކަތު ބައްދަލުވުމުގެ މައިގަނޑު މަޤްޞަދުތަކުގެ ތެރޭގައި، ސަރުކާރުން ކަނޑައަޅުއްވާފައިވާ ސިޔާސަތުތަކުން ޙާޞިލްކުރައްވަން ބޭނުންފުޅުވާ މަޤްޞަދުތައް ޙާޞިލުކުރެވޭ ގޮތަށް ވުޒާރާތަކުގެ އޮނިގަނޑުތަކާއި ހިންގުމުގެ ނިޒާމުތައް ބައްޓަން ކުރެވިފައިވޭތޯ ބަލާނެ ގޮތްތައް އަންގަވައި ދެއްވުމާއި، ސަރުކާރު ވުޒާރާތައް އުފެއްދެވި މަޤްޞަދުތައް ހާސިލްވަމުންދާ މިންވަރު ދެނެގަނެވޭނޭ ގޮތްތައް އަންގަވައި ދެއްވުމާއި، ސަރުކާރުންދޭ ޚިދްމަތްތަކަކީ ރައްޔިތުންގެ ބޭނުންތަކަށް އިޖާބަދެވޭ ޒިންމާދާރު، ޒަމާނީ ތަރައްޤީއަށް ފެތޭ ޚިދްމަތްތަކެއްތޯ ދެނެގަނެވޭނޭ މިންގަނޑުތައް އަންގަވައި ދެއްވުން ހިމެނެއެވެ.

މި މަސައްކަތުބައްދަލުވުން އިފްތިތާޙްކޮށްދެއްވީ، މިއަދު ހެނދުނު އެކަމަށްޓަކައި، ސިވިލް ސަރވިސް ކޮމިޝަނުގެ ސެމިނަރ ރޫމްގައި ބޭއްވި ރަސްމިއްޔާތުގައި، ނައިބު ރައީސް ޑޮކްޓަރ މުޙަންމަދު ވަޙީދެވެ. މި ރަސްމިއްޔާތުގައި ނައިބު ރައީސް ދެއްކެވި ވާހަކަފުޅުގައި މި މަސައްކަތު ބައްދަލުވުމަކީ ރާއްޖޭގައި ސަރުކާރު ހިންގުން އިޞްލާޙުކުރެއްވުމަށް އަޅުއްވާ ވަރަށް މުހިންމު ފިޔަވަޅެއް ކަމުގައި ވިދާޅުވިއެވެ.

ރާއްޖޭއަށް މިއަދު މިވަނީ ޑިމޮކްރެޓިކް ވެރިކަމުގެ ނިޒާމެއް ގެނެވިފައިކަން ފާހަގަކުރައްވަމުން، ޑިމޮކްރެޓިކް ވެރިކަމަކީ ހަމައެކަނި އިންތިޚާބަކުން ނިމޭ ކަމެއްނޫންކަމުގައި ނައިބު ރައީސް ވިދާޅުވިއެވެ. ޑިމޮކްރެޓިކް ވެރިކަމެއްގައި ސަރުކާރުގެ ކަންކަން ހިންގަންޖެހޭނީވެސް ޑިމޮކްރެޓިކް އުޞޫލުތަކުގެ މަތިންކަމުގައި ނައިބު ރައީސް ވިދާޅުވިއެވެ. އެހެން ކަމުން ސަރުކާރުގެ ހިންގުން ޑިމޮކްރެޓިކް އުޞޫލުތަކާ އެއްގޮތް ވާގޮތުގެ މަތިން ސަރުކާރުގެ ހިންގުމުގެ ކަންކަން އިޞްލާޙްކޮށް، ސަރުކާރުގެ އޮފީސްތަކަކީ އަބަދުވެސް ރައްޔިތުން އެދޭ، ރައްޔިތުންގެ ވިންދާ ގުޅިފައިވާ، ރައްޔިތުން ބޭނުންވާ އަދި ރައްޔިތުންނަށް ފައިދާވާ ގޮތަށް ހިނގަމުންދާ އޮފީސްތަކެއްކަމުގައި ހެދުމުގެ މުހިންމުކަމާބެހޭގޮތުން ނައިބު ރައީސް ވާހަކަފުޅުދެއްކެވިއެވެ.

މި ގޮތުން މެނެޖްމަންޓް އޮޑިޓު ގެ އެއް މަޤަޞަދަކަށް ވާންޖެހޭނީ ސަރުކާރު އޮފީސްތައް ހިންގުމުގައި ގެންގުޅޭ އުޞޫލުތައް މުރަޖަޢާކުރުން ކަމުގައި ނައިބު ރައީސް ވިދާޅުވިއެވެ ވިދާޅުވިއެވެ. އަދި މީގެ އިތުރުން ސަރުކާރުގެ އޮފީސްތަކުގެ މަޤްޞަދު ޙާޞިލް ކުރެވޭ މިންވަރު ދެނެގަތުމާއި، އޮފީސް ތަކުގައި މަސައްކަތްކުރައްވާ މުވައްޒަފުންގެ އެ ކުރާ މަސައްކަތަކާއި، އޮފީހާ މެދު ހިތް ހަމަޖެހުން އޮންނަވަރު ބަލާ، މަސައްކަތުގެ މާޙައުލުގެ ހިތްހަމަޖެހުން އިތުރުކުރުމަށް ކުރަންޖެހޭ ކަންތައްތައް ކުރުން ވެސް މެނެޖްމަންޓް އޮޑިޓްތެރޭގައި ހިމެނުމުގެ މުހިންމު ކަމުގެ މައްޗަށްވެސް ނައިބު ރައީސް އަލިއަޅުވާލެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހާއި ސިވިލް ސަރވިސް ކޮމިޝަން އަދި ޔޫ.އެން.ޑީ.ޕީ ގުޅިގެން ހިންގަވާ މި މަސައްކަތު ބައްދަލުވުމުގައި މަޢްލޫމާތު ދެއްވާނީ، މެނެޖްމަންޓް އޮޑިޓިންގގެ ދާއިރާގެ ވަރަށް ތަޖުރިބާކާރު ބޭފުޅެއް ކަމަށްވާ ފަރަންސޭސިވިލާތުގެ ޑރ. ކެރިން ކަރިޓިނީ ޑޮގަނިސްއެވެ.