بِسْمِ ٱللّٰهِ ٱلرَّحْمٰنِ ٱلرَّحِيمِ‎

ޔޫތު މިނިސްޓަރ އަޙްމަދު މަޚްލޫފް، ޓީ.ޓީ. އެސޯސިއޭޝަންގެ ރައީސް ޢަލީ ރަޝީދު، އެކްސްކޯ މެންބަރުން، ޔޫތު މިނިސްޓްރީގެ އިސްވެރިން، ވަޑައިގެން ތިއްބެވި އެންމެހައި އެތުލީޓުން، ވަކިން ޚާއްޞަކޮށް، ޓޭބަލް ޓެނިސް، މި ފެމިލީގެ ހުރިހާ ޔަންގް މެންބަރުން؛

السَّلَامُ عَلَيْكُمْ

އާދެ، އަޅުގަނޑަށް ލިބޭ ވަރަށް ބޮޑު، ވަރަށް ބޮޑު އުފަލެއް ޚާއްޞަކޮށް، ކުޅިވަރުގެ މިކަހަލަ ކަމެއްގައި ބައިވެރިވުމަކީ. އަދި ވަކިން ޚާއްޞަކޮށް، މިފަދަ އަޅުގަނޑުމެން އެކަމަކަށް ފަޚުރުވެރިވާފަދަ ވަނަތަކެއް ވޭތުވެދިޔަ އަހަރުތަކުގައި ހޯދާފައި ތިބި ކުދިން ޚާއްޞަކޮށް، ޓީ.ޓީ.އިން މިކަހަލަ ފަޚުރުވެރި ވަނަތަކެއް ހޯދާފައި އޮތީތީވެ، އަދި ވަކިން ޚާއްޞަކޮށް، މިކަމުގައި ބައިވެރިވުމަކީ އަޅުގަނޑަށް ލިބޭ ވަރަށް ބޮޑު ހިތްހަމަޖެހުމެއް. ވަރަށް ބޮޑު އުފަލެއް. ސައުތު އޭޝިއަން ޖޫނިއަރ ޗެމްޕިއަންޝިޕް ޓީ.ޓީ މުބާރާތުގައި ބައިވެރިވާ ހުރިހާ ޔަންގް އެތްލީޓުންނަށް އަޅުގަނޑު މިއަދުވެސް ވަރަށް ބޮޑަށް މަރުޙަބާ ދަންނަވަން.

އެނގިވަޑައިގަންނަވާނެ، ވޭތުވެދިޔަ އަހަރުތަކުގައި ޚާއްޞަކޮށް، ޓޭބަލް ޓެނިސްގައި ދިވެހިރާއްޖެއަށް ރަން ވަނަތަކެއް، އަޅުގަނޑުމެން އެކަމަކަށް ފަޚުރުވެރިވާފަދަ ވަނަތަކެއް ޒުވާން ކުދިން ހޯދައިދީފައި މިވަނީ. ވަރަށް ބުރަ މަސައްކަތްތަކެއް ކުރެވިފައި އޮތްކަން އަޅުގަނޑު ހަމަ ގަބޫލުކުރަން. ޚާއްޞަކޮށް، ބެލެނިވެރިން، ކޯޗުން އެ ކޮށްފައި އޮތް މަސައްކަތް އަޅުގަނޑު ވަރަށް ބޮޑަށް ފާހަގަކޮށް، އެ ފަރާތްތަކަށް އަޅުގަނޑު ވަރަށް އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަން. އަދި ހުރިހާ ކުދިންނަށް ވަރަށް ބޮޑަށް މަރުޙަބާ ކިޔަން.

އެނގިވަޑައިގަންނަވާނެ، ކުޅިވަރަކީ ވަރަށް މުހިންމު ކަމެއް. ދިވެހި ސަރުކާރުން އެނގިވަޑައިގަންނަވާނެ، މިއަދުގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވަރަށް ބޮޑު އިސްކަމެއް ދެއްވާ، މުޅި ރާއްޖޭގައި ކުޅިވަރުގެ ދާއިރާ އިތުރަށް ފުޅާކުރައްވައި، ޚާއްޞަކޮށް، ޒުވާން ކުދިން، ކުޅިވަރުގެ މައިދާނަށް، އެކިއެކި ކުޅިވަރުތަކަށް ނެރުއްވުމަށްޓަކައި. ކުޅިވަރުގެ އެކިއެކި ކަންތައްތައް ދުވަހަކުވެސް ރާއްޖޭގެ އެކި ހިސާބުތަކުގައި ތަރައްޤީ ނުކުރެވޭ މިންވަރަށް އެ މަސައްކަތްތައްވެސް ކުރެވެމުން އެބަދޭ. އަޅުގަނޑު މީގައި ހަމަ ފާހަގަކޮށްލަން ބޭނުންވޭ، ޒުވާނުންގެ މިނިސްޓަރު، ޚާއްޞަކޮށް މިނިސްޓްރީގެ ޓީމާއެކު ވަރަށް ގިނަ މަސައްކަތްތަކެއް އެބަ ކުރައްވާ. ރާއްޖޭގެ އެކި ރަށްރަށަށް ދަތުރުކުރައްވައި، އެކިއެކި ޒުވާނުންނާއި، ކުޅިވަރު ކުޅުންތެރިންނާ ބައްދަލުކޮށް، ކުޅިވަރު ކޮމިއުނިޓީއާ ބައްދަލުކޮށް، ބޭނުންވާ ކަންތައްތައް ފުރިހަމަކޮށްދިނުމަށްޓަކައި އެ ކުރައްވާ މަސައްކަތްތައް އަޅުގަނޑު ހަމަ ވަރަށް ބޮޑަށް ފާހަގަކޮށް، ޚާއްޞަކޮށް ޔޫތު މިނިސްޓަރާއި އަދި މިނިސްޓްރީގެ އިސްވެރިންނަށް އަޅުގަނޑު ވަރަށް އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވާލަން.

އެނގިވަޑައިގަންނަވާނެ، ކުޅިވަރަކީ ވަރަށް މުހިންމު ކަމެއް. ކުޅިވަރަކާ ނުލައި އަޅުގަނޑު ދަންނަވާނީ އަޅުގަނޑުމެންގެ ތެރޭގައި އެއްބައިވަންތަކަމެއް ނޯންނާނެއޭ. ފަހަރެއްގައި ތިޔަކުދިން، ޒުވާން ކުދިން، އުމުރުން ހަގުވީމާ ހަނދާނެއް ނުހުންނާނެ، ފެނިފައެއް ނުހުންނާނެ، 1980ގެ ތެރޭގައި އުފެދިގެން އައި ފޯރި. ކުޅިވަރުގެ ފޯރިން އެކަކު އަނެކަކާ ގުޅުވައިދިން. ދަނޑުތަކުގައި އެ އޮތް ގުޅުން ވެގެންދިޔައީ ބޮޑު އާއިލާއަކަށް. ދިވެހިރާއްޖޭގައި އޭރު، ހުރިހާ ކުޅިވަރުތަކުގައިވެސް އޭރު އޮތީ އެގޮތަށް. މިއަދު އިރާދަކުރެއްވީތީ އަޅުގަނޑުމެންނަށް މި ފެންނަނީ ކުޅިވަރުގެ މައިދާނުގައި ވަނަތަކެއް ހޯދި، އިތުރަށް އަނެއްކާވެސް އަޅުގަނޑުމެންނަށް އެ އިޢާދަކުރެވޭނެ މަންޒަރު.

އަޅުގަނޑު ހަމަ މިއަދު ދިވެހިރާއްޖޭގެ ހުރިހާ ކުޅިވަރު އެސޯސިއޭޝަންތަކުގެ އިސްފަރާތްތަކަށާއި، ހުރިހާ މެންބަރުންނަށްވެސް ހަމަ ދަންނަވާލަން ބޭނުންވަނީ، މިއީ ވަރަށް މުހިންމު ކަމެކޭ. އަޅުގަނޑުމެން މިކަންތައް ޕްރޮމޯޓްކޮށް، ދިވެހިރާއްޖެއަށް ރީތި ވަނަތައް ހޯދައިދިނުމަށްޓަކައި، ރަން ވަނަތައް ގެނައުމަށްޓަކައި މަސައްކަތްތަކެއް ކުރަން އެބަޖެހެއޭ. އެންމެފަހުން އައި.އޯ.ޖީ.ގައިވެސް އަދި ސާފް ޗެމްޕިއަންޝިޕްގައިވެސް، އަޅުގަނޑުމެންނަށް ޕްރޫވްކޮށްދިނީ ދިވެހިރާއްޖެއަށް މިކަން ކުރެވޭނެކަން. ދިވެހިރާއްޖޭގެ ޒުވާން އެތުލީޓުންނަށް، ދިވެހިރާއްޖޭގެ ކުޅުންތެރިންނަށް، ދުނިޔޭގެ ޤައުމުތަކުގައި އަޅުގަނޑުމެންނާ ވާދަކުރަން ތިބި ވާދަވެރިންނަށް، އަޅުގަނޑުމެންނަށް ޗެލެންޖްކޮށްފައި ކުޑަކުޑަ ދިވެހިރާއްޖެއަށް ވަރަށް ރީތި ނަންތައް ހޯދިދާނެ.

އަޅުގަނޑު މިއަދުވެސް ހަމަ ހުރިހާ ކުދިންނަށް ޚާއްޞަކޮށް، މި މުބާރާތުގައި ބައިވެރިވާ ހުރިހާ ކުދިންނަށް ވަރަށް ބޮޑަށް އަޅުގަނޑު ހިތްވަރުދެން. އަދި ކުރިންވެސް މި ފާހަގަކުރިގޮތަށް އާއިލާތަކުން އަދި ކޯޗުން، ޓްރެއިނަރުން، ހުރިހާ އެހީތެރިން އެ ކޮށްދެއްވާ މަސައްކަތްތައްވެސް އަޅުގަނޑު ފާހަގަކުރަން. އަޅުގަނޑު ދަންނަވާލަން އޮތީ ތިޔަކުދިންނަށް، އިރާދަކުރެއްވިއްޔާ ސަރުކާރުން މިކަމުގައި ކުރަންޖެހޭ ހަމަ ހުރިހާ މަސައްކަތްތަކަކައިގެން ކުރިޔަށްދާނެއޭ. އެއީ އަޅުގަނޑުމެން ޤަބޫލުކުރަނީ ކުޅިވަރުން ލިބޭނެ ނަތީޖާ، ހެޔޮ ނަތީޖާތަކެއް މުޅި މުޖުތަމަޢަށް ގެނެސްދޭނެއޭ. އެކުވެރިކަމާއި އެއްބައިވަންތަކަމާ އެކުގައި މަސައްކަތްކުރުމާއި، ޤައުމުދެކެ ލޯބިވެ، ޤައުމަށް ރީތި ނަން ހޯދައިދިނުމާއި، ދުނިޔޭގެ އެހެން ޤައުމުތަކުގެ ތެރޭގައި ދިވެހިރާއްޖެއަށް އިތުރަށް މަޝްހޫރުކަން ހޯދައިދިނުމަށްޓަކައި މިއީ ވަރަށް ވަރުގަދަ ޕްލެޓްފޯމެކޭ.

އަޅުގަނޑު ނިންމާލުމުގެ ކުރިން، މި މުބާރާތުގައި ބައިވެރިވާ ހުރިހާ ފަރާތްތަކަށް އަދިވެސް އެއްފަހަރު ވަރަށް ބޮޑަށް މަރުޙަބާ ކިޔަމުން އަދި އެންމެހައި ބޭފުޅުންނަށް ވަރަށް ބޮޑަށް ޝުކުރު އަދާކުރަން.

وَالسَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.