ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު، އިންޑިއާގެ ނިއުދިއްލީގައި ބޭއްވުނު މޫސުމާބެހޭ މަތީފެންވަރުގެ ކޮންފަރެންސްގައި ބައިވެރިވެވަޑައިގަތުމަށް ދިއްލީއަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، މިއަދު ހަވީރު އިންޑިއާގެ ހައިދަރުއާބާދަށް ވަޑައިގެންފިއެވެ.
ރައީސުލްޖުމްހޫރިއްޔާ، ހައިދަރުއާބާދަށް މިކުރައްވާ ދަތުރުފުޅުގައި، އިންޑިއާގެ މަޝްހޫރު މިއުޒިކީ ފަންނާނު އޭ. އާރ. ރަޙްމާން ހައިދަރުއާބާދުގައި މިރޭ ދެއްވި ކޮންސެޓް، އެ ކޮންސެޓްގެ ޝަރަފްވެރި މެހްމާންގެ ޙައިސިއްޔަތުން ބައްލަވާލެއްވިއެވެ.
މިއީ އޭ. އާރ. ރަޙްމާން ދުނިޔޭގެ ޓުއަރ ފެށްޓެވުމުގެ ކުރިން އިންޑިއާގައި ބާއްވަވާ އެންމެ ފަހު ކޮންސެޓެވެ.
އޭ. އާރ. ރަޙްމާނަކީ، އެބޭފުޅާގެ މިއުޒިކަށް އެކަޑަމީ އެވޯޑް ލިބިވަޑައިގެންފައިވާ، މުޅިދުނިޔެއަށް މަޝްހޫރު މިއުޒިކީ ފަންނާނެކެވެ.
ރައީސުލްޖުމްހޫރިއްޔާ އިންޑިއާއަށް މިހާރު ކުރައްވަމުންގެންދަވާ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މާދަމާ ހަވީރުގެ ވަގުތެއްގައި މާލެ ވަޑައިގަންނަވާނެއެވެ.