ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު، ކޮންފެޑެރޭޝަން އޮފް އިންޑިއަން އިންޑަސްޓްރީ (ސީ.އައި.އައި.) އާ މިއަދު ބައްދަލުކުރައްވައިފިއެވެ. މި ބައްދަލުކުރެއްވުން އޮތީ ރައީސުލްޖުމްހޫރިއްޔާ ދިއްލީގައި ހުންނަވާ ތާޖް މަހަލް ހޮޓަލުގައި، މިއަދު މެންދުރުގެ ފަރިއްކޮޅާއެކުގައެވެ.

ރައީސުލްޖުމްހޫރިއްޔާ މިބައްދަލުކުރެއްވުމުގައި ދެއްކެވި ވާހަކަފުޅުގައި ރާއްޖޭގައި ހުރި އިންވެސްޓްމަންޓްގެ ފުރުޞަތުތަކާބެހޭ މަޢުލޫމާތު ދެއްވަމުން، ރާއްޖޭގައި ވިޔަފާރީގެ ވަރަށް ބޮޑެތި ފުރުޞަތުތަކެއް އެބަހުރިކަން ފާހަގަކުރެއްވިއެވެ. އަދި ރާއްޖެއާއި އިންޑިއާއާ ދެމެދު އޮންނަ ގުޅުން އިޤްތިޞާދީ ދާއިރާގެ ތެރެއިން އިތުރަށް ފުޅާކޮށް، ބަދަހި ކުރުމުގެ މުހިންމުކަމުގެ މައްޗަށްވެސް ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި އަލިއަޅުވާލެއްވިއެވެ.

މި ބައްދަލުކުރެއްވުމުގައި، ސީ.އައި.އައި.ގައި ހިމެނޭ ޞިއްޙަތާއި، ތަޢުލީމާއި، ހަކަތައާއި، އަދި އިންފޮރމޭޝަން ޓެކްނޮލޮޖީގެ ދާއިރާއިން އިންޑިއާގައި ފާހަގަކުރެވޭ ކުންފުނިތަކުގެ މަންދޫބުން ބައިވެރިވެވަޑައިގެންނެވިއެވެ. މީގެތެރެއިން ވަރަށް ގިނަ ބޭފުޅުން ރާއްޖޭގައި އިންވެސްޓްކުރުމުގެ ޝައުޤުވެރިކަން ފާޅުކުރެއްވިއެވެ.

މީގެ އިތުރުން، މިއަހަރުގެ ފެބްރުއަރީ މަހު ސީ.އައި.އައި.ގެ ފަރާތުން ރާއްޖެއަށް ކުރެއްވި ޒިޔާރަތުގައި ދިވެހި ސަރުކާރާއެކު ސޮއި ކުރައްވާފައިވާ އެއްބަސްވުންތަކާ ގުޅިގެން މިހާރު ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅުތަކާބެހޭ މަޢުލޫމާތު ރައީސުލްޖުމްހޫރިއްޔާއަށް ދެއްވިއެވެ.