ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދާއި އެމަނިކުފާނުގެ އަނބިކަނބަލުން ލައިލާ ޢަލީ، އިންޑިއާގެ މަޝްހޫރު މިއުޒިކީ ފަންނާނު އޭ. އާރް. ރަޙްމާން ރޭ ހައިދަރުއާބާދުގައި ބޭއްވެވި އެހީގެ ޝޯއެއް ބައްލަވައިލައްވައިފިއެވެ. ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުންނަށް މި ޝޯއަށް ދައުވަތު ލިބިވަޑައިގެންފައިވަނީ މި ޝޯގެ ޝަރަފްވެރި މެހްމާނުންގެ ގޮތުގައެވެ. މި ޝޯ ބައްލަވައިލެއްވުމަށް އަންދްރަ ޕްރަދޭޝް ސްޓޭޓްގެ ޗީފް މިނިސްޓަރ ކޭ ރޮޒައިއާވެސް ވަޑައިގަތެވެ.

މި ކޮންސެޓުން ލިބޭ ފައިސާ ހަދިޔާކުރުމަށް ހަމަޖެހިފައިވަނީ، އަންދްރަ ޕްރަދޭޝްއަށް އެންމެފަހުން މެދުވެރިވި ފެންބޮޑުވުމުގެ ހާދިސާގައި ގެއްލުންލިބުނު ޢާއިލާތަކަށް އެހީވާ ފަންޑަށެވެ.

މި ކޮންސެޓްގައި، ރައީސުލްޖުމްހޫރިއްޔާ، އޭ. އާރް. ރަޙްމާނަށް ހަނދާނީ ހަދިޔާއެއް އެރުއްވިއެވެ.

މިކޮންސެޓްގައި އިންޑިއާގެ ޖީ.އެމް.އާރް ގްރޫޕްގެ ޗެއަރމަން މިސްޓަރ ޖީ.އެމް. ރާއޯ ރައީސުލްޖުމްހޫރިއްޔާއަށް ހަނދާނީ ހަދިޔާއެއް އެރުއްވިއެވެ. އަދި، ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުންނަށް، މިސިޒް ރާއޯ ހަނދާނީ ހަދިޔާއެއް އެރުއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ހައިދަރުއާބާދަށް މިކުރައްވާ ދަތުރުފުޅަކީ، އެމަނިކުފާނު އިންޑިއާއަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، މިއަދު މާލެވަޑައިގަތުމުގެ ކުރިން ކުރެއްވި ދަތުރުފުޅެކެވެ.
ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ލައިލާ ޢަލީ އިންޑިއާއަށް ވަޑައިގެން އުޅުއްވަނީ ވަކިދަތުރުފުޅެއްގައެވެ.