بِسْمِ ٱللّٰهِ ٱلرَّحْمٰنِ ٱلرَّحِيمِ‎

ނިޢުމަތްތަކުގެ ވެރި اللَّـهُ سُبْحَانَهُ وَتَعَالَىٰގެ ކިބަފުޅަށް ޙަމްދާއި ޝުކުރުކުރަން. ކައުއިތުރު ނަބިއްޔާ مُحَمَّدُ رَسُوْلُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَގެ ކިބަޔަށް ޞަލަވާތާއި ސަލާމް ލެއްވުން އެދި ދުޢާކުރަން. އަދި މި ޞަލަވާތާއި ސަލާމުގައި އެކަލޭގެފާނުގެ އާލު އަޞްޙާބުން ޝާމިލުކުރަން.

މިނިސްޓަރ އޮފް ހެލްތު އަޙްމަދު ނަސީމް، ދައުލަތުގެ ވަޒީރުން، ޑަބްލިއު.އެޗް.އޯ.ގެ ރެޕްރެޒެންޓޭޓިވް ޑޮކްޓަރ ނާޒްލީން އަންވަރު، ބޭރު ޤައުމުތަކުން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައިވާ ސަފީރުން، މިނިސްޓްރީ އޮފް ހެލްތުގެ އިސްވެރިން، އަދި ޞިއްޙީ ދާއިރާގައި ޚިދުމަތް ކުރައްވާ އެންމެހައި ބޭފުޅުން، ވަޑައިގެން ތިއްބެވި ބޭފުޅުން، ދުރާއި ގާތުން އަޅުގަނޑުމެންނާ ބައިވެރިވެވަޑައިގަންނަވާ އެންމެހައި ދިވެހި ރައްޔިތުން؛

السَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.

އާދެ، ރަމަޟާން މަހުގެ ހެޔޮއެދުމާއި ތަހުނިޔާ އަރިސްކުރަމުން، އަޅުގަނޑުގެ ވާހަކަކޮޅައިގެން އަޅުގަނޑު ކުރިއަށްދާނަން.

އާދެ، ފުރަތަމަ ކަމަކަށްވެސް، ދުނިޔޭގެ ޞިއްޙަތު ދުވަހުގެ ހެޔޮއެދުމާއި ތަހުނިޔާ، އަޅުގަނޑު ދިވެހިރާއްޖޭގެ އެންމެހައި ލޮބުވެތި ރައްޔިތުންނަށް އަރިސްކުރަން. އާދެ، އެނގިވަޑައިގަންނަވާނެ، މި ސަރުކާރު ފެށުމުގައި، އެންމެ ފުރަތަމަ ރައީސުލްޖުމްހޫރިއްޔާ ކުރިއަށް ގެންދެވި އިވެންޓަކީ، އާދެ، ހަށިހެޔޮ، ދުޅަހެޔޮކަމުގެ މުހިންމުކަން އަޅުގަނޑުމެން ދެނެގަތުމަށްޓަކައި، އެކަން ޕްރޮގްރާމެއްގެ ގޮތުގައި ފެށްޓެވުން. ހަމައެއާއެކު، ދެން ޖެހިގެންއައީ ސާފު ވެށްޓެއްގެ މުހިންމުކަން އަޅުގަނޑުމެން ގަބޫލުކުރާތީ، އެ ހޭލުންތެރިކަން އިތުރުކުރުމަށްޓަކައި މުޅި ދިވެހިރާއްޖޭގައި ސާފުކުރުމުގެ ޕްރޮގްރާމެއް ހިންގެވުން. އާދެ، މި ދެ ކަންތައްވެސް މިއަދުގެ މި ޝިޢާރާ ވަރަށްބޮޑަށް ގުޅުން އެބަހުރި.

އާދެ، އެނގިވަޑައިގަންނަވާނެ، ޑަބްލިއު.އެޗް.އޯ.އިން ކޮންމެ އަހަރަކުވެސް ދުނިޔޭގެ ޞިއްޙަތު ދުވަހުގެ ގޮތުގައި ދުވަހެއް ފާހަގަކުރޭ. އެވަގުތެއްގައި ދުނިޔޭގެ ޚާއްޞަކޮށް، ޞިއްޙީ ދާއިރާގެ ކަންބޮޑުވުން އެއޮތް ކަމަކަށް އަމާޒުކުރެވިގެން، ހޭލުންތެރިކަން އިތުރުކުރުމަށްޓަކައި މި ދުވަސް ފާހަގަކުރެވޭތާ އާދެ، ވަރަށް ގިނަ ދުވަސްތަކެއް ވެއްޖެ. އާދެ، މިފަހަރުގެ ޝިޢާރެއްގެ ގޮތުގައި މިއޮތީ، "އަވަރ ޕްލެނެޓް، އަވަރ އާރތް". އެނގިވަޑައިގަންނަވާނެ، އަޅުގަނޑުމެންގެ ވަށައިގެންވާ މާޙައުލަކީ، ދުޅަހެޔޮ ޕުލެނެޓަކަށް، ތިމާވެށްޓަކަށް ނުވާހާ ހިނދަކު، އަޅުގަނޑުމެންނަށް ފުރިހަމަ ޞިއްޙަތެއް، ފުރިހަމަ ދުޅަހެޔޮކަމެއް ނުލިބޭ.

އާދެ، އެނގިވަޑައިގަންނަވާނެ، ފަހަކަށްއައިސް އަޅުގަނޑުމެންނަށް ދުނިޔޭގެ އެކިއެކި ފޯރަމްތަކުން، އަދި މުޅި ހުރިހާ ޤައުމުތައް ބައިވެރިވާ އެކިއެކި ޕްލެޓްފޯރމްތަކުންވެސް އަޑުއިވިގެނެއް ނުދޭ، މިފަހުން އަޑުއިވިގެންދާވަރަށް ތިމާވެށީގެ މައްސަލަތަކާ ގުޅުންހުރި ކަންކަމުގެ މައްޗަށް އަލިއަޅުވާލައި ދުނިޔޭގެ ލީޑަރުން ވާހަކަދައްކާ ތަނެއް. އާދެ، ގާތްގަނޑަކަށް ދަންނަވާ ކަމަށްވަންޏާ، މިފަހުގެ އަހަރުތަކަށް ބަލައިފި ކަމަށްވަންޏާ، ދުނިޔޭގައި ބޭއްވޭ ކޮންމެ ބައްދަލުވުމެއް، ކޮންމެ ސަމިޓެއްގެ، އެންމެބޮޑު އިޝޫއެއްގެ ގޮތުގައި އަމާޒުކުރެވިފައި އޮތީ ތިމާވެށްޓަށް ލިބެމުންދާ ގެއްލުންތަކާއި، އެ ކަންތައްތަކުން އަރައިގަތުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތަކުގެ މައްޗަށް.

އާދެ، އަޅުގަނޑު ހަމަ ފާހަގަކޮށްލަން ބޭނުންވޭ، ދިވެހިރާއްޖެ ކުޑަ ޤައުމަކަށްވީނަމަވެސް، ވަރަށް ކުރީއްސުރެ ފެށިގެން އަޅުގަނޑުމެންގެ ސްކޫލް ދައުރު، އާދެ މީގެ ތިރީސް ފަސްވަރަކަށް އަހަރު ކުރިއްސުރެ ފެށިގެންވެސް ރާއްޖެ ފާހަގަވެގެން ގޮސްފައި އޮތީ، ދުނިޔޭގެ ޤައުމުތަކަށް ތިމާވެށްޓަށް އަންނަ ބަދަލުތަކުގެ ސަބަބުން މުޅި ދުނިޔެއަށް ލިބެމުންދާ ގެއްލުންތަކުގެ ވާހަކަ ދައްކާ ބައެއްގެ ގޮތުގައި. އާދެ، އަޅުގަނޑު ދަންނަވާނީ، ދުނިޔޭގެ ބޮޑެތި ޤައުމުތަކުގެ ކުރިމަތީގައި ދިވެހިރާއްޖެއިން ވަނީ މި ވާހަކަތައް ވަރަށް ބޮޑަށް ދައްކައި، އެ ފަރާތްތަކުގެ ސަމާލުކަމަށް މި ކަންތައްތައް ގެނެސްފައޭ. އާދެ، އަޅުގަނޑު ހަމަ މި ފުރުޞަތުގައި، ޚާއްޞަކޮށް ފާހަގަކޮށްލަން ބޭނުންވޭ، ދިވެހިރާއްޖޭގެ ކުރީގެ ރައީސް އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމް، މި ރޮނގުން ކުރެއްވި މަސައްކަތްތައް. އަދި ހަމައެއާއެކު، ދިވެހިރާއްޖޭގެ ކުރީގެ ރައީސް މުޙައްމަދު ނަޝީދު، މިހާރުވެސް ވަރަށް ގިނަ ޕްލެޓްފޯރމްތަކުގައި، ވަރަށްގިނަ ފޯރަމްތަކުގައި، ތިމާވެށީގެ ނާޒުކު ޙާލަތު މުޅި ދުނިޔެއަށް އަންގަވައިދެއްވުމަށްޓަކައި ގިނަގުނަ މަސައްކަތްތަކެއް ކުރައްވާ.

އާދެ، އަޅުގަނޑުމެންނަށް ފެނިގެން މިދަނީ މުޅި ރާއްޖޭގައި މުޅި ސަރުކާރުން، އާދެ، ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް މިކަމަށް ވަރަށްބޮޑަށް ފޯކަސް ކުރައްވައިގެން، ގިނަގުނަ މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާ ތަން. އާދެ، ވޭތުވެދިޔަ ދުވަސްތަކުގައި އަޅުގަނޑުމެންނަށް ފެނިގެންދިޔަ، ޔުނައިޓެޑް ނޭޝަންސްގައި، ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ދެއްވި ތަޤްރީރާއި އަދި އެއަށްފަހު ކޮޕް ސަމިޓުގައިވެސް އެ ދެއްވި ތަޤްރީރުން މިކަމުގައި އޮތް ބިރުވެރިކަމާއި، މިކަމަށް މިހާރުން މިހާރަށް ދުނިޔޭގެ ޚާއްޞަކޮށް، އިންޑަސްޓްރިއަލް ޤައުމުތަކުގެ ލީޑަރުން، އެ ފަރާތްތަކުން ފިޔަވަޅު ނާޅައިފި ކަމަށްވަންޏާ، އަޅުގަނޑުމެންގެ މި ކުދި ޖަޒީރާ ޤައުމުތަކަށް ޚާއްޞަކޮށް، މިވަގުތުން ވަގުތަށް އޮތް ބިރު.

އާދެ، އަޅުގަނޑުމެން އިންސާނުންނަށް ޢާންމުގޮތެއްގައި ކަމެއްގެ އަގު ވަޒަންކުރެވެނީ، އަޅުގަނޑުމެންގެ އަތުން އެއްޗެއް ބީވެދާފަހުން. އެނގިވަޑައިގަންނަވާނެ، އަޅުގަނޑުމެންނަށް ލިބިފައިވާ އާދެ، މި ޕްލެނެޓް، އަޅުގަނޑުމެންގެ ވަށައިގެންވާ ތިމާވެށި، މި ހިތްގައިމުކަން، އެއީ އެތައް މިލިއަން އަހަރަކުން އަޅުގަނޑުމެންނާ ހަމައަށް ވާސިލުވެފައިވާ ކަންތައްތަކެއް. އެހެންނަމަވެސް، އަޅުގަނޑުމެންނަށް މިއަދު މި ފެންނަނީ، އަޅުގަނޑުމެންގެ އަމިއްލަ ޢަމަލުތަކުން، އަޅުގަނޑުމެން ކަންތައްތައް ކުރާ ގޮތްތަކަކުން، އަޅުގަނޑުމެންގެ އުފަލާއި ފަސޭހައަކަށްޓަކައި، ފަރުވާތެރިނުވެ، ކަންކަމަށް ރަނގަޅަށް ނުވިސްނައި، އަޅުގަނޑުމެންގެ ޢަމަލުތައް ބަހައްޓާގޮތުން އަޅުގަނޑުމެންނަށް މިއަދު ކުރިމަތިވަމުންދާ ޚާއްޞަކޮށް، ތިމާވެށީގެ ގޮތުގައި އަޅުގަނޑުމެންނަށް ކުރިމަތިވަމުންދާ ގޮންޖެހުންތައް.

އާދެ، އެނގިވަޑައިގަންނަވާނެ، މިގޮތުން ކަނޑާއި، ފަރާއި، ފަޅުތަކަށް ލިބެމުންދާ ގެއްލުންތައް. ދުނިޔެ ހޫނުވުމުގެ މައްސަލަ. ވައި ނުސާފުވުމުގެ މައްސަލަ. ފެން ތަޣައްޔަރުވުން. އަދި ސޮއިލް ޕޮލިއުޓްވެގެން ދިމާވާ އެކިއެކި މައްސަލަތައް. އާދެ، އަޅުގަނޑުމެންގެ ފަރުވާކުޑަކުރުމުގެ ސަބަބުން އުކާލެވޭ ކުނިތަކާއި، ޕްލާސްޓިކްގެ ސަބަބުން ދުނިޔޭގެ އޯޝަން އަދި އަޅުގަނޑުމެންގެ ވަށައިގެންވާ ގޮނޑުދޮށްތަކަށް، މަސްމަހާމެއްސަށް ލިބޭ ގެއްލުންތައް. އާދެ، ވަކިން ޚާއްޞަކޮށް، ކުދި ޖަޒީރާ ރީތި ޤައުމެއްގެ ގޮތުގައި އޮވެ، އަޅުގަނޑުމެންނަށް ލިބޭ އެންމެ ހިތްގައިމު، އެންމެ ބޮޑު އެއް ހިތްހަމަޖެހުމަކަށް މިވަނީވެސް އަޅުގަނޑުމެންނަށް ލިބިފައިވާ ޤުދުރަތުގެ ހަދިޔާ. އާދެ، ރީތި ދޮންވެލި މޫދުތަކާއި، ރީތި ފަރުތަކާއި، މަސްމަހާމެއްސަކީ އެއީ، އަޅުގަނޑުމެންނަށް ލިބިފައިވާ ނަސީބެއް. އެހެންވީމާ، އަޅުގަނޑު ދަންނަވަން އޮތީ، އަޅުގަނޑުމެން މިކަމަށް ވަރަށްބޮޑަށް ވިސްނާ ބަޔަކަށް އަބަދުވެސް ވާން އެބަޖެހެއޭ.

އާދެ، ދުނިޔޭގެ ޞިއްޙަތަށް، އަޅުގަނޑުމެންގެ ތިމާވެށްޓަށް މި ލިބޭ ގެއްލުންތަކުން އަރައިގަނެވޭނީ، އަޅުގަނޑުމެން އެންމެން އެކުގައި ގުޅިގެން މަސައްކަތްތައް ކުރެވިގެން. އަޅުގަނޑުމެން މިކަން ކުރުމަށްޓަކައި އަޅުގަނޑުމެންގެ ދިރިއުޅުމުގެ ވައްޓަފާޅިއަށް ބޮޑެތި ބަދަލުތަކެއް ގެންނަން އެބަޖެހޭ. އާދެ، އެނގިވަޑައިގަންނަވާނެ، ބަރަކާތްތެރި ރަމަޟާންމަހުވެސް އަޅުގަނޑުމެންނަށް ވަރަށް ގިނައިން ލިބިގެންދާ އެއް ނަސޭހަތަކީ، އަދި ރަމަޟާންމަހުން އަޅުގަނޑުމެންނަށް ދައްކައިދޭ އެންމެބޮޑު އެއް މަގަކީވެސް އިސްރާފު ނުކުރުން. ޚާއްޞަކޮށް، ރަމަޟާންމަހު، އެހެންނަމަވެސް އަޅުގަނޑުމެންގެ އުޅުމާއި، އަޅުގަނޑުމެންގެ ކެއުމާއި، އަޅުގަނޑުމެން ބޭނުންކުރާ ތަކެތި އަޅުގަނޑު ދަންނަވާނީ، އިސްރާފު އިތުރުވެގެންދެއޭ.

އާދެ، އެނަރޖީ ސޭވިންގ އެއީވެސް މީގެތެރޭގައި އަޅުގަނޑުމެން ހަމަ ވިސްނަންޖެހޭ ކަމެއް. އަޅުގަނޑަށް ގަބޫލުކުރެވެނީ، ކޯވިޑް ކުރިމަތިވިހިނދު، އަޅުގަނޑުމެން މުޅިން އުޅެގަތީ ދުވަހަކުވެސް ނުއުޅޭގޮތަކަށްކަން. އަޅުގަނޑުމެން ކުރަންޖެހުނު ކަންތައްތަކަކީ، ކުރިން އަޅުގަނޑުމެން ނުކުރާ ކަންތައްތައް. އަޅުގަނޑުމެންނާ ހަމައަށް އަޅުގަނޑުމެންގެ ރައްޓެހިން، އަޅުގަނޑުމެންގެ ތިމާގެ މީހުން، އެއްވެސް މީހެއްގެ މޫނުވެސް ނުފެނޭ. އަޅުގަނޑުމެން ތިބީ އަޅުގަނޑުމެންނަށް އެންގި ހުރިހާ ގޮތަކަށް ތަބާވެ، ހުރިހާ ގޮތަކަށް ކިޔަމަންގަނެ، އަޅުގަނޑުމެން އެ ކަންތައްތައް ކުރިން. އެ ހުރިހާ ކަމެއް އަޅުގަނޑުމެން ކުރީ، އަޅުގަނޑުމެންނަށް ލިބުނު އިރުޝާދުގެ ދަށުން، އެކަމުން އަރައިގަތުމަށްޓަކައި.

އާދެ، އަޅުގަނޑު ދަންނަވަން މިއުޅެނީ މިއަދު އަޅުގަނޑުމެންނާ ކުރިމަތިވެފައިވާ މިބޮޑު ގޮންޖެހުމުން، މިބޮޑު ނުރައްކަލުން، އަޅުގަނޑުމެން ސަލާމަތްވުމަށްޓަކައިވެސް އަޅުގަނޑުމެން އެބަޖެހެއޭ އާ ގޮތްތަކަކަށް އުޅެން. އާ ކަންތައްތަކެއް ކުރަން. އެކަންތައްތައް ކުރުމަކީ ފަހަރުގައި އަޅުގަނޑުމެންނަށް އެއީ އެހާ ފަސޭހަކަމަކަށް ނުވެދާނެ. ގިނަ ދުވަސްތަކަކަށް ކުރަމުން އަންނަ ކަމެއް ބަދަލުކޮށްލުމަކީ އެއީ، އިންސާނުންނަށް ތަންކޮޅެއް އުނދަގޫ ކަމަކަށްވެސް ބައެއްފަހަރުވޭ. އެހެންނަމަވެސް، އަޅުގަނޑު ދަންނަވާލަން އޮތީ، އަޅުގަނޑުމެން އެބަޖެހޭ މިކަމަށް ވިސްނަން.

އާދެ، އަޅުގަނޑުމެންނަށް ކުރެވޭނެ ވަރަށް ގިނަ ކަންތައްތައް އެބަހުރި. ޚާއްޞަކޮށް، ދެންމެވެސް އަޅުގަނޑުމެންނަށް މި ފެނިގެންދިޔަ ވީޑިއޯ، އަދި އަޅުގަނޑުމެންނަށް ވައަތްފަރާތުން މި ފެންނަން ހުރި ސްކްރީންތަކުންވެސް އަޅުގަނޑުމެންނަށް އެބަ ފެނޭ، އަޅުގަނޑުމެން މި ދެންނެވިގޮތަށް ކަންތައްތަކެއް ކުރަން އެބަޖެހޭކަން. އާދެ، އަޅުގަނޑުމެން ހެލިފެލިވެ އުޅުން އަޅުގަނޑުމެން އިތުރުކުރަން އެބަޖެހޭ. އަޅުގަނޑުމެންގެ ކުޑަކުޑަ ޤައުމެއްގައި، ކުދިކުދި ރަށްރަށުގައި އެހާބޮޑެތި އެއްޗެހިތަކުގައި، ސައިކަލްތަކުގައި، ކާރުތަކުގައި އަބަދު އަޅުގަނޑުމެން އުޅެ، އެހާދުރަށް ދާންޖެހޭކަހަލަ ހިސާބެއް އޮތްތޯ އެއީ، އަޅުގަނޑުމެން މިއަދު ހަމަ ވިސްނާލަންޖެހޭ ކަމެއް. ފައިމަގުގައި ހިނގާފައި ކޮންމެވެސް މިންވަރަކަށް އަޅުގަނޑުމެންނަށް ޖެހިގެން ހުންނަ ގެޔަށް، ނުވަތަ އޮފީހަށް ދިޔުން އެއީ، އާދައަކަށް އަޅުގަނޑުމެންނަށް ނެހެދެންވީ ހަމަ އެއްވެސް ސަބަބެއް ނެތް. އަޅުގަނޑުމެން ބޮޑުވެގެން އައިއިރު، އަޅުގަނޑުމެންނަށް ފެނުނީ ބައިސްކަލް. އަޅުގަނޑުމެން ދުއްވީ ބައިސްކަލް. ގަޑި ނުޖެހޭ. ސްކޫލަށްވެސް ގަޑިއަށް އަޅުގަނޑުމެން ދަނީ ބައިސްކަލުގައި. އޮފީހަށްވެސް އަޅުގަނޑުމެން ދަނީ ބައިސްކަލުގައި. އަދި އަޅުގަނޑުމެން ދުނިޔޭގެ އެންމެ ތަހުޒީބު ވެފައިވާ، އެންމެ ތަރައްޤީވެފައިވާ ޤައުމުތަކަށް ހިނގައްޖެ ކަމަށްވަންޏާވެސް އަޅުގަނޑުމެންނަށް ފެންނަނީ، މަޑުންވިޔަސް، ބާރަށްވިޔަސް، އޮފީހަށްވެސް، ސްކޫލަށްވެސް، ޙަފްލާތަކަށްވެސް ވަރަށް ނަލަކޮށް ބައިސްކަލުގައި ދާ މަންޒަރު. އެހެންވެ، މިއަދު ހަމަ އަޅުގަނޑު ދިވެހި ރައްޔިތުންނަށް ގޮވާލަން ބޭނުންވޭ، ވަކިން ޚާއްޞަކޮށް، އަޅުގަނޑުމެންގެ ރަށްތަކުގެ ކައުންސިލްތަކަށް އަޅުގަނޑު ގޮވާލަން ބޭނުންވޭ، މި އާދަތައް އަޅުގަނޑުމެން ގައިގައި އަށަގަންނުވަން އަޅުގަނޑުމެން އިތުރު މަސައްކަތްތަކެއް ކުރަން އެބަޖެހޭ ކަމަށް.

އާދެ، އެނގިވަޑައިގަންނަވާނެ، މިފަދަ ދުވަހެއް ފާހަގަކުރާއިރު، އަޅުގަނޑުމެން ހަމައެކަނި ދުވަހެއް ފާހަގަކުރުމަކުން ނިންމާލައިގެނެއްނުވާނެ. އަހަރެއްގެ ތެރޭގައި އަޅުގަނޑުމެން ވަރަށްގިނަ ދުވަސްތައް ފާހަގަކުރަން. ކުޑަކުދިންގެ ދުވަސް، އަންހެނުންގެ ދުވަސް، ޓީޗަރުންގެ ދުވަސް، ނަރުހުންގެ ދުވަސް، ޑޮކްޓަރުންގެ ދުވަސް. ދެން މިއަދު އަޅުގަނޑުމެން އަނެއްކާ މި ފާހަގަކުރަނީ ޞިއްޙަތުގެ ދުވަސް. ހަމަގައިމުވެސް މިއީ މާތްރަސްކަލާނގެ އިންސާނާއަށް ދެއްވި އެންމެ ފުރިހަމަ އެންމެ މަތިވެރި ނިޢުމަތް. ފުރިހަމަ ޞިއްޙަތެއްގައި ހުރުން. ދުވަހެއް ފާހަގަކޮށްލުމަކުން އަޅުގަނޑުމެންނަކަށް އަދި ނިންމާނުލެވޭނެ. އަޅުގަނޑުމެން ދުވަހެއް ފާހަގަކުރަނީ އެކަމުގެ މުހިންމުކަން ބޮޑުކަމުން. ކުރަންޖެހޭ މަސައްކަތްތައްވެސް ބޮޑުކަމުން. ހަނދާން އާކޮށްދިނުމުގެ ގޮތުން. އަޅުގަނޑުމެންގެ އިސްލާމްދީނުގައިވެސް އޮންނަނީ، ހަނދާން އާކޮށްދިނުން. އަބަދުވެސް ހަނދާން އާކޮށްދިނުން. އެއީކީ މީހަކު ހިތްހަމަނުޖެހެންޖެހޭ ކަމެއްނޫން. ގިނަގިނައިން ރަނގަޅު ކަންތައްތައް ކުރަން، ހެޔޮ ޢަމަލުތައް ގިނަކުރަން، މުޅި މުޖުތަމަޢަށާއި، މުޅި އެންމެނަށް ފަސޭހަ، ފައިދާވާނެ ކަންތައްތައް ކުރަން ގޮވާލައި، އެ ނަސޭޙަތްތެރިވުމަކީ އެއީ، ގިނަގިނައިން ކުރަންޖެހޭނެ ކަމެއް.

އާދެ، އަޅުގަނޑުގެ އެދުމަކީ، އަޅުގަނޑު ހަމަ ގޮވާލަން ބޭނުންވަނީ، މިއަދުގެ މިކަންތަކުން އަޅުގަނޑުމެންނަށް މި ލިބޭ ފިލާވަޅުތައް އަދި ވަކިން ޚާއްޞަކޮށް، އަޅުގަނޑުމެންނަށް ކޯވިޑުގެ ދަތި އުނދަގޫ ދުވަސްތަކުން އަޅުގަނޑުމެން ލިބިގަތް ފިލާވަޅުތަކުގެ އަލީގައިވެސް، ޚާއްޞަ ނަޒަރަކުން އަޅުގަނޑުމެން ޞިއްޙީ ކަންތައްތަކަށް އަޅުގަނޑުމެން ސަމާލުކަން ދިނުމަށް. އާދެ، މިދެންނެވި ހުރިހާ ކަމެއްގެ ސަބަބުން ކުރިމަތިވާ އެކި ބަލިމަޑުކަން އަޅުގަނޑުމެންނަށް އެބަ ފެނޭ. އާދެ، މި ސްކްރީނުން މިހާރުވެސް ފެންނަން އެބަހުރި، މިނިޓެއްގެ ތެރޭގައި 13 މީހުން ދުނިޔެ ދޫކުރާކަން. އަދި 10 މީހުންގެ ތެރެއިން 9 މީހަކީ އެއީ ނުސާފު ވައިގެ އަސަރުކުރާ މީހެއްކަން.

އަޅުގަނޑުމެންގެ ރާއްޖެއަށް ބަލައިފި ކަމަށްވަންޏާ، އަޅުގަނޑުމެން ކަންބޮޑުވާފަދަ ދަރަޖައަކަށް ގައިންގަޔަށް ނާރާ ބަލިތައް އިތުރުވެއްޖެ. ހިތުގެ ބަލި، ލޭ މައްޗައް ދިޔުން، ކިޑްނީ ބަލި، ކެންސަރު ބަލި. މިއިން އެއްވެސް ކަމެއް އަޅުގަނޑުމެން ހަމައެކަނި، މިހެން ދައްކާ ވާހަކައަކުން، އަދި ޑޮކްޓަރުން ދޭ އިރުޝާދެއްގައި، އަޑުއަހާލުމަކުން މި ކަންތައްތަކަކަށް އެއްވެސްވަރެއްގެ ޙައްލެއް ނާންނާނެ. ހަމައެކަނި އަޅުގަނޑުމެންނަށް އޮތް ޗޮއިސްއަކީ، އަޅުގަނޑުމެން އެ ކަންތައްތައް ރަނގަޅު ކުރުމަށްޓަކައި، އެކަމުން އަރައިގަތުމަށްޓަކައި އެކުގައި ރަނގަޅަށް މަސައްކަތް ކުރުން.

އާދެ، ޞިއްޙީ ދުވަސް ފާހަގަކުރުމުގެ ގޮތުން، މިގޮތަށް ޙަފްލާއެއް ބޭއްވޭއިރު، އަޅުގަނޑު ހަމަ ފާހަގަކޮށްލަން ބޭނުންވޭ، ޞިއްޙީ ދާއިރާ ހަރުދަނާ ކުރުމަށްޓަކައި ދިވެހި ސަރުކާރުން ދޭ ސަމާލުކަން. އެނގިވަޑައިގަންނަވާނެ، ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ ވަޢުދެއް، ދިވެހި ރައްޔިތުންނަށް ފަސޭހަކަމާއެކު ހެލްތު ކެއަރއަށް އެކްސެސް ވާނޭ ފަދަ ގޮތްތަކަކަށް ކަންތައްތައް ކުރެއްވުން. އާދެ، މިހާރުވެސް ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި މަތީ ފެންވަރުގެ ޚިދުމަތްތައް ދެވޭނެފަދަ ގޮތަކަށް ހޮސްޕިޓަލްތައް ބިނާކުރެވިގެން އެބަދޭ. އަދި އެހެން ރަށްތަކުގައި، އެ މަސައްކަތް އަޅުގަނޑުމެންގެ ހެލްތު މިނިސްޓަރ ވަރަށް ބާރު ސްޕީޑެއްގައި ކުރިއަށް އެބަ ގެންދަވާ.

އާދެ، މި ވަސީލަތްތަކާއެކު އަޅުގަނޑުމެން އެންމެ ބޮޑަށް ވިސްނަންޖެހޭ ކަމަކީ، މި ކަންތައްތަކަށް މީހުން ބިނާކުރުން. މީހުން ތައްޔާރުކުރުން. އެނގިވަޑައިގަންނަވާނެ، އަޅުގަނޑުމެންގެ ހޮސްޕިޓަލްތަކާއި، ހެލްތު ސެންޓަރުތަކާއި އަދި އެހެނިހެން ތަންތަންވެސް، ޑައިގްނޯސްޓިކް ފެސިލިޓީޒްތައް އަޅުގަނޑުމެންނަށް ޤާއިމުކުރެވިދާނެ. އެއްވެސް ކަމެއް ނޫން، ފައިސާ ހުރިކަމަށްވަންޏާ. ވަރަށް ބާރު ސްޕީޑެއްގައި، ކުރީގައި ތިން އަހަރުން ކުރާ ކަންތައް މިހާރު އެއް އަހަރުންވެސް އަޅުގަނޑުމެންނަށް ކުރެވިދާނެ.

އެހެންނަމަވެސް، ކުރީގައި ތިން އަހަރުން ބިނާކުރާ މީހުން އަޅުގަނޑުމެންނަށް އެއް އަހަރުން ބިނައެއްނުކުރެވޭނެ. މިއަދު ޚާއްޞަކޮށް، އަޅުގަނޑު ދަންނަވާލަން ބޭނުންވޭ، އެޑިޔުކޭޝަން ދާއިރާގައި މިއަދު އަޅުގަނޑުމެންގެ ދަރިންނަށް ވަރަށް ބޮޑަށް މި އެވެއަރނަސް އަޅުގަނޑުމެން ކްރިއޭޓްކޮށް، ކެރިއަރ ގައިޑެންސް ގޮތުގައި ޕާރތްވޭއެއް އަޅުގަނޑުމެންގެ ދަރިންނަށް ދައްކައިދޭން އެބަޖެހޭ. ކޮންމެވެސް ހިސާބަކުން އަޅުގަނޑުމެންގެ ދިވެހި ރައްޔިތުން މިކަންތައްތަކާ އެއްކޮށް ހަވާލުވާން އެބަޖެހޭ. އެހެން ނޫން ކަމަށްވަންޏާ، އަޅުގަނޑުމެން ކިތަންމެ ޚަރަދެއްކުރިޔަސް، ކިތަންމެ ނަލަ ހޮސްޕިޓަލްތަކެއް ހަދައިލިނަމަވެސް، ކިތަންމެ ވަރުގަދަ ފެސިލިޓީތަކެއް، އޮޕަރޭޝަން ތިއޭޓަރުތަކެއް، އަދި އެ ނޫން ފެސިލިޓީތަކެއް ހުރި ނަމަވެސް، އޭގެ އެންމެ ފުރިހަމަ ބޭނުމެއް އަޅުގަނޑުމެންނަކަށް ނުހިފޭނެ.

އާދެ، އަޅުގަނޑަށް ހީވަނީ އަޅުގަނޑުމެން ހަމަ ފާހަގަކޮށްލަން ޖެހޭނެހެން، އަޅުގަނޑުމެން މި ވޭތުކުރަމުން މިދިޔައީ ވަރަށް އުނދަގޫ ދުވަސްވަރެއްކަން. އަޅުގަނޑު ކުރީގައިވެސް ދަންނަވައިފިން، މި ދަތި އުނދަގޫ، ތަހަންމަލު ނުކުރާ އެއްވެސް ދިވެހި ރައްޔިތެއް، އެއްވެސް ފަރާތެއް، ދިވެހިރާއްޖޭގައި ނެތް ކަމަށް. ގާތްގަނޑަކަށް ދެ އަހަރެއްހާ ދުވަސް ވަންދެން އަޅުގަނޑުމެން އުޅުނީ ވަރަށް ހިތްދަތިކޮށް. އަޅުގަނޑު މީގައި ފާހަގަކޮށްލަން ބޭނުންވަނީ، ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ މިކަމަށް ދެއްވި އަހަންމިއްޔަތު. ރެޔާދުވާލު ދިވެހި ރައްޔިތުންނަށް ބޭނުންވާ ކަންތައްތައް ހަމަޖެއްސުމަށާއި އަދި އެވަގުތު ކޯވިޑުގެ ޙާލަތު އެންމެ ރަނގަޅަށް މެނޭޖް ކުރުމަށްޓަކައި ޞިއްޙީ މާހިރުންނާއި، ޞިއްޙީ ދާއިރާގެ އެންމެހައި ބޭފުޅުންނާއި އަދި ޖަމުޢިއްޔާ ޖަމާޢަތްތަކާއި، އެން.ޖީ.އޯސް.އާއި، އަމިއްލަ ޕްރައިވެޓް ޕާޓީސްތަކާއި، އަމިއްލަ ހޮސްޕިޓަލްތަކާއި އަދި ރައްޔިތުންނާ އެކީގައި ކުރެވިގެންދިޔަ މަސައްކަތް.

އެނގިވަޑައިގަންނަވާނެ، އަޅުގަނޑުމެންގެ ވަށައިގެންވާ، އަދި މުޅި ދުނިޔޭގެ ޤައުމުތަކުގައިވެސް ހަމަ ބޯޑަރު އެއްކޮށް ބަންދުވެ، މުޅިން ބަންދުކޮށްލާފައި އޮތްއިރު، މި ދެންނެވި ގޮތަށް ވަރަށް ޙިކްމަތްތެރިކަމާއެކު، ވަރަށް އެކުއެކީގައި ކުރެވުނު މަސައްކަތްތަކުގެ ނަތީޖާއަކަށް ވެގެންދިޔައީ، ވަރަށް އަވަހަށް އަޅުގަނޑުމެންގެ ބޯޑަރު ހުޅުވައިލެވި، ފޮރިން ކަރަންސީ، ކޭޝް ފްލޯރ، އަޅުގަނޑުމެންގެ އިޤްތިޞާދުގެ އެންމެ ވަރުގަދަ ތަނބު ކަމަށްވާ ޓުއަރިޒަމް ހުޅުވައިލުން. އާދެ، އަޅުގަނޑުމެންނަށް އެބަ ފެނޭ، އަޅުގަނޑުމެން ހިތާމަވެސް ކުރަން، އަޅުގަނޑުމެން ދެރަވެސްވޭ، އެއްވެސް ޤައުމަކަށް ދެރަ، ނިކަމެތި ގޮތެއް ދިމާވެއްޖެ ކަމަށްވަންޏާ. އެހެންނަމަވެސް، މި ދެންނެވިވަރުގެ ސަމާލުކަމެއް ފަހަރެއްގައި ނުދެވުނީކަމަށްވެސް ވެދާނެ. އަޅުގަނޑުމެންނަށް އެ މަންޒަރު އެބަ ފެނޭ.

އަޅުގަނޑު އުފާކުރަން، ދިވެހިރާއްޖޭގެ ރައްޔިތުންނަށް އެންމެ ބޮޑަށް ދަތިވެ، ދުނިޔޭގެ ޤައުމުތަކުގެ ޕޯޓްތައް ބަންދުކުރެވި، އެއްވެސްވަރަކަށް ލޮޖިސްޓިކަލް އެކްޓިވިޓީއެއް ނުހިނގޭފަދަ ދަރަޖައިގައި ކަންތައްތައް އޮއްވާވެސް، ދިވެހިރާއްޖޭގެ ރައްޔިތުންނަށް ބޭނުންވާ ބޭހާއި، ތެލާއި، ކާޑާއި، ގޭސް އަދި އެނޫނަސް ޒަރޫރީ ތަކެތި، ދުވަހުން ދުވަހަށް ބަރާބަރަށް ލިބޭނެގޮތް ޔަޤީން ކުރައްވައި، އެ މަސައްކަތް އެ މަނިކުފާނު ކުރެއްވި ކަމަށްޓަކައި އަޅުގަނޑު މި ތަނުގެ މި ޖަލްސާގައި ތިއްބެވި ހުރިހާ ބޭފުޅުންނާއި އަދި ދިވެހިރާއްޖޭގެ އެންމެހައި ރައްޔިތުންގެ ނަމުގައި ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙަށް ވަރަށް އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަން.

އާދެ، އަޅުގަނޑުގެ ވާހަކަކޮޅު ތަންކޮޅެއް ދިގުވެސްވެއްޖެ. ދައްކަން ހުރި ވާހަކަ އަދިވެސް ވަރަށް ބައިވަރު އެބަހުރި. މިކަމާ ގުޅޭގޮތުން ދެއްކޭނެ ވާހަކަވެސް ވަރަށް ގިނައިން ހުންނާނެ. އެހެންނަމަވެސް، އަޅުގަނޑުގެ ވާހަކަކޮޅު ނިންމުމުގެ ކުރިން، އަޅުގަނޑު ހަމަ ދަންނަވާލަން ބޭނުން، އަޅުގަނޑު މި ދެންނެވި ކަންތަކުގައި، ޚާއްޞަކޮށް، ކޯވިޑް-19 މެނޭޖް ކުރުމާއި، މިކަމުން އަރައިގަތުމަށްޓަކައި އަޅުގަނޑުމެންގެ ދިވެހި ސަރުކާރާއި، ކުންފުނިތަކާއި، އަމިއްލަ ފަރާތްތަކާއި، ޞިއްޙީ މާހިރުން އަދި ވަކިން ޚާއްޞަކޮށް، ވޮލަންޓިއަރުން، ޓުއަރިޒަމް ދާއިރާގެ އެންމެހައި ފަރާތްތައް، އެންމެން ޝާމިލުވާގޮތަށް، އެ ކުރެވުނު މަސައްކަތްތައް ފާހަގަކޮށް، މިއަދު މާސްކްނާޅައި، މިގޮތަށް ތަނެއްގެ ތެރޭގައި ތިބެ، މިހިސާބަށް އާދެވުނީތީވެ، އެކަން ހަމަ ފާހަގަކޮށް، ހުރިހާ ފަރާތްތަކަށް ވަރަށް އިޚްލާޞްތެރިކަމާއެކު އަޅުގަނޑު ޝުކުރު ދަންނަވަން.

އާދެ، އަޅުގަނޑުމެން ވިސްނަންޖެހޭނެ، އަޅުގަނޑުމެންގެ ތެރެއިން ހަމަ ކޮންމެ މީހަކުވެސް، ކޮންމެ ރައްޔިތަކުވެސް މި ދައްކާ ވާހަކައަކީ ތަރައްޤީގެ ވާހަކަ. ދުނިޔޭގެ އެންމެ ކުރިއަރާފައިވާ އާދެ، ފަސްޓް ވާރލްޑްގެ އެ ހުންނަ ތަރައްޤީ އަޅުގަނޑުމެންގެ ޤައުމަށް ގެންނަ ވާހަކަ. އަޅުގަނޑު ދަންނަވާނީ، އެކަން އަޅުގަނޑުމެންނަށް އިރާދަކުރެއްވިއްޔާ ކުރެވޭނެއޭ. އެކަމަކު އަޅުގަނޑުމެން ފަސްޓް ވާރލްޑްގެ ތަރައްޤީ ގެންނަން މަސައްކަތް ކުރާއިރު، އަޅުގަނޑުމެންގެ ވިސްނުންވެސް، އަޅުގަނޑުމެން ފަސްޓް ވާރލްޑެއްގެ ވިސްނުމާ ދިމާއަށް ގެންދިޔުމަކީ އެއީ، އަވަހަށް އަޅުގަނޑުމެންނަށް މިކަންތައް ކާމިޔާބުވާނެ ކަމެއް.

އާދެ، އަޅުގަނޑުގެ ހަމަ މި ޝުކުރުގެ ތެރެއަށް، އަޅުގަނޑުގެ ލިސްޓުގެ ތެރެޔަށް އަޅުގަނޑު އިތުރުކޮށްލަން ބޭނުންވޭ، ކޯވިޑުގެ ބަލިމަޑުކަމުގައިވެސް އަޅުގަނޑުމެންނަށް އެންމެ ބޮޑު އެހީތެރިކަމެއް ލިބިގެންދިޔަ އެއް ފަރާތަކީ ޑަބްލިޔު.އެޗް.އޯ. އާދެ، ޑަބްލިޔު.އެޗް.އޯ.ގެ ރެޕްރެޒެންޓޭޓިވް ޑޮކްޓަރ ނާޒްލީން އަންވަރަށް އަދި މުޅި ޔޫ.އެން. އޭޖެންސީގެ ހުރިހާ ފަރާތްތަކަކަށް ވަރަށް އިޚްލާޞްތެރިކަމާއެކު އަޅުގަނޑު ޝުކުރު ދަންނަވަން.

އާދެ، އަޅުގަނޑު އަދި ނިންމާލުމުގެ ކުރިން، އިތުރު ވާހަކައެއް ދަންނަވާލާނަން. އެނގިވަޑައިގަންނަވާނެ، އަޅުގަނޑުމެން ކުރީގައި މި ދެއްކި ހުރިހާ ވާހަކަތަކަކީ، މިކަމުން ސަލާމަތްވުމަށްޓަކައި ކުރަންހުރި މަސައްކަތްތަކެއްގެ ވާހަކަ. އެނގިވަޑައިގަންނަވާނެ، ދިވެހިރާއްޖޭގެ ރަށްތައް ވަރަށް ކުޑަ. އެހެންނަމަވެސް، ދުއްވާ ތަކެތި ވަރަށް ގިނަ. ޒުވާނުންގެ ޢަދަދުވެސް، ނިސްބަތުން އެންމެ ގިނަ އެއް ޤައުމަށް ދިވެހިރާއްޖެ އެބަވޭ. ވަރަށް ހިތާމަވެރި ކަންތައްތައް އަޅުގަނޑުމެންނަށް ކުރިމަތިވަމުންދަނީ. ރެޔާދުވަލު އަޅުގަނޑުމެން، އަޅުގަނޑާއި މިނިސްޓަރ ނަސީމަށްވެސް ވަރަށް ގާތުން މަސައްކަތްތައް ކުރެވޭ. ރާއްޖޭގެ އެކި ހިސާބުތަކުން އެކްސިޑެންޓްވެގެން މާލެއަށް އިމަރޖެންސީގައި ގެންނަންޖެހޭ ފަރާތްތައް ވަރަށް ގިނަ. އަދި މާލެއާއި މާލެއާ ގުޅިފައިވާ އެހެން ރަށްތައް އާދެ، ގްރޭޓަރ މާލެ އޭރިއަރގައިވެސް ވަރަށް ގިނައިން އެކްސިޑެންޓްތައް އެބަ ހިނގާ. ވަރަށް ހިތާމަވެރި، ވަރަށް ހިތާމަވެރި ކަންތައްތައް އެބަ ހިނގާ. އެހެންނަމަވެސް، މި އެކްސިޑެންޓްތައް މި ހިނގަނީ، ކޮންމެވެސްކަހަލަ ފަރުވާކުޑަކުރުމެއް، ކޮންމެވެސްކަހަލަ އިހުމާލެއް އޮވެގެން. އެއީ ދެން އެއްވެސް ޝައްކެއްއޮތްކަމެއް ނޫން.

އަޅުގަނޑު ހަމަ ދަންނަވާލަން ބޭނުން ޚާއްޞަކޮށް، މިއަދުގެ ޒުވާނުން، އަންހެންބޭފުޅުން، ފިރިހެންބޭފުޅުން، ސައިކަލު ދުއްވާ، ކާރު ދުއްވާ ހުރިހާ ބޭފުޅުންނަށް، މިކަމަށް ސަމާލުވެވަޑައިގަންނަވާށޭ. މަގުގައި ހިނގާ ފަރާތްތަކާ ދޭތެރޭގައިވެސް ރައްކާތެރިވާށޭ. އަދި ހިނގާ މީހުންވެސް ފަރުވާތެރިކަމާއެކު، ޒިންމާދާރުކަމާއެކު، ދުއްވާ ތަކެއްޗަށް ބަލައިގެން، ވަރަށް ރަނގަޅަށް އަޅުގަނޑުމެންގެ ހުރިހާ ޢަމަލުތަކެއް ބަހައްޓާށޭ. އަޅުގަނޑު މިހެން މި ދެންނެވީ، ހަމަ މިކަމުގެ ކަންބޮޑުވުން އޮތް މިންވަރު ބޮޑުކަމުން. އަޅުގަނޑުމެންގެ ޢާއިލާތަކަށް، އަޅުގަނޑުމެންގެ ހިތަށްކުރާ އަސަރު ބޮޑުކަމުން.

އާދެ، އަޅުގަނޑު ނިންމާލުމުގެ ކުރިން، އަދިވެސް އެއްފަހަރު ހަމަ އަޅުގަނޑުމެން އެންމެންނަށް ދަންނަވާލަން، ހުރިހާ ރައްޔިތުންނަށް ދަންނަވާލަން. އަޅުގަނޑުމެން ރުޅިވެރިކަމާއި ދެކޮޅުވެރިކަމުގެ ބަދަލުގައި، އަޅުގަނޑުމެންގެ ދީނުންވެސް އަޅުގަނޑުމެންނަށް ދައްކައިދެނީ، އަބަދުވެސް ނަސޭހަތްތެރިވަނީ، އަންގަވާފައިވަނީ، އެކުވެރި ބައެއްގެ ގޮތުގައިވާން. ޤައުމެއް ކުރިއަރައިދިޔުމަށްވެސް އަބަދުވެސް އެކުވެރި މުޖުތަމަޢަކަށްވާން. އެކަކު އަނެކަކަށް އޯގާތެރިކަމާއި، ކުލުނާއި، ލޯތްބާއެކު އިޙްތިރާމް އަދާކޮށް އެހީތެރިވުމަށް.

އަޅުގަނޑު ހަމަ މި ބަރަކާތްތެރި ރަމަޟާންމަހަށްވެސްވީތީވެ، އަޅުގަނޑުމެންނަށް މިހާރުވެސް އެބަ އާދޭ، ލައިވް ޓީ.ވީ.ގައި ކުޅުދުއްފުށިން ރޭތައް އިޙްޔާކުރުމުގެ ޕްރޮގްރާމެއް. މިއަދު އަޅުގަނޑުމެންނަށް ހުކުރު ޚުޠުބާވެސް އަޑުއިވިގެންދިޔަ. މިއިން ކޮންމެ ވަގުތެއްގައިވެސް އަޅުގަނޑުމެންނަށް އިވިގެންދަނީ ނަސޭހަތުގެ ބަސް. އިސްލާމްދީނުން އަޅުގަނޑުމެންނަށް އަންގަވާފައިވާ ރީތި ރަނގަޅު ގޮތްތައް. އަޅުގަނޑުމެން އެބަޖެހޭ ސައްތައިންސައްތަ މުސްލިމް ޤައުމެއްގެ ގޮތުގައި ތިބެ މިކަން އެންމެ ރަނގަޅަށް ޕްރެކްޓިސްކުރާ ބަޔަކަށްވާން. އެންމެ އޯގާތެރި މީހުން ތިބީވެސް ދިވެހި ޤައުމުގައި. އެކަކު އަނެކަކަށް އަޅާލާ މީހުންވެސް ތިބީ ދިވެހި ޤައުމުގައި. އެކަކު އަނެކަކުދެކެ އެންމެ ލޯބިވާ މީހުންވެސް ތިބީ ދިވެހި ޤައުމުގައި. އެބަޔަކަށް އަޅުގަނޑުމެން ވާން އެބަޖެހޭ. މިއީ ހަމަގައިމުވެސް އަޅުގަނޑުމެން އެއްވެސް ޚަރަދެއް ކުރަންޖެހޭނެ ކަމެއް ނޫން. މާ ބޮޑު ކަންތައްތަކެއް ކުރަންޖެހޭނެ ކަމެއް ނޫން. ހަމަ އެކަކު އަނެކަކަށް ހީލާ، ސަލާމްކޮށް، ރީތިކޮށް ވާހަކަ ދައްކައި މުޢާމަލާތް ކުރީމާ މިކަން އޮންނާނީ ނިމިފައި.

އާދެ، އަޅުގަނޑުގެ ދުޢާއަކީ، އަޅުގަނޑުމެންގެ ވަށައިގެންވާ ކަނޑާއި، ފަޅާއި، ފަރު އަދި ޖައްވު، ސާފުކަންމަތީ ބޭއްވުމުގެ ހެޔޮ ތައުފީޤު اللهُ سُبْحَانَهُ وَتَعَالَى މިންވަރު ކުރެއްވުން. ދުޅަހެޔޮ ޖީލެއްގެ ގޮތުގައި ދެމިތިބުމުގެ ހެޔޮ ނަސީބު އަޅުގަނޑުމެން އެންމެންނަށް މިންވަރު ކުރެއްވުން. މި ބަރަކާތުން ފުރިގެންވާ ރަމަޟާން މަހުގެ ދަރުމައާއި ޘަވާބު އަޅުގަނޑުމެން އެންމެންނަށް اللهُ سُبْحَانَهُ وَتَعَالَى މިންވަރު ކުރެއްވުން.

وَالسَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.